[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކޮރޯނާ ވައިރަސް – 3

ތިންވަނަ ނުކުތާ:

ހަމަކަށަވަރުން އިސްލާމީ ޝަރީޢަތުގައިވަނީ ސަބަބުތަކުގައި ހިފެހެއްޓުމާއެކު ބޭސްފަރުވާ ކުރުމަށް ގޮވާލާފައެވެ. އަދި ދަންނައެވެ. ބޭސްފަރުވާ ކުރުމާއި ޝިފާ ހޯދަން މަސައްކަތްކުރުމަކީ ﷲ سبحانه وتعالى އަށް ވަކީލުކުރުން ނަފީކުރާކަމެއް ނޫނެވެ.

އިސްލާމީ ޝަރީޢަތުގައިވާ ބޭސްފަރުވާ ކުރުމުގައި ދެ ބާވަތެއް ވެއެވެ. އެއީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމާއި، ބަލި ޖެހުމުން އެބައްޔަށް ފަރުވާ ކުރުމެވެ. ފަރުވާކުރުމައި ޝިފާ ލިބުމުގެ އުޞޫލުތައް އިސްލާމީ ޝަރީޢަތުގައި ވެއެވެ. އެއީ އެއުޞޫލުތަކުގެ ސަބަބުން މުސްލިމުންނަށް ދުނިޔެއާއި އާޚިރަތުގައި ސަލާމަތާއި ޢާފިޔަތު ލިބޭނެފަދަ ފަރުވާކުރުމުގެ އުޞޫލުތަކެކެވެ. އިބްނުލްޤައްޔިމު رحمه الله ގެ “الطّبّ النّبوي” ކިޔައިފި މީހަކަށް މިބާބުގައި އިސްލާމީ ޝަރީޢަތުގައިވާ، ރަސޫލާ عليه الصلاة والسلام ގެ އަރިހުން ޞައްޙަކޮށް ޘާބިތުވެފައިވާ ޢަޖައިބުކުރަނިމި ކަންކަން ފެނިގެންދާނެއެވެ.

ފަހެ، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމާ ގުޅޭގޮތުން ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރައްވާފައިވެއެވެ.

«مَنِ اصْطَبَحَ بِسَبْعِ تَمَرَاتِ عَجْوَةٍ، لَمْ يَضُرَّهُ ذَلِكَ اليَوْمَ سَمٌّ، وَلاَ سِحْرٌ» [رواه البخاري (5779)، ومسلم 155 – (2047)]

މާނައީ: “ކޮންމެ ދުވަހަކު ހެނދުނު ޢަޖުވާ ކަދުރުން ހަތް ކަދުރު ކައިފިމީހާ ދަންނައެވެ. އެދުވަހު އޭނާއަށް ވިހައަކުން އަދި ސިޙުރަކުންވެސް ގެއްލުމެއް ނުވާނެއެވެ.”

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ޢުޘްމާން ބުން ޢައްފާން رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

«مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ وَمَسَاءِ كُلِّ لَيْلَةٍ: بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ ثَلَاثَ مَرَّاتٍ، فَيَضُرَّهُ شَيْءٌ [1] » [رواه أبو داود (5088) وابن ماجه (3869) والترمذي (3388)  وأحمد (474) وصححه الألباني في المشكاة (2391)]

މާނައީ: “ކޮންމެ ދުވަހަކު، ހެނދުނާއި ހަވީރު ތިންފަހަރު «بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ» މިޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާއަށް އެއްވެސް އެއްޗެއްގެ ފުށުން ގެއްލުމެއް ނުވާނެއެވެ.”

މިދުޢާގެ މާނަ: “ﷲގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެއިލާހުގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«مَنْ قَرَأَ بِالْآيَتَيْنِ مِنْ آخِرِ سُورَةِ البَقَرَةِ فِي لَيْلَةٍ كَفَتَاهُ» [رواه البخاري (5009)]

މާނައީ: “ރޭގަނޑެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިފިމީހަކަށް، އެ ފުދިގެންވެއެވެ. [2]

އެބަހީ: ކޮންމެ އާފާތަކާއި ނުބައި ކަމަކުންނެވެ.

ޢަބްދުﷲ ބުން ޚުބައިބު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي لَنَا، قَالَ: فَأَدْرَكْتُهُ، فَقَالَ: «قُلْ» فَلَمْ أَقُلْ شَيْئًا، ثُمَّ قَالَ: «قُلْ»، فَلَمْ أَقُلْ شَيْئًا، قَالَ: «قُلْ»، فَقُلْتُ، مَا أَقُولُ؟ قَالَ: «قُلْ: قُلْ هُوَ اللَّهُ أَحَدٌ، وَالمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلَاثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ» [رواه الترمذي (3575)، وحسنه الألباني في صحيح وضعيف الترمذي]

މާނައީ: “ވާރޭވެހޭ، ކަޅުފޮއި ރެއެއްގައި ރަސޫލުﷲ صلى الله عليه وسلم އާ ބައްދަލު ކުރައްވައި، ތިމަންބޭކަލުންނާއެކު އިމާމުވެ ނަމާދުކޮށްދެއްވުމަށް ދެންނެވުމަށް ދިޔައީމެވެ. ފަހެ، ތިމަންކަލޭގެފާނާ އެކަލޭގެފާނާ ބައްދަލުވެވަޑައިގަތެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ނަމާދު ކޮށްފީމު ހެއްޔެވެ؟” އެހިނދު ތިމަންކަލޭގެފާނު އެއްވެސް ޖަވާބެއް ނުދެމެވެ.  ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ވިދާޅުވާށެވެ.” އެހިނދު ތިމަންކަލޭގެފާނު އެއްވެސް ޖަވާބެއް ނުދެމުއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. “ވިދާޅުވާށެވެ.” ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންކަލޭގެފާނު ބުނަންވީ ކީކޭ ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “قُلْ هُوَ اللهُ أَحَدٌ އަދި މުޢައްވިޛަތައިނި (ސޫރަތުލްފަލަޤް އަދި ސޫރަތުއްނާސި) ހެނދުނާއި، ހަވީރު ތިންފަހަރު ކިޔާށެވެ. އެކަން، ހުރިހާ ކަމަކުން ތިބާއަށް ފުދިގެން ދާހުއްޓެވެ.””

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ހެނދުނާ ހަވީރު މިދުޢާތައް ކުރުން ދޫނުކުރައްވައެވެ.

«اللَّهُمَّ إِنِّى أَسْأَلُكَ الْعَافِيَةَ فِى الدُّنْيَا وَالآخِرَةِ، اللَّهُمَّ إِنِّى أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِى دِينِى وَدُنْيَاىَ وَأَهْلِى وَمَالِى، اللَّهُمَّ اسْتُرْ عَوْرَاتِى، وَآمِنْ رَوْعَاتِى ، اللَّهُمَّ احْفَظْنِى مِنْ بَيْنِ يَدَىَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي» [رواه أبو داود (5074) وابن ماجه (3871) وأحمد (4785) وصححه الألباني في تخريج الكلم الطيب (27)]

މާނައީ: “އޭ ﷲ! ހަމަކަށަވަރުން ދުނިޔެއާއި އާޚިރަތުގައިވެސް ޢާފިޔަތު ދެއްވުން އެދި މިއަޅާ އިބައިލާހުގެ ޙަޟުރަތުގައި ދަންނަވަމެވެ. އޭ ﷲ! މިއަޅާގެ ދީނާއި ދުނިޔެއާއި މިއަޅާގެ އަނބިދަރިން އަދި މިއަޅާގެ މުދާ ރައްކާތެރިކޮށްދެއްވުން އެދި އިބައިލާހުގެ ޙަޟުރަތުން ދަންނަވަމެވެ. އޭ ﷲ! މިއަޅާގެ ޢައިބުތަށް ވަންހަނާ ކޮށްދެއްވާނދޭވެ. އަދި ބިރުވެރި ކަންތަށްތަކުން މިއަޅާ އަމާން ކުރައްވާނދޭވެ. އޭ ﷲ! މިއަޅާގެ ކުރިމަތިންނާއި މިއަޅާގެ ފަހަތުން އަދި މިއަޅާގެ ކަނާތްފަރާތުންނާއި މިއަޅާގެ ވާތްފަރާތުން އަދި މިއަޅާގެ މަތިން މިއަޅާ ރައްކާތެރި ކުރައްވާނދޭވެ. އަދި ކުއްލި ހަލާކު ކުރެއްވުމަކުން މިއަޅާގެ ދަށުން ހަލާކުވެދިއުމުން މިއަޅާ ރައްކާތެރި ކުރެއްވުން އެދި އިބައިލާހުގެ މަތިވެރިކަން މެދުވެރިކޮށް ދަންނަވަމެވެ.”

މިދުޢާތަކުގައި އަޅާއަށް އެންމެހާ ކަންކަމުން ރައްކާތެރިކަމާ ސަލާމަތްކަން ވެއެވެ.

ބަލި ޖެހުމުން، އެބައްޔަށް ފަރުވާކުރުމުގައި މަތިވެރި އިރުޝާދުތަކާއި ޝިފާ ލިބޭނެ ގޮތްތައް ނަބިއްޔާ عليه الصلاة والسلام ގެ ސުންނަތުގައި ބަޔާންވެގެން އައިސްފައިވެއެވެ. އެކަންކަމަކީ މިމަޤާމުގައި ޛިކުރު ކުރެވޭ ވަރަށްވުރެ ދިގު ވާހަކަތަކެކެވެ. މި މައުޟޫޢަށް ކުރުގޮތަކަށް ނަޒަރު ހިންގާލުމަށް އިބްނުލްޤައްޔިމު رحمه الله ގެ “زاد المعاد” ބައްލަވާށެވެ.

 

ހަތަރުވަނަ ނުކުތާ:

މުސްލިމުންގެ މައްޗަށް މިފަދަ ކަންކަމުގައި ވާޖިބުވެގެންވަނީ ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ނުފެތުރުމެވެ. އެހެނީ ބައެއް މީހުން މިފަދަ މަޤާމުތަކުގައި ޙަޤީޤަތެއް ނެތް، ޘާބިތުނުވާ ވާހަކަތައް ފަތުރައެވެ. ފަހެ، މިކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ބިރުވެރިކަން އުފެދެއެވެ. އެއީ އެއްވެސް އަސާސެއް ނެތް، ބޭނުމެއް ހުރި ކަންކަމެއް ނޫނެވެ. ފަހެ މުސްލިމުންނަށް އެކަށީގެންވަނީ އެފަދަ ދޮގު ޚަބަރުތަކުގެ ފަހަތުން ނުދިޔުމެވެ. އަދި އެބައިމީހުންނަށް އޮތީ ﷲ އަށް ފުރިހަމައަށް އީމާންވެ ޔަޤީންކުރާ ޙާލު ހެޔޮ ގޮތުގައި ވަކީލުކޮށްގެން އެފަދަ ކަންތައްތައް ދޫކޮށްލުމެވެ.

=ނުނިމޭ=

__________________________________

މިއީ أ. د. عبد الرزاق بن عبد المحسن البدر ގެ ލިޔުމެއްގެ ތަރުޖަމާއެވެ.

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  މިޙަދީޘްގެ އެހެން ރިވާޔަތެއްގައިވަނީ «لَمْ يَضُرَّهُ شَيْءٌ» މިފަދައިންނެވެ. މި ދެ ލަފްޒުންވެސް މިޙަދީޘް ވާރިދުވެފައިވެއެވެ.

[2]  މިތަނުގައި “ފުދިގެންވުން” ޝަރަޙަކުރުމުގައި ޢިލްމުވެރިން ވަރަށް ގިނަ ގޮތަށް ވިދާޅުވެފައިވެއެވެ. އެގޮތުން ބައެއް މާނަތަކުގެ ތެރޭގައި: ޝައިޠާނާގެ ނުބައިކަމުން (ރައްކާތެރިކޮށްދިނުމަށް) ފުދިގެންވުން، ކޮންމެ ނުބައިކަމަކުން (ރައްކަލަކަށް) ފުދިގެންވުން އަދި ޘަވާބުގެ ގޮތުގައި ފުދިގެންވުން ހިމެނެއެވެ. [فتح الباري لابن حجر (11/238)].