[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 64

  1. ފަތްފުށްތަކުގައި ޙަދީޘް ރައްކާކުރެއްވުމަށްފަހު ޝައިޚުންނާއި އެބޭކަލުންގެ ދަރިވަރުންގެ މެދުގައި އެ ދައުރުވުން.

މިފަތްފުށްތައް ވެގެން ދިޔައީ ފުރަތަމަ ޤަރުނާއި ދެވަނަ ޤަރުނުގައި ލިޔެވިގެން ދިޔަ ޖާމިޢުތަކާއި މުސްނަދުތަކާއި ސުނަނުތަކާ އަދި އެނޫން ފޮތްތަކަށް ލިބިގެން ދިޔަ ‘ފުރަމަތަ އޮށްތައް’ ކަމުގައެވެ. އެ ޞުޙުފުތަކުގެ މިޘާލުތައް ބަޔާންކޮށްލާނަމެވެ. [1]

ހ. ޒަކާތް ލާޒިމުވާ މިންވަރުތައް ބަޔާންކުރައްވާ އަބޫބަކުރު رضي الله عنه ލިޔުއްވި ފަތްކޮޅު.

އަލްޚަޠީބުލް ބަޣްދާދީ އަނަސްގެފާނުގެ އަރިހުން ސަނަދުން ރިވާކުރެއްވިއެވެ.

“ހަމަކަށަވަރުން ޒަކާތް ނަގާ މީހެއްގެ ގޮތުގައި އަބޫބަކުރުގެފާނު އެކަލޭގެފާނު ފޮނުއްވިއެވެ. އަދި ޒަކާތް ލާޒިމުވާ މިންވަރުތައް އެކަލޭގެފާނަށްޓަކައި ފަތްކޮޅެއްގައި ލިޔުއްވިއެވެ. އެ ފަތްކޮޅުގައި ރަސޫލާ صلى الله عليه وسلم ގެ ސިއްކަވެއެވެ. އަދި އޭގައި ވެއެވެ. ‘މިއީ މުސްލިމުންގެ މައްޗަށް ﷲގެ ރަސޫލާ صلى الله عليه وسلم ފަރުޟުކުރެއްވި ޒަކާތުގެ މިންވަރެވެ.’ ” ދެން އެއަށްފަހު މުޅި ޙަދީޘް ޛިކުރުކުރެއްވިއެވެ. [2]

ށ. ޢަލީ رضي الله عنه ގެ ފަތްކޮޅު.

ޢަލީގެފާނުގެ އަރިހުން އަލްޚަޠީބުލް ބަޣްދާދީއާއި އިބްނު ޢަބްދުލް ބައްރު، ވަރަށް ގިނަ ސަނަދުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު މީސްތަކުންނަށް ޚުޠުބާދެއްވަމުން ވިދާޅުވިއެވެ.

“ﷲ ތަޢާލާގެ ފޮތުގައްޔާއި މިފަތްކޮޅުގައި ނުވާ އެއްޗެއް ތިމަންބޭކަލުން ކިޔާ ކަމުގައި ބުނެއްޖެމީހަކު ދޮގުހަދައިފިއެވެ.”

އެކަލޭގެފާނުގެ އަރިހުން މިކަން ރިވާކުރެއްވި ރާވީ ވިދާޅުވިއެވެ.

“އެފަތްކޮޅު އޮންނަނީ އެކަލޭގެފާނުގެ ކަނޑިކޮޅުގައި އައްސާފައެވެ. އޭގައި (ޒަކާތް ނެރެންޖެހޭ) ޖަމަލުގެ ބާވަތްތަކުގެ ޢުމުރު ލިޔުއްވާފައި ވެއެވެ. އަދި ޤިޞާޞްގެ ބައެއް ޙުކުމްތައް ވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްވެއެވެ.

((الْمَدِينَةُ حَرَمٌ مَا بَيْنَ عَيْرٍ إِلَى ثَوْرٍ فَمَنْ أَحْدَثَ فِيهَا حَدَثًا أَوْ آوَى مُحْدِثًا فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلاَئِكَةِ وَالنَّاسِ أَجْمَعِينَ))

މާނައީ: ”ޢައިރު ފަރުބައާއި ޘައުރު ފަރުބަދައާއި ދެމެދުގައިވާ މަދީނާގެ ބިމަކީ ޙަރަމެކެވެ. އެތަނުގައި ބިދުޢަ ހަދާ މީހާއަށާއި ބިދުޢައިގެ އަހުލުވެރިންނަށް ހިޔާވަހިކަން ދީފި މީހަކަށް، ފަހެ ﷲ އާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލަޢުނަތް ވެއެވެ.”

މިޙަދީޘް އެއްކޮށް  އޭގައި ވެއެވެ. [3]

ނ. ޢަބްދުﷲ ބުން ޢަމްރު ބުން އަލްޢާޞް رضي الله عنه ގެ ފަތްކޮޅު. – މިއީ الصحيفة الصادقة ގެ ނަމުން (އެބަހީ: ތެދުވެރި ފަތްކޮޅުގެ ނަމުން) މަޝްހޫރުވެފައިވާ ފަތްކޮޅެއް –

މުޖާހިދު ރިވާކުރެއްވިއެވެ.

“ޢަބްދުﷲ ބުން ޢަމްރު ބުން އަލްޢާޞް އިންނަވާ ތަނުގެ ދަށުން ތިމަންކަލޭގެފާނު ފަތްކޮޅެއް ނެންގެވީމެވެ. ފަހެ އެކަލޭގެފާނު އެކަން މަނާކުރެއްވިއެވެ. ތިމަން ދެންނެވީމެވެ. ކަލޭގެފާނު މީގެ ކުރިން ތިމަންނާއަށް އެއްވެސް އެއްޗެއް ދިނުމުން އެއްކިބާ ވެފައެއް ނުވެއެވެ. ވިދާޅުވިއެވެ. މިއީ الصادقة އެވެ. (އެބަހީ: ތެދުވެރި ފަތްކޮޅެވެ.) މިއީ ސީދާ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ތިމަންކަލޭގެފާނު އެއްސެވި ޙަދީޘްތަކެވެ.” [4]

މިތިން ފަތްކޮޅުވެސް ލިޔެފައިވަނީ ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައެވެ. އަދި މިނޫން ފަތްކޮޅުތައްވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައިވަނީ ލިޔެވިފައެވެ.

ރ. ޢަބްދުﷲ ބުން އަބީ އައުފާ رضي الله عنه ގެ ފަތްކޮޅު.

އިމާމު ބުޚާރީވަނީ އެކަލޭގެފާނުގެ ޞަޙީޙުގެ كتاب: الجهاد ގެ باب: الصبر عند القتال ގައި މިކަން ބަޔާންކުރައްވާފައެވެ. [5]

ބ. ޢަބޫ މޫސާ އަލްއަޝްޢަރީ رضي الله عنه ގެ ފަތްކޮޅު. [6]

ޅ. ޖާބިރު ބުން ޢަބްދުﷲ رضي الله عنه ގެ ފަތްކޮޅު. [7]

ކ. ޢަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ހައްމާމު ރިވާކުރައްވާފައިވާ ޞައްޙަ ފަތްކޮޅު. [8]

= ނުނިމޭ =

_________________________

އެހެނިހެން ބައިތައް

 

[1] “تقييد العلم” ގެ ތިންވަނަ ޤިސްމުގެ ފުރަތަމަ އަދި ދެވަނަ ފަޞްލުގައި ޚަޠީބުލް ބަޣްދާދީވަނީ މީގެ ވަރަށް ގިނަ ފަތްފުށްތައް ޛިކުރުކުރައްވާފައެވެ. އަދި “دراسات في الحديث النبوي” ގެ ހަތަރުވަނަ ބާބުގެ ފުރަތަމަ ފަޞްލުގައި  د. الأعظمي ވެސް ވަނީ ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައްޔާއި އަވަހާރަވުމަށްފަހު ލިޔެވުނު މިފަދަ ފަތްފުށްތަކެއް ޛިކުރުކުރައްވާފައެވެ.

[2] ބައްލަވާ: صحيح البخاري – كتاب الزكاة – باب زكاة الغنم الفتح 3 / 317 ح 1454، تقييد العلم ص: 87.

[3] البخاري – كتاب العلم من صحيحه – باب كتابة العلم الفتح 1 / 204 ح 111، وانظر: تقييد العلم ص: 88، وابن عبد البر: جامع بيان العلم وفضله 1 / 71.

[4] تقييد العلم ص: 84، جامع بيان العلم وفضله 1 / 73، وهي صحيفة مشهورة أخرجها الإمام أحمد في مسنده 2 / 158 – 226.

[5] ބައްލަވާ: فتح الباري لابن حجر 6 / 45 ح 2833.

[6] د. أكرم العمري ވަނީ “البحوث” ގައި (ص: 228) ތުރުކީގެ شهيد علي ލައިބްރަރީގައި މި ވާކަމަށް ބަޔާންކުރައްވާފައެވެ.

[7] ބައްލަވާ:  مشاهير علماء الأمصار (ص: 11) ذكرها الحافظ ابن حبان في والإمام الذهبي في تذكرة الحفاظ 1 / 43، وأشار الدكتور أكرم العمري أنها محفوظة في مكتبة شهيد علي، وذلك نقلاً من مقدمة الخلاصة بقلم: صبحي السامرائي. البحوث ص: 228.

[8] މީގައި 138 ޙަދީޘްވެއެވެ. މިވަނީ އިމާމު އަޙްމަދުގެ މުސްނަދުގައި އެކަލޭގެފާނު ރިވާކުރައްވާފައެވެ. އަދި محمد حميد الله ގެ ތަޙްޤީޤުގައި މިވަނީ ޗާޕުވެސް ކޮށްފައެވެ.