ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
ނަޞްރު ލިބުމުގެ ޤާނޫނުތައް
އަންފާލު ސޫރަތުގެ މުހިއްމު ނުކުތާތައް
* ހަނގުރާމައިގެ މައިދާނުގައި ކާފިރުންނާ ބައްދަލުވާހިނދު އެއުރެންނަށް ފުރަގަސްދީ ފިލައިގެން ދިޔުމުގެ ނުބައިކަމުގެ މައްޗަށް އިންޛާރު ދެއްވާފައިވެއެވެ. (15 ވަނަ އާޔަތް)
* ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަމުރުފުޅުތައް އަޑުއަހާ ކިޔަމަންގަތުމަށް އަމުރުކުރައްވވާފައިވެއެވެ. (20 ވަނަ އާޔަތް)
* ހިތުގެ ދިރުމާއި ޙަޔާތުގެ ބާއްޖަވެރިކަމުގެ ސިއްރަކީ ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަމުރުފުޅުތަކަށް އިޖާބަދިނުން ކަމުގައި ބަޔާންވެފައިވެއެވެ. (24 ވަނަ އާޔަތް)
* އުންމަތުގެ މަޞްލަޙަތާއި ގުޅިފައިވާ ސިއްރުތައް ހާމަކުރުމަކީ ﷲ އާއި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވެވޭ ޚިޔާނާތެއް ކަމުގައި ބަޔާންކުރައްވާފައިވެއެވެ. (27 ވަނަ އާޔަތް)
* ތަޤްވާވެރިކަމުގެ ފައިދާތައް ބަޔާންކުރައްވާފައިވެއެވެ. (29 ވަނަ އާޔަތް)
* ނަޞްރުލިބުމުގެ ސަބަބުތައް ބަޔާންކުރައްވާފައިވެއެވެ. (45, 46, 47 ވަނަ އާޔަތުގައި)
މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް
- އުންމަތުގެ އެއްބައިވަންތަކަމާއި، މުއުމިނުންގެ ހިތްތައް އެކުވެރިކަމާއެކު ދެމި އޮންނަނީ ފައިސާގެ ބާރުގައެއް ނޫނެވެ. އަދި ކިއެއްތަ، އެ ފަދަ ކަންކަމަކީ މި އުންމަތަށް މާތް ﷲ ދެއްވާފައިވާ ނިޢުމަތް ތަކެކެވެ. މި ސޫރަތުގެ 63 ވަނަ އާޔަތުގެ މާނައިގައި އައިސްފައިވެއެވެ.
“އަދި އެއިލާހު އެއުރެންގެ ހިތްތައް (އެބަހީ : މުއުމިނުންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، ﷲ އެއުރެން އެކުވެރި ކުރެއްވިއެވެ.“
- މި ސޫރަތުގެ ފުރަތަމަ އާޔަތުގެ މާނައިގައިވެއެވެ.
“ޣަނީމާ މުދަލާމެދު އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ޣަނީމާ މުދާ ވަނީ ﷲ އަށާއި، ރަސޫލާއަށެވެ. ފަހެ، ﷲ އަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް އިޞްލާޙުކުރާށެވެ! އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ!”
މުއުމިނުންގެ ދެމެދުގައިވާ ގުޅުންތައް އިސްލާޙުކުރުމުގެ މުހިއްމުކަން މި އާޔަތުން އެނގިގެންދެއެވެ. ދުނިޔަވީ މަޞްލަޙަތުތަކަށްވުރެ އުޚުރަވީ ޙަޔާތުގެ ނިޢުމަތްތައް އިސްކުރަންވެސް މި އާޔަތުގައި ބާރުއަޅުއްވާފައިވެއެވެ.
- ކެތްތެރިވުމުގެ މުހިއްމުކަން
އަލް އަންފާލު ސޫރަތުގެ 46 ވަނަ އާޔަތުގެ މާނައިގައިވެއެވެ.
“އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.”
- އިސްތިޣުފާރު ކުރަމުންދާހާ ހިނދެއްގައި ޢަޛާބު ނުދެއްވުން
އަލް އަންފާލު ސޫރަތުގެ 46 ވަނަ އާޔަތުގެ މާނައިގައިވެއެވެ.
“އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ. އަދި އެއުރެން އިސްތިޣުފާރުކޮށްކޮށް ތިއްބައި، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ.”
__________________________
މަޞްދަރު: أول مرة أتدبر القرآن