ޙައްދުތައް
ޒިނޭކުރާމީހާގެ ޙައްދު ނަންގަތް ބާބު
﴿وَاللَّاتِي يَأْتِينَ الْفَاحِشَةَ مِن نِّسَائِكُمْ فَاسْتَشْهِدُوا عَلَيْهِنَّ أَرْبَعَةً مِّنكُمْ ۖ فَإِن شَهِدُوا فَأَمْسِكُوهُنَّ فِي الْبُيُوتِ حَتَّىٰ يَتَوَفَّاهُنَّ الْمَوْتُ أَوْ يَجْعَلَ اللَّـهُ لَهُنَّ سَبِيلًا﴾ [سورة النساء 15]
މާނައީ: “ތިޔަބައިމީހުންގެ އަންހެނުންކުރެ ހުތުރުކަން ބޮޑުވެގެންވާ ފާފަ ގެނެސްގަންނަ މީހުންނާމެދު، (އެބަހީ: ޒިނޭކުރާ މީހުންނާމެދު) ތިޔަބައިމީހުންގެ ތެރެއިން ހަތަރު ހެކިން، އެކަނބަލުންގެ މައްޗަށް ހެކިކުރާށެވެ! ފަހެ، އެބައިމީހުން ހެކިދީފިނަމަ، މަރު، އެކަނބަލުން މަރުވެއްޖައުމަށް ދާންދެން ނުވަތަ އެކަނބަލުންނަށް ﷲ މަގެއް ދައްކަވައިފުމަށް ދާންދެން، ގޭގޭގައި އެކަނބަލުން ބަންދުކުރާށެވެ! (އިތުރު ބަޔާނެއް: މަގެއް ދެއްކެވުމޭ އޮތްބަސްފުޅުގެ މުރާދަކީ އެކަނބަލުންނަށް ދޭނެ ޢުޤޫބާތެއް ކަނޑައަޅުއްވައި އެންގެވުމެވެ. އެކަންއޮތީ سورة النور ގެ 2 ވަނަ އާޔަތުން އަންގަވާފައެވެ.)”
﴿وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلًا أَن يَنكِحَ الْمُحْصَنَاتِ الْمُؤْمِنَاتِ فَمِن مَّا مَلَكَتْ أَيْمَانُكُم مِّن فَتَيَاتِكُمُ الْمُؤْمِنَاتِ ۚ وَاللَّـهُ أَعْلَمُ بِإِيمَانِكُم ۚ بَعْضُكُم مِّن بَعْضٍ ۚ فَانكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَآتُوهُنَّ أُجُورَهُنَّ بِالْمَعْرُوفِ مُحْصَنَاتٍ غَيْرَ مُسَافِحَاتٍ وَلَا مُتَّخِذَاتِ أَخْدَانٍ ۚ فَإِذَا أُحْصِنَّ فَإِنْ أَتَيْنَ بِفَاحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى الْمُحْصَنَاتِ مِنَ الْعَذَابِ﴾ [سورة النساء 25]
މާނައީ: “އީމާންވެގެންތިބި މިނިވަން އަންހެނުންނާ ކައިވެނިކުރުމަށް ތިޔަބައިމީހުންގެ ތެރެއިން އަތްމަތި ތަނަވަސްކަމުގެ ގޮތުން ކުޅަދާނަނުވި މީހާ، ތިޔަބައިމީހުންގެ އީމާންވެގެންތިބި އަންހެންކުދިންކުރެ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންގެ ތެރެއިން މީހުންނާ، ކައިވެނިކުރުން ހުށްޓެވެ. ތިޔަބައިމީހުންގެ އީމާންކަން ހުރިގޮތް ﷲ ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންގެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ތެރެއިންނެވެ. (އެބަހީ: ދީނުގެ ގޮތުން ތިޔަބައިމީހުންނެކޭ، އެ އަޅުއަންހެނުންނެކޭ އެއްގޮތެވެ.) ފަހެ، އެކަނބަލުންގެ ސާހިބުންގެ އިޛުނައާއެކު، އެކަނބަލުންނާ ތިޔަބައިމީހުން ކައިވެނިކުރާށެވެ! އަދި އެކަނބަލުންގެ ރަން، ހިތްހެޔޮކަމާއެކު ހެޔޮގޮތުގައި އެކަނބަލުންނަށް ދޭށެވެ! ކައިވެނީގެ ރައްކާތެރިކަން ލިބި، އެކަނބަލުން ޢިއްފަތްތެރިވެގެންވާ ގޮތުގައެވެ. ޒިނޭކުރާ ގޮތުގައެއް ނޫނެވެ. އަދި ވަންހަނާ ގޮތުގައި ޒިނޭކުރާ އެކުވެރިން ގެންގުޅޭ ގޮތުގައެއްވެސް ނޫނެވެ. ފަހެ، އެކަނބަލުން ކައިވެނިކުރުމަށްފަހު، ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ގެނެސްގެންފިނަމަ، (އެބަހީ: ޒިނޭކޮށްފިނަމަ) މިނިވަން އަންހެނުންގެ މައްޗަށް އޮތް އަދަބުގެ ދެބައިކުޅަ އެއްބައި އެކަނބަލުންގެ މައްޗަށް ހުށްޓެވެ.”
﴿وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا﴾ [سورة الإسراء 32]
މާނައީ: “އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.”
﴿الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّـهِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ﴾ [سورة النور 2]
މާނައީ: “ޒިނޭކުރާ އަންހެނާއާއި ޒިނޭކުރާ ފިރިހެނާއާ ދެމީހުންކުރެ ކޮންމެ މީހެއްގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ﷲ އަށާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައިވަނީނަމަ، ﷲ ގެ ދީނުގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް، މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ!”
﴿لَّوْلَا جَاءُوا عَلَيْهِ بِأَرْبَعَةِ شُهَدَاءَ ۚ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَـٰئِكَ عِندَ اللَّـهِ هُمُ الْكَاذِبُونَ﴾ [سورة النور 13]
މާނައީ: “އެކަމުގެ މައްޗަށް އެބައިމީހުން ހަތަރު ހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެބައިމީހުން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު ފަހެ، ﷲ ގެ ޙަޟްރަތުގައި އެބައިމީހުންނީ ހަމަ ދޮގުހަދާ މީހުންނެވެ.”
﴿وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ﴾ [سورة الأعراف 80]
މާނައީ: “އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، ޢާލަމުތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާޙިޝް ޢަމަލު ތިޔަބައިމީހުން ކުރަނީ ހެއްޔެވެ؟”
﴿فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ﴾ [سورة هود 82]
މާނައީ: “ދެން ފަހެ، ތިމަންއިލާހު (ޢަޛާބުގެ) އަމުރުފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންއިލާހު އެ ރަށަށް ވާރޭ ވެއްސެވީމެވެ.”
އަދި سورة الحجر ގެ 74 ވަނަ އާޔަތުގައިވެސް އެފަދައިން ވެއެވެ.
_______________________________________