[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރްއާނާމެދު ތަދައްބުރުކުރުމާއި އެ ފޮތް ކިޔެވުމުގެ 31 ފައިދާ (1)

މި ފޮތަކީ މުޙައްމަދު ބުން ޞާލިޙުލް މުނައްޖިދު حفظه الله ލިޔުއްވާފައިވާ “31 فائدة في تدبّرِ وتلاوة القرآن” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.

الحمد لله، والصلاة والسلام على رسول الله، أما بعد:

ފަހެ، މިއީ ޤުރްއާން ކިޔެވުމާއި އެފޮތާމެދު ވިސްނާ ފިކުރުކުރުމުގެ ފައިދާތަކާގުޅޭ ޚުލާޞާ ފޮތެކެވެ. އަޅުގަނޑު ﷲގެ ޙަޟްރަތުގައި އެދި ދަންނަވަނީ މި ފައިދާތަކުގެ މަންފާ ކިޔުންތެރިންނަށް ކުރެއްވުމެވެ. އަދި މި ފޮތް ތައްޔާރުކުރުމާއި ފެތުރުމުގައި ބައިވެރިވެ، އަދި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާދެއްވުމެވެ!

(1) ކީރިތި ޤުރްއާނަކީ: ﷲގެ ކަލާމްފުޅެވެ. އެކަލާނގެ ވަޙީ ބަސްފުޅެވެ. އެކަލާނގެ ޚަލްޤުތަކަށް ފޮނުއްވާފައިވާ ރިސާލަތެވެ. މާތް ﷲގެ ވަރުގަދަވެގެންވާ ވާފަށެވެ.

އަދި އެ ފޮތަކީ ހިދާޔަތަކާއި، ރަޙްމަތަކާއި، ނޫރަކާއި، ފޯރުކޮށްދިނުމަކާއި، އަލިގަދަ ދަލީލުތަކެކެވެ. ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ފޮތެކެވެ. މީސްތަކުންނަށްވާ ވަޢުޒެކެވެ. އަދި އެއީ ޙިކުމަތްތެރި ހަނދާންކޮށްދިނުމެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ﴾ (يونس: 57) މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޒަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿هَـٰذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ﴾ (الجاثية: 20) މާނައީ: “މި ޤުރްއާނަކީ، މީސްތަކުންނަށްވާ އަލިގަދަ ދަލީލު ތަކެކެވެ. އަދި ޔަޤީންކުރާ ބަޔަކަށްވާ ހިދާޔަތަކާއި، ރަޙްމަތެކެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَأَنزَلْنَا إِلَيْكُمْ نُورًا مُّبِينًا﴾ (النساء: 174) މާނައީ: “އަދި، ފާޅުވެ ބަޔާންވެގެންވާ ނޫރެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَىٰ عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا﴾ (الفرقان: 1) މާނައީ: “ޢާލަމްތަކަށް އިންޒާރުކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް ޤުރްއާން ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ الْآيَاتِ وَالذِّكْرِ الْحَكِيمِ﴾ (آل عمران: 58) މާނައީ: “އެއީ، ފާޅުވެގެންވާ ދަލީލުތަކާއި، ޙިކުމަތްތެރި ޒިކުރެއްގެ ތެރެއިން (އެބަހީ: ކީރިތި ޤުރްއާނުން) ކަލޭގެފާނަށް، ތިމަންރަސްކަލާނގެ ކިޔައިދެއްވާ ވާހަކަތަކެކެވެ.”

(2) މަތިވެރިވެގެންވާ ޤުރްއާނަކީ އެފޮތުގެ ޢަޖާއިބުކަމަށް ނިމުމެއް ނުވާ ފޮތެކެވެ. އެ ފޮތުގައިވާ ޢިލްމުތައް ގިނަގުނަކަމާހުރެ ޢިލްމުވެރިންނަށް ޢިލްމުގެ ބަނޑުހައިހޫނުކަން ނުފިލި ފޮތެކެވެ. އެގޮތް ކިޔަވައިފިމީހަކަށް އިހާއި ފަހުގެ މީސްތަކުންގެ ޢިލްމު މާތް ﷲ އުގަންނަވައި ދެއްވާނެތެވެ. އެ ފޮތުން ބަހެއް ބުނެއްޖެމީހަކު ތެދުބުނެފިއެވެ. އެ ފޮތާ އެއްގޮތަށް ޢަމަލުކޮށްފިމީހަކަށް ދަރުމަހުއްޓެވެ. އެ ފޮތާ އެއްގޮތަށް ޙުކުމްކޮށްފިމީހަކު ޢަދުލުވެރިވެއްޖެއެވެ. އެ ފޮތް އަޑުއަހައިފިމީހަކަށް މަންފާކުރާނެއެވެ. އެ ފޮތުގައިވާ ގޮތުގެ މަތިން ދުޢާކޮށްފިނަމަ، އެމީހަކަށް ސީދާވެގެންވާ ތެދުމަގަށް ހިދާޔަތު ލިބިއްޖެއެވެ. އަދި އެ ފޮތަށް ތަބާވެއްޖެމީހަކު މަގުފުރެދިގެން ނުދާނެއެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނެތެވެ. ﴿فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ﴾ (طه: 123) މާނައީ: “ފަހެ، ތިމަންރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް ތަބާވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ.” އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. “އެބަހީ؛ ދުނިޔޭގައި އެމީހަކު މަގުފުރެދިގެން ނުދާނެތެވެ. އަދި އާޚިރަތުގައި އަބާއްޖަވެރިއެއްވެސް ނުމެވާނެއެވެ.”([1])

(3) ކީރިތި ޤުރްއާން ކިޔެވުމާއި، އެފޮތުގެ ޢިލްމު އުގެނުމާއި އުގަންނައިދިނުމާއި، އެ ފޮތް ހިތުދަސްކުރުމާއި ހިތުދަސްކޮށްދިނުމާއި، އެ ފޮތުގައިވާ ޢިލްމުން އެކަކު އަނެކަކަށް ދަރުސްދިނުމަކީ ވަޤުތުތައް އެންމެ ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކެވެ. އަދި މިކަންކަމަށްޓަކައި މުދާ ހޭދަކުރުމަކީ އެންމެ ހެޔޮގޮތުގައި މުދާ ހޭދަކުރެވޭނެ ގޮތްތަކެވެ. އެ ފޮތުގެ އަހުލުވެރިންނަކީ މީސްތަކުންގެ ތެރޭގައި މަތިވެރިވުމަށް ބަލާއިރު، ބޯތަކުގެ މަތީގައިވާ ތާޖުތަކެއްގެ މިސާލުގެ ބައެކެވެ. އަދި އަލިކަމަށް ބަލާއިރު ދުނިޔެއަށް އިރުވާ ފަދައިންވާ ބައެކެވެ. ޤުރްއާނުގެ އަހުލުންނަކީ އެ ފޮތުގެ ޢިލްމު އުގެނުމާއި އުގަންނައިދިނުމުގެ ސަބަބުން މީސްތަކުންގެ ތެރޭގައިވާ އެންމެ ހެޔޮ މީހުންނެވެ. އަދި ޤުރްއާން ހިތުދަސްކޮށް، އެ ފޮތުގެ ޢިލްމު އުގެނި، އެ ފޮތުގައިވާ ކަންކަން ނިކަން ރަނގަޅަށް ދެނެގަނެ، އެ ފޮތާމެދު ވިސްނާ ފިކުރުކުރާމީހުންނަކީ ﷲގެ އަހްލުންނެވެ. އަދި މީސްތަކުންގެ ތެރެއިން އެކަލާނގެ ޚާއްޞަކުރައްވާފައިވާ ބައެކެވެ.

އެއީ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. ((خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ))([2]) މާނައީ: “ތިޔަބައިމީހުން ކުރެ އެންމެ ހެޔޮމީހަކީ ޤުރްއާން އުގެނި، އަދި އެ ފޮތް އުގަންނައިދޭ މީހާއެވެ.” އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ لِلَّهِ أَهْلِينَ مِنَ النَّاسِ)) قَالُوا: يَا رَسُولَ اللَّهِ، مَنْ هُمْ؟ قَالَ: ((هُمْ أَهْلُ الْقُرْآنِ، أَهْلُ اللَّهِ وَخَاصَّتُهُ))([3]) މާނައީ: “ހަމަކަށަވަރުން މީސްތަކުންގެ ތެރޭގައި ﷲއަށްވާ އަހުލުންތަކެއްވެއެވެ.” ޞަހާބީ ބޭކަލުން ސުވާލުކުރެއްވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ކޮން ބައެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެބައިމީހުންނަކީ ޤުރްއާނުގެ އަހުލުންނެވެ. ﷲގެ އަހުލުންނެވެ. އަދި އެކަލާނގެ ޚާއްޞަކުރައްވާފައިވާ މީހުންނެވެ.”

(4) ޤުރުއާނުގެ އަހުލުވެރިންގެ މަތިވެރި މަޖިލިސްތަކަށް ހިތްހަމަޖެހުން ފައިބައެވެ. އަދި ރަޙްމަތް އެބައިމީހުން ފޮރުވާލައެވެ. އަދި މަލާއިކަތްބޭކަލުންގެ އެބައިމީހުން ވަށާލައްވައި، މާތް ﷲ އެކަލާނގެ ޙަޟްރަތުގައިވާ މަލާއިކަތުން އަރިހުގައި އެބައެއްގެ މަތިން ޒިކުރުކުރައްވަތެވެ. މިއީ ޤުރްއާނުގެ އަހުލުވެރިންގެ ފަޚްރާއި ޝަރަފަށް ފުދިގެންވާ ކަންކަމެކެވެ. މި މަތިވެރި ކަންކަމަށްވުރެ މަތިވެރިވާނެ ކަމަކީ ފަހެ ކޮބައިހެއްޔެވެ؟

ޙަދީޘްގައި އައިސްފައިވެއެވެ. ((مَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللهِ، يَتْلُونَ كِتَابَ اللهِ، وَيَتَدَارَسُونَهُ بَيْنَهُمْ، إِلَّا نَزَلَتْ عَلَيْهِمِ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلَائِكَةُ، وَذَكَرَهُمُ اللهُ فِيمَنْ عِنْدَهُ))([4]) މާނައީ: “އެއްވެސް ބަޔަކު ﷲ ގެ މިސްކިތްކޮޅުތަކުންކުރެ މިސްކިތްކޮޅަކަށް އެއްވެ، ﷲގެ ފޮތް ކިޔަވައި، އެ ފޮތުން އެކަކުއަނެކަކަށް ދަރުސްދޭކަމުގައިވާނަމަ، އެބައެއްގެ މައްޗަށް ހިތްހަމަޖެހުން ފައިބައި، އަދި ރަޙުމަތް އެބަޔަކު ފޮރުވާލައި، އަދި މަލާއިކަތުން އެބަޔަކު ވަށާލައްވާ، އަދި ﷲ އެކަލާނގެ ޙަޟްރަތުގައިވާ މަލާއިކަތުންގެ އަރިހުގައި އެބައެއްގެ މަތިން ހަނދުމަކުރައްވަތެވެ.”

(5) ޤުރްއާނުގެ އަހުލުވެރިންގެ ނަންތައް މާތް ﷲ މަތިވެރިކުރައްވައި، އެބައިމީހުންގެ ޤަދަރު މަތިވެރިކުރެއްވުމަކީ އެބައިމީހުންނަށްވާ ފަޚުރެއްކަމުގައި ފުދޭކަމެކެވެ. ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. ((إِنَّ اللهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ))([5]) މާނައީ: “ހަމަކަށަވަރުން ﷲ، މި ޤުރުއާނުގެ ޒަރިއްޔާއިން ބަޔަކުމީހުން މަތިވެރިކުރައްވާ އަދި އަނެއްބަޔަކު ނިކަމެތިކުރައްވައެވެ.”

(6) ކީރިތި ޤުރްއާނަށް ދޭންޖެހޭ ޙައްޤުތައްނުދީ، އެ ފޮތް އެއްކިބާކޮށްލުމުގެ ވައްތަރުތަކެއްވެއެވެ.

ފުރަތަމައީ: އެ ފޮތަށް އީމާންވުމާއި އެ ފޮތް ތެދުކުރުމުން އެއްކިބާވުމެވެ. މުޝްރިކުންނާއި، މުނާފިޤުންފަދަ މީހުންގެ ޙާލަކީ މިއީއެވެ.

ދެވަނައީ: އެ ފޮތް ކިޔެވުމުންނާއި، އެ ފޮތް އަޑުއެހުމުންނާއި، އެ ފޮތަށް ކަނުލައިއަޑުއެހުމުން އެއްކިބާވުމެވެ. އަދި އެ ފޮތުގެ މައްޗަށް ޅެންތަކާއި، ލަވަތަކާއި، ބޭކާރުވާހަކަތައްފަދަ މީސްތަކުންގެ ވާހަކަތައް އިސްކުރުމެވެ.

ތިންވަނައީ: އެ ފޮތަށް އީމާންވިކަމުގައިވީނަމަވެސް، އެ ފޮތަށް ޢަމަލުކުރުމުންނާއި، އެ ފޮތުގައިވާ ޙަލާލުކަންކަމަށާއި ޙަރާމްކަންކަމަށް ފަރުވާބެހެއްޓުމުންނާއި، އެ ފޮތުގައިވާ އަމުރުތަކަށް ބޯލެނބުމުންނާއި، ނަހީތަކުން ދުރުވެގަތުމުން އެއްކިބާވުމެވެ.

ހަތަރުވަނައީ: އެ ފޮތަކީ މީސްތަކުންގެ މެދުގައި ޙުކުމްކުރާ ފޮތެއްކަމުގައި ބަލައިގަތުމުންނާއި، ދީނުގެ އަޞްލުތަކާއި ފަރުޢީކަންކަމުގައި އެ ފޮތާ އެއްގޮތަށް ޙުކުމްކުރުމުން އެއްކިބާވުމެވެ. އަދި އެ ފޮތުން ޔަޤީންކަމެއް ނުގެނެސްދޭކަމުގައި ޤަބޫލުކުރުމާއި، އެ ފޮތުގައިވާ ދަލީލުތަކަކީ ޢިލްމެއްނުވާ ލަފްޒުތަކެއްކަމުގައި ޤަބޫލުކުރުމެވެ.

ފަސްވަނައީ: އެ ފޮތާމެދު ފުންކޮށްވިސްނުމުންނާއި، އެ ފޮތް ރަނގަޅަށް ދެނެގަތުމުންނާއި، އެ ފޮތުގެ ތަފްސީރާއި، ﷲގެ ކަލާމްފުޅުގެ މުރާދަކީ ކޮބައިކަން ދެނެގަތުމުން އެއްކިބާވުމެވެ.

ހަވަނައީ: ހިތްތަކަށްޖެހޭ އެންމެހާ ބަލިމަޑުކަމެއްގެ ޝިފާގެ ގޮތުންނާއި ފަރުވާއަށް އެދި އެ ފޮތުގެ ޒަރީޢާއިން ނުދެންނެވުމެވެ. އަދި އެ ފޮތުގެ ޒަރީޢާއިން ފަރުވާއަށް ނުއެދި، އެ ފޮތް ފިޔަވައި އެހެން ފަރުވާތަކުން ފަރުވާއަށް އެދުމެވެ. ސިޙުރާއި، ކާހިނުކަންފަދަ ކަންކަމާ ދިމާލަށް އެނބުރުމެވެ.

މި ހުރިހާ ވައްތަރުތަކަކީވެސް މި ވަޙީ ބަސްފުޅުގެ ތެރެއަށް ވަންނާނެ ވައްތަރުތަކެކެވެ. ﴿وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَـٰذَا الْقُرْآنَ مَهْجُورًا﴾ (الفرقان: 30) މާނައީ: “ރަސޫލާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ ޤައުމުގެމީހުން، މި ޤުރްއާނަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފިއެވެ.” މީގެ ބައެއް ވައްތަރުތައް އަނެއްބައި ވައްތަރުތަކަށްވުރެ ނުބައިކަން ކުޑަވިކަމުގައިވީނަމަވެސްމެއެވެ.([6])

(7) ޤުރްއާން އެއްކިބާކޮށްލުމުން މުސްލިމަކަށް ދުރުވެވޭނީ: އަބަދުވެސް ޤުރްއާން ކިޔަވައި، ކީރިތި ޤުރްއާނުގެ މަގަށް ކުރިމަތިލައިގެންނެވެ. އަދި އެ ފޮތުގެ މާނަތަކާމެދު ފުންކޮށްވިސްނައި، އެ ފޮތުގައިވާ ޙުކުމްތައް ނިކަން ރަނގަޅަށް އެނގިގެންނެވެ. އަދި އެ ފޮތުގައިވާ ކަންކަމަށް ޢަމަލުކޮށް، ކިތަންމެ ބޮޑުކަމެއްވިޔަސް އަދި ކިތަންމެ ކުޑަކަމެއްވިޔަސް ޙުކުމްކޮށް ނިޔާކަނޑައަޅާ ފޮތަކީ އެ ފޮތްކަމުގައި ހަދައިގެންނެވެ. ހިތަށްޖެހޭ ތަފާތު ބަލިތަކުން ޝިފާ ދެއްވުމަށް އެދި އެ ފޮތުން ދެންނެވުމުންނެވެ. ހަށިގަނޑަށްޖެހޭ ބަލިތަކަށް އެ ފޮތުން ރުޤްޔާކޮށްގެންނެވެ. މިކަމުގައި ތައުފީޤު ލިބޭނީ ﷲ ތަޢާލާ ތައުފީޤު ދެއްވައި، އެކަލާނގެ ވާގިވެރިވެވޮޑިގެންނެވި، އަދި އެކަލާނގެ ރަނގަޅުގޮތް ދައްކަވައިފި މީހަކަށެވެ.

(8) ﷲގެ ފޮތް ކިޔެވުމަކީ ގެއްލުމެއްނުވާނެ އަދި ފަސާދައެއްނުވާނެ ފައިދާކުރަނިވި ވިޔަފާރިއެކެވެ. މި ވިޔަފާރިއަކީ އެންމެ މާތް، އެންމެ ޤަދަރު އުފުލިގެންވާ، އެންމެ މަތިވެރި ވިޔަފާރިއެވެ. އަދި އެއީ މާތް ﷲގެ ރުއްސަވަވާވޮޑިގަތުން ޙާޞިލުވާނެ މަގެވެ. މާތް ﷲގެ މާތް، މަތިވެރި ޘަވާބުތައް ކާމިޔާބުކުރެވޭނެ މަގެވެ. އަދި މާތް ﷲގެ ނުރުއްސެވުމާއި، ޢުޤޫބާތުން ސަލާމަތްވަނިވި ނަޖާތުގެ މަގެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ﴿إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّـهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ * لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِ إِنَّهُ غَفُورٌ شَكُورٌ﴾ (فاطر: 29-30) މާނައީ: “ހަމަށަވަރުން، ﷲގެ ފޮތް ކިޔަވައި، އަދި ނަމާދު ޤާއިމުކޮށް، ތިމަންރަސްކަލާނގެ އެބައިމީހުންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ. (އެއީ) އެކަލާނގެ އެބައިމީހުންނަށް އެބައިމީހުންގެ ދަރުމަ ހަމަޔަށް ދެއްވައި އަދި އެކަލާނގެ ފަޟްލުވަންތަކަމުން އެބައިމީހުންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން ޝުކުރު ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ.”

(9) ޤުރްއާން ކިޔެވުމުގެ މާތްކަމުގެ ތެރޭގައި: އެކަމަކީ ހެޔޮކަންކަން އިތުރުވެގެންދާނެކަމެކެވެ. ފަހެ، ޤުރްއާން ކިޔަވާމީހާ ޤުރްއާނުން ކިޔަވާ ކޮންމެ އަކުރަކަށް ހެޔޮކަމެއް ދެއްވާނެއެވެ. ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. ((مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ ﴿الم﴾ حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ))([7]) މާނައީ: “ﷲގެ ފޮތުން އަކުރެއް ކިޔަވައިފިމީހަކަށް، އެ އަކުރުގެ ސަބަބުން އެމީހަކަށް ހެޔޮކަމެއްވެއެވެ. އަދި ހެޔޮކަމަކީ އޭގެ ދިހަގުނަވާ ހެޔޮކަމެކެވެ. ﴿الم﴾ އަކީ އަކުރެއްކަމުގައި ތިމަންކަލޭގެފާނު ޙަދީޘް ނުކުރައްވަމެވެ. އެހެނެއްކަމަކު، އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ.”

(10) ޤުރްއާން ކިޔެވުމުގެ މާތްކަމުގެ ތެރޭގައި: ޤުރްއާން ކިޔަވާ މީހަކަށް ޤިޔާމަތްދުވަހު އެ ފޮތް ޝަފާޢަތްތެރިވާނެއެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ((اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لِأَصْحَابِهِ، اقْرَءُوا الزَّهْرَاوَيْنِ الْبَقَرَةَ، وَسُورَةَ آلِ عِمْرَانَ، فَإِنَّهُمَا تَأْتِيَانِ يَوْمَ الْقِيَامَةِ كَأَنَّهُمَا غَمَامَتَانِ، أَوْ كَأَنَّهُمَا غَيَايَتَانِ، أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ، تُحَاجَّانِ عَنْ أَصْحَابِهِمَا))([8]) މާނައީ: “ތިޔަބައިމީހުން ޤުރްއާން ކިޔަވާށެވެ! ފަހެ، ހަމަކަށަވަރުން ޤިޔާމަތްދުވަހު އެ ފޮތުގެ އަހްލުވެރިންނަށް ޝަފާޢަތްތެރިވުމަށްޓަކައި އަންނާނެއެވެ. ތިޔަބައިމީހުން “الزَّهْرَاوَانِ” ކިޔަވާށެވެ! އެއީ ބަޤަރާ ސޫރަތާއި، އާލްޢިމްރާން ސޫރަތެވެ. ފަހެ، ޤިޔާމަތްދުވަހު އެ ދެ ސޫރަތް އަންނަ ހުއްޓެވެ. އެހިނދު އެ ދެ ސޫރަތް ވާނީ ހިޔާއަޅާ ދެ ވިލާގަނޑު ފަދައިންނެވެ. ނުވަތަ ދެ ހިޔާގަނޑު ފަދައިންނެވެ. ނުވަތަ ފިޔަތައް ދަމާލައިގެން ހިޔާއަޅާ ދޫނި ބައިގަނޑުގެ ދެ ބައިގަނޑު ހެންނެވެ. އެ ދެ ސޫރަތުގެ އަހުލުވެރިންގެ ފަރާތުން ވާ ޙުއްޖަތަކަށް އެ ދެ ސޫރަތް ވާނެތެވެ.”

އަދި އެހެން ޙަދީޘެއްގައިވެއެވެ. ((الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ، يَقُولُ الصِّيَامُ: أَيْ رَبِّ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ، فَشَفِّعْنِي فِيهِ، وَيَقُولُ الْقُرْآنُ: مَنَعْتُهُ النَّوْمَ بِاللَّيْلِ، فَشَفِّعْنِي فِيهِ، قَالَ: فَيُشَفَّعَانِ))([9]) މާނައީ: “ޤިޔާމަތްދުވަހު ރޯދައާއި ޤުރްއާން އަޅާއަށް ޝަފާޢަތްތެރިވާނެއެވެ. ރޯދަ ދަންނަވާނެއެވެ. އޭ ތިމަންގެ ވެރި ރައްބެވެ! ދުވާލުގެ ވަގުތުގައި ކެއުމާއި ޝަހްވަތްތަކުން ތިމަން އޭނަ މަޙްރޫމުކުރީމެވެ. ފަހެ، އޭނާއަށްޓަކައި ތިމަންމިވާ ޝަފާޢަތް ޤަބޫލުކުރައްވާނދޭވެ! އަދި ޤުރްއާން ދަންނަވާނެއެވެ. ރޭގަނޑުގައި ނިދިން ތިމަން އޭނަ މަޙްރޫމުކުރީމެވެ. ފަހެ، ފަހެ، އޭނާއަށްޓަކައި ތިމަންމިވާ ޝަފާޢަތް ޤަބޫލުކުރައްވާނދޭވެ!” ޙަދީޘްކުރެއްވިއެވެ. “ފަހެ، ރޯދައާއި ޤުރްއާނުގެ ޝަފާޢަތްތެރިވުން ޤަބޫލުކުރެވޭނެއެވެ.”

(ނުނިމޭ)

___________________________

([1]) تفسير الطبري (16/191)، وابن كثير (5/322).

([2]) رواه البخاري (5027).

([3]) رواه ابن ماجه (215)، وهو في صحيح الجامع (2165).

([4]) رواه مسلم (2699).

([5]) رواه مسلم (817).

([6]) ينظر: الفوائد لابن القيِّم (ص 82).

([7]) رواه الترمذي (2910)، وهو في صحيح الترغيب والترهيب (1416).

([8]) رواه مسلم (804).

([9]) رواه الإمام أحمد (6589)، وصحّحه الألباني في صحيح الجامع (3882).