މިގޮތަށް (ފަރުޟު ނަމާދާއި ސުންނަތް ނަމާދު) ވަކިކޮށްލުމުގެ އެންމެ ފުރިހަމަ ގޮތަކީ ގެއަށް އައުމަށްފަހު ސުންނަތް ނަމާދު ކުރުމެވެ.
ޒައިދު ބުން ޘާބިތުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ، فَإِنَّ أَفْضَلَ الصَّلاَةِ صَلاَةُ المَرْءِ فِي بَيْتِهِ إِلَّا المَكْتُوبَةَ» [متفق عليه]
މާނައީ: “ފަހެ މީސްތަކުންނޭވެ! (ސުންނަތް ނަމާދުތައް) ގޭގައި ކުރާހުށިކަމެވެ. ފަރުޟު ނަމާދު ފިޔަވާ އަޅާ ކުރާ އެންމެ ހެޔޮ ނަމާދުތަކަކީ އޭނާ ގޭގައި ކުރާ ނަމާދެވެ.”
މިފޮތުގައި ސުންނަތް ނަމާދުތަކުގެ ބައިގައި މިޙަދީޘް އިސްވެ ބަޔާންވެގެން ހިނގައްޖެއެވެ.
ގޭގައި ސުންނަތް ނަމާދުތައް ކުރުމުގައި ގިނަގުނަ މަޞްލަޙަތުތަކެއް ވެއެވެ. އިސްވެ ނަންގަނެވުނު ބާބުގައި އެކަމަށްވެސް އިޝާރާތްކޮށްފައި ވާނެއެވެ. އޭގެން އިސްތިޘްނާ ކުރެވެނީ ސުންނަތް ނަމާދުތަކުން ކުރެ ޖަމާޢަތުގައި ކުރުން ޝަރުޢުކުރައްވާފައިވާ ނަމާދުތަކެއެވެ. އެއީ ތަރާވީޙް ނަމާދާއި ކޭތަ ނަމާދާއި އިސްތިސްޤާ ނަމާދުފަދަ ނަމާދުތަކެވެ…
މިފަދައިން (ފަރުޟުނަމާދާއި ސުންނަތް) ނަމާދު ވަކިކޮށްލުމަކީ ހަމައެކަނި ހުކުރު ނަމާދަށް ޚާއްޞަކަމެއް ނޫނެވެ. އެހެނަސް އެއީ ހުރިހާ (ފަރުޟު) ނަމާދަކަށްވެސް އޮތް ކަމެކެވެ. އެހެންކަމުން މި ޙަދީޘްގެ ރާވީ އެވަނީ މިޙަދީޘްގައި ހުރިހާ ނަމާދެއް ޢާންމުވެގެންވާތީ އެއިން ހުކުރު ނަމާދުވެސް ޚާއްޞަކޮށްގެން މިކަމުގައި ހިމަނުއްވާފައެވެ. މީގެން ދަލީލު ލިބެނީ ޢާންމު ދަލީލަކުން ޚާއްޞަ ކަމަކަށްވެސް ޞަހާބީ ބޭކަލުން ދަލީލު ނަންގަވާ ކަމެވެ.
އެއް ނަމާދު އަނެއް ނަމާދާ ވަކިކުރުމާމެދު ދަންނައެވެ. ބައެއް ޢިލްމުވެރިން އެކަން ޚާއްޞަ ކުރައްވާފައިވަނީ ފަރުޟު ނަމާދާއި ސުންނަތް ނަމާދު ގުޅުވުމާއެވެ. އެއީ އިސްވެ ބަޔާންވެގެން ދިޔަ ސަބަބާ ހުރެއެވެ. އެއީ ފަރުޟު ނަމާދަށް (ބަޔަކު) އިތުރުކޮށްފާނެތީއެވެ. މި ބަސްފުޅަށް ބަލާނަމަ އެއް ސުންނަތް ނަމާދު ނިމުމުން (މިޙަދީޘްގައިވާ ފަދައިން) ވާހަކަ ދެއްކުމާއި ތަން ބަދަލުކުރުމުން ވަކިކޮށްލުމެއް ނެތި ސުންނަތް ނަމާދުތައް ކުރެވިދާނެއެވެ.
އެހެނަސް ބައެއް ބޭކަލުން ދެކެވަޑައިގަންނަވަނީ ދެ ސުންނަތުގެ ދެމެދުގައިވެސް އެއް ތަނުން އަނެއް ތަނަށް ބަދަލުވެ ވަކިކޮށްލުމަށެވެ. މިކަމުގެ ބޭނުމަކީ – އިސްވެ ބަޔާންވެދިޔަ ފަދައިން – އަޅުކަން ކުރާ ތަންތަން އިތުރުކުރުމެވެ. މިލިޔުމުގައި މިވާ ޙަދީޘުން މިކަމަށް ދަލާލަތު ކުރެވިދާނެއެވެ. އެހެނަސް ޖުމްހޫރު ޢިލްމުވެރިން މިކަން ޚާއްޞަކޮށްފައިވަނީ – އިސްވެ ދިޔަ ފަދައިން – ސުންނަތް ނަމާދުން ފަރުޟު ނަމާދު ވަކިކުރުމަށެވެ.
= ނިމުނީ =
______________________
މަޞްދަރު: منحة العلام لفضيلة الشيخ عبدالله بن صالح الفوزان (4/54-57).