ބާޣީންނާ ހަނގުރާމަކުރުން ނަންގަތް ބާބު
﴿وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ۖ فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ اللَّـهِ ۚ فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا ۖ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ﴾ [سورة الحجرات 9]
މާނައީ: “މުއުމިނުންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ! އޭގެތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ބަޣާވާތްކޮށްފިނަމަ، އެ ބަޣާވާތްކުރިމީހުން ﷲ ގެ އަމުރުފުޅަށް ރުޖޫޢަވެއްޖައުމަށްދާންދެން އެބައިމިހުންނާ ހަނގުރާމަކުރާށެވެ! ފަހެ، އެބައިމީހުން ރުޖޫޢަވެއްޖެނަމަ، ފަހެ، ޢަދުލުވެރިގޮތުން އެދެބައިމީހުންގެ ދެމެދު ޞުލްޙަ ކުރާށެވެ! އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! ހަމަކަށަވަރުން، ޢަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
ފޭރޭމީހުންނާ[1] ހަނގުރާމަކުރުން ނަންގަތް ބާބު
﴿الشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمَاتُ قِصَاصٌ ۚ فَمَنِ اعْتَدَىٰ عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَىٰ عَلَيْكُمْ ۚ وَاتَّقُوا اللَّـهَ وَاعْلَمُوا أَنَّ اللَّـهَ مَعَ الْمُتَّقِينَ﴾ [سورة البقرة 194]
މާނައީ: “ޙުރުމަތްތެރިވެގެންވާ މަހަށް ޙުރުމަތްތެރިވެގެންވާ މަހެވެ. ޙުރުމަތްތައް ކެނޑުމަކީ ބަދަލުހިފުން އޮންނަ ކަމެކެވެ. (އެބަހީ: ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި މުޝްރިކުން ހަނގުރާމަ ކުޅަފަދައިން، އެފަދަ މައްސަރެއްގައި މުޝްރިކުންނާ ހަނގުރާމަ ކުރުމަކީ ކުރުން އެންމެ ރަނގަޅު ކަމެކެވެ.) ފަހެ، ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ ހަމަލާދިން ބަޔެއްގެ މައްޗަށް އެބައިމީހުން ދެކޮޅުވެރިވެ ހަމަލާދިން ފަދަޔަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ ހަމަލާދޭށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ ތަޤުވާވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ!”
﴿إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّـهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ [٣٣] إِلَّا الَّذِينَ تَابُوا مِن قَبْلِ أَن تَقْدِرُوا عَلَيْهِمْ ۖ فَاعْلَمُوا أَنَّ اللَّـهَ غَفُورٌ رَّحِيمٌ﴾ [سورة المائدة 33 – 34]
މާނައީ: “ﷲ އާއި އެއިލާހުގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެބައިމީހުން މެރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުކޮށް އެބައިމީހުންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ ރަށުން ފޮނުވައިލުމެވެ. އެއީ އެބައިމީހުންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ. [33] އެބައިމީހުންގެ މައްޗަށް ތިޔަބައިމީހުން ގަދަވެގަތުމުގެ ކުރިން، ތައުބާވި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙިމުވަންތަ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ! [34]”
_______________________________
بلوغ المرام من آيات الأحكام ގެ ތަރުޖަމާ
[1] މިތަނުގައި “ފޭރޭމީހުން” ތަރުޖަމާކޮށްފައި މިވަނީ ޢަރަބި ލަފްޒެއްކަމުގައިވާ “الجَانِي” ގެ މާނައިގައެވެ. އެއީ މީސްތަކުންގެ ނަފްސަށާއި އަބުރަށާއި މުދަލަށް އަރައިގަންނަ މީހުންނެވެ. (ބައްލަވާ: منحة العلام لعبدالله الفوزان (8/351)).