-
މޫސާގެފާނަށް ދެއްވުނު ބައެއް މުޢުޖިޒާތްތައް
ފިރުޢައުނުގެ ބަހުގެ ޙަމަލާ (މުސާގެފާނު ޖަލަށްލާނެ ކަމަށް) އައުމުން، ﷲ ތަޢާލާ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަކަން، އޭނާއަށް ދައްކަވާލެއްވުމަށް މޫސާގެފާނު ނިންމެވިއެވެ.
(قَالَ أَوَلَوْ جِئْتُكَ بِشَيْءٍ مُّبِينٍ)[1]
މާނަ: އެކަލޭގެފާނު ވިދާޅުވިއެވެ. (ތިމަންކަލޭގެފާނުގެ ރަސޫލުކަމުގެ މައްޗަށް) ބަޔާންވެގެންވާ ހެކިތަކެއް ކަލޭގެ ގާތަށް ގެންނެވި ނަމަވެސް ހެއްޔެވެ؟
(قَالَ فَأْتِ بِهِ إِن كُنتَ مِنَ الصَّادِقِينَ)
މާނަ: އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ފަހެ، އެ ގެންނަވައި ބައްލަވާށެވެ!
(فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُّبِينٌ)
މާނަ: ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު އެ އަސާކޮޅު، ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ.
(وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ)
މާނަ: އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިބި މީހުންނަށް އެ އަތްޕުޅު ފެންނަން އޮތީ (ވިދަވިދާއޮތް) ހުދު އަތްޕުޅެއް ކަމުގައެވެ.
އެހިނދު ފިރުޢަވުނުގެ މަޖިލީހުގައި ތިބި މީހުން ބުންޏެވެ.
(قَالَ لِلْمَلَإِ حَوْلَهُ إِنَّ هَـٰذَا لَسَاحِرٌ عَلِيمٌ)[2]
މާނަ: އޭނާގެ ވަށައިގެންވާ ބޮޑުންނަށް އޭނާ ބުންޏެވެ. ހަމަކަށަވަރުން، މިއީ މޮޅަށް ދަންނަ ސިޙުރުވެރިއެއްކަން ކަށަވަރެވެ.
ފިރުޢައުނުގެ ބަހާއި މަޖިލީހުގައި ތިބި މީހުން އެއްބަސް ވިއެވެ. އެމީހުން ބުންޏެވެ.
(قَالُوا إِنَّ هَـٰذَا لَسِحْرٌ مُّبِينٌ)[3]
މާނަ: އެއުރެން ބުނެއްޖެއެވެ. ހަމަކަށަވަރުން، މިއީ ބަޔާންވެގެންވާ ސިޙުރުވެރިއެއްކަން ކަށަވަރެވެ.
(قَالَ مُوسَىٰ أَتَقُولُونَ لِلْحَقِّ لَمَّا جَاءَكُمْ ۖ أَسِحْرٌ هَـٰذَا وَلَا يُفْلِحُ السَّاحِرُونَ)[4]
މާނަ: މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގާތަށް ޙައްޤު އައި ހިނދު، އެ ޙައްޤަށް މިއީ ސިޙުރެކޭ ތިޔަބައިމީހުން ބުނަނީ ހެއްޔެވެ؟ އަދި ސިޙުރުވެރިން ކާމިޔާބު ނުވާ ހުށްޓެވެ.
އެހެން ހަމަލާއެއް ފިރުޢަވްނު، މޫސާގެފާނަށް އެއްލިއެވެ. އޭނާ ބުންޏެވެ.
(قَالُوا أَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَيْهِ آبَاءَنَا وَتَكُونَ لَكُمَا الْكِبْرِيَاءُ فِي الْأَرْضِ وَمَا نَحْنُ لَكُمَا بِمُؤْمِنِينَ)[5]
މާނަ: އެއުރެން ދެންނެވިއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ތިމަންމެންގެ ކާބަފައިން އުޅޭތީ ތިމަންމެންނަށް ފެނުނު ގޮތުން ތިމަންމެން އެއްކިބާކުރައްވައި ތިޔަ ދެބޭކަލުންނަށް ބިމުގައި ވެރިކަން ހޯއްދެވުމަށް ހެއްޔެވެ؟ ތިޔަ ދެބޭކަލުންނަށް އީމާންވާ ބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ.
މޫސާގެފާނާމެދު ޤައުމުގެ މީހުން ނަފުރަތުކުރުވުމަށް، ފިރުޢައުނު ބޭނުންވިއެވެ. އޭނާ ބުންޏެވެ.
(يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِ فَمَاذَا تَأْمُرُونَ)[6]
މާނަ: އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ ސިޙުރުގެ ބާރުގައި ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލާށެވެ. ވީމާ، ތިޔަބައިމީހުން ލަފާދޭ ގޮތަކީ ކޮބާ ހެއްޔެވެ؟
އެ މީހުން ފިރުޢައުނަށް މަޝްވަރާ ދިނީ، މިޞްރުގެ އެކި ހިސާބުތަކުގައިވާ އެންމެ މޮޅު ސިޙުރުވެރިން މައިދާނަކަށް ޖަމާކުރުމަށެވެ. އެއީ މޫސާގެފާނާއި ކުރިމަތިލުމަށެވެ. އެހިނދު މިޞްރުގައި ތިބި އެކަމަށް އެންމެ ކުޅަދާނަ ސިޙުރުވެރިން ޖަމާ ކުރެވުނެވެ. ޒީނަތުގެ ދުވަހަކީ އެކަމަށް ކަނޑައެޅިފައިވާ ދުވަހެވެ.
(وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ)[7]
މާނަ: އަދި މީސްތަކުންނަށް ބުންޏެވެ. ތިޔަބައިމީހުން އެއްވާނަން ހެއްޔެވެ؟
(لَعَلَّنَا نَتَّبِعُ السَّحَرَةَ إِن كَانُوا هُمُ الْغَالِبِينَ)[8]
މާނަ: އެ ސިޙުރުވެރިންނަކީ، ގަދަވި މީހުންކަމުގައި ވެއްޖެނަމަ، އަހުރެމެން އެއުރެންނަށް ތަބާވުމަށްޓަކައެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] 33-30 الشعراء
[2] 34 الشعراء
[3] 76 يونس
[4] 77 يونس
[5] 78 يونس
[6] 35 الشعراء
[7] 39 الشعراء
[8] 40 الشعراء