[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކޮރޯނާ ވައިރަސް – 2

ދެވަނަ ނުކުތާ:

ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބުވެގެންވަނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ. ނަބިއްޔާ صلى الله عليه وسلم، އިބްނު ޢައްބާސް رضي الله عنهما އަށް ކުރެއްވި ވަޞިއްޔަތުގައި ޙަދީޘްކުރެއްވިއެވެ.

«احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ» [رواه أحمد (2669) والترمذي (2516)، وصححه الألباني في المشكاة (5302)]

މާނައީ: “ﷲ ގެ ކިބައަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން އެއިލާހު ތިބާ ރައްކާތެރި ކުރައްވާނެއެވެ. ﷲ ގެ ކިބައަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ.”

ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަކީ އަޅާއަށް ލިބިގެންދާ ރައްކާތެރިކަމަކާއި ސަލާމަތްތެރި ކަމެކެވެ. އަދި ދުނިޔެއާއި އާޚިރަތުގައިވެސް ﷲ ތަޢާލާގެ ރައްކާތެރިކަން ލިބިގެންދާ ކަމެކެވެ. ފަހެ، (މުއުމިނު އަޅާއަށް) މުޞީބާތެއް މެދުވެރިވެއްޖެނަމަ ނުވަތަ ބަލިމަޑުކަމެއް މެދުވެރިވެއްޖެނަމަ އެއީ އޭނާގެ ދަރަޖަ އުފުއްލެވޭނެ ކަމެއްކަމުގައި މެނުވީ ނުވާނެއެވެ.

ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.

«عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ، فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ، صَبَرَ فَكَانَ خَيْرًا لَهُ» [رواه مسلم 64 – (2999)]

މާނައީ: “މުއުމިނާގެ ކަންތަކާއިމެދު އަޖާއިބު ހުއްޓެވެ. އޭނާގެ ހުރިހާ ކަމަކީވެސް ހެޔޮ ކަމެވެ. މުއުމިނަކަށް މެނުވީ އެހެން ނުވެއެވެ. އޭނާއަށް އުފާވެރިކަމެއް ލިބިއްޖެއްޔާ ޝުކުރުކުރެއެވެ. ފަހެ، އެކަން އޭނާއަށް ހެޔޮކަމެއް ކަމުގައި ވެދެއެވެ. އަދި އޭނާއަށް ދަތިކަމެއް ކުރިމަތިވެއްޖެއްޔާ ކެތްތެރިވެއެވެ. ފަހެ، އެކަންވެސް އޭނާއަށް ހެޔޮކަމެއްކަމުގައި ވެއެވެ.”

ފަހެ، މުއުމިނު އަޅާ އޭނާގެ އުފަލުގައްޔާއި ދަތިކަމުގައްޔާއި އުނދަގުލުގައްޔާއި ލުއިފަސޭހަކަމުގައި ބަދަލުވަމުން ދަނީ ހެޔޮކަމަކުން އެހެން ހެޔޮކަމަކަށެވެ. އެއީ ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.

«وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ» [رواه مسلم 64 – (2999)]

މާނައީ: “މުއުމިނަކަށް މެނުވީ އެހެން ނުވެއެވެ.”

=ނުނިމޭ=

__________________________________

މިއީ أ. د. عبد الرزاق بن عبد المحسن البدر ގެ ލިޔުމެއްގެ ތަރުޖަމާއެވެ.

 

މިލިޔުމުގެ އެހެން ބައިތައް