[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޭއަޅުކަމާއި ތަރާވީޙުނަމާދާގުޅޭ 48 ފައިދާ (2)

(7) ރޭއަޅުކަންކުރުމާއި، ނިދުމާއި ތަންމަތީގެ އަރާމުކަމުގެ މައްޗަށް އެ އަޅުކަންކުރުމަށް އިސްކަންދިނުމަކީ އެ އަޅެއްދެކެ ﷲ ލޯބިވޮޑިގަންނަވާނެކަމެކެވެ. އަދި އެމީހެއްގެ އެ ޢަމަލު އެކަލާނގެ މަތިވެރިކުރަވާނެކަމެކެވެ.

ޙަދީޘްގައި އައިސްފައިވެއެވެ. އަޅަމެންގެ ވެރިރަސްކަލާނގެ ދެ މީހަކުދެކެ ޢަޖައިބުވެވޮޑިގެންނެވިއެވެ. އެއިގެ ތެރެއިން އެކަކީ؛ އެމީހާގެ އެނދާއި ރަޖާގަނޑުން ވަކިވެ، އެމީހާގެ ލޯބިވާމީހުންނާއި އަހުލުންނާ އެކަހެރިވެ ނަމާދުކުރާމީހާއެވެ. ފަހެ، މަތިވެރިވަންތަ ﷲ (މަލާއިކަތުންނަށް) ވަޙީކުރައްވާނެތެވެ. “ތިޔަބައިމީހުން ތިމަންއިލާހުގެ އަޅާއަށް ބައްލަވާށެވެ! އޭނާ، އޭނާގެ އެނދާއި ރަޖާގަނޑުން ވަކިވެ، އޭނާގެ ލޯބިވާމީހުންނާއި އަހުލުންނާ އެކަހެރިވެ އެހުރީ ނަމާދުގައެވެ. އެއީ ތިމަންރަސްކަލާނގެ ޙަޟްރަތުގައިވާ ނިޢުމަތްތަކަށް އެދޭޙާލު، އަދި ތިމަންރަސްކަލާނގެ ޙަޟްރަތުގައިވާ ޢަޛާބަށް ބިރުވެތިވާ ޙާލުގައެވެ.”

ދެވަނަ މީހަކީ؛ ﷲގެ މަގުގައި ހަނގުރާމަކުރިމީހެކެވެ. ފަހެ، އެމީހަކީ ހަނގުރާމައިން ދެރަވުމާއި، ހަނގުރާމައިގެ މައިދާންދޫކޮށްލުމުގެ ނުބައިކަން އެމީހަކަށް އެނގިގެންވާޙާލު، މީސްތަކުން ހަނގުރާމައިން ބަލިވިހިނދު، ހަނގުރާމައިގެ މައިދާނަށް ނުކުމެ، އެމީހާގެ ލޭއޮހޮރިއްޖެއުމަށްދާންދެން ހަނގުރާމަކުރިމީހެކެވެ. ފަހެ، މާތް ﷲ އެކަލާނގެ މަލާއިކަތުންނަށް ވަޙީކުރައްވާނެތެވެ. “ތިޔަބައިމީހުން ތިމަންއިލާހުގެ އަޅާއަށް ބައްލަވާށެވެ! އޭނާގެ ލޭއޮހޮރިއްޖެއުމަށްދާންދެން ހަނގުރާމައިގެ މައިދާނަށް އެ ރުޖޫޢަވީ ތިމަންރަސްކަލާނގެ ޙަޟްރަތުގައިވާ ނިޢުމަތްތަކަށް އެދޭޙާލު، އަދި ތިމަންރަސްކަލާނގެ ޙަޟްރަތުގައިވާ ޢަޛާބަށް ބިރުވެތިވާ ޙާލުގައެވެ.”([1])

ފަހެ، މި ޙަދީޘްގައިވާ ފުރަތަމަ މީހާއަކީ؛ ﷲއަށްޓަކައި އެމީހާގެ ތަންމަތިން ދުރުވެގަތްމީހެކެވެ. އެމީހާގެ އަމިއްލަނަފްސު ލޯބިވާކަމަކަށްވުރެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާކަމަކަށް އެމީހަކު އެވަނީ އިސްކަންދީފައެވެ. އެމީހަކު އެވަނީ އޭނާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމަށްޓަކައި އޭނާގެ ފައިތިލަ ސާބިތުކޮށްފައެވެ. ފަހެ، އެމީހާގެ ޖަޒާއަކީ ނިޢުމަތަކުގެވެރި ސުވަރުގެތަކުގައި ދާއިމަށް އުޅުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ * فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾ (السجد: 16، 17) މާނައީ: “އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެބައިމީހުންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެބައިމީހުންނަށް ދެއްވި ތަކެތީން، އެބައިމީހުން ހޭދަކުރެތެވެ. ފަހެ، އެބައިމީހުންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ.”

މި އާޔަތާބެހޭގޮތުން މުޙައްމަދު ބުން ކަޢުބުލް ޤުރަޡީ ވިދާޅުވިއެވެ. “ފަހެ، އެބައިމީހުން، އެބައިމީހުންގެ އެ ޢަމަލު ވަންހަނާކުރެއެވެ. އަދި ﷲވެސް އެބައިމީހުންނަށް ދެއްވާ ޘަވާބު އެވަނީ މީސްތަކުންނަށް ވަންހަނާކުރައްވާފައެވެ. ފަހެ، އެބައިމީހުން ﷲގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވުމުން، (އެ ޘަވާބާއި ދަރުމައިގެ ސަބަބުން) އެބައިމީހުންގެ ލޯތަކަށް ފިނިކަން ލިބިގެންދެއެވެ.”([2])

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެބައިމީހުން ރޭއަޅުކަން ވަންހަނާކުރި ކުރުމުގެ ބަދަލުވަނީ ކޮންފަދައަކުންކަމާމެދު ވިސްނާލައްވާށެވެ! އެއީ އެއްވެސް ނަފްސަކަށް ނޭނގޭނެގޮތަށް ވަންހަނާކުރައްވާފައިވާ ދަރުމައެވެ. އަދި ރޭއަޅުކަންކުރުމަށްޓަކައި އެބައިމީހުންނަށް ހަމަޖެހިގެން އެނދުގައި ނޯވެވި، އެބައިމީހުން ﷲއަށް ބިރުވެތިވެ، އެބައިމީހުންގެ އެނދުތަކުގައި ފުރޮޅިފުރޮޅިއޮތުމުގެ ބަދަލު ﷲ ދެއްވަވަނީ ކިހިނެއްކަން ވިސްނާލައްވާށެވެ! އެއީ؛ ސުވަރުގޭގައި އެބައިމީހުންގެ ލޯތަކަށް ފިނިކަން ލިބުމެވެ.”([3)

ފަހެ، އެމީހެއްގެ އެނދުތަކުން ދުރުވެ ރޭއަޅުންކުރުމުގައި ސާބިތުވާމީހުންނަކީ މި އާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ތަޤްވާވެރިންކުރެމީހެކެވެ. ﴿كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ * وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾ (الذاريات: 17-18) މާނައީ: “އެބައިމީހުން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެބައިމީހުން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާކުރެތެވެ.”

(8) ރޭއަޅުކަމަކީ މުއުމިނާގެ ޝަރަފެކެވެ. އޭނާގެ ޤަދަރު އުފުލިގެންދާނެ ސަބަބެކެވެ. އަދި އޭނާގެ މަޤާމު މަތިވެރިވެގެންދާނެކަމެކެވެ. ޙަދީޘްގައި ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޖިބްރީލް ޢަލައިހިއްސަލާމް ވިދާޅުވިއެވެ. ((يَا مُحَمَّدُ، شَرَفُ الْمُؤْمِنِ: قِيَامُ اللَّيْلِ، وَعِزُّهُ: اسْتِغْنَاؤُهُ عَنِ النَّاسِ))([4]) މާނައީ: “އޭ މުޙައްމަދުގެފާނެވެ! މުއުމިނާގެ ޝަރަފަކީ ރޭއަޅުކަމެވެ. އަދި އޭނާގެ ޢިއްޒަތަކީ މީސްތަކުންގެ ގާތުގައި ކަންކަންމަށް އެނދުމުން ދުރުހެލިވުމެވެ.”

(9) ރޭއަޅުކަމުގެ ތެރޭގައި ކީރިތި ޤުރްއާން ކިޔެވުމަކީ މަތިވެރިވެގެންވާ ޣަނީމާއެކެވެ.([5]) ޣާފިލުވެގެންވާމީހަކު މެނުވީ އެކަމުން އެއްކިބާނުވާނެއެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((مَنْ قَامَ بِعَشْرِ آيَاتٍ لَمْ يُكْتَبْ مِنَ الغَافِلِينَ، وَمَنْ قَامَ بِمِائَةِ آيَةٍ كُتِبَ مِنَ القَانِتِينَ، وَمَنْ قَامَ بِأَلْفِ آيَةٍ كُتِبَ مِنَ الـمُقَنْطِرِينَ))([6]) މާނައީ: “ރޭއަޅުކަމުގައި ދިހަ އާޔަތް ކިޔައިފިމީހަކު ޣާފިލުންގެ ތެރޭގައި ނުލިޔުއްވޭނެއެވެ. އަދި ރޭއަޅުކަމުގައި ސަތޭކަ އާޔަތް ކިޔަވައިފިމީހަކު ކިޔަމަންތެރި އަޅުވެރިންގެ ތެރޭގައި ލިޔުއްވޭނެއެވެ. އަދި ރޭއަޅުކަމުގައި އެއްހާސް އާޔަތް ކިޔަވައިފިމީހަކު ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގެންވާ މީހުންގެ ތެރޭގައި ލިޔުއްވޭނެއެވެ.”

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ އަޞްހާބުންނަށް ޙަދީޘްކުރެއްވިއެވެ. ((أَيُحِبُّ أَحَدُكُمْ إِذَا رَجَعَ إِلَى أَهْلِهِ أَنْ يَجِدَ فِيهِ ثَلَاثَ خَلِفَاتٍ عِظَامٍ سِمَانٍ؟)) قُلْنَا: نَعَمْ، قَالَ: ((فَثَلَاثُ آيَاتٍ يَقْرَأُ بِهِنَّ أَحَدُكُمْ فِي صَلَاتِهِ، خَيْرٌ لَهُ مِنْ ثَلَاثِ خَلِفَاتٍ عِظَامٍ سِمَانٍ))([7]) މާނައީ: “ތިޔައިގެ ތެރެއިން ބޭކަލަކު އެބޭކަލެއްގެ އަހުލުންގެ ކައިރިއަށްދާއިރު، ވަރުގަދަ، ފަލަ، މާބަނޑު ތިން ޖަމަލު އޮތުމަށް ލޯބުކުރާނެ ހެއްޔެވެ؟” ތިމަންބޭކަލުން ދެންނެވީމެވެ. “އާދޭހެވެ!” އެކަލޭގެފަނު ޙަދީޘްކުރެއްވިއެވެ. “ފަހެ، ތިޔައިގެތެރެއިން ބޭކަލަކު، އެބޭކަލެއްގެ ނަމާދުގައި ތިން އާޔަތް ކިޔެވުމަކީ ވަރުގަދަ، ފަލަ، މާބަނޑު ތިން ޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވާކަމެކެވެ.”

(10) މުސްލިމުން އެ ނިޢުމަތެއް ހޯދުމަށްޓަކައި އެކަކުއަނެކަކާ ވާދަކުރަންވީ އެންމެ ބޮޑު އެއް ނިޢުމަތަކީ ރޭއަޅުކަމުގައި ޤުރްއާން ކިޔެވުމެވެ. އަދި އެ ނިޢުމަތުގެ އަހުލުވެރިން އެކަމެއްގެ މަތީގައި ދާއިމުވެ ތިބި ނިޢުމަތެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((لَا حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٌ آتَاهُ اللهُ الْقُرْآنَ فَهُوَ يَقُومُ بِهِ آنَاءَ اللَّيْلِ، وَآنَاءَ النَّهَارِ، وَرَجُلٌ آتَاهُ اللهُ مَالًا، فَهُوَ يُنْفِقُهُ آنَاءَ اللَّيْلِ، وَآنَاءَ النَّهَارِ))([8]) މާނައީ: ދެ މީހަކާމެދުގައި މެނުވީ ޙަސަދަވެރިވުމެއްނުވެއެވެ. (އެއިގެ ތެރެއިން އެކަކީ؛) ﷲ އެމީހަކަށް ޤުރްއާން އުގަންނަވައިދެއްވާފައިވާ މީހެކެވެ. ފަހެ، އެމީހާ ރޭގަނޑުގެ ވަގުތުތަކުގައްޔާއި ދުވާލުގެ ވަގުތުތަކުގައި އެ ފޮތް ކިޔަވައެވެ. އަދި (ދެވަނަ މީހަކީ؛) ﷲ އެމީހަކަށް މުދާ ދެއްވާފައިވާ މީހެކެވެ. ފަހެ، އެމީހާ ޙައްޤުގޮތުގައި އެ މުދާތައް ރޭގަނޑުގެ ވަގުތުތަކުގައްޔާއި ދުވާލުގެ ވަގުތުތަކުގައި ހޭދަކުރެއެވެ.”

މި ޙަދީޘްގައިވާ ޙަސަދައިގެ މުރާދަކީ: الغِبْطَةُ އެވެ. އެއީ؛ އެހެންމީހަކަށް ލިބިފައިވާ ނިޢުމަތެއް، އެމީހެއްގެ ކިބައިން އެ ނިޢުމަތެއް ފިލައިދިޔުމަށް ނޭދޭޙާލު، އެ ނިޢުމަތެއް ތިމާއަށްވެސް ލިބުމަށްއެދުމެވެ. ކިޔަމަންތެރިވުމުގެ ގޮތުން ކުރެވޭ ކަންކަމުގައި މިއީ އެދެވިގެންވާ މުސްތަޙައްބުކަމެކެވެ. އެހެންކަމުން، ޙަދީޘްގެ މާނައަކީ: ނިޢުމަތެއް އެހެންމީހެއްގެ ކިބައިން ފިލައިދިޔުމަށް ނޭދި، ތިމާއަށްވެސް އެ ނިޢުމަތެއް ލިބުމަށް އެދެވިގެންވާ މުސްތަޙައްބުކަމެއްކަމުގައިވާނީ (ޙަދީޘްގައި ބަޔާންވެގެންވާ) ދެ ޞިފައާއި އެ ދެ ޞިފައިގެ މާނާގައިވާ އެހެނިހެން ހެޔޮކަންކަމެވެ.([9])

(11) ރޭއަޅުކަމަކީ ﷲ ތަޢާލާ ދެއްވަވާފައިވާ ގުނާ ޢަދަދުނުކުރެވޭ ނިޢުމަތްތަކަށްވެވޭ ޝުކުރުވެރިވުމެކެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ފައިންޕުޅު ދުޅަވަންދެން ރޭއަޅުކަން ކުރައްވައެވެ. ޞަޙާބީބޭކަލުން ދެންނެވިއެވެ. “ﷲ ވަނީ ކަލޭގެފާނުގެ އިސްވެގޮސްފައިވާ ފާފަތަކާއި ފަހުންހުރި ފާފަތަކަށް ދާންދެން ފުއްސަވާދެއްވާފައެވެ!” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((أَفَلَا أَكُونُ عَبْدًا شَكُورًا؟!))([10]) މާނައީ: “ޝުކުރުވެރިވާ އަޅެއްގެގޮތުގައި ތިމަންކަލޭގެފާނު ނުވަންވީތޯއެވެ؟!” އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިގައި އަޅުގަނޑުމެންނަށް ރިވެތި ނަމޫނާއެއްވެއެވެ. އެކަލޭގެފާނާމެދު ޢަބްދުﷲ ބުން ރަވާޙާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ޅެމެއްގައިވެއެވެ.

وَفِينَا رَسُولُ اللَّهِ يَتْلُو كِتَابَهُ           إِذَا انْشَقَّ مَعْرُوفٌ مِنَ الفَجْرِ سَاطِعُ

أَرَانَا الهُدَى بَعْدَ العَمَى فَقُلُوبُنَا       بِهِ مُوقِنَاتٌ أَنَّ مَا قَالَ وَاقِعُ

يَبِيتُ يُجَافِي جَنْبَهُ عَنْ فِرَاشِهِ          إِذَا اسْتَثْقَلَتْ بِالْمُشْرِكِينَ الـمَضَاجِعُ([11])

ޅެންބައިތުތަކުގެ މާނައީ: އަދި ތިމަންމެންގެ ތެރޭގައި ﷲގެ ރަސޫލާވިއެވެ. އެކަލޭގެފާނު ﷲގެ ފޮތް ކިޔަވާވިދާޅުވެއެވެ. އެހިނދު، ފަޖުރުގެ (އަނދިރިކަމުގެ) ތެރެއިން ތެދުވެރިކަން ފާޅުވެއްޖެއެވެ. ކަނުކަމެއްގެ ތެރޭގައި ވަނިކޮށް (އެބަހީ؛ މަގުފުރެއްދުމެއްގެ ތެރޭގައި ވަނިކޮށް) ތިމަންމެނަށް ހިދާޔަތް ފެނުނެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރައްވާ ކަންތައްތައް ހިނގާނެކަމަށް ތިމަންމެންގެ ހިތްތަކުން ތެދުކުރީމެވެ. އެކަލާގެފާނު ރޭގަނޑުގެ ވަގުތުތައް ހޭދަކުރައްވަނީ އެކަލޭގެފާނުގެ އަރިކަށިކޮޅު ތަންމައްޗާ ދުރުކުރައްވައިގެންނެވެ. (އެބަހީ؛ ރޭއަޅުކަން ކުރެއްވުމުގައެވެ.) އެ ވަގުތަކީ މުޝްރިކުން އެބައިމީހުންގެ ތަންމަތިތަކަށް ބަރުހެލިވެގެންތިބޭ ވަގުތެވެ.

(12) ރޭއަޅުކަމުގެ ވަގުތު ފެށެނީ ޢިޝާނަމާދުގެ ފަހުން ފެށިގެންގޮސް ފަޖުރުލައިފުމަށް ދާނދެނެވެ. މި ވަގުތުގެ ކުރީކޮޅުގައާއި، މެދުތެރޭގައާއި، ފަހުކޮޅުގައި ރޭއަޅުކަންކުރުން ޝަރުޢުވެގެންވެއެވެ.

އަދި މި ވަގުތުތަކުގެ ތެރެއިން އެންމެ މަތިވެރި ވަގުތަކީ: ފަހު ތިންބައިކުޅަ އެއްބައެވެ. ފަހެ، އެ ވަގުތަކީ އިލާހުވަންތަ ރަސްކަލާނގެ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާ ވަގުތެވެ.

ޙަދީޘްގައި އައިސްފައިވެއެވެ. ((أَقْرَبُ مَا يَكُونُ الرَّبُّ مِنَ العَبْدِ فِي جَوْفِ اللَّيْلِ الآخِرِ، فَإِنْ اسْتَطَعْتَ أَنْ تَكُونَ مِمَّنْ يَذْكُرُ اللَّهَ فِي تِلْكَ السَّاعَةِ فَكُنْ))([12]) މާނައީ: “އަޅާ، އޭނާގެ ވެރިރަސްކަލާނގެއާ އެންމެ ކުއްތަންވެގެންވަނީ ރޭގަނޑުގެ ފަހު ބައިގައެވެ. ފަހެ، އެ ވަގުތުގައި ﷲއަށް ޛިކުރުކުރާމީހުންގެ ތެރެއިން ވުމަށް ތިބާއަށް ކުޅަދާނަކަން ލިބިފައިވާނަމަ، ފަހެ، އެފަދަ މީހަކަށް ވާށެވެ.”

އަދިވެސް ޙަދީޘްގައިވެއެވެ. ((أَحَبُّ الصَّلاَةِ إِلَى اللَّهِ: صَلاَةُ دَاوُدَ عَلَيْهِ السَّلاَمُ، وَأَحَبُّ الصِّيَامِ إِلَى اللَّهِ: صِيَامُ دَاوُدَ. وَكَانَ يَنَامُ نِصْفَ اللَّيْلِ، وَيَقُومُ ثُلُثَهُ، وَيَنَامُ سُدُسَهُ، وَيَصُومُ يَوْمًا، وَيُفْطِرُ يَوْمًا))([13) މާނައީ: “ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވަގެންވާ ރޭއަޅުކަމަކީ: ދާއޫދު عَلَيْهِ السَّلاَمُ ގެ ރޭއަޅުކަންކުރެއްވުމެވެ. އަދި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވަގެންވާ ސުންނަތް ރޯދައަކީ: ދާއޫދުގެފާނުގެ ރޯދައެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އެކަލޭގެފާނު އަވަހާރަފުޅު ލައްޕަވައެވެ. އަދި ރޭގަނޑު ތިންބައިކުޅަ އެއްބައިގައި ރޭއަޅުކަންކުރައްވައެވެ. އަދި ބާކީ ހަބައިކުޅަ އެއްބައިގައި (އަނެއްކާވެސް) އަވަހާރަފުޅު ލައްޕަވައެވެ. އަދި އެކަލޭގެފާނު އެއްދުވަހު ރޯދައަށް ހުންނަވައެވެ. އަދި އަނެއްދުވަހު ރޯދައަށް ނުހުންނަވައެވެ.”

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي، فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ))([14]) މާނައީ: ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބަޔަށް އެޅުމުން އަޅަމެންގެ މަތިވެރިވަންތަ ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބާވޮޑިގެން ވަޙީކުރައްވައެވެ. “ތިމަންރަސްކަލާނގެއަށް ދުޢާކުރަނީ ކާކު ހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް އިޖާބަދެއްވާނަމެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުން (އެއްޗަކަށް) އެދި ދަންނަވަނީ ކާކުހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ދެއްވާނަމެވެ. ފާފަ ފުއްސެވުމަށްއެދި ތިމަންރަސްކަލާނގެއަށް އިސްތިޣްފާރުކުރަނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކަށް ތިމަންރަސްކަލާނގެ ފާފަ ފުއްސަވައިދެއްވާނަމެވެ.”

(13) ރޭއަޅުކަންކުރުމުގައި ވަކިޚާއްޞަ ޢަދަދެއް ނުވެއެވެ. ދިގުކޮށް ކުރުމަށް އެދޭމީހަކަށް ދިގުކޮށް، ނުވަތަ ކުރުކުރުމަށް އެދޭމީހަކަށް ކުރުކުރެވިދާނެއެވެ. އެހެންނަމަވެސް، އެގާރަ ރަކުޢަތް ކުރުން މޮޅުއިތުރުވެގެންވެއެވެ. އެހެނީ، އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަމަލުކުރައްވާފައިވާ ގޮތެވެ.

ޙަދީޘްގައި އައިސްފައިވެއެވެ. ((صَلاَةُ اللَّيْلِ مَثْنَى مَثْنَى، فَإِذَا خَشِيَ أَحَدُكُمُ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى))([15]) މާނައީ: “ރޭގަނޑުގެ ރޭއަޅުކަން ވަނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ. ފަހެ، ތިޔައިގެ ތެރެއިން މީހަކަށް ފަތިސްވެދާނެކަމުގެ ބިރުހީވެއްޖެކަމުގައިވާނަމަ، ކުރިން ކުރި ނަމާދުތައް އޮނަހިރިކުރުމުގެ ގޮތުން އެއް ރަކުޢަތް ކުރާށެވެ!”

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ((مَا كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَزِيدُ فِي رَمَضَانَ وَلاَ فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً))([16]) މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، ރަމަޟާންމަހާއި، އަދި އެނޫން މައްސަރެއްގައިވެސް (ރޭއަޅުކަން) އެގާރަ ރަކުޢަތަށްވުރެ އިތުރުނުކުރައްވައެވެ.”

(14) ނިދަން އޮށޯތުމަށްފަހު، ރޭއަޅުކަމަށް ހޭލުމަށް ނިޔަތް ގަތުމަކީ މުސްލިމުންގެ މައްޗަށް އެދެވިގެންވާ ކަމެކެވެ. އެ ނިޔަތަކީ ހަރުދަނާ ނިޔަތަކަށް ވާންވާނެއެވެ. އެމީހާގެ ނިދުމަކީ ﷲ ތަޢާލާއަށް ކިޔަމަންގަތުމަށް ބާރުދީ، ހީވާގިކުރުވާ ނިދުމަކަށް ހެދުމަށް ނިޔަތް ގަންނަންވާނެއެވެ. އެއީ؛ ނިދުމާއި ރޭއަޅުކަމުގެ ޘަވާބު ހޯދުމުގެ ގޮތުންނެވެ.

ޙަދީޘްގައި އައިސްފައިވެއެވެ. ((مَا مِنَ امْرِئٍ تَكُونُ لَهُ صَلَاةٌ بِلَيْلٍ، فَغَلَبَهُ عَلَيْهَا نَوْمٌ؛ إِلَّا كَتَبَ اللَّهُ لَهُ أَجْرَ صَلَاتِهِ، وَكَانَ نَوْمُهُ صَدَقَةً عَلَيْهِ))([17]) މާނައީ: “ރޭގަނޑެއްގައި އެއްވެސްމީހަކަށް ނަމާދެއް އޮވެފައި (އެބަހީ؛ ރޭގަނޑެއްގައި ނަމާދެއްކުރަން ނިޔަތްގަނެގެން އޮވެފައި)، ފަހެ، އެމީހެއްގެ މައްޗަށް ނިދި ގަދަވެގެންފިނަމަ، ﷲ އެމީހަކަށް އެމީހާގެ ނަމާދުގެ އަޖުރު ނުލިޔުއްވާ ނުދެއެވެ. އަދި އެމީހާގެ ނިދުމަކީ އެމީހާގެ މައްޗަށްވާ ޞަދަޤާތެއްކަމުގައިވެއެވެ.”

(15) ރޭއަޅުކަމަށް ހޭލައިފިމީހެއްގެ މައްޗަށް އަންނަނިވި ކަންކަންކުރުން ސުންނަތްވެގެންވެއެވެ.

* އޭނާގެ ދެއަތުން މޫނުގައި އަތްކާއްތާލައިގެން ނިދި ފިލުވާލުން.

* ނިދިން ހޭލުމަށްފަހު ކިޔުމަށް އައިސްފައިވާ ޛިކުރުތައްކިޔުން.

* ދަތްއުނގުޅުން.

* އާލްޢިމްރާން ސޫރަތުގެ ފަހުގެ އާޔަތްތައް ކިޔެވުން. އެއީ ﴿إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ﴾ މި އާޔަތުން ފެށިގެންގޮސް އެ ސޫރަތުގެ ނިޔަލަށެވެ. (آل عمران: 190-200)

* ލުއި ދެ ރަކުޢަތުން ރޭއަޅުކަން ފެށުމެވެ. ދެން އެ ދެ ރަކުޢަތަށްފަހު، އެމީހަކު ބޭނުންވަރަކަށް ދިގުކޮށްގެން ނަމާދުކުރުމެވެ. އަދި ކޮންމެ ދެ ރަކުޢަތަކުން ސަލާމްދިނުމެވެ.

* އެމީހާގެ ރޭއަޅުކަން ވިތުރިނަމާދުން ނިންމާލުމެވެ. ރޭގަނޑުގެ އެންމެފަހުކޮޅުގައި ވިތުރިކުރުން މޮޅުއިތުރުވެގެންވެއެވެ.

(ނުނިމޭ)

____________________________

([1]) رواه ابن حبّان (2557)، وروى أبوداود (2536) جملة الغازي، وحسّنه الألبانيّ في التعليقات الحسان.

([2]) مستدرك الحاكم (2/448)، والدُّرّ المنثور للسيوطي (11/696).

([3]) حادي الأرواح إلى بلاد الأفراح (ص 278).

([4]) رواه الحاكم (4/360)، وفي إسناده ضَعْف، وحسّنه الألباني في صحيح الجامع (73).

([5]) ޣަނީމާއަކީ؛ ޢަދުއްވުން ހަނގުރާމައިގެ މައިދާނަށް ދޫކޮށްފައިދާ މުދަލެވެ. މިތަނުގައި ޣަނީމާގެ މުރާދަކީ؛ ރޭއަޅުކަންކުރުމުގައި ޤުރްއާން ކިޔެވުމަކީ ގިނަގުނަ މަތިވެރި ޘަވާބާއި ދަރުމަ ހޯދައިގަނެވޭނެކަމެކެވެ. (މުތަރުޖިމް)

([6]) رواه أبو داود (1398)، وصحّحه الألباني.

([7]) رواه مسلم (802).

([8]) رواه البخاري (7529)- ولفظه: ((فهو يتلوه))-، ومسلم (815) واللَّفظ له.

([9]) ينظر: شرح النووي على صحيح مسلم (6/97).

([10]) رواه البخاري (4836)، ومسلم (2819) واللَّفظ له.

([11]) رواه البخاري (1155).

([12]) رواه الترمذي (3579)، والنسائي (572)، وهو في صحيح الجامع (1173).

([13]) رواه البخاري (1131)، ومسلم (1159).

([14]) رواه البخاري (1145)، ومسلم (758).

([15]) رواه البخاري (990)، ومسلم (749).

([16]) رواه البخاري (1147)، ومسلم (738).

([17]) رواه النسائي (1784)، وصحّحه الألباني.