[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކޮރޯނާ ވައިރަސް – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

މިދުވަސްވަރު މީސްތަކުންގެ މަޖްލިސްތަކުގައި އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ ބިރުވެރިކަމާއި އެކަމުގެ މުޞީބާތުގެ ބޮޑުކަމުގެ ވާހަކައެވެ. އެއްބަޔަކު އެވާހަކަ ދައްކަނީ މަޖަލަކަށް ހަދައިގެންނެވެ. އަދި އަނެއް ބަޔަކު އެކަން މީސްތަކުންނަށް ބަޔާންކޮށްދީ ނަސޭހަތްތެރިވެއެވެ. އަދި މިނޫން ގޮތް ގޮތަށްވެސް މިބައްޔާ ގުޅިގެން މީސްތަކުންގެ ތެރޭގައި ވާހަކަ ދެކެވެމުންދެއެވެ. މުސްލިމުންނަށް ވާޖިބުވެގެންވަނީ ކޮންމެ ޙާލަކާއި ކޮންމެ ވަގުތެއްގައި އަދި ކޮންމެ މުޞީބާތެއްގައިމެ، ﷲ جلّ وعلا ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދުމެވެ. އަދި އެކަމާމެދު ދެކެވޭ ވާހަކަތަކަކީވެސް އަދި އެކަން ރަނގަޅުކުރަން ކުރެވޭ މަސައްކަތްތަކަކީވެސް ޝަރުޢީ އަސާސްތަކާއި އުޞޫލުތަކަށް ރިޢާއަތްކޮށްގެން ކުރެވޭކަމަކަށް ވާންޖެހެއެވެ. އަދި އެކަން ކުރަންވާނީ ﷲ ތަޢާލާއަށް ބިރުވެތިވާ ޙާލު އެއިލާހު ބައްލަވާވޮޑިގެންވާކަން އިޙްސާސްކުރާ ޙާލުގައެވެ.

މިލިޔުމުގައި މިވަނީ މިމައުޟޫޢާ ގުޅިގެން މިދުވަސްވަރު މީސްތަކުންގެ ދިރިއުޅުމުގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭންޖެހޭ ހަ ނުކުތާއެވެ.

 

ފުރަތަމަ ނުކުތާ:

މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ކޮންމެ ޙާލެއްގައިވެސް އެބައިމީހުންގެ ރައްބުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި، އެއިލާހަށް ވަކީލުކޮށް، އެންމެހާ ކަމެއްވަނީ އެއިލާހުގެ އަތްޕުޅުގައިކަމަށް އީމާންވުމެވެ.

﴿مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللهِ ۗ وَمَن يُؤْمِن بِاللهِ يَهْدِ قَلْبَهُ﴾ [سورة التغابن 11] 

މާނައީ: “ﷲ ގެ އިޛުނަފުޅަށް މެނުވީ، އެއްވެސް މުޞީބާތެއް ނުޖެހެއެވެ. އަދި ﷲ އަށް އީމާންވާމީހާ (ދަންނާށެވެ!) އެއިލާހު އެމީހާގެ ހިތަށް ތެދުމަގު ދައްކަވައެވެ.”

ހުރިހާ ކަމެއްވެސް ތަދުބީރުކުރެއްވުންވަނީ ﷲ ތަޢާލާގެ އަތްޕުޅުގައެވެ. ފަހެ، ﷲ އިރާދަކުރައްވާ ކަމެއް ވެއެވެ. އަދި އެއިލާހު އިރާދަނުކުރައްވާ ކަމެއް ނުވެއެވެ. އެއިލާހު މެނުވީ ރައްކާތެރިކުރައްވާނެ އެހެން ފަރާތެއް ނުވެއެވެ.

﴿قُلْ مَن ذَا الَّذِي يَعْصِمُكُم مِّنَ اللَّـهِ إِنْ أَرَادَ بِكُمْ سُوءًا أَوْ أَرَادَ بِكُمْ رَحْمَةً﴾ [سورة الأحزاب 17] 

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ނުބައި ގޮތެއް މެދުވެރިކުރެއްވުމަށް ﷲ އިރާދަކުރައްވައިފިނަމަ ނުވަތަ ތިޔަބައިމީހުންނަށް ރަޙްމަތެއް ލެއްވުމަށް އެއިލާހު އިރާދަކުރައްވައިފިނަމަ، އެއިލާހުގެ ޙަޟްރަތުން ތިޔަބައިމީހުން ރައްކާތެރިކޮށް މަނާކުރާނެ މީހަކީ ކާކު ހެއްޔެވެ؟”

﴿إِنْ أَرَادَنِيَ اللَّـهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ﴾ [سورة الزمر 38]

މާނައީ: “ﷲ ތިމަންކަލޭގެފާނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެ ހެއްޔެވެ؟ ނުވަތަ އެއިލާހު ތިމަންކަލޭގެފާނަށް ރަޙްމަތަކަށް އިރާދަކުރައްވައިފިނަމަ އެއިލާހުގެ ރަޙްމަތް (އަޔަނުދީ) އެތަކެއްޗަށް ހިފެހެއްޓިދާނެ ހެއްޔެވެ؟”

﴿مَّا يَفْتَحِ اللَّـهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِن بَعْدِهِ﴾ [سورة فاطر 02]

މާނައީ: “މީސްތަކުންނަށްޓަކައި ﷲ އެއްވެސް ރަޙްމަތެއް ހުޅުއްވަވާނަމަ ފަހެ، އެ ރަޙްމަތް ހިފަހައްޓާނެ މީހަކު ނުވެއެވެ. އަދި އެއިލާހު ކަމެއް ހިފަހައްޓަވާނަމަ، އެއިލާހަށްފަހު އެކަން ވީއްލާނެ މީހަކު ނުވެއެވެ.”

އަދި ޙަދީޘެއްގައިވެއެވެ.

«وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ، لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللهُ لَكَ. وَإِنِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ، لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللهُ عَلَيْكَ، رُفِعَتِ الأَقْلَامُ، وَجَفَّتِ الصُّحُفُ» [رواه الترمذي (2516) وقال: “هذا حديث حسن صحيح “، وصححه الألباني في المشكاة (5302)]

މާނައީ: “އަދި ދަންނާށެވެ. ހަމަކަށަވަރުން، މުޅި އުންމަތް އެކަތިގަނޑަކަށްވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އުޅުނަސް، ﷲ ތިބާއަށްޓަކައި ލިޔުއްވައިފައިވާ މަންފާއެއް މެނުވީ އެބައިމީހުންނަކަށް ޙާޞިލުކޮށް ނުދެވޭނެއެވެ. އަދި އެބައިމީހުން އެކަތިގަނޑަކަށްވެ، ތިބާއަށް ގެއްލުމެއް ދިނުމަށް އުޅުނަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވައިފައިވާ ގެއްލުމެއް ނޫނީ އެބައިމީހުންނަކަށް ނުދެވޭނެއެވެ. ގަލަންތައް އުފުލިއްޖެއެވެ. އަދި (ލިޔެވުނު) ފަތްތައް ހިކިއްޖެއެވެ. (އެބަހީ: އެންމެހާ ކަމެއްވަނީ ލިޔެވި ނިމިފައެވެ. އަދި އެއިލާހުގެ ނިޔާފުޅާއެކު އެކަންކަން ހިނގާނެއެވެ.)”

އަދި އެހެން ޙަދީޘެއްގައިވެއެވެ.

«كَتَبَ اللهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ» [رواه مسلم 16 – (2653)]

މާނައީ: “އުޑުތަކާއި ބިން ޚަލްޤުކުރެއްވުމުގެ ފަންސާސް ހާސް އަހަރު ކުރިން ޚަލްޤުތަކުންގެ މިންވަރުތައް ﷲ ލިޔުއްވިއެވެ.”

އަދި އެހެން ޙަދީޘެއްގައިވެއެވެ.

«إِنَّ أَوَّلَ مَا خَلَقَ اللهُ الْقَلَمَ، فَقَالَ لَهُ: اكْتُبْ قَالَ: رَبِّ وَمَاذَا أَكْتُبُ؟ قَالَ: اكْتُبْ مَقَادِيرَ كُلِّ شَيْءٍ حَتَّى تَقُومَ السَّاعَةُ» [رواه أبو داود (4700)]

މާނައީ: “ހަމަކަށަވަރުން ﷲ އެންމެ ފުރަތަމަ ޚަލްޤުކުރެއްވީ ޤަލަމެވެ. ފަހެ، އެއިލާހު އެއަށް އެންގެވިއެވެ. ލިޔާށެވެ. (ޤަލަން) ދެންނެވިއެވެ. ރައްބެވެ! ލިޔަންވީ ކޮން އެއްޗެއް ހެއްޔެވެ؟ (އެއިލާހު) އެންގެވިއެވެ. ޤިޔާމަތާ ހަމައަށް ވާނޭ ހުރިހާ އެއްޗެއްގެ މިންވަރުތައް ލިޔާށެވެ.”

ފަހެ، ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާގެ ކަންތައްތައް ﷲ އާ ޙަވާލުކުރުމެވެ. އުންމީދާއި ވަކީލުކުރުމާއެކު އެއިލާހަށް އިޢުތިމާދުވާ ޙާލުގައެވެ. މުސްލިމުން އެބައިމީހުންގެ ޢާފިޔަތަށާއި ޝިފާއަށާއި ސަލާމަތްތެރިކަމަށް އެދޭނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ހިނގާ ކޮންމެ ކަމަކުންނާއި މުޞީބާތަކުން ﷲ ތަޢާލާއަށް ކުއްތަންވުމާއި ބަރޯސާވުން ފިޔަވާ މުއުމިނަކަށް އިތުރުނުވާ ހުށިކަމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَمَن يَعْتَصِم بِاللَّـهِ فَقَدْ هُدِيَ إِلَىٰ صِرَاطٍ مُّسْتَقِيمٍ﴾ [سورة آل عمران 101] 

މާނައީ: “ﷲ އަށް ބަރޯސާވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ސީދާވެގެންވާ މަގަކަށް ތެދުމަގު ލިބިއްޖެކަން ކަށަވަރެވެ.”

=ނުނިމޭ=

__________________________________

މިއީ أ. د. عبد الرزاق بن عبد المحسن البدر ގެ ލިޔުމެއްގެ ތަރުޖަމާއެވެ.

 

މިލިޔުމުގެ އެހެން ބައިތައް