-
މިޞްރަށް އެނބުރި ވަޑައިގަތުން
(فَلَمَّا قَضَىٰ مُوسَى الْأَجَلَ وَسَارَ بِأَهْلِهِ)[1]
މާނަ: “ފަހެ، މޫސާގެފާނު އެ މުއްދަތު ހަމަކުރައްވައި، އެކަލޭގެފާނުގެ އަހުލުވެރިންނާއެކު (ދަތުރުކުރައްވައި) ވަޑައިގެންނެވިހިނދެވެ.”
މޫސާގެފާނު އެކަލޭގެފާނުގެ އަހުލުންނާއި އެކު ދަތުރުފެއްޓެވިއެވެ. ރޭގަނޑު ވަރަށް އަނދިރިއެވެ. އަދި ނުލާހިކު ފިންޏެވެ. އެކަމަކު އަލިފާން ކޮޅެއް ހޯދާނީ ސަހަރާގެ ކޮންތަނަކުން ހެއްޔެވެ؟ އަލިފާނުގެ އަސަރެއް ފެނޭތޯ މުސާގެފާނު ހޯއްދަވަމުން ގެންދިޔައެވެ. މޫސާގެފާނު އެކަލޭގެފާނުގެ އަޙުލުންނަށް ވިދާޅުވިއެވެ.
(إِذْ رَأَىٰ نَارًا فَقَالَ لِأَهْلِهِ امْكُثُوا إِنِّي آنَسْتُ نَارًا لَّعَلِّي آتِيكُم مِّنْهَا بِقَبَسٍ أَوْ أَجِدُ عَلَى النَّارِ هُدًى)[2]
މާނަ: “އެކަލޭގެފާނަށް އަލިފާންގަނޑެއް ފެނިވަޑައިގެންނެވި ހިނދެވެ. ފަހެ، އެކަލޭގެފާނުގެ އަހުލުވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތަނުގައި ތިބޭށެވެ! ހަމަކަށަވަރުން، އަހުރެންނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. (އަހުރެން މިދަނީ) އެތަނުން ތިޔަބައިމީހުންނަށް ހުޅުކޮޅެއް ގެނެސްދެވޭތޯއެވެ. ނުވަތަ އެ އަލިފާންގަނޑުގެ ކައިިރިން، އަހުރެންނަށް ކޮންމެވެސް މަގެއް ފެނޭތޯއެވެ.”
އަލިފާން ކޮޅެއް އަޙުލުންނަށް ގެނެސްދެއްވުމުގެ ޤަޞްދުގައި، އަލިފާނާއި ދިމާލަށް އެކަލޭފާނު ވަޑައިގަތެވެ.
(فَلَمَّا أَتَاهَا نُودِيَ يَا مُوسَىٰ) (إِنِّي أَنَا رَبُّكَ فَاخْلَعْ نَعْلَيْكَ ۖ إِنَّكَ بِالْوَادِ الْمُقَدَّسِ طُوًى)[3]
މާނަ: “ފަހެ، އެކަލޭގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތް ހިނދު، ނިދާ އިއްވެވިއެވެ. އޭ މޫސާގެފާނެވެ! ހަމަކަށަވަރުން، ތިމަންއިލާހީ ކަލޭގެފާނުގެ ރައްބެވެ! ފަހެ، ކަލޭގެފާނުގެ ފައިވާން ޖޯޑުކޮޅު ބާލުއްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިޔަހުންނެވީ، ޠުވާއޭ ކިއުނު މުޤައްދަސް ވާދީގައެވެ.”
އެހިނދު މެދުވެރިއެއްނެތި މޫސާގެފާނަށް ﷲ ބަސްވަޙީކުރެއްވިއެވެ. އަދި އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ.
(وَأَنَا اخْتَرْتُكَ فَاسْتَمِعْ لِمَا يُوحَىٰ)[4]
މާނަ: “އަދި ތިމަންއިލާހު ކަލޭގެފާނު ޚިޔާރުކުރައްވައިފީމެވެ. ފަހެ، (ކަލޭގެފާނަށް) އިއްވަވާ ވަޙީއަށް ކަނުލައި އައްސަވާށެވެ!”
(إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي)
މާނަ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّه އެވެ. ތިމަންރަސްކަލާނގެ މެނުވީ، ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. ފަހެ، ތިމަންއިލާހަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންއިލާހު ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު ޤާއިމު ކުރައްވާށެވެ!”
(إِنَّ السَّاعَةَ آتِيَةٌ)
މާނަ: “ހަމަކަށަވަރުން، ޤިޔާމަތްވުމުގެ ވަގުތަކީ، އަންނާނޭ އެއްޗެކެވެ.”
މޫސާގެފާނުގެ އަތްޕުޅުގައި އަސާއެއް އޮތެވެ. އެ އަސާއަކީ އެކަލޭގެފާނު އެކި ކަންކަމުގައި ބޭނުންކުރުމަށް ގެންގުޅޭ އެއްޗެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(وَمَا تِلْكَ بِيَمِينِكَ يَا مُوسَىٰ)[5]
މާނަ: “އޭ މޫސާގެފާނެވެ! ކަލޭގެފާނުގެ ކަނާތްޕުޅުގައި އެވަނީ ކޮންއެއްޗެއް ތޯއެވެ؟”
މޫސާގެފާނު ދެންނެވިއެވެ.
(هِيَ عَصَايَ)[6]
މާނަ: “އެއީ އަޅުގެ އަސާއެވެ.”
އެ އަސާގައި ހިމެނޭ ފައިދާތައް އެކަލޭގެފާނު ބަޔާންކޮށްދެއްވިއެވެ. އެ ކަލޭގެފާނު ބޭނުން ފުޅު ވީ ވީހާވެސް ގިނައިރު ވަންދެން ﷲ ތަޢާލާ އާއި ވާހަކަފުޅު ދެއްކެވުމަށެވެ. މޫސާގެފާނު ﷲ އަށް ދެންނެވިއެވެ.
(هِيَ عَصَايَ أَتَوَكَّأُ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِي وَلِيَ فِيهَا مَآرِبُ أُخْرَىٰ)[7]
މާނަ: “އެއީ އަޅުގެ އަސާއެވެ. އޭގެ މައްޗަށް މިއަޅާ ބުރަވެ، މިއަޅާގެ ބަކަރިތަކަށް (ކާންދިނުމަށް) އެއިން (ގަސްގަހުގެ) ފަތް ބިންނަމެވެ. އަދި އެހެން ބޭނުންތައްވެސް މިއަޅާއަށް އޭގައިވެއެވެ.”
(قَالَ أَلْقِهَا يَا مُوسَىٰ)[8]
މާނަ: “އެއިލާހު ވަޙީކުރެއްވިއެވެ. އޭ މޫސާގެފާނެވެ! އެ އަސާ އެއްލަވާށެވެ!”
(فَأَلْقَاهَا فَإِذَا هِيَ حَيَّةٌ تَسْعَىٰ)[9]
މާނަ: “ފަހެ، އެކަލޭގެފާނު އެ އަސާ އެއްލެވިއެވެ. ދެން އެހާރުން، ދުވެދުވެ އޮތް ހަރުފައަކަށް ވެއްޖެއެވެ.”
(قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا الْأُولَىٰ)[10]
މާނަ: “އެއިލާހު ވަޙިކުރެއްވިއެވެ. ކަލޭގެފާނު އެ އަސާގައި ހިއްޕަވާށެވެ! އަދި ބިރުފުޅުނުގަންނާށެވެ! އެ އަސާ، ކުރިން އޮތްގޮތަށް ތިމަންއިލާހު އިޢާދަކުރައްވާ ހުށީމެވެ.”
ދެވަނަ މުޢުޖިޒާތެއްވެސް ﷲ ތަޢާލާ އެކަލޭގެފާނަށް ދެއްވިއެވެ. އެއީ ވިދަވިދާ އަތްޕުޅެކެވެ. ﷲ ވަޙީކުރެއްވިއެވެ.
(وَاضْمُمْ يَدَكَ إِلَىٰ جَنَاحِكَ تَخْرُجْ بَيْضَاءَ مِنْ غَيْرِ سُوءٍ آيَةً أُخْرَىٰ)[11]
މާނަ: “އަދި ކަލޭގެފާނުގެ ކިހިލިފަތްޕުޅު ދަށަށް ކަލޭގެފާނުގެ އަތްތިލަފުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއް ނެތި، ހުދުކޮށް (ވިދަވިދައި އޮންނަ ގޮތުގައި) އެ އަތްތިލަފުޅު ނުކުންނާނެއެވެ. (އެއީ) އެހެން މުޢުޖިޒާތެއްގެ ގޮތުގައެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] 29 القصص
[2] 15 طه
[3] 11-12 طه
[4] 13-15 طه
[5] 17 طه
[6] 18 طه
[7] 18 طه
[8] 19 طه
[9] 20 طه
[10] 21 طه
[11] 22 طه