ވަދީޢާގެ ޙިކުމަތް
މުދާ ރައްކާތެރިކުރުމަށްޓަކައި ބައެއް ފަހަރު އެހެން މީހުންނާއި މުދާ ހަވާލުކުރަން ޖެހޭ ފަދަ ޙާލަތްތައް އާދެއެވެ. މިސާލަކަށް މީހަކު ދަތުރެއްކުރަން ޖެހުމުން އެފަދަ ދަތުރެއްގައި ހުރިހާ މުދާ ގެންދިއުމަކީ ދަތިކަމަށްވެދާނެއެވެ. ހަމަ އެފަދައިން އެމީހެއްގެ މުދާ ރައްކާތެރިކުރާނެ ގޮތެއް ނުވަތަ ތަނެއް ނެތް މީހާ އެހެން މީހެއްގެ އެހީއަށް އެދެން ޖެހިދާނެއެވެ. އެފަދަ ޙާލަތްތަކުގައި މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި އެކަމަށް އެކަށީގެންވާފަދަ އުޞޫލުތަކެއް ބޭނުންވެއެވެ. ވަދީޢާއަކީ އެއުޞޫލުތައް ހިމެނޭގޮތަށް ކަނޑައަޅުއްވާފައިވާ މުޢާމަލާތެކެވެ.
ވަދީޢާގެ ޙުކުމް
މުދާ އެހެން މީހެއްގެ އަމާނާތްތެރި ކަމުގައި ބަހައްޓަން ޖެހިއްޖެ ޙާލަތެއްގައި އޭނާގެ މުދާ ރައްކާތެރިކުރުމަށް އެހެން މީހެއްގެ ރައްކާތެރިކަމުގައި، (ވަދީޢާ) އެއްގެ ގޮތުގައި މުދާ ބެހެއްޓުމަކީ އިސްލާމްދީން ހުއްދަކުރާ މުޢާމަލާތެކެވެ. އަދި އެއީ ވަރަށް ބޮޑަށް ބާރުއަޅާ ދަރުމައާއި ޘަވާބު ހުރި ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
((واللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ)) (ރަވާހު މުސްލިމް)[1]
މާނައީ:”އަދި އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައި ދެމިހުންނަހާ ހިނދަކު، ﷲ އެއަޅާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެއެވެ.”
ފިޤުހީ މަޛުހަބުތަކުގެ ތެރެއިން ޙަނަފީ އަދި ޙަންބަލީ އަދި ޝާފިޢީ މަޛުޙަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެމީހެއްގެ އަމިއްލަ ނަފްސަށް ތިބާއީ ތެދުވެރިއެއް ކަމަށް ޤަބޫލުކުރެވި އަދި އެމުދަލެއް ރައްކާތެރިކުރެވޭނެފަދަ ކުޅަދާނަކަން ހުރިނަމަ އެމީހެއްގެ މައްޗަށް ވަދީޢާއެއްގެ ގޮތުގައި މުދާ ބެހެއްޓުން މުސްތަޙައްބު ވެގެންވެއެވެ. މާލިކީ މަޛުހަބުގެ ޢީލްމުވެރިން ވިދާޅުވަނީ ވަދީޢާ އޭގެ ޛާތުގައި އެކަން ކުރާ މީހާއާއި ޤަބޫލުކުރާ މީހާގެ ޙައްޤުގައި އެއީ ހުއްދަކަމެކެވެ.
= ނުނިމޭ =
________________
މިލިޔުމުގެ އެހެނިހެން ބައިތައް
[1] – ޞަޙީހު މުސްލިމް، ކިތާބުއް ޛިކުރު ވައްދުޢާ، ބާބުލް ފަޟުލުލް އިޖްތިމާޢު ޢަލާ ތިލާވަތުލް ޤުރުއާން، ވަޢަލައް ޛިކްރި، ޙަދީޘް ނަންބަރު 6853، ޞަފްޙާ 1173.