-
ފިރުޢައުނުގެ އަރިހަށް ވަޑައިގަންނަވާށެވެ! އޭނާ ވަނީ ހައްދު ފަހަނައަޅާފައެވެ.
ފިރުޢައުނުގެ އަރިހަށް ވަޑައިގަތުމަށް މޫސާގެފާނަށް ﷲ އަމުރުކުރެއްވިއެވެ. އެއީ އޭނާއަށް ﷲ ގެ ދީން ފޯރުކޮށްދިނުމަށެވެ. އަދި އެކަލޭގެފާނަށް ﷲ ދެއްވި އެންމެ ފުރަތަމަ ދެ މުޢުޖިޒާތަކީ އެކަލޭގެފާނުގެ ދަޢުވަތަކީ ތެދު ދަޢުވަތެއް ކަން ބަޔާންކޮށްދޭނެ ޙުއްޖަތެކެވެ. ހަމަޔަޤީނުންވެސް ފިރުޢައުނު ބިމުގައި ބޮޑާވެގެންފިއެވެ. އަދި އޭނާ ދަނީ ބިން ފަސާދަކުރަމުންނެވެ. ފިރުޢައުނުގެ ޤައުމުގެ މީހުން ވަނީ ﷲއަށް ކާފަރުވެގެންނެވެ. އެބައިމީހުން ދަނީ ބިމުގައި ފަސާދައިގެ ބޮޑެތި ޢަމަލުތައް ހިންގަމުންނެވެ.
ހަމަޔަޤީނުންވެސް އަޅުތަކުން ﷲ އަށް ކާފިރުވުމަށް ﷲ އެދިވޮޑިގެން ނުވެތެވެ. އަދި އަޅުތަކުން ބިމުގައި ފަސާދައިގެ ޢަމަލުތައް ކުރުމަށްވެސް ﷲ ލޯބިވެވޮޑިގެން ނުވެއެވެ. މޫސާގެފާނު ފިރުޢަވްނާއި، އޭނާގެ ޤައުމުގެ މީހުން ކައިރިއަށް ވަޑައިގަތުމަށް ﷲ އިރާދަކުރެއްވިއެވެ.
(إِنَّهُمْ كَانُوا قَوْمًا فَاسِقِينَ)[1]
މާނަ: ހަމަކަށަވަރުން، ފާސިޤު ބަޔަކުކަމުގައި އެއުރެން ވިއެވެ.
އެކަމަކު ފިރުޢައުނު ގާތަށް މޫސާގެފާނު ދާނީ ކިހިނެތް ހެއްޔެވެ؟ ޖައްބާރު ފިރުޢައުނާއި މޫސާގެފާނު ކުރިމަތި ލައްވާނީ ކިހިނެތް ހެއްޔެވެ؟ މީގެ ކުރިން މޫސާގެފާނުވަނީ ފިރުޢައުނުގެ ޤައުމުގެ މީހެއް ޤަތުލުކޮށްފައެވެ. އެއީ މާ ދުރެއް ނޫނެވެ. ބިރުފުޅު ވަޑައިގަންނަވާ ޙާލުގައި މިސްރުން ނުކުމެވަޑައިގަތީ އެކަމާ ހުރެއެވެ. ފިރުޢައުނުގެ ސިފައިންނާއި އޭނާގެ ޢައްވާނުން (އެހީތެރިން) އެކަން ހަނދާން ނެތޭނެ ހެއްޔެވެ!
(قَالَ رَبِّ إِنِّي قَتَلْتُ مِنْهُمْ نَفْسًا فَأَخَافُ أَن يَقْتُلُونِ)[2]
މާނަ: އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ރައްބެވެ! ހަމަކަށަވަރުން، މިއަޅާވަނީ، އެއުރެންގެ ތެރެއިން މީހަކު ޤަތުލުކޮށްފައެވެ. ފަހެ، އެއުރެން މިއަޅާ ޤަތުލުކޮށްފާނެތީ، މިއަޅާ ބިރުގަނެތެވެ.
އަދި މޫސާގެފާނު، އެކަލޭގެފާނު ދޫފުޅުގައި ހުންނަ އުނދަގޫ ކަންވެސް ﷲ ތަޢާލާ އަށް ބަޔާންކޮށްދެއްވިއެވެ. ﷲ ތަޢާލާ އެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ. އެ ކަންކަން މޫސާގެފާނު ކިބައިގައި ހުރުމާއެކުވެސް، ރަސޫލުބޭކަލެއްކަމުގައި މުސާގެފާނު ﷲ ޚިޔާރުކުރެއްވިއެވެ.
(وَإِذْ نَادَىٰ رَبُّكَ مُوسَىٰ أَنِ ائْتِ الْقَوْمَ الظَّالِمِينَ([3]
މާނަ: ކަލޭގެފާނުގެ ރައްބު، މޫސާގެފާނަށް ނިދާ އިއްވެވިހިނދު ހަނދުމަކުރައްވާށެވެ! އަނިޔާވެރި ޤައުމުގެ މީހުންގެ ގާތަށް ކަލޭގެފާނު (ރަސޫލުކަމާއިގެން) ވަޑައިގަންނަވާށެވެ!
) قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ)
މާނަ: އެއީ ފިރުޢައުނުގެ ޤައުމުގެގެ މީހުންނެވެ. އެއުރެން اللَّه އަށް ބިރުވެތި ނުވަނީ ހެއްޔެވެ؟
)قَالَ رَبِّ إِنِّي أَخَافُ أَن يُكَذِّبُونِ (
މާނަ: އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ދެންނެވިއެވެ. އަޅުގެ ރައްބެވެ! އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުފުޅު ގަންނަމެވެ.
)وَيَضِيقُ صَدْرِي وَلَا يَنطَلِقُ لِسَانِي فَأَرْسِلْ إِلَىٰ هَارُونَ(
މާނަ: އަދި (އެއުރެން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ފަސޭހަކަމާއެކު) ތިމަންކަލޭގެފާނުގެ ދޫފުޅެއް ނުހިނގައެވެ. ފަހެ، (ތިމަންކަލޭގެފާނަށް ވާގިވެރިވުމަށް) ހާރޫނުގެފާނުގެ އަރިހަށް (ވަޙީއައިގެން ޖިބްރީލުގެފާނު) ފޮނުއްވައި ދެއްވާށެވެ!
)وَلَهُمْ عَلَيَّ ذَنبٌ فَأَخَافُ أَن يَقْتُلُونِ(
މާނަ: އެއުރެންނާ ބެހޭގޮތުން، ތިމަންކަލޭގެފާނުގެ މައްޗަށް ކުށެއްވެސް އެބައޮތެވެ. ފަހެ، އެއުރެން ތިމަންކަލޭގެފާނު ޤަތުލުކޮށްފާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ.
)قَالَ كَلَّا ۖ فَاذْهَبَا بِآيَاتِنَا ۖ إِنَّا مَعَكُم مُّسْتَمِعُونَ(
މާނަ: އެކަލާނގެ ވަޙީކުރެއްވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެތެވެ. ފަހެ، ތިޔަ ދެބޭކަލުން ތިމަންއިލާހުގެ އާޔަތްތަކާއިގެން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަ ދެބޭކަލުންނާއެކު، ތިމަންއިލާހު އައްސަވާވޮޑިގެންވަމެވެ.
)فَأْتِيَا فِرْعَوْنَ فَقُولَا إِنَّا رَسُولُ رَبِّ الْعَالَمِينَ(
މާނަ: ފަހެ، ތިޔަދެބޭކަލުން ފިރުޢައުނުގެ ގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ ޢާލަމުތަކުގެ ރައްބު ފޮނުއްވި ރަސޫލުންނެވެ.
)أَنْ أَرْسِلْ مَعَنَا بَنِي إِسْرَائِيلَ(
މާނަ: އިސްރާއީލުގެ ދަރިން (ދޫކޮށްލައި) ތިމަންބޭކަލުންނާއެކު ފޮނުވާށެވެ!
ފިރުޢައުނަށް ދަޢުވަތު ދެއްވުމުގައި މަޑުމައިތިރިވުމަށް، މޫސާގެފާނަށާއި ޙާރޫނުގެފާނަށް ﷲ ވަޞިއްޔަތް ކުރެއްވިއެވެ.
(فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ)[4]
މާނަ: ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] 32 القصص
[2] 33 القصص
[3] 10-17 الشعراء
[4] 44 طه