ތިންވަނައީ: ސުންނަތް ރައްކާތެރިކުރުމުގައި ތާބިޢީ ބޭކަލުންގެ މަސައްކަތްޕުޅު
ތާބިޢީބޭކަލުން ސުންނަތް އުނގެނިވަޑައިގެންނެވީ ޞަޙާބީބޭކަލުންގެ އަރިހުންނެވެ. އަދި ކިއެއް ހެއްޔެވެ. އެބޭކަލުން ދީނުގެ ހުރިހާކަމެއްވެސް އުނގެނިވަޑިއިގެންނެވީ ޞަޙާބީ ބޭކަލުންގެ އަރިހުންނެވެ. އެބޭކަލުންގެ ޝައިޚުންނަށް ފަހު އެންމެހާ މީސްތަކުންނަށް ރިސާލަތު ފޯރުކޮށްދެއްވުމުގެ މަސައްކަތްކުރެއްވީ ހަމަ އެބޭކަލުންނެވެ. އެބޭކަލުންނީ ޞަޙާބީ ބޭކަލުންނަށް ފަހު ވަޑައިގެންނެވި އެންމެ ހެޔޮ ޖީލެވެ. ތާބިޢީ ބޭކަލުންގެ ޖީލުވަނީ ސުންނަތަށް ޚިދުމަށް ކުރެއްވުމާއި އެ ލިޔެ ރައްކާތެރިކުރެއްވުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވި ބަޔަކަށެވެ. ތިރީގައި އެވަނީ އެކަމުގެ މިޘާލުތަކެވެ.
1- ސުންނަތަށް ތަބާވުމަށާއި އެ ލިޔެރައްކާތެރިކުރުމަށް ބާރުއެޅުއްވުމާއި އެ ރިވާކުރުމާއި އެހޯދުމުގައި ފަރުވާތެރިވުން.
ފުރަތަމަ ބާބުގެ ދެވަނަ ފަޞްލުގައި ތާބިޢީ ބޭކަލުން ސުންނަތަށް ދެއްވި އަހަންމިއްޔަތުގެ ވާހަކަ ބަޔާންކުރިއިރު މިކަމުގެ ބައެއް މިޘާލުތައްވާނީ ގެނެސްދީފައެވެ. އޭރު ގެނެސްފައި ނުވާ މިޘާލުތަކެއް މިތަނުގައި ބަޔާންކުރާނަމެވެ. އެއީ ސުންނަތް ލިޔުއްވުމުގައި އެބޭކަލުން ދެއްވި އަހަންމިއްޔަތާ ބެހޭ މިޘާލުތަކެވެ.
ހ. އިމާމު ޢާމިރު އައްޝަޢުބީގެ އަރިހުން އެތައް ސަނަދަކުން އަލްޚަޠީބުލް ބަޣްދާދީ ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވެއެވެ.
“ތިބާއަށް އެއްޗެއް އިވިއްޖެނަމަ ފާރުގައި ވިޔަސް އެ ލިޔާށެވެ. ފަތްފުށުގެ ތެރޭގައި އެ މަޢުލޫމާތު އޮތުމަށް ވުރެ ތިބާއަށް އެގޮތް ހެޔޮކަން ބޮޑެވެ. އެހެނީ ކޮންމެވެސް ދުވަހެއްގައި ތިބާ އެއަށް ބޭނުން ޖެހިދާނެއެވެ.” [1]
ށ. އަލްޙަސަނުލް ބަޞްރީ ވިދާޅުވިއެވެ.
“ޢިލްމު އެންމެ ބޮޑަށް ރައްކާތެރިކުރެވެނީ ފޮތުގައެވެ. ތިމަން ބޭކަލުން (ޢިލްމު) ލިޔުއްވީ އެ ހިފެހެއްޓުމަށެވެ.” [2]
ނ. ސަޢީދު ބުން ޖުބައިރުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“އިބްނު ޢައްބާސްގެ އަރިހުން، (އެކަލޭގެފާނުގެ ޢިލްމު) ފަތްފުށްތަކުގައި ތިމަންކަލޭގެފާނު ލިޔުއްވީމެވެ. ފަތްފުށްތައް ފުރުމުން ދެން ލިޔުއްވަނީ ފައިވާނުގެ މަތީ ފުށުގައެވެ. ދެން އެފުރުމުން ލިޔުއްވަނީ އަތުގައެވެ.” [3]
ރ. ޞާލިޙު ބުން ކީސާންގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ތިމަންބޭކަލުން ކިޔަވަން އުޅުއްވި ދުވަސްވަރުގައި ތިމަންކަލޭގެފާނާއި ޒުހުރީއާއި ބައްދަލުވިއެވެ. އޭރު ބުނެ އުޅުނީ ލިޔާނީ ޙަދީޘް ކަމުގައެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ޙަދީޘްތައް ތިމަންބޭކަލުން ލިޔުއްވީމެވެ. ދެން ބުނެ އުޅުނީ ލިޔާނީ ޞަޙާބީބޭކަލުން ބަސްފުޅުތައް ކަމުގައެވެ. ފަހެ ތިމަން ދަންނަވައިފީމެވެ. އެއީ ސުންނަތެއް ނޫނެވެ. ފަހެ އެޔެއް ނުލިޔުއްވާނަމެވެ. އެހެނަސް އެކަލޭގެފާނު އެވެސް ލިޔުއްވިއެވެ. ތިމަންކަލޭގެފާނު އެޔެއް ނުލިޔުއްވަމެވެ. ފަހެ އެކަމުގައި އެކަލޭގެފާނު ކާމިޔާބު ހޯއްދެވިއެވެ. އެހެނަސް ތިމަންކަލޭގެފާނަށް އެ ފާއިތުވީއެވެ. [4]
ބ. އިބްނު ޝިހާބުއްޒުހްރީގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“އިރުމަތީ ފަރާތުގެ ރަށްތަކުން (ޞައްޙަ ނޫން ޙަދީޘްތައް) ތިމަން ބޭކަލުންގެ އަރިހަށް ނުފޯރާނަމަ، ތިމަންކަލޭގެފާނު އެއްވެސް ޙަދީޘެއް ނުލިޔުއްވާނަމެވެ. އަދި އެ ލިޔުމަށް ހުއްދަވެސް ނުދެއްވާނަމެވެ.” [5]
ޅ. މުޢާވިޔާ ބުން ޤުއްރާގެ އަރިހުން ޚަޠީބުލް ބަޣްދާދީވަނީ އެތައް ސަނަދަކުން ރިވާކުރައްވާފައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ޢިލްމު ނުލިޔާ މީހެއްގެ ޢިލްމަކީ އެއީ ޢިލްމެއްކަމުގައި ތިމަންބޭކަލުން ދެކެވަޑައި ނުގަންނަވަމެވެ.” [6]
= ނުނިމޭ =
_________________________
[1] تقييد العلم ص: 100.
[2] އަލްޙަސަނުގެ އަރިހުން ޚަޠީބުލް ބަޣްދާދީވަނީ މިބަސްފުޅު އެތައް ސަނަދަކުން ރިވާކުރައްވާފައެވެ. (تقييد العلم، ص: 101).
[3] ސަޢީދު ބުން ޖުބައިރުގެ އަރިހުން ޚަޠީބުލް ބަޣްދާދީވަނީ މިބަސްފުޅު އެތައް ސަނަދަކުން ރިވާކުރައްވާފައެވެ. (تقييد العلم، ص: 102 -103).
[4] تقييد العلم ص: 107، جامع بيان العلم وفضله 1 / 76.
[5] تقييد العلم ص: 107 – 108.
[6] المصدر السابق ص: 109.