* ޤުނޫތު ކިޔާއިރު އަތް އުފުލަން ޖެހޭތަ؟
ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީ ޤުނޫތުއްނާޒިލާގައި ޤުނޫތު ކިޔާއިރު އަތް އުފުލުން މުސްތަޙައްބުވެގެން ވުމެވެ. އެއީ ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީންގެ އަރިހުން އެކަން ޘާބިތުވެފައި ވާތީއެވެ. [1]
ބިއުރު މަޢޫނާގެ ޙާދިޘާގައި ޤަތުލުވި ޤުއްރާއިންގެ ވާހަކަ ޛިކުރުކުރައްވާ އަނަސް رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.
“لَقَدْ رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كُلَّمَا صَلَّى الْغَدَاةَ رَفَعَ يَدَيْهِ يَدْعُو عَلَيْهِمْ، يَعْنِي عَلَى الَّذِينَ قَتَلُوهُمْ” [2]
މާނައީ: “ރަސޫލުﷲ صلى الله عليه وسلم ފަތިސް ނަމާދުކުރައްވާ ހިނދު ދެއަތް އުފުއްލަވާ އެބައިމީހުންގެ މައްޗަށް ބަދުދުޢާ ކުރައްވާތީ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެބަހީ: އެބައިމީހުން (ޤުއްރާއިން) ޤަތުލުކުރި މީހުންގެ މައްޗަށެވެ.”
* ޤުނޫތުއްނާޒިލާގައި ކިޔުމަށް ވަކި ޚާއްޞަ ދުޢާއެއް ވޭތަ؟
ނަބިއްޔާ صلى الله عليه وسلم ޤުނޫތުއްނާޒިލާ ކިޔުއްވިކަމަށް ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންވެސް އެފަދައިން ކަންތައް ކުރެއްވިކަން ޘާބިތުވެއެވެ. އެހެންކަމުން ދެން ބަލާލާނީ ޤުނޫތުގައި އެބޭކަލުން ކުރެއްވި ދުޢާތަކަށެވެ.
ފުރަތަމައީ: ޤުނޫތުއްނާޒިލާގައި ނަބިއްޔާ صلى الله عليه وسلم ކުރެއްވި ދުޢާ
– «اللَّهُمَّ أَنْجِ الوَلِيدَ بْنَ الوَلِيدِ، وَسَلَمَةَ بْنَ هِشَامٍ، وَعَيَّاشَ بْنَ أَبِي رَبِيعَةَ وَالمُسْتَضْعَفِينَ مِنَ المُؤْمِنِينَ اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ وَاجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ» [3]
މާނައި: “އޭ ﷲ! الوَلِيد بْن الوَلِيد އާއި سَلَمَة بْن هِشَام އާއި عَيَّاش بْن أَبِي رَبِيعَة އާއި މުއުމިނުންގެ ތެރެއިން ނިކަމެތިން ނަޖާކުރައްވާނދޭވެ! އޭﷲ މުޟަރުގެ މައްޗަށް ކޯފާލައްވާނދޭވެ! އަދި ޔޫސުފުގެފާނުގެ ޤައުމުގެ މީހުންނަށް ލެއްވިފަދަ ހަނަފަސްކަމެއް އެބައިމީހުންނަށް ލައްވާށިއެވެ!”
– އަދި މުސްލިމުގެ ރިވާޔަތުގައިވެއެވެ. «اللهُمَّ الْعَنْ لِحْيَانَ، وَرِعْلًا، وَذَكْوَانَ، وَعُصَيَّةَ عَصَتِ اللهَ وَرَسُولَهُ» [4]
މާނައީ: “އޭ ﷲ! لِحْيَان އާއި رِعْل އާއި ذَكْوَان ގެ މައްޗަށް ލަޢުނަތް ލައްވާނދޭވެ! عُصَيَّة ގެ މައްޗަށްވެސްމެއެވެ. އެބައިމީހުންވަނީ ﷲއާއި އެއިލާހުގެ ރަސޫލާއަށް އުރެދިފައެވެ.”
– އަދި ބުޚާރީގެ އެހެން ރިވާޔަތެއްގައިވެއެވެ. «غِفَارُ غَفَرَ اللَّهُ لَهَا وَأَسْلَمُ سَالَمَهَا اللَّهُ» [5]
މާނައީ: ” غِفَارއަށް ﷲ ތަޢާލާ ފާފަފުއްސަވާނދޭވެ! އަދި أَسْلَمُ އަށް ﷲ ތަޢާލާ (ހަނގުރާމަތަކުން) ސަލާމަތްތެރިކަން ލައްވާނދޭވޭ!”
ދެވަނައީ: ޤުނޫތުއްނާޒިލާގައި ޞަޙާބީން ކުރެއްވި ދުޢާ
– އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
«فَيَدْعُو لِلْمُؤْمِنِينَ وَيَلْعَنُ الكُفَّارَ». [6]
މާނައީ: “ފަހެ، މުއުމިނުންނަށް ދުޢާކުރައްވާ އަދި ކާފިރުންނަށް ލަޢުނަތްލެއްވުން އެދި ދުޢާކުރައްވައެވެ.”
– ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ރުކޫޢުގެ ފަހުގައި ވިދާޅުވި ޤުނޫތުގައިވެއެވެ.
“اللهُمَّ اغْفِرْ لَنَا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ، وَالْمُسْلِمِينَ وَالْمُسْلِمَاتِ، وَأَلِّفْ بَيْنَ قُلُوبِهِمْ وَأَصْلِحْ ذَاتَ بَيْنِهِمْ، وَانْصُرْهُمْ عَلَى عَدُوِّكَ وَعَدُوِّهِمْ، اللهُمَّ الْعَنْ كَفَرَةَ أَهْلِ الْكِتَابِ الَّذِينَ يَصُدُّونَ عَنْ سَبِيلِكَ وَيُكَذِّبُونَ رُسُلَكَ، وَيُقَاتِلُونَ أَوْلِيَاءَكِ، اللهُمَّ خَالِفْ بَيْنَ كَلِمَتِهِمْ، وَزَلْزِلْ أَقْدَامَهُمْ، وَأَنْزِلْ بِهِمْ بَأْسَكَ الَّذِي لَا تَرُدُّهُ عَنِ الْقَوْمِ الْمُجْرِمِينَ، بِسْمِ اللهِ الرَّحْمَنِ الرَّحِيمِ، اللهُمَّ إِنَّا نَسْتَعِينُكَ وَنَسْتَغْفِرُكَ، وَنُثْنِي عَلَيْكَ، وَلَا نَكْفُرُكَ وَنَخْلَعُ وَنَتْرُكُ مَنْ يَفْجُرُكَ، بِسْمِ اللهِ الرَّحْمَنِ الرَّحِيمِ، اللهُمَّ إِيَّاكَ نَعْبُدُ وَلَكَ نُصَلِّي وَنَسْجُدُ وَلَكَ نَسْعَى وَنَحْفِدُ وَنَخْشَى عَذَابَكَ الْجِدَّ وَنَرْجُو رَحْمَتِكَ إِنَّ عَذَابَكَ بِالْكَافِرِينَ مُلْحِقٌ” [7]
މާނައީ: “އޭﷲ! އަޅަމެންގެ ފާފަފުއްސަވާނދޭވެ! އަދި މުއުމިނު ފިރިހެނުންނާއި އަންހެނުންނަށްވެސްމެއެވެ. އަދި މުސްލިމު ފިރިހެނުންނާއި އަންހެނުންނަށްވެސްމެއެވެ. އަދި އެބައިމީހުން ހިތްތައް އެކުވެރި ކުރައްވައި އެބައިމީހުންގެ މެދުގައި އިޞްލާޙުކުރައްވާނދޭވެ! އަދި އިބައިލާހުގެ ޢަދާވާތްތެރިންނާއި އެބައިމީހުންގެ ޢަދާވާތްތެރިންގެ މައްޗަށް ނަޞްރުދެއްވާނދޭވެ! އޭﷲ! އިބަ އިލާހުގެ މަގުން މީސްތަކުން އެއްކިބާ ކުރާ، ރަސޫލުބޭކަލުން ދޮގުކުރާ، އިބައިލާޙުގެ ވަލީވެރިންނާ ހަނގުރާމަކުރާ ކާފިރު އަހުލުކިތާބީންނަށް ލަޢުނަތް ލައްވާނދޭވެ! އޭﷲ! އެބައިމީހުން ބައިބައި ކުރައްވައި އެބައިމީހުންގެ ފައިތަކުގެ ދަށުން ބިންގަނޑު ހެލުއްވާނދޭވެ! އަދި މުޖުރިމުންގެ ކިބައިން އެއްކިބާވެގެން ނުދާނޭ އިބައިލާހުގެ ކޯފާ އެބައިމީހުންގެ މައްޗަށް ބާވައިލައްވާނދޭވެ! ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. އޭﷲ! އަޅަމެން ވާތްގަށް އެދެނީ އަދި ފާފަ ފުއްސެވުމަށް އެދެނީ އިބަ އިލާހުގެ ޙަޟްރަތުންނެވެ. އަދި ޘަނާގެ ބަސް ދަންނަވަނީ އިބައިލާހު ޙަޟްރަތަށެވެ. އަދި އިބައިލާހަށް ކާފިރު ނުވަމެވެ. އަދި އިބައިލާހަށް އުރެދޭ މީހުން ދޫކޮށްލައި ދުރުހެލިވަމެވެ. ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. އޭﷲ! އަޅަމެން ނަމާދުކޮށް ސަޖިދަކުރަނީ އިބަ އިލާހަށްޓަކައެވެ. އަދި ގަދައަޅާ މަސައްކަތްކޮށް އަވަސްވެގަންނަނީ އިބައިލާހުގެ ޙަޟްރަތަށެވެ. އިބަ އިލާހުގެ ބޮޑުވެގެންވާ ކޯފާއަށް އަޅަމެން ބިރުވެތިވަމެވެ. އިބައިލާހުގެ ރަޙްމަތަށް އުންމީދުކުރަމެވެ. ހަމަކަށަވަރުން އިބައިލާހުގެ ކޯފާ ކާފިރުންނާ ބައްދަލުކުރެއެވެ.”
އިސްވެދިޔަ ދުޢާތަކުން ހާމަވެގެން ދަނީ ޤުނޫތުއްނާޒިލާގައި ކިޔާ ދުޢާ ޚާއްޞަވަނީ ކުރިމަތިވާ މުޞީބާތަކަށް ކަމެވެ. އެހެނީ އެކި ފަހަރު ކުރިމަތިވާ މުޞީބާތްތައް ތަފާތު ވާނެއެވެ. އެހެންކަމުން ޤުނޫތުއްނާޒިލާގައި ކިޔުމަށް ވަކި ދުޢާއެއް ޚާއްޞަކުރުމާމެދު ދަންނައެވެ. ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީ ވަކި ދުޢާއެއް ޚާއްޞަ ކުރުމެއް ނެތި، ކުރިމަތިވާ މުޞީބާތަކާ ގުޅިގެން އެކަމަކާ މުނާސަބުވާ ގޮތަކަށް ދުޢާކުރުމެވެ. [8]
* ދިގުކޮށް ޤުނޫތު ކިޔުން
ޤުނޫތު ދިގުކޮށް ކިޔުމާ ބެހޭގޮތުން ސުވާލު ދެންނެވުމުން އައްޝައިޚް މުހައްމަދު ބުން ޞާލިޙް އަލްޢުޘައިމީން ވިދާޅުވިއެވެ.
“ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެން އައިސްފައިވަނީ ޤުނޫތުއްނާޒިލާގައި އެކަލޭގެފާނު ކުރުކޮށް ޤުނޫތު ކިޔުއްވި ކަމަށެވެ. ޤައުމެއްގެ ބަޔަކަށްޓަކައި އެކަލޭގެފާނު ދުޢާ ކުރެއްވިއެވެ. ނުވަތަ ޤައުމެއްގެ މައްޗަށް ބަދުދުޢާކުރެއްވިއެވެ. އެއީ ދިގުކުރުމެއް ނެތިއެވެ. ނަމަވެސް ނަމާދުކުރާ މީހުންނަށް އުނދަގޫ ނުވާ މިންވަރަށް ދުޢާ ދިގުކޮށްލުމަކުން މައްސަލައެއް ނެތެވެ. އެއީ އެބައިމީހުން އެކަމަށް އެދޭ ނަމައެވެ. އަދި ކުރިމަތިވެގެން އުޅޭ މުޞީބާތާ ނުގުޅޭ ދުޢާއެއް ކަމުގައި ނުވާނަމައެވެ. އެހެނީ ދުޢާގައި ކަންކަމަށް އެދުމަކީ ޝަރުޢުވެގެންވާ ކަމެކެވެ. ނަބިއްޔާ عليه الصلاة والسلام، ޤުނޫތުގެ ދުޢާ ދިގުކުރުން ނަހީކުރައްވާފައިވާކަމުގެ ދަލީލެއް ނެތެވެ. އެއީ އެފަދައިން ދިގު ކުރުމުން ނަމާދު ކުރާމީހުންނަށް އުނދަގޫވުމުން މެނުވީއެވެ.” [9]
= ނިމުނީ =
________________________
[1] ބައްލަވާ: جامع المسائل في أحكام قنوت النوازل لسعد بن صالح الزيد (ص: 88 ، 90).
[2] رواه البيهقي في سننه / كتاب: الصلاة / باب: رفع اليدين في القنوت / رقم: 3145.
[3] رواه البخاري / كتاب: الأذان / باب: يهوي بالتكبير حين يسجد / رقم: 804 ، ومسلم / كتاب: المساجد ومواضع الصلاة / باب: استحباب القنوت في جميع الصلاة إذا نزلت بالمسلمين نازلة / رقم: 294 – (675).
[4] رواه مسلم / كتاب: المساجد ومواضع الصلاة / باب: استحباب القنوت في جميع الصلاة إذا نزلت بالمسلمين نازلة / رقم: 294 – (675).
[5] رواه البخاري / كتاب: الاستسقاء/ باب: دعاء النبي صلى الله عليه وسلم: «اجعلها عليهم سنين كسني يوسف» / رقم: 1006.
[6] رواه البخاري / كتاب: الأذان / باب: فضل اللهم ربنا لك الحمد / رقم: 797 ، ومسلم / كتاب: المساجد ومواضع الصلاة / باب: استحباب القنوت في جميع الصلاة إذا نزلت بالمسلمين نازلة / رقم: 296 – (676).
[7] رواه البيهقي في سننه / كتاب: الصلاة / باب: دعاء القنوت / رقم: 3143 ، وعبد الرزاق في مصنفه / كتاب: الصلاة / باب: القنوت / رقم: 4649.
[8] ބައްލަވާ: جامع المسائل في أحكام قنوت النوازل لسعد بن صالح الزيد (ص: 102 ، 105).
[9] فتاوى نور على الدرب للعثيمين (5 / 50 – 51).