މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
އެންމެ ޚާލިޞުގޮތުގައި އެންމެހާ އަޅުކަމެއް މާތް ﷲ އަށް ޚާއްޞަ ކުރަން ޖެހޭކަން.
ޒުމަރު ސޫރަތުގެ މުހިއްމު ނުކުތާތައް
– އެންމެ ޚާލިޞްގޮތުގައި އެންމެހާ އަޅުކަމެއް މާތްﷲއަށް ޚާއްޞަ ކުރުމަށާއި އެއިލާހަށް ޝަރީކު ނުކުރުމަށް އަމުރުކުރެވިފައިވެއެވެ.
– އެންމެ ޚާލިޞްގޮތުގައި އެންމެހާ އަޅުކަމެއް މާތް ﷲއަށް ޚާއްޞަ ކުރަންޖެހޭކަމުގެ ކައުނީ ދަލީލުތައް މި ސޫރަތުގައި ބަޔާން ކޮށްދެއްވާފައިވެއެވެ. (5 ، 6 އަދި 21 ވަނަ އާޔަތް)
– އަދި ބުއްދީގެ ދަލީލުތަކާއި މިސާލުތައް ބަޔާން ކޮށްދެއްވާފައިވެއެވެ. (4 ، 8 ، 29 ، 38 ، އަދި 42 ވަނަ އާޔަތް)
– ޝިރުކުކުރުމުގެ ނުބައިކަން ބަޔާންކުރައްވާފައިވެއެވެ. (64ވަނަ އާޔަތާއި 65 ވަނަ އާޔަތް)
– މުޝްރިކުންގެ ސުލޫކުގެ ނޭއްގާނީކަން ބަޔާންކުރައްވާފައިވެއެވެ. (8 ، 25 ، 43 ، 45 އަދި 49 ވަނަ އާޔަތް)
– ތައުބާގެ ދޮރު އެންމެހާ އަޅުތަކުންނަށް (މުއުމިނުންނާއި ކާފިރުންނަށްވެސް) ހުޅުވިފައިވާކަން ބަޔާންކުރައްވާފައިވެއެވެ. (53 ވަނަ އާޔަތް)
– ޤިޔާމަތްދުވަހު މުއުމިނުންގެ ޙާލު ބަޔާންކުރައްވާފައިވެއެވެ. (73ވަނަ އާޔަތާއި 74ވަނަ އާޔަތް)
– ޤިޔާމަތްދުވަހު ކާފިރުންގެ ޙާލު ބަޔާންކުރައްވާފައިވެއެވެ. (71ވަނަ އާޔަތާއި 72ވަނަ އާޔަތް)
ޒުމަރު ސޫރަތުން ލިބިދޭ ބައެއް ފައިދާތައް
– އިސްލާމީ ފުތޫޙާތުތަކުގެ ސަބަބުން މުސްލިމުންގެ ޢަދަދު ގިނަވެގެންދިޔައެވެ. އަދި މަސްޖިދުލްޙަރާމަށް އަންނަ މުސްލިމުންގެ ޢަދަދު ގިނަވެގެން ދިޔައެވެ. މިކަމުގެ ސަބަބުން އެހެން މިސްކިތްތަކުގައި ސަފުހަދާ ފަދައިން އެއް ދިމާލަކަށް އެއް ސީދަލަކަށް ތިބެގެން މަސްޖިދުލްޙަރާމުގައި ސަފު ހެދުމުގައި ބޮޑެތި ތަކުލީފުތަކެއް މުސްލިމުން އުފުލާން ޖެހުނެވެ. ބަނޫ އުމައްޔާ ވަންހައަށް ނިސްބަތްވާ ޢާމިލެއް ކަމުގައިވާ خالد القسري ޒުމަރު ސޫރަތުގެ 75 ވަނަ އާޔަތުން އިސްތިދުލާލެއް ކުރެއްވިއެވެ. އެއީ ކަޢުބާގެ ވަށައިގެން ސަފުތައް ހެދިދާނެކަމަށް މި އާޔަތުން ދަލީލު ލިބޭކަމުގެ އިސްތިދުލާލެވެ.
وَتَرَى الْمَلَائِكَةَ حَافِّينَ مِنْ حَوْلِ الْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِيَ بَيْنَهُم بِالْحَقِّ وَقِيلَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (75)
“އަދި މަލާއިކަތުން އެއުރެންގެ ރައްބަށް ޙަމްދާއެކު ތަސްބީޙަ ދަންނަވާ ޙާލު، ޢަރުޝިގެ ވަށައިގެން ތިއްބަވާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއުރެންގެ މެދުގައި (އެބަހީ: އެންމެހާ އަޅުތަކުންގެ މެދުގައި) ޙައްޤަށް ނިޔާކުރައްވާނެތެވެ. އަދި އަންގަވާނެތެވެ. ޙަމްދުހުރީ ޢާލަމުތަކުގެ ވެރި ﷲ އަށެވެ.”
މި ވާހަކަ ابن كثير ގެ البداية والنهاية ޒިކުރުކުރައްވާފައިވެއެވެ.
– ކީރިތި ޤުރުއާނުގައިވާ އެންމެ އުންމީދު ގެނެސްދޭ އާޔަތަކީ މި ސޫރަތުގެ 53 ވަނަ އާޔަތެވެ. [رواه ابن أبي حاتم عن علي ابن أبي طالب]
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ (53)
“ކަލޭގެފާނު ވިދާޅުވާށެވެ. އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންއިލާހުގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުއްމީދުކަނޑައިނުލާށެވެ. ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައް ފުއްސަވާ އިލާހެވެ. ހަމަކަށަވަރުން، އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ.”
– ކޮންމެ މީހެއްގެވެސް އެހެން މީހުންނަށް ފެންނަ ފަރާތަކާއި އެހެން މީހުންނަށް ނުފެންނަ ފަރާތެއްވެއެވެ. މި ސޫރަތުގެ ނުވަ ވަނަ އާޔަތުގައި ސިފަކޮށްފައިވަނީ މި ދެންނެވި ނުފެންނަ ފަރާތުގެ ވާހަކައެވެ. އާޚިރަތަށް ބިރުވެތިވެ، ހެޔޮލަފާ ޞާލިޙު އަޅުތަކުން ކުރާ ރޭ އަޅުކަމުގެ ވާހަކައެވެ. މިފަދަ ސިފަތަކެއްގެ އަހުލުވެރިޔާއަށް އުފާވެރިކަމުގެ ޚަބަރުތައް ހުއްޓެވެ. އެއީ އެހެންމީހުންނަށް ނުފެންނަ ތަނުގައިވެސް ހެޔޮ ޢަމަލުތައް ކުރާ މީހުންނެވެ.
މި އާޔަތް (ޒުމަރު ސޫރަތުގެ ނުވަ ވަނަ އާޔަތް) ބާވައިލައްވާފައިވަނީ عثمان بن عفان އާމެދުގައި ކަމުގައި ބުނެވެއެވެ. އެކަލޭގެފާނު ރޭގަނޑުގެ ގިނަ ވަގުތުތަކެއްގައި ޤިޔާމަށް ހުންނަވައެވެ. عثمان بن عفان އެއްރޭން ޚަތިމެއް ކުރައްވާ ކަމުގައި ބުނެވެއެވެ. [رواه ابن أبي حاتم عن ابن عمر]
– ﷲ ތަޢާލާއީ ޖަޒާދެއްވުމުގައި އެންމެ ދީލަތި އިލާހެވެ. މިކަން މި ސޫރަތުގެ 35 ވަނަ އާޔަތުން ދޭހަވެއެވެ.
– ބައެއް ސަލަފުން ވިދާޅުވެފައިވެއެވެ. ޒުމަރު ސޫރަތުގެ 36 ވަނަ އާޔަތާމެދު ވިސްނާ ފިކުރުކޮށްފި މީހަކު މަޚްލޫޤުން ދެކެ ބިރުން އުޅޭކަށް ނުޖެހޭނެއެވެ.
أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ (36)
“ﷲ އެކަލާނގެ އަޅާއަށް ފުދޭކަމުގައި ނުވޭ ހެއްޔެވެ؟ އަދި އެއުރެން އުޅެނީ އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެތިން ކަލޭގެފާނު ބިރުގެންނެވުމަށެވެ. އަދި ﷲ މަގުފުރައްދަވާ މީހަކަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެއެވެ.”
– ﷲ ހަނދުމަކުރެވޭ ހިނދު ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބުމަކީ ސަލާމަތްތެރި ހިތެއް ލިބިގެންވާ ކަމުގެ ޢަލާމާތެކެވެ.
– އެންމެހާ ނަބިއްޔުންނަށް ޝިރުކުގެ ނުބައިކަމަށް އިންޒާރު ދެއްވާފައިވެއެވެ. އެހެންކަމުން އެބޭކަލުން ފިޔަވާ ދެންތިބި މީސްތަކުންނަށް މިއިންޒާރު މާ އައުލާވެގެންވެއެވެ. (65 ވަނަ އާޔަތް)
__________________________
މަޞްދަރު: أول مرة أتدبر القرآن
ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް