ވަދީޢާއާ ޒިންމާވާންޖެހޭ ޙާލަތްތައް
ވަދީޢާގެ މުޢާމަލާތް ގުޅިފައިވަނީ އަމާނާތަތްތެރިކަމާއެވެ. އެއްޗެއް ރައްކާތެރިކުރުމަށް އެމީހަކަށް އިތުބާރު ކުރެވޭފަދަ މީހަކާ ހަވާލުކުރުމެވެ. މިމުޢާމަލާތުގައި ގެރެންޓީއެއް ނުވަތަ އެގްރިމެންޓެއް ހެދުމަށް ބޭނުން ނުޖެހެނީ މިމުޢާމަލާތް ހިނގަނީ ދެމީހުންގެ މެދުގައި އޮންނަ އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ ޔަޤީންކަމުގެ މައްޗަށް ކަމުގައި ވާތީއެވެ.
އެހެންކަމުން ޢިލްމުވެރިންކުރެ ގިނަ ޢިލްމުވެރިން ވިދާޅުވެފައިވަނީ ވަދީޢާއަކީ އަމާނާތެކެވެ. ވަދީޢާއާއި ހަވާލުވި ފަރާތުގެ އިހުމާލުން ނުވަތަ ގަޞްދުގައި ދެވޭ ގެއްލުމަކުން ނޫން ގޮތަކަށް އެއެއްޗަކަށް ލިބޭ ގެއްލުމަކަށް އެއާއި ހަވާލުވާ މީހާ ޒިންމާވާކަށް ނުޖެހޭނެއެވެ. އަބޫ ބަކުރު، ޢަލީ ، އިބްނު މަސްޢޫދު ރަޟިޔަ ﷲ ޢަންހުމްގެ ކިބައިން މިފަދައިން ރިވާވެގެން އައިސްފައިވާކަމުގައި (އިބްނު ޤުދާމާ އަލްމަޤްދަސީ 1997) ލިޔުއްވާފައިވެއެވެ. އަދި ހަމަ މިފަދައިން ޝުރައިޙް، އައްނަޚަޢިއްޔު، މާލިކު، އަބުއް ޒިނާދި، އައްޘައުރީ، އަލްއައުޒާޢީ، އައްޝާފިޢީ އަދި އަޞްޙާބުއް ރައްޔުގެ ބޭފުޅުންވެސް ވިދާޅުވެފައިވާކަމުގައި (އިބްނު ޤުދާމާ އަލްމަޤްދަސީ 1997) ވިދާޅުވެފައިވެއެވެ.
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
“ مَنْ أُودِعَ وَدِيعَةً فَلاَ ضَمَانَ عَلَيْهِ ” (ރަވާޙް އިބްނު މާޖާ)[1]
މާނައީ:” އެއްޗެއް ރައްކާކުރުމަށް ހަވާލުކުރެވިފައިވާ މީހާ، އެއެއްޗަކާ ޒިންމާވާކަށް ނުޖެހޭނެއެވެ.” މިޙަދީޘްގައި މިވަނީ އެހަވާލުވާ ފަރާތުން އެއެއްޗަކަށް ފަރުވާކުޑަނުކުރާހާ ހިނދަކު އެއަށް ލިބޭ ގެއްލުމަކާ އޭނާ ޒިންމާވާން ނުޖެހޭނެ ކަމުގައެވެ. ނަމަވެސް އޭނާގެ އިހުމާލުން އެއަށް ލިބޭ ގެއްލުމަކަށް އޭނާ ޒިންމާވާން ޖެހޭނެއެވެ. އިބްނު ރުޝްދު ބިދާޔަތުލް މުޖްތަހިދު ވަ ނިހާޔަތިލް މުޤްތަޞިދުގައި ވިދާޅުވެފައިވަނީ ޖުމުލަކޮށް ފިޤުހު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ވަދީޢާއާއި ހަވާލުވާ މީހާ އެއަށް ގެއްލުމެއް (ޤަޞްދުގައި ނުވަތަ އިހުމާލުން) ދިނުމުން ނޫނީ އޭނާ އެއަށް ޒިންމާވާކަށް ނުޖެހޭނެއެވެ.
އަޙްމަދު ބުން ޙަންބަލްގެ އެހެން ރިވާޔަތެއް ވެއެވެ. އެމީހެއްގެ އަތުން ވަދީޢާއެއްގެ ގޮތުގައި ދެވިފައިވާ އެއްޗެއް ގެއްލިއްޖެނަމަ އެމީހަކު ޖޫރިމަނާ ކުރެވޭނެއެވެ. އަނަސްބުން މާލިކުއާއި ހަވާލުކުރައްވާފައިވާ އަމާނާތެއް ގެއްލުމުން ޢުމަރު ރަޟިޔަﷲ ޢަންހު އަނަސްބުން މާލިކު ޒިންމާވާން ޖެހޭނެކަމާމެދު މެދު ޙުކުމްކުރެއްވިކަމުގައި ރިވާވެގެން އައިސްފައިވެއެވެ. އެހެންނަމަވެސް ކުރިން ބަޔާންވެދިޔަ ފަދައިން އެމީހަކު ޒިންމާވާކަށް ނުޖެހޭނެއެވެ.
ނަމަވެސް އެމީހެއްގެ ފަރުވާކުޑަކަމުން ނުވަތަ ޤަޞްދުގައި ނަމަވެސް އެއަށް އިހުމާލުވެ ގެއްލުމެއް ދީފިނަމަ ނުވަތަ ގެއްލިއްޖެނަމަ އެއަށް އެމީހަކު ޒިންމާވާން ޖެހޭނެއެވެ. އެގޮތުން އެކިއެކި ސަބަބުތައް މިކަމުގައިވެއެވެ. އެއީ:
- މުދާ ހަވާލުކުރި ފަރާތުގެ ހުއްދައާއި ނުލައި އެހެން މީހަކަށް އެމުދާ ހަވާލުކުރުން
- މުދާ ހަވާލުކުރި ފަރާތުގެ ހުއްދައާއި ނުލައި އެއާއެކު ދަތުރުކުރުން
- މުދަލާއި ހަވާލުވި މީހާ ވަރަށް ބޮޑަށް ބަލިވެ ގަދަވެދާނެ ކަމަށް ބިރުހީވާ ޙާލުގައި ނުވަތަ ޤަތުލުވުމުގެ ޙާލަތަކާއި ކުރިމަތިވެއްޖެނަމަ އޭނާ އެމުދަލާމެދު އެހެންމީހަކަށް ވަޞިއްޔަތް ކުރަން ޖެހޭނެއެވެ. ވަޞިއްޔަތް ނުކޮށްފިނަމަ އެކަމުގެ ޒިންމާ އޭނާ އުފުލަން ޖެހޭނެއެވެ.
- ވަދީޢާއާއި ހަވާލުވި ފަރާތުން އޭގެ ބޭނުންކުރުން އެއަށް ގެއްލުން ލިބުންނަމަ އެއަށް ޒިންމާވާން ޖެހޭނެއެވެ.
- އެމުދާ ވަކި ގޮތަކަށް ރައްކާތެރިކުރަން ޖެހޭ މުދަލެއްކަމުގައި ކަނޑައެޅިފައިވާ ހިނދު ރައްކާތެރިކުރަންޖެހޭ ގޮތާ ހިލާފުވެއްޖެނަމަ އެމީހަކު އެއަށް ޒިންމާވާން ޖެހޭނެއެވެ.
- ވަދީޢާ ހަވާލުކުރި މީހާ އެ ރައްދުކުރުމަށް އެދުމުން އެއްވެސް ޢުޛުރެއް ނެތި ހަވާލުކުރުން ލަސްކުރުމަށްފަހު އެއަށް ލިބޭ ގެއްލުމަކާ އެމުދަލާ ހަވާލުވި މީހާ ޒިންމާވާން ޖެހޭނެއެވެ.
ވަދީޢާއާއި ހަވާލުވިފަރާތުން އެރައްދުކުރިކަމަށް ނުވަތަ ގެއްލުނީކަމަށް ދަޢުވާކޮށްފިނަމަ
ވަދީޢާއާއި ހަވާލުވިފަރާތުން އެމުދަލެއް އޭގެ ވެރިފަރާތާ ނުވަތަ އެހަވާލުކުރަންޖެހޭ މީހާއާއި ހަވާލުކުރިކަމަށް ބުނެފިނަމަ އެކަން ޤަބޫލ ުކުރެވޭނެއެވެ. އެއީ އޭނާއަކީ ތެދުވެރިއެއްކަމުގައި ވާތީއެވެ. އަދި އޭނާގެ އިހުމާލާއި ނުލައި އެމުދާ ގެއްލިފައިވާކަމަށް ނުވަތަ ހަލާކުވެފައިވާކަމަށް އޭނާ ބުނެފި ނަމަވެސް އެކަން ޤަބޫލުކުރެވިގެން ދާނެއެވެ. ސަބަބަކީ ހަމަ އޭނާއަކީ އަމާނާތްތެރިއަކަށް ވާތީއެވެ. އަދި އޭނާ އެހަދަނީ ދޮގެއްކަމުގައި ޘާބިތުވާނެ ޤަރީނާއެއް ފެންނަން ނެތް ނަމަ އޭނާ އެކަމުން ބަރީއަވެގެންވެއެވެ، ނަމަވެސް އެމުދާ ހަލާކުވެދާނެފަދަ ސަބަބެއް މިސާލަކަށް އަލިފާން ރޯވުން ފަދަ ޙާދިޘާއެއް ފެންނަން ހުރި ނަމަ އޭނާގެ ވާހަކަ ޤަބޫލުކުރެވޭނީ އެކަމެއް ހިނގިތޯ ރަނގަޅަށް ބެލުމަށް ފަހުއެވެ.
ވަދީޢާގެ މުޢާމަލާތް އުވުން
ދެމީހުންކުރެ އެކަކު މަރުވުމުން ނުވަތަ ބުއްދި ފިލާ ދިޔުމުން އެމުޢާމަލާތް އުވުނީއެވެ. އަދި އެނޫން ސަބަބަކާ ހުރެވެސް އެ ބެލެހެއްޓުމުގެ ޤާބިލުކަން ގެއްލުމުން އެ މުޢާމާލާތް އުވޭނެއެވެ. އަދި ވަދީޢާގެ ގޮތުގައި އެހުރި މުދަލެއް އޭގެ ވެރިފަރާތަށް ރައްދުކުރުން ވާޖިބުވެގެންދާނެއެވެ.
މަރުޖިޢުތައް
ކީރިތި ޤުރުއާން
އަޙްމަދު ބުން ޢަލީ ބުން މުޙައްމަދު ބުން އަޙްމަދު ބުން ޙަޖަރު، އައްތަލްޚީޞް އަލްޙަބީރު (ބައިރޫތު، ދާރުލް ކުތުބުލް ޢިލްމިއްޔާ، ޗާޕް 1، 1989) ޞ 214
ޢަބްދުﷲ ބުން އަޙްމަދު ބުން މުޙައްމަދު ބުން ޤުދާމާ އަލް-މަޤުދަސީ، އަލްމުޣުނީ (އައްރިޔާޟު، ދާރު ޢާލަމުލް ކުތުބު، ޗާޕް3، 1997) ޞ257
ޢަބްދުއްﷲ އަލްޢާބިދީ، ޝަރުޙު ބިދާޔަތިލް މުޖްތަހިދު ވަ ނިހާޔަތިލް މުޤްތަޞިދު (އައްރިޔާޟު، ދާރުއްސަލާމް، ޗާޕް1، މުޖައްލަދު 2، 1995)
ޢަބްދުﷲ މަޢްޞަރު، ތަޤުރީބު މުޢުޖަމް މުޞްޠަލަޙާތުލް ފިޤުހުލް މާލިކީ (ލެބަނޮން، ދާރުލް ކުތުބުލް ޢިލްމިއްޔާ، ޗާޕް1، 2007) ޞ141
މުޙައްމަދު ބުން އިބްރާހީމު އަލްމޫސާ، ފިޤުހުލް މުޔައްސަރު މުޖައްލަދު (ރިޔާޟް، ދާރުލް ވަޠަން، ޗާޕް2، 2012) ޞ: 217
މުޙައްމަދު ބުން އިބްރާހީމް ބްނުލް މުންޛިރު، އަލްއިޖްމާޢު (ދައުލަތުލް އިމާރާތުލް ޢަރަބިއްޔަތުލް މުއްތަހިދާ، މަކްތަބަތުލް ފުރުޤާން، ޗާޕް2، 1999) ޞ146
މުޙައްމަދު ބުން ޔަޒީދުއް ރަބުޢީއްޔު އިބްނު މާޖާ، ސުނަނު އިބްނު މާޖާ (އައްރިޔާޟު، ދާރުއްސަލާމް، ޗާޕް1، 1999)
މުސްލިމް ބުނިލް ޙައްޖާޖު ބުން މުސްލިމް، ޞަޙީޙު މުސްލިމް (އައްރިޔާޟު، ދާރުއްސަލާމް، ޗާޕް2، 2000) ޞ1173
މުޞްޠަފާ އަލްޙިން، މުޞްޠަފާ އަލްބުޣާ، އަލްފިޤުހުލް މަންހަޖީ (ބެއިރޫތް، ދާރުލް ޤަލަމް،ޖުޒްޢު7، 1992)
ޔަޙްޔާ ބިން އަބީ އަލް-ޚައިރު ބިން ސާލިމް އަލް-ޢަމްރީ އައްޝާފިޢީ، އަލްބަޔާން ފީ މަޛްހަބިލް އިމާމިއްޝާފިޢިއްޔި (ލުބުނާން، ދާރުލް މިންހާޖި، ޗާޕް1، 2000) ޞ473
= ނިމުނީ =
________________
މިލިޔުމުގެ އެހެނިހެން ބައިތައް
[1] – ސުނަނު އިބްނު މާޖާ، ކިތާބުއް ޞަދަޤާތު، ބާބުލް ވަދީޢާ، ޙަދީޘް 2401، ޞަފްޙާ 343
މިޙަދީޘްއަކި ޞަޢީފް ޙަދީޘްއެކެވެ.