[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޭއަޅުކަމާއި ތަރާވީޙުނަމާދާގުޅޭ 48 ފައިދާ (1)

މި ފޮތަކީ މުޙައްމަދު ބުން ޞާލިޙުލް މުނައްޖިދު حفظه الله ލިޔުއްވާފައިވާ “48 فائدة في قيام الليل وصلاة التراويح” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.

بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ

الحمد لله، والصلاة والسلام على رسول الله، أما بعد:

ފަހެ، މިއީ ރޭއަޅުކަމާއި ތަރާވީޙުނަމާދުގެ ފައިދާތަކާގުޅޭ ޚުލާޞާ ފޮތެކެވެ. އަޅުގަނޑު ﷲގެ ޙަޟްރަތުގައި އެދި ދަންނަވަނީ މި ފައިދާތަކުގެ މަންފާ ކިޔުންތެރިންނަށް ކޮށްދެއްވުމެވެ. އަދި މި ފޮތް ތައްޔާރުކުރުމާއި ފެތުރުމުގައި ބައިވެރިވެ، އަދި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާދެއްވުމެވެ!

(1) ރޭގަނޑުގެ ރޭއަޅުކަމަކީ: ރޭގަނޑުގައި ނަމާދުކުރުމުގައި ހުރުމެވެ. އެއީ ނިދުމުގެ ފަހުންވިޔަސް ނުވަތަ ނިދުމުގެ ކުރިކަންކަމުގައިވީނަމަވެސްމެއެވެ.

އަދި ތަހައްޖުދުނަމާދަކީ: ނިދާ ހޭލުމަށްފަހު ރޭގަނޑުގައި ކުރާ ނަމާދެވެ. މިގޮތުން ޢަރަބިބަހުގައި މީހަކު ނިދައިފިކަމުގައިވާނަމަ “هَجَدَ الرَّجُلُ”  މިފަދައިން ބުނެއެވެ. އަދި ރޭގަނޑު ނަމާދުކޮށްފިކަމުގައިވާނަމަ “هَجَدَ” މިފަދައިން ބުނެއެވެ. އަދި “الـمُتَهَجِّدُ”  އަކީ ނިދުމަށްފަހު ނަމާދުކުރާ މީހާއެވެ.([1])

(2) ރޭގަނޑުގެ ރޭއަޅުކަމަކީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. ކީރިތި ޤުރްއާނުންނާއި ސުންނަތުންނާއި އުއްމަތުގެ އިޖްމާޢުން މި ނަމާދު ސާބިތުވެފައިވެއެވެ.

ރަޙްމާންވަންތަ ރަސްކަލާނގެ އަޅުތަކުންގެ ޞިފަތައް ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا﴾ (الفرقان: 64) މާނައީ: “އަދި އެބައިމީހުންނީ، އެބައިމީހުންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، ސަޖިދަކުރުމުގައްޔާއި، ޤިޔާމަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ.” އަދި ތަޤްވާވެރިވާ އެކަލާނގެ އަޅުންގެ ޞިފަތަކަށް ތަޢުރީފުކުރައްވައި ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ * آخِذِينَ مَا آتَاهُمْ رَبُّهُمْ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ * كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ * وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾ (الذاريات: 15-18) މާނައީ: “ހަމަކަށަވަރުން، ތަޤްވާވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ. އެބައިމީހުންވަނީ، އެބައިމީހުންގެ ވެރިރަސްކަލާނގެ އެބައިމީހުންނަށް ދެއްވި ޘަވާބު ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެބައިމީހުންވީ އިޙްސާންތެރިން ކަމުގައެވެ. އެބައިމީހުން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެބައިމީހުން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާކުރެތެވެ.” އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ * فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾ (السجد: 16، 17) މާނައީ: “އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެބައިމީހުންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެބައިމީހުންނަށް ދެއްވި ތަކެތީން، އެބައިމީހުން ހޭދަކުރެތެވެ. ފަހެ، އެބައިމީހުންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ﴾ (الزمر: 9) މާނައީ: “ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދާގައްޔާއި، ޤިޔާމުގައި މަޑުމޮޅިވެ، އާޚިރަތްދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަޙްމަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ.” މިފަދަ އެތައް އާޔަތެއްވެއެވެ.

އަދި ޙަދީޘްގައި އައިސްފައިވެއެވެ. ((أَفْضَلُ الصِّيَامِ، بَعْدَ رَمَضَانَ: شَهْرُ اللهِ الْمُحَرَّمُ، وَأَفْضَلُ الصَّلَاةِ، بَعْدَ الْفَرِيضَةِ: صَلَاةُ اللَّيْلِ))([2]) މާނައީ: “ރަމަޟާންމަހުގެ ރޯދައަށްފަހު އެންމެ މަތިވެރިވެގެންވާ ރޯދައަކީ: ﷲގެ މައްސަރުކަމުގައިވާ މުޙައްރަމުމަހުގެ ރޯދައެވެ. އަދި ފަރުޟުނަމާދުތަކަށްފަހު އެންމެ މަތިވެރިވެގެންވާ ނަމާދަކީ ރޭގަނޑުގެ ނަމާދެވެ. (އެބަހީ؛ ރޭގަނޑުގެ ރޭއަޅުކަމުގެގޮތުން ކުރެވޭ ނަމާދެވެ.)”

(3) ހުރިހާ ސުންނަތް ނަމާދަކަށް ބަލާއިރު؛ ބައެއް ޢިލްމުވެރިންގެ އަރިހުގައި ފަރުޟުނަމާދުތަކަށްފަހު އެންމެ މަތިވެރިވެގެންވާ ނަމާދަކީ ރޭގަނޑުގެ ރޭއަޅުކަމެވެ. އެއީ ދެންމެ ބަޔާންކުރެވުނު ޙަދީޘްގެ ބޭރުފުށުގެ މާނައިން ދަލީލުކުރާގޮތުގެ މަތިންނެވެ. އެހެންނަމަވެސް ޖުމްހޫރު ޢިލްމުވެރިންގެ ރައުޔާ މި ރައުޔު ޚިލާފެވެ. މި ބޭކަލުންގެ އަރިހުގައި: ރޭއަޅުކަން މަތިވެރިވަނީ ފަރުޟުނަމާދުތަކާއި، އެ ނަމާދުތަކާގުޅިފައިވާ ރަވާތިބު ސުންނަތްތަކަށްފަހުގައެވެ. ކުރިން ބުނެވުނު ޙަދީޘްގެ މާނަ މި ބޭކަލުން ނަންގަވަނީ ސުންނަތްނަމާދުގެ ތެރޭގައި ހިމެނޭ ރަވާތިބުސުންނަތްތަކަށްފަހު، ވާރިދުވެފައިވާ ސުންނަތްނަމާދުތަކުގެ ތެރެއިން އެންމެ މަތިވެރި ނަމާދަކީ ރޭގަނޑުގެ ރޭއަޅުކަމުގެ މާނާގައެވެ.

ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި: ދުވާލުގެ ސުންނަތް ނަމާދުތަކަށްވުރެ ރޭގަނޑުގެ ސުންނަތް ނަމާދުތައް މަތިވެރިވެގެންވެއެވެ. އަދި އެހެން ވަގުތެއްގައި އިސްތިޣުފާރުކުރުމަށްވުރެ ހާރުދަމުގަޑީގައި އިސްތިޣްފާރުކުރުން މަތިވެރިވެގެންވެއެވެ.

(4) ރޭގަނޑުގެ ރޭއަޅުކަމަކީ ސުވަރުގެއަށް ވަދެވުމުގެ ސަބަބެކެވެ. އަދި އެތަނުގައި މީހާގެ ދަރަޖަތައް އުފުލޭނެކަމެކެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((إِنَّ فِي الجَنَّةِ لَغُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا… لِمَنْ أَطَابَ الكَلَامَ، وَأَطْعَمَ الطَّعَامَ، وَأَدَامَ الصِّيَامَ، وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ))([3]) މާނައީ: “ހަމަކަށަވަރުން ސުވަރުގޭގައި ކޮޓަރިކޮޅުތަކެއްވެއެވެ. އެ ކޮޓަރިކޮޅުތަކުގެ އެތެރެއިން ބޭރު ފެންނާނެއެވެ. އަދި ބޭރުން އެތެރެ ފެންނާނެއެވެ. (އެ ކޮޓަރިކޮޅުތައް ވަނީ) އެމީހެއްގެ ބަސްތައް ރިވެތިކޮށް، އަދި (ކާނެބޯނެ އެއްޗެއްނެތްމީހުންނަށް) ކާންދީ، އަދި ރޯދަހިފުމުގައި ދާއިމުވެހުންނަ، އަދި ރޭގަނޑު މީސްތަކުން ނިދާފައިތިބޭއިރު ﷲއަށް ނަމާދުކުރާމީހުންނަށެވެ.”

އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އެންމެ ފުރަތަމަ އެކަލޭގެފާނު ޙަދީޘްކުރެއްވި ޙަދީޘްކުރެއްވުމުގެ ތެރޭގައިވެއެވެ. ((يَا أَيُّهَا النَّاسُ، أَفْشُوا السَّلَامَ، وَأَطْعِمُوا الطَّعَامَ، وَصَلُّوا وَالنَّاسُ نِيَامٌ تَدْخُلُونَ الجَنَّةَ بِسَلَامٍ))([4]) މާނައީ: “އޭ އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުން ސަލާމް ފަތުރާށެވެ! އަދި (ކާނެބޯނެ އެއްޗެއްނެތްމީހުންނަށް) ކާންދޭށެވެ! އަދި މީސްތަކުން ނިދާފައިތިބޭއިރު ނަމާދުކުރާށެވެ! އޭރުން ތިޔަބައިމީހުން ސަލާމަތްކަމާއެކު ސުވަރުގެ ވަންނާނެތެވެ.”

(5) ރޭއަޅުކަންކުރުމަކީ ނަރަކައިން މުއްތިކުރައްވާނޭ ކަމެކެވެ. ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހުމާއަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ވާހަކައިގައި އައިސްފައިވެއެވެ. ޢަބްދުﷲ ބުން ޢުމަރަށް (ހުވަންފެންފުޅުގައި) ދެ މަލާއިކަތަކު ފެނިވަޑައިގެންނެވިއެވެ. އެ ދެބޭކަލުން ޢަބްދުﷲގެ ގައިކޮޅުގައި ހިއްޕަވައިގެން ނަރަކައާ ދިމާލަށް ވަޑައިގެންނެވިއެވެ. އެހިނދު ޢަބްދުﷲ ވިދާޅުވަމުން ގެންދެވިއެވެ. “ތިމަން ނަރަކައިން ސަލާމަތްކޮށްދެއްވުމަށް ﷲގެ ޙަޟްރަތަށް އެދި ދަންނަވަމެވެ!” ދެން، (އެހިސާބުން) އެހެން މަލާއިކަތަކާ ބައްދަލުވެވަޑައިގަތެވެ. އެބޭކަލަކު ތިމަންނައަށް ވިދާޅުވިއެވެ. “ތިބާގެ މައްޗަކަށް ބިރެއްނެތެވެ.”

(ޢަބްދުﷲ ހޭފުޅު ލެއްވުމަށްފަހު،) މި ހުވަފެންފުޅުގެ ވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. “ޢަބްދުﷲ ރޭގަނޑުގައި ނަމާދުކުރައްވާނަމަ، އެއީ ހާދަހާވާ ހެޔޮ މީހެކެވެ.” މި ޙާދިސާއަށްފަހުގައި، އިބްނު ޢުމަރު ވަރަށް މަދުންނޫނީ ރޭގަނޑުގައި އަވަހާރަފުޅު ނުލައްޕަވާކަމުގައިވެއެވެ.([5])

މި ޙަދީޘްގެ ފައިދާތަކުގެ ތެރޭގައި ޢިލްމުވެރިން ވިދާޅުވެފައިވާގޮތުގައި: ރޭއަޅުކަމުގެ މާތްކަން މި ޙަދީޘްގައިވެއެވެ. އަދި އެކަމަކީ ނަރައިން މުއްތިކުރައްވާނެކަމެއް ކަމެކެވެ.

މި ޙަދީޘްގައިވާ “ތިބާގެ މައްޗަކަށް ބިރެއްނެތޭ” މިފަދައިން އިބްނު ޢުމަރަށް ދެންނެވިފައި އެވަނީ: އިބްނު ޢުމަރުގެ ކިބައިގައިވާ ހެޔޮކަމުގެ ސަބަބުންނެވެ. އެހެންމަވެސް، އޭރު އިބްނު ޢުމަރު ރޭއަޅުކަމެއް ނުކުރައްވައެވެ. ރޭއަޅުކަން ކުރައްވާކަމުގައިވާނަމަ ނަރަކައާ ކައިރިއަށްވެސް ނުގެންދެވުނީހެވެ. އަދި އެތަން ނުވެސް ފެނުނީހެވެ.

ހަމަމިފަދައިން، ޢަބްދުﷲ (ބުން ޢުމަރަށް) އެ ހުވަފެންފުޅު ފެނިވަޑައިގެން، އެ ހުވަފެންފުޅުގައި ނަރަކަ ފެނިވަޑައިގަތުމުން، އެތަނުން ސަލާމަތްވެވަޑައިގަތުމަށްޓަކައި، އޭގެފަހުން ރޭއަޅުކަން ދޫކޮށްލައްވާފައެއް ނުވެއެވެ.

އަދި މި ޙަދީޘްގެ ފައިދާތަކުގެ ތެރޭގައި: (ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ) ރޭގަނޑު ނަމާދުކުރާމީހާ ޞިފަކުރައްވާފައި އެވަނީ “ހާދަހާވާ ހެޔޮ މީހެއް” ގެ ގޮތުގައެވެ.([6])

(6) ރޭއަޅުކަމަކީ: ޞާލިޙުން އެކަމެއްގެ މަތީގައި ތިއްބެވުމަށް ގަދައަޅައި މަސައްކަތްކުރެއްވި ކަމެކެވެ. މާތް ﷲގެ މުއުމިނު އަޅުތަކުންގެ ޢާދައެކެވެ. ތަޤްވާވެރިންގެ ޝިޢާރެކެވެ. ރައްބާނީ ބޮޑެތި ޢިލްމުވެރިންނާއި އަޅުވެރިން ތަރުބިއްޔަތުކުރުމުގެ މަދަރުސާއެވެ. މުއުމިނުންގެ ދުނިޔަވީ ސުވަރުގެއެވެ.

ފަހެ، ﷲ ތަޢާލާ ވަނީ އެކަލާނގެއަށް ތަޤްވާވެރިވާ އަޅުންނަށް ތަޢުރީފުގެ ބަސްފުޅު މި އާޔަތުގައި ވަޙީކުރައްވާފައެވެ. ﴿كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ * وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾ (الذاريات: 17-18) މާނައީ: “އެބައިމީހުން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެބައިމީހުން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާކުރެތެވެ.” އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ * فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾ (السجد: 16، 17) މާނައީ: “އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެބައިމީހުންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެބައިމީހުންނަށް ދެއްވި ތަކެތީން، އެބައިމީހުން ހޭދަކުރެތެވެ. ފަހެ، އެބައިމީހުންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا﴾ (الفرقان: 64) މާނައީ: “އަދި އެބައިމީހުންނީ، އެބައިމީހުންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، ސަޖިދަކުރުމުގައްޔާއި، ޤިޔާމަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ.”

އަދި ޙަދީޘްގައި އައިސްފައިވެއެވެ. ((عَلَيْكُمْ بِقِيَامِ اللَّيْلِ؛ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ، وَهُوَ قُرْبَةٌ لَكُمْ إِلَى رَبِّكُمْ، وَمَكْفَرَةٌ لِلسَّيِّئَاتِ، وَمَنْهَاةٌ عَنِ الإِثْمِ))([7]) މާނައީ: “ރޭއަޅުކަންކުރުން ތިޔަބައިމީހުންގެ މައްޗަށް ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެކަމަކީ ތިޔަބައިމީހުންގެ ކުރީގެ ޞާލިޙުންގެ ޢާދަފުޅެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރައްބާ ކުއްތަންކުރުވައިދޭނެ ކަމެކެވެ. އަދި ފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައި ވާނެކަމެކެވެ. އަދި ފާފަކުރުމުން ދުރުކޮށްދޭނެކަމެކެވެ.”

(ނުނިމޭ)

_____________________________

([1]) انظر: لسان العرب لابن منظور (3/432)، والمجموع للنووي (4/43).

([2]) رواه البخاري (5027).

([3]) رواه الترمذي (2527)، وحسّنه الألباني.

([4]) رواه الترمذي (2485)، وابن ماجه (1234)، وصحّحه الألباني في الصحيحة (569).

([5]) ينظر: صحيح البخاري (1121)، ومسلم (2479).

([6]) ينظر: شرح صحيح البخاري لابن بطَّال (3/111)، والتوضيح لشرح الجامع الصحيح لابن الملقّن (9/27)، وفتح الباري لابن حجر (3/6).

([7]) رواه الحاكم (1/451)، وفي إسناده ضَعْف، وحسّنه الألباني في الإرواء (452).