[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނި ޝައިޠާނުން އުޅޭ ތަންތަން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޖިންނީންގެ ޢާލަމަކީ އަޅުގަނޑުމެންގެ ލޯ މައްޗަށް ވަންހަނާވެގެންވާ ޢާލަމެކެވެ. އެސޮރުމެންގެ ޙަޤީޤީ ސޫރައިގައި އަޅުގަނޑުމެންނަކަށް ނުފެނެއެވެ. [1] އެހެންކަމުން ޝަރުޢީ ނައްޞުތަކުގައިވަނީ ޖިންނީންނާ ގުޅުންހުރި ބައެއް މުހިންމު ކަންތައްތައް އަޅުގަނޑުމެންނަށް އަންގަވާފައެވެ. އޭގެ ސަބަބުން ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ އުނގަދޫތަކުން ރައްކާތެރިވުމަށް އިންސާނުންނަށް ފަސޭހަވެއެވެ. އިންސާނުންނަށް މިކަމުގައި އެންމެ ޞައްޙަ މަޢުލޫމާތުތައް ލިބިގެންދަނީ ކީރިތި ޤުރުއާނާއި ސުންނަތުގެ ޛަރީޢާއިންނެވެ.

ފަހެ އިންސާނުންނަށް މަޢުލޫމާތު ލިބެނީ މައިގަނޑު ތިން ގޮތަކަށެވެ. އެއީ:

1. ބުއްދިން ވިސްނާ ފިރުކުކޮށްގެން

2. ޚަބަރުތަކުން

3. ބުއްދިއާއި ޚަބަރުތަކުން ލިބޭ މަޢުލޫމާތު އެއްކޮށްގެން

އިންސާނާގެ ޙިއްސާއި ބުއްދި އާއި ތަޙްލީލުތަކާއި ތަޖުރިބާ ބޭނުންކޮށްގެން ކަންތައްތައް ދެނެގަނެ އިންސާނާ ޢިލްމު ހޯދައެވެ. ހަމައެކަނި ޙިއްސާއި ބުއްދިން ދެނެނުގަނެވޭ އެތައް ބައިވަރު މަޢުލޫމާތުތައް، އިންސާނާއާ ހިސާބަށް ފޯރާ ޚަބަރުތަކުގެ ޛަރީޢާއިން އޭނާ ދެނެގަނެއެވެ. މިވާހަކަތަކުގެ މަޤްޞަދަކީ: ޙިއްސުތަކުން ދެނެގަނެވޭ ކަންތައްތަކަކީ ޣައިބުގެ ކަންތައްތަކާ އަޅާ ބަލާއިރު ކަނޑުގެ ފެންތިއްކެއްހާ ކުޑަ މިންވަރެއް ކަމެވެ. އަދި އެފަދަ ކަންތައްތައް ދެނެގަނެވޭނީ ތެދު ޚަބަރުގެ ޛަރީޢާއިންނެވެ. ޣައިބުގެ ޢާލަމުތަކުގައިވާ މިފަދަ އެތައް ވާހަކައެއް ނަބީބޭކަލުންގެ ޛަރީޢާއިން ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ. [2] އެއިލާހު ވަޙީކުރެއްވިއެވެ.

﴿مَّا كَانَ اللَّـهُ لِيَذَرَ الْمُؤْمِنِينَ عَلَىٰ مَا أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ الْخَبِيثَ مِنَ الطَّيِّبِ ۗ وَمَا كَانَ اللَّـهُ لِيُطْلِعَكُمْ عَلَى الْغَيْبِ وَلَـٰكِنَّ اللَّـهَ يَجْتَبِي مِن رُّسُلِهِ مَن يَشَاءُ﴾ [سورة آل عمران ١۷٩]

މާނައީ: ”ރަނގަޅު މީހުންގެ ތެރެއިން ނުބައިމީހުން ވަކިކުރައްވައިފުމަށް ދާންދެން، ﷲ ތިޔަބައިމީހުން ތިބިގޮތުގެ މައްޗަށް (އެބަހީ: މުއުމިނުންނާއި މުނާފިޤުން އެކުވެ އުޅުމުގެ މައްޗަށް) މުއުމިނުން ދުލެއް ނުކުރައްވާނެއެވެ. އަދި ޣައިބުގެ ކަންތައް ﷲ، ތިޔަބައިމީހުންނަށް ފާޅެއް ނުކުރައްވާނެއެވެ. އެހެނެއްކަމަކު، ﷲ، އެއިލާހުގެ ރަސޫލުންގެ ތެރެއިން އެއިލާހު އިރާދަކުރައްވާ ބަޔަކު އެކަމަށް ޚިޔާރުކުރައްވައެވެ.“


ޖިންނީންގެ ބާވަތްތައް

ޖިންނީންގެ މައިގަނޑު ތިން ބާވަތެއް ވެއެވެ. ޙަދީޘެއްގައިވެއެވެ.

«الْجِنُّ ثَلَاثَةُ أَصْنَافٍ صِنْفٌ لَهُمْ أَجْنِحَةٌ يَطِيرُونَ فِي الْهَوَاءِ، وَصِنْفٌ حَيَّاتٌ وَكِلَابٌ، وَصِنْفٌ يَحِلُّونَ وَيَظْعَنُونَ»[3]

މާނައީ: ”ތިން ވައްތަރެއްގެ ޖިންނީން އުޅެއެވެ. ވަރަތަކެއް ލާފައިވާ، ޖައްވުގައި އުދުހޭ ޖިންނީންތަކަކާއި، ހަރުފައާއި ކުއްތާގެ ގޮތުގައި އުޅޭ ޖިންނީންތަކަކާއި، ތަނެއްގައި އުޅުމަށްފަހު އެތަން ދޫކޮށް އެހެންތަނަކަށް ދަތުރުފަތުރުކުރުމުގައި އުޅޭ ޖިންނީންތަކެކެވެ.“


ޖިންނީން އުޅޭ ތަންތަން

އެހެން މަޚްލޫޤުންނެކޭ އެއްފަދައިން ޖިންނީންނަށްވެސް އެސޮރުމެންނަށް ޚާއްޞަ ކަންތައްތަކެއް ވެއެވެ. އެސޮރުމެންގެ ދިރިއުޅުމާއި އުޅޭ ތަންތަނާ ބެހޭގޮތުން އަޅުގަނޑުމެންނަށް ޔަޤީންކަމާއެކު އެނގެން އޮތީ ކީރިތި ޤުރުއާނާއި ސުންނަތުން އެނގެންހުރި ކަންތައްތަކެވެ. ހުރިހާ ބާވަތެއްގެ ޖިންނީންވެސް އުޅެނީ ދުނިޔޭގައެވެ. [4]

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْنَا اهْبِطُوا مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾ [سورة البقرة ٣٨]

މާނައީ: ”ތިމަން އިލާހު (އާދަމުގެފާނުގެ ދެކަނބަލުންނާއި އިބިލީހަށް) ވަޙީކުރެއްވީމެވެ. ތިޔަބައިމީހުން އެންމެން އެ ސުވަރުގެއިން (ބިމަށް) ފައިބާށެވެ! ފަހެ، ތިޔަބައިމީހުންގެ ގާތަށް، ތިމަންއިލާހުގެ ޙަޟްރަތުން ތެދުމަގު އަތުވެއްޖެ ހިނދަކު، ތިމަން އިލާހުގެ ތެދުމަގަށް ތަބާވެއްޖެ ބަޔަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވޭމެއެވެ.“

އަދި އެސޮރުމެން އުޑުން ޚަބަރުތައް ހޯދުމަށް އުޑަށް އަރާ އުޅޭކަން ކީރިތި ޤުރުއާނުގެ ނައްޞުން ޘާބިތުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا﴾ [سورة الجن ٩]

މާނައީ: ”އަދި ތިމަންމެން (އެބަހީ: ޖިންނީން) އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ، މިހާރު އެ އަޑުއަހަން އުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނިހިލައެކެވެ.“  

ޖާހިލިއްޔަ ޒަމާނުގައި އެކަން ވަރަށް ބޮޑަށް އޮތެވެ. ނަބިއްޔާ صلى الله عليه وسلم ރިސާލަތައިގެން ފޮނުއްވުމުން އެދުވަސްވަރު އެކަން މެދުކެނޑިގެން ދިޔައެވެ. [5]

ޖިންނީން އުޅޭ ކަމަށް ނައްޞުތަކުން ޘާބިތުވާ ބައެއް ތަންތަނަކީ:


* ހުސް ބިންތަކުގައި

މިކަމާ ބެހޭގޮތުން ވާރިދުވެފައިވެއެވެ.

عَنْ عَامِرٍ، قَالَ: سَأَلْتُ عَلْقَمَةَ هَلْ كَانَ ابْنُ مَسْعُودٍ شَهِدَ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَيْلَةَ الْجِنِّ؟ قَالَ: فَقَالَ عَلْقَمَةُ، أَنَا سَأَلْتُ ابْنَ مَسْعُودٍ فَقُلْتُ: هَلْ شَهِدَ أَحَدٌ مِنْكُمْ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَيْلَةَ الْجِنِّ؟ قَالَ: لَا وَلَكِنَّا كُنَّا مَعَ رَسُولِ اللهِ ذَاتَ لَيْلَةٍ فَفَقَدْنَاهُ فَالْتَمَسْنَاهُ فِي الْأَوْدِيَةِ وَالشِّعَابِ. فَقُلْنَا: اسْتُطِيرَ أَوِ اغْتِيلَ. قَالَ: فَبِتْنَا بِشَرِّ لَيْلَةٍ بَاتَ بِهَا قَوْمٌ فَلَمَّا أَصْبَحْنَا إِذَا هُوَ جَاءٍ مِنْ قِبَلَ حِرَاءٍ. قَالَ: فَقُلْنَا يَا رَسُولَ اللهِ فَقَدْنَاكَ فَطَلَبْنَاكَ فَلَمْ نَجِدْكَ فَبِتْنَا بِشَرِّ لَيْلَةٍ بَاتَ بِهَا قَوْمٌ. فَقَالَ: «أَتَانِي دَاعِي الْجِنِّ فَذَهَبْتُ مَعَهُ فَقَرَأْتُ عَلَيْهِمُ الْقُرْآنَ» قَالَ: فَانْطَلَقَ بِنَا فَأَرَانَا آثَارَهُمْ وَآثَارَ نِيرَانِهِمْ. [6]

މާނައީ: ”ޢާމިރު ވިދާޅުވިއެވެ. ޢަލްޤަމާއާ ތިމަން ސުވާލު ދެންނެވީމެވެ. ރަސޫލާ صلى الله عليه وسلم ޖިންނީންނާ ބައްދަލުކުރެއްވި ރޭ، އެކަލޭގެފާނުގެ އަރިހުގައި އިބްނު މަސްޢޫދު ހުންނެވި ހެއްޔެވެ؟

ޢަލްޤަމާ ވިދާޅުވިއެވެ. އިބްނު މަސްޢޫދާ ތިމަން ސުވާލު ދެންނެވީމެވެ. ތިމަން ދެންނެވީ: ތިޔަ ބޭކަލުން ކުރެ އެއްވެސް ބޭކަލަކު ރަސޫލާ صلى الله عليه وسلم ، ޖިންނީންނާ ބައްދަލުކުރެއްވި ރޭ އެކަލޭގެފާނުގެ އަރިހުގައި ހުންނެވި ހެއްޔެވެ؟

ވިދާޅުވިއެވެ. ނޫނެކެވެ. އެހެނަސް އެއްރެއަކު އެކަލޭގެފާނުގެ އަރިހުގައި ތިމަން ބޭކަލުން ތިއްބަވަނިކޮށް އެކަލޭގެފާނު ގެއްލިގެން ވާދީތަކާއި މަގުތައް ތިމަން ބޭކަލުން ހޯއްދެވީމެވެ. އަދި (އެކަލޭގެފާނު ނުފެނުމުން އެކަމާ ކަންބޮޑުވެގެން) ބަޔަކު ވޭތި ކުރާނެ އެންމެ އުނގަދޫ ރޭ ތިމަން ބޭކަލުން ވޭތިކުރީމެވެ. ފަތިސްވުމުން ހިރާއާ ދިމާލުން އެކަލޭގެފާނު ވަޑަގަންނަވައިފިއެވެ.

ފަހެ ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ފަހެ ކަލޭގެފާނު ގެއްލުމުން ތިމަންބޭކަލުން ކަލޭގެފާނު ހޯދަން އުޅެގެންވެސް ނުފެނުނެވެ. އަދި (ކަލޭގެފާނު ނުފެނުމުން އެކަމާ ކަންބޮޑުވެގެން) ބަޔަކު ވޭތި ކުރާނެ އެންމެ އުނގަދޫ ރޭ ތިމަން ބޭކަލުން ވޭތިކުރީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ޖިންނީންގެ ބަޔަކު އައުމުން ތިމަންކަލޭގެފާނު އެބައިމީހުންނާ އެކުގައި ގޮސް އެބައިމީހުންނަށް ކީރިތި ޤުރުއާން ކިޔައިދެއްވީމެވެ.

ދެން އެކަލޭގެފާނު ތިމަންބޭކަލުންނާއެކު ވަޑައިގެން އެބައިމީހުން ތިބި ތަންތަނުގެ އަޘަރުތަކަކާއި އެބައިމީހުންގެ އަލިފާންތަކުގެ އަޘަރުތަކެއް ދެއްކެވިއެވެ.“

އަދި ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން ވާދީއަކަށް ފައިބައިފިނަމަ އެތަނުގައި ތިބޭ ޖިންނީންގެ ބޮޑުންގެ ކިބައިން ރައްކާތެރިކަން ހޯދާ އުޅުނެވެ. [7]

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا﴾ [سورة الجن ٦]

މާނައީ: ”އަދި އިންސީންގެ ތެރެއިން ފިރިހެނުން، ޖިންނީންގެ ތެރެއިން ފިރިހެނުންގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައި ވެއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) ކާފިރުކަމާއި ބޮޑާކަން އިތުރުކުރުވިއެވެ.“

އިސްލާމްދީން އައުމަށް ފަހު އެކަންވަނީ ނަހީކުރައްވާފައެވެ. އަދި އެފަދަ ކަންތައްތައް ދޫކޮށް ﷲ ތަޢާލާގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދުމަށް މީސްތަކުންނަށް އަމުރުކުރެއްވިއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ نَزَلَ مَنْزِلًا ثُمَّ قَالَ: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ، لَمْ يَضُرَّهُ شَيْءٌ، حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ» [8]

މާނައީ: މީހަކު މަންޒިލަކަށް ފައިބާފައި أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ، މިފަދައިން ކިޔައިފިނަމަ އެމަންޒިލު ދޫކޮށްފައިވާ ހިނގައްޖައުމަށް ދާންދެން އެއްވެސް އެއްޗެއްގެ ފުށުން އޭނާއަށް ގެއްލުމެއް ނުވާނެއެވެ.“

މިދުޢާގެ މާނައަކީ: މާތްﷲގެ ފުރިހަމަވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް، އެއިލާޙު ހެއްދެވި އެންމެހާ މަޚުލޫޤުންގެ ނުބައިކަމުން މިއަޅާ (އެއިލާހުގެ ޙަޟްރަތުން) ރައްކާތެރިކަމަށް އެދެމެވެ.“

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

”ވާދީތަކުގައި[9] ޖިންނީން އުޅޭކަމަށް ބެލެވެއެވެ. ފަހެ އުސް ބިންތަކަށްވުރެ ގިނައިން ވާދީތަކުގައި ޖިންނީން އުޅެއެވެ. އެހެންކަމުން އިންސާނުންގެ ތެރެއިން މީހަކު ވާދީއަކަށް ފައިބާނަމަ، أَعُوذُ بِعَظِيمِ هَذَا الْوَادِي مِنْ سُفَهَائِهِ (މާނައީ: މިވާދީގެ މޮޔައިންގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި މިވާދީގެ މަތިވެރި ފަރާތުގެ ކިބައިން އެދެމެވެ.) މިފަދައިން ކިޔާ އުޅުނެވެ. ފަހެ އިންސާނުން ޖިންނީންގެ ގާތުން ރައްކާތެރިކަމަށް އެދޭތަން ފެނުމުން އެބައިމީހުންގެ ނުބައިކަން އިތުރުވެއެވެ. އެހެންކަމުން ތަވީދުތަކާއި ޖިންނީންނާއި އެސޮރުމެންގެ ބޮޑުންގެ ނަންތައް ހިމެނޭ (ޝިރުކުގެ) ރުޤްޔާތައް އިންސާނުން ހަދާ އޭގެ ބޭނުން ކުރެއެވެ.

ފަހެ އެބައިމީހުން މަތިވެރިކުރާ ޖިންނީންގެ ނަންތަކުން އެބައިމީހުން ހުވާކުރެއެވެ. އޭރުން ޖިންނީންގެ ކިބައިން އިންސާނުން އެދޭ ބައެއް ކަންތައްތައް އެ ޖިންނީން ފުއްދައިދެއެވެ. މިކަމުގެ ސަބަބުން އިންސާނުންގެ މައްޗަށް ޖިންނީން މަތިވެރިވެ ޝަރަފުވެރިވެއެވެ. އެހެނެއްކަމަކު ޖިންނީންނަށްވުރެ އިންސާނުން ޝަރަފުވެރިވެގެންވާކަމާއި އެބައިމީހުންގެ ޤަދަރު މަތިވެރިވެގެންވާކަން ޖިންނީންނަށް އެނގެއެވެ. އިންސާނުން ޖިންނީންގެ ގާތުން ރައްކާތެރިކަމަށް އެދޭނަމަ އޭނާގެ މިސާލަކީ، މީސްތަކުންގެ ތެރެއިން ބޮޑުން، ނިކަމެތިންގެ ގާތުން އޭނާގެ ޙާޖަތެއް ފުއްދައިދިނުމަށް އެދުމެވެ.“ [10]

ކަނޑަކީވެސް އިންސާނުން އާރާސްތުކުރާ ތަނަކަށް ނުވާތީ އެތަނުގައި ޖިންނި ޝައިޠާނުން އުޅުން އެކަށީގެންވެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ إِبْلِيسَ يَضَعُ عَرْشَهُ عَلَى الْمَاءِ، ثُمَّ يَبْعَثُ سَرَايَاهُ» [11]

މާނައި: ”ހަމަކަށަވަރުން ޝައިޠާނާ އެސޮރުގެ އަރުޝި ބަހައްޓަނީ ފެންމަތީގައެވެ. ދެން އެއަށްފަހު އެސޮރުގެ ލަޝްކަތުރައް ފޮނުވައެވެ.“

އައްނަވަވީ رحمه الله ވިދާޅުވިއެވެ.

”އޭގެ މުރާދަކީ އޭނާގެ މަރުކަޒު ހުންނަނީ ކަނޑުގައިކަމެވެ.“ [12]

އަދި ބައެއް ފަހަރު އިންސާނުން ދިރި އުޅޭ ގެދޮރުތަކަށް އެސޮރުމެން އައިސް އުޅެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا دَخَلَ الرَّجُلُ بَيْتَهُ، فَذَكَرَ اللهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ، قَالَ الشَّيْطَانُ: لَا مَبِيتَ لَكُمْ، وَلَا عَشَاءَ، وَإِذَا دَخَلَ، فَلَمْ يَذْكُرِ اللهَ عِنْدَ دُخُولِهِ، قَالَ الشَّيْطَانُ: أَدْرَكْتُمُ الْمَبِيتَ، وَإِذَا لَمْ يَذْكُرِ اللهَ عِنْدَ طَعَامِهِ، قَالَ: أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ» [13]

މާނައީ: “މީހަކު އޭނާގެ ގެއަށް ވަންނަހިނދު، ﷲ ތަޢާލާގެ ޛިކުރުކޮށް އަދި ކާހިނދުގައިވެސް އެފަދައިން ކިޔައިފިނަމަ ޝައިޠާނާ ބުނެއެވެ. ‘ތިޔަބައިމީހުން ރޭކުރާނެ ތަނެއް އަދި ރޭގަނޑުގެ ކެއުމެއްވެސް މިތާކު ނެތެވެ.’ އަދި އޭނާ ވަންނަހިނދު، ﷲގެ އިސްމުފުޅު ޛިކުރު ނުކުރާނަމަ ބުނެއެވެ. ‘ތިޔަބައިމީހުން ރޭކުރާނެ ތަނެއް ލިބިއްޖެއެވެ.’ އަދި ކާހިނދު ﷲގެ އިސްމުފުޅު ޛިކުރު ނުކުރާނަމަ ބުނެއެވެ. ‘ތިޔަބައިމީހުން ރޭކުރާނެ ތަނަކާ އަދި ރޭގަނޑުގެ ކެއުންވެސް ލިބިއްޖެއެވެ.‘ “


* ޤަޟާ ޙާޖާ ކުރާ ތަންތަނުގައި

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ هَذِهِ الْحُشُوشَ مُحْتَضَرَةٌ، فَإِذَا دَخَلَهَا أَحَدُكُمْ فَلْيَقُلِ: اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ».[14]

މާނައީ: ”ހަމަކަށަވަރުން ޤަޟާ ޙާޖާކުރާ މިފަދަ ތަންތަނަށް (ޝައިޠާނުން) ޙާޟިރުވެއެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު އެތަނަށް ވަންނަމުން اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ މިފަދައިން ކިޔާށެވެ.“

މިދުޢާގެ މާނައަކީ: ”އޭﷲ! ނުބައިވެގެންވާ ފިރިހެން ޝައިޠާނުންނާއި ނުބައިވެގެންވާ އަންހެން ޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބައިލާހުގެ ޙަޟުރަތަށް ދަންނަވަމެވެ.“

* މިޙަދީޘްގައިވާ «الْخُبُث» ގައި ޢިލްމުވެރިން ދެގޮތަކަށް ފިލި ޖައްސަވައެވެ.

ފުރަތަމައީ: الخُبُث އެވެ.

ދެވަނައީ: الخُبْث ، ގިނަ ރިވާޔާތްތައް އައިސްފައިވަނީ މިފަދައިންނެވެ.  [15]

* އަދި «الْخُبُث وَالْخَبَائِث» ގެ ދެމާނައެއް ޢިލްމުވެރިން ކުރައްވާފައިވެއެވެ.

ފުރަތަމައީ: «الْخُبُث» އަކީ ފިރިހެން ޝައިޠާނުންނެވެ. «الْخَبَائِث» އަކީ އަންހެން ޝައިޠާނުންނެވެ.

ދެވަނައީ: «الْخُبُث» އަކީ ނުރުހޭފަދަ ކަންތައްތަކެވެ. «الْخَبَائِث» އަކީ އަންހެން ޝައިޠާނުންނެވެ. [16]

* މިޙަދީޘްގައި މިވާ الْحُشُوش ގެ މުރާދަކީ ޤަޟާ ޙާޖާ ކުރާ ތަންތަނެވެ. الْحُشُوش: އަކީ الحَشّ ގެ ގިނަ ގޮތެވެ. އެއީ އިހު ޒަމާނުގައި އެފަދަ ތަންތަނަށް ކިޔާ އުޅޭ ނަމެކެވެ. އޭގެ މާނައަކީ ބަގީޗާއެވެ. އެފަދައިން ނަން ދެވިފައިވަނީ ގިފިލިތައް ހެދުމުގެ ކުރިން މީސްތަކުން އެފަދަ ބަގީޗާތަކަށް ޤަޟާޙާޖާއަށް ދާތީއެވެ. [17]

މިސަބަބަށްޓަކައި ބައެއް ގަސްތަކަކީ ނުވަތަ ގަސްތައް ގިނަ ތަންތަނަކީ ނާމާން ތަންތަންކަމުގައި ބައެއް މީހުން ޤަބޫލުކުރެއެވެ. ގަސްގަހަކީ އޭގެޒާތުގައި ނާމާން އެއްޗެއް ނޫނެވެ. އެހެނަސް އެފަދަ ތަންތަނުގައި ޝައިޠާނުން އުޅެދާނެ ޙާލަތްތަކެއް ވެއެވެ. އޭގެ ތެރޭގައި:

– ގިފިލިފަދަ ތަންތަނުގައި ހުންނަ ގަސްތައް ކައިރިއަށް ޝައިޠާނުން އަތުވެދާނެއެވެ. އިސްވެ ބަޔާންވެ ދިޔަ ޙަދީޘްގައިވަނީ:

«إِنَّ هَذِهِ الْحُشُوشَ مُحْتَضَرَةٌ»

މާނައީ: ”ހަމަކަށަވަރުން ޤަޟާ ޙާޖާކުރާ މިފަދަ ތަންތަނަށް (ޝައިޠާނުން) ޙާޟިރުވެއެވެ.“ ޤަޟާޙާޖާ ކުރަން ތަނަކަށް ވަންނައިރު ކިޔާ ދުޢާ ކިޔުމަށް ޝަރުޢުކުރައްވާފައިވަނީ އެހެންވެއެވެ. ގިފިލި ނުވަތަ ގޮނޑުފަދަ ނަޖިސްތަންތަނަށް ޝައިޠާނުން ގޮސް އުޅެއެވެ.

– މުންކަރާތްތައް ކުރާ ތަންތަނަށް ޝައިޠާނާ ޙާޟިރުވެއެވެ. އެގޮތުން ޝިރުކާއި ފާޙިޝް ޢަމަލުތައް ކުރާ ތަންތަނަށް ޝައިޠާނާ ޙާޟިރުވެއެވެ. [18]

– މީސްތަކުން ނުދާ އެކަހެރި ތަންތަންތަނުގައި ހުންނަ ގަސްތައްކައިރީގައި އެސޮރުމެން އުޅެދާނެއެވެ.

– ސިޙުރު ހަދާފައި ހުންނަ ގަސްތައް ކައިރީގައިވެސް ޝައިޠާނުންގެ އުނގަދޫތައް ގިނަވެއެވެ.

އަދި މިނޫން ޙާލަތްތަކުގައިވެސް ހުރިހާ ތަނެއްގައިވެސް ބައެއް ވަޤުތުތަކުގައި ޖިންނި ޝައިޠާނުން އުޅުން އެކަށީގެންވާތީ އެފަދަ ކަންތައްތަކަށް ރައްކާތެރިވުމުގެ ގޮތުން ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުން އާދަކުރުމާއި – މިލިޔުމުގައި ކުރިން ބަޔާންވެ ދިޔަ ޛިކުރު – އެފަދަ ތަނަކަށް ގޮސްފައި ކިޔުން އެދެވިގެންވެއެވެ.

* އަދި ބައެއް ރަށްރަށުގައި ހުންނަ ބައެއް ގަސްތައް ނާމާންކަމަށް މީހުން ޤަބޫލުކުރެއެވެ. އެއީ އެތަންތަނާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ބިނާކޮށެވެ. ފަޅު ސަރަހައްދުތަކުގައި އެކި މުންކަރާތްތަކަށް އަރައިގަންނަ މީހުން، އެތަންތަނަށް މީހުން ދިޔަ ނުދިނުމަށް އެފަދަ ދޮގުވާހަކަތައް ހަދާ އުޅެއެވެ.

* ބައެއް މާގަސްތަކަކީ ނުވަތަ ނިކަ ގަހަކީ ނުވަތަ ބިލެތް ޅޮއްސަކީ ނުވަތަ ކަށިކެޔޮ ގަހަކީ ނާމާން ގަސްތައްކަމުގައި ބައެއް މީހުން ދެކެއެވެ. އެފަދަ ގަސްތަކާމެދު ރަނގަޅު ގޮތަކީ އެފަދައިން ނުދެކުމެވެ. އެހެނީ ޙަދީޘްގައި އައިސްފައިވެއެވެ.

«لَيْسَ مِنَّا مَنْ تَطَيَّرَ أَوْ تُطُيِّرَ لَهُ» [19]

މާނައީ: ”ބަދުފާލު ބަލާ މީހާއާއި ބަލުވާ މީހާ އަހަރުމެންގެ ތެރެއިން ނުވެއެވެ.“

މިތަނުގައި އެވާ ބަދުފާލަކީ އެއީ އިވޭ އަޑަކީ ނުވަތަ ފެންނަ އެއްޗަކީ ސުންޕާ އެއްޗެއްކަމަށް ދެކުމެވެ. އަދި އެއެއްޗެއް އިވުމުން ނުވަތަ ފެނުމުން، އޭ ސަބަބުން އާދަޔާ ޚިލާފު ގޮތަކަށް އެމީހަކަށް ނޭދެވޭ އަސަރެއް ކުރާނެކަމަށް ދެކުމެވެ. [20]

ޖާހިލިއްޔަ ޒަމާނުގައިވެސް މީސްތަކުން އެކިއެކި އެއްޗިއްސާ މެދު އެފަދައިން ހީކޮށް އުޅުނެވެ. ބައެއް މީހުން ދެކި އުޅުނީ ގޭގެ ފުރާޅު މަތީގައި ބަކަމޫނެއް ޖައްސައިފިނަމަ އެގޭގެ މީހަކު މަރުވާނެކަމަށެވެ. [21] އިސްލާމް ދީން އައުމަށް ފަހު މިފަދަ ހީކުރުންތަކާއި ޤަބޫލުކުރުންތައް ދޫކޮށްލުމަށް މީސްތަކުންނަށްވަނީ އަމުރުވެވިގެންނެވެ.

ކުރިން ބަޔާންވެދިޔަ ފަދައިން، ބައެއް ޙާލަތްތަކުގައި އެފަދަ ގަސްތައް ދޮށުގައި ޝައިޠާނުންގެ އުނދަގޫތައް ފާޅުވިޔަސް، އެފަދަ ގަސްތައް ކައިރިއަށްދާ ކޮންމެ ފަހަރަކު ނުވަތަ އެތަނަށް ދާ ކޮންމެ މީހަކަށް އެފަދަ ކަންތައްތައް ދިމާނުވާކަން އެއީ ޙަޤީޤަތެކެވެ.

އެހެންކަމުން އެފަދަ ގަސްތަކަކީ އޭގެ ޛާތުގައި ނާމާން ގަސްތަކެއްކަމުގައި ދެކެވޭ ވާހަކައަކީ ތެދު ވާހަކަތަކެއް ނޫނެވެ.


* ބާޒާރުތަކުގައި

ސަލްމާނު رضي الله عنه ވިދާޅުވިއެވެ.

”لَا تَكُونَنَّ إِنِ اسْتَطَعْتَ، أَوَّلَ مَنْ يَدْخُلُ السُّوقَ وَلَا آخِرَ مَنْ يَخْرُجُ مِنْهَا، فَإِنَّهَا مَعْرَكَةُ الشَّيْطَانِ، وَبِهَا يَنْصِبُ رَايَتَهُ“. [22]

މާނައީ: ”ތިބާއަށް ކުޅަދާނަކަން ލިބިގެންވާނަމަ، ބާޒާރަށް އެންމެ ފުރަތަމަ ވަންނަ މީހާކަމުގައި އަދި އެންމެ ފަހުން ނުކުންނަ މީހާކަމުގައި ނުވާށެވެ. އެހެނީ ހަމަކަށަވަރުން އެއީ ޝައިޠާނާގެ ހަނގުރާމައިގެ މައިދާނެއެވެ. އޭނާގެ ދިދަ ބަހައްޓާފައި ހުންނަނީ އެތަނުގައެވެ.“

މިބަސްފުޅުގައި ޝައިޠާނާގެ ދިދަ އެތާ ބަހައްޓާފައި ހުންނަކަމަށް ސިފަކުރައްވާފައި އެވަނީ އެތަނަށް ދާ މީހުން މަގުފުރެއްދުމަށް އޭނާ އުންމީދުކުރާލެއް ބޮޑުކަމުންނެވެ. އެއީ ހަނގުރާމައިގައި ދިދަ ބަހައްޓަނީ މޮޅުވާނެކަމަށް އުންމީދު ބޮޑުވުމުންނެވެ. [23]

ބާޒާރުތަކަކީ ދޮގުހެދުމާއި އޮޅުވާލުމާއި ދޮގު ހުވާކޮށްގެން މުދާ ވިއްކުމާއި ޢައުރައަށް ބެލުމާއި ނުބައި ބަސްތައް ކިޔައި ޒުވާބުކޮށް އުޅުމާ އަދި މިނޫންވެސް މުންކަރާތްތައް ގިނައިން ހިނގާ ތަނެކެވެ.

އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ ކީރިތި ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ މިފަދަ އިރުޝާދުތަކުން ހިދާޔަތު ލިބިގަނެ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް އިޞްލާޙު ކުރުމެވެ. ކާމިޔާބާއި ފަލާހު ވަނީ އެގޮތުގައެވެ.

 


 

[1] ބައްލަވާ: عالم الجن لد. عبدالكريم عبيدات (ص:30 – 42).

[2]  ބައްލަވާ: مختصر الصواعق المرسلة لابن الموصلي (1/119-120).

[3]  أخرجه الحاكم (3702)، والبيهقي في الأسماء والصفات (827)، وصححه الألباني في مشكاة المصابيح (4148).

[4] ބައްލަވާ: فتح المنان في جمع كلام شيخ الإسلام ابن تيمية عن الجان (ص:32).

[5] ބައްލަވާ: حاشية كتاب التوحيد لابن القاسم (ص:128) والقول المفيد لابن العثيمين (1/315).

[6] أخرجه مسلم في صحيحه، كتاب: الصلاة، باب: الجهر بالقراءة في الصبح والقراءة على الجن برقم: 150 – (450).

[7] މުޖާހިދުގެ އަރިހުން ޞައްޙަ މަގުން މިކަން ވާރިދުވެފައިވެއެވެ. ބައްލަވާ: موسوعة الصحيح المسبور من التفسير بالمأثور لــ أ. د. حكمت بشير (4/543).

[8] أخرجه مسلم في صحيحه، كتاب: الذكر والدعاء والتوبة والاستغفار، باب: في التعوذ من سوء القضاء ودرك الشقاء وغيره برقم: 54 – (2708).

[9]  ވާދީއަކީ ފަރުބަދަތަކުގެ ދެމެދުގައިވާ ހުސްތަންތަނެވެ. ބައްލަވާ: القاموس المحيط لفيروزآبادي (ص: 1342).

[10] مجموع الفتاوى لإبن تيمية (19/33-34).

[11] أخرجه مسلم في صحيحه، كتاب: صفة القيامة والجنة والنار، باب: تحريش الشيطان وبعثه سراياه لفتنة الناس وأن مع كل إنسان قرينا برقم: 67 – (2813).

[12] شرح صحيح مسلم للنووي (17/157).

[13] أخرجه مسلم في صحيحه، كتاب: الأشربة، باب: آداب الطعام والشراب وأحكامهما برقم: 103 – (2018).

[14]  أخرجه أبو داود في سننه برقم: (6) وابن ماجه في سننه برقم: (296) ، وأحمد في مسنده برقم: (19286)، برقم: (19331)، برقم: (19332) والنسائي في الكبرى برقم: (9820  – 9823) وابن خزيمة في صحيحه برقم: (69) وابن حبان في صحيحه برقم: (1406) ، برقم: (1408) والحاكم في مستدركه برقم: (668  – 669).

وأخرج مسلم في صحيحه برقم: (375) عن أنس قال: أَنَّ رَسُولَ اللهِ صلى الله عليه وسلم كَانَ إِذَا دَخَلَ الْكَنِيفَ قَالَ: «اللهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ». وهذا اللفظ ثابت. وأما ذكر احتضار الشياطين الحشوش اختلفوا في إثباته للإختلاف الوارد في أسانيده. قال الترمذي: ”في إسناده اضطراب وسأل البخاري عنه فقال لعل قتادة سمعه من القاسم بن عوف الشيباني والنضر بن أنس عن أنس وم يقض في هذا بشيء“ (2/391). وقال الحاكم: ”قد احتج مسلم بحديث لقتادة، عن النضر بن أنس، عن زيد بن أرقم … وهذا الحديث مختلف فيه على قتادة“ وقال الذهبي تعليقا على قول الحاكم: كلاهما – يعني الحديث (668) ورقم (669) – على شرط الصحيح (المستدرك مع تعليق الذهبي (1/297) برقم: (668)) وصحح إسناده الألباني ولم ير اضطرابا في الحديث وفصل القول في ذلك (انظر: صحيح أبي داود (1/26) والسلسلة الصحيحة له (3/58)).

[15] ބައްލަވާ: شرح صحيح مسلم للنووي (4/71) وفتح الباري لإبن حجر (1/243).

[16] ބައްލަވާ: النهاية لابن الأثير (2/6) وفتح الباري لإبن حجر (1/243).

[17] ބައްލަވާ: النهاية لابن الأثير (1/390).

[18] ބައްލަވާ: فتح المنان في جمع كلام شيخ الإسلام ابن تيمية عن الجان (ص:34).

[19] أخرجه البزار في مسنده برقم: (3578) وقال الألباني: صحيح لغيره (انظر: صحيح الترغيب والترهيب (3041)).

[20] ބައްލަވާ: حاشية كتاب التوحيد لابن القاسم (ص:212).

[21] ބައްލަވާ: فتح المجيد شرح كتاب التوحيد لعبد الرحمن (ص:309).

[22] أخرجه مسلم في صحيحه، كتاب: فضائل الصحابة رضي الله تعالى عنهم، باب: من فضائل أم سلمة أم المؤمنين رضي الله عنها برقم: 100 – (2451).

[23] ބައްލަވާ: كشف المشكل لابن الجوزي (4/19).