ފަސްވަނަ ނުކުތާ:
ހަމަކަށަވަރުން މުސްލިމަކަށް އޭނާގެ ޞިއްޙަތަށް ނުވަތަ އަހުލުންނާ ދަރިންނަށް ނުވަތަ މުދަލާއި ވިޔަފާރިއަށް ނުވަތަ އެނޫން އެފަދަގޮތަކަށް ކުރިމަތިވާ މުޞީބާތުގައި ކެތްތެރިވެ ﷲ ގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދުމަކީ ﷲ جلّ وعلا ގެ ޙަޟްރަތުގައި އޭނާގެ ޝަރަފާއި މަޤާމު އުފުލޭނެ ކަމެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ [١٥٥] الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّـهِ وَإِنَّا إِلَيْهِ رَاجِعُونَ [١٥٦] أُولَـٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَـٰئِكَ هُمُ الْمُهْتَدُونَ [١٥٧]﴾ [سورة البقرة 155 – 157]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުން އިމްތިޙާނު ކުރައްވާ ހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ! [155] އެބައިމީހުންނީ އެބައިމީހުންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ އަދި ހަމަކަށަވަރުން ތިމަންމެންނީ، އެއިލާހުގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. [156] އެބައިމީހުންނީ، އެބައިމީހުންގެ ރައްބުގެ ޙަޟްރަތުން މަޣްފިރަތާއި ރަޙްމަތް އެބައިމީހުންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެބައިމީހުންނެވެ. [157]”
ފަހެ، ﷲ تبارك وتعالى އެއިލާހުގެ އަޅަކު އިމްތިޙާނުކުރައްވަނީ އޭނާގެ ޝަކުވާ އައްސަވާ، އޭނާ އެއިލާހުގެ ޙަޟްރަތަށް އިޚްލާޞްތެރިކަމާއެކު ރުޖޫޢަވެ، ދުޢާކޮށް، އެކަމަށް ކެތްތެރިވެ، އެއިލާހުގެ ނިޔާފުޅަށް އޭނާ ރުހުމަށެވެ. ފަހެ، އެއިލާހުގެ އަޅުތަކުންނަށް މުޞީބާތެއް ޖެހުމުން އެކަން އެއިލާހު ބައްލަވާވޮޑިގެންވެއެވެ. އަދި އެބައިމީހުންގެ ލޮލުގެ ޚިޔާނާތްތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި ކޮންމެ އަޅަކަށްމެ، އެމީހެއްގެ ޤަޞްދާއި ނިޔަތަށް ޘަވާބު ދެއްވައެވެ. އެގޮތުން ބައްޔެއް ޖެހުމުން ނުވަތަ ބޮޑު ކަމެއް ޖެހުމުން ނުވަތަ މުދާ މަދުވުމުން ނުވަތަ އެނޫންވެސް އެފަދަކަމެއް ޖެހުމުން އޭނާގެ މައްޗަށް އޮތީ ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދުމެވެ. އަދި އެކަމަށް ކެތްތެރިވެ، އެކަމަށް ރުހި، ކެތްތެރިންނަށް ލިބެން އޮތް ޘަވާބު ހާޞިލުކުރުމެވެ. އަދި އެކަމުން ސަލާމަތްވެއްޖެ މީހާ ފަހެ، ﷲ އަށް ޙަމްދުކުރާށެވެ. އެއީ ޝުކުރުވެރިންނަށް ލިބެން އޮތް ޘަވާބު ހާޞިލުކުރުމަށެވެ.
ހަވަނަ ނުކުތާ:
އެންމެ ބޮޑު މުޞީބާތަކީ ދީނުގެ ކަންކަމުގައި ޖެހޭ މުޞީބާތެވެ. އެއީ ދުނިޔެއާއި އާޚިރަތުގައިވެސް އެންމެ ބޮޑު މުޞީބާތެވެ. އެއީ ގެއްލުމުގެ ނިހާޔަތެވެ. އެއާއެކު ދެން ފައިދާއެއް ނުވެއެވެ. އެފަދަ މަޙްރޫމުކުރެއްވުމަކަށް ފަހު ދެން އުންމީދެއް ނެތެވެ. ފަހެ، މުސްލިމަކަށް އޭނާގެ ޞިއްޙަތު ނުވަތަ މުދަލުގައި މުޞީބާތެއް ކުރިމަތިވާ ހިނދު އޭނާގެ ދީން ސަލާމަތް ވީތީ ޙަމްދުކުރެއެވެ.
“شعب الإيمان” ގައި އަލްބައިހަޤީ، ޝުރައިޙް އަލްޤާޟީ رحمه الله ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ހަމަކަށަވަރުން ތިމަންކަލޭގެފާނަށް މުޞީބާތެއް ޖެހުމުން ފަހެ، ހަތަރު ފަހަރު ﷲ އަށް ޙަމްދުކުރަމެވެ. އެއީ އެއަށްވުރެ ބޮޑު ކަމެއް ނުޖެހުނީތީ ޙަމްދުކުރުމާއި އެކަމަށް ކެތްތެރިވުމުގެ ތައުފީޤު ދެއްވީތީ ޙަމްދުކުރުމާއި إِنَّا لِلَّـهِ وَإِنَّا إِلَيْهِ رَاجِعُونَ މިފަދައިން ކިޔުމުގެ ތައުފީޤު ދެއްވީތީ – އެކަމުން ލިބޭނެ ޘަވާބަށް އެދި – ޙަމްދުކުރުމާ އަދި ދީނުގެ ކަމެއްގައި (މުޞީބާތެއް) ނުޖެހުނުކަމަށްޓަކައި ޙަމްދުކުރަމެވެ. ” [رواه البيهقي في شعب الإيمان (9507)]
وأسأل الله أن يتولانا أجمعين بحفظه، وأن يمنَّ علينا بالعفو والعافية في ديننا ودنيانا وأهلينا ومالنا إنه سميع قريب مجيب.
– أ. د. عبد الرزاق بن عبد المحسن البدر ގެ ބަސްކޮޅު ނިމުނީ –
=ނުނިމޭ=
__________________________________
މިއީ أ. د. عبد الرزاق بن عبد المحسن البدر ގެ ލިޔުމެއްގެ ތަރުޖަމާއެވެ.