ވިތުރި ނަމާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަންވުމަށްޓަކައި ކުރެވޭ އަޅުކަންތަކުގެ ތެރެއިންވާ މަތިވެރި އަޅުކަމެކެވެ. ބައެއް ޢިލްމުވެރިން (ޙަނަފީ މަޛްހަބުގެ ޢިލްމުވެރިން) ދެކެވަޑައިގަންނަވާ ގޮތުގައި ވިތުރި ކުރުމަކީ ވާޖިބެކެވެ. ނަމަވެސް މިމައްސަލާގައި ރަނގަޅު ރަޢުޔަކީ ވިތުރިއަކީ ގަދަވެގެންވާ ސުންނަތެއް ކަމެވެ. ވިތުރި ނަމާދުގެ ރަކުޢަތްތަކާއި، މިނަމާދު ކުރާނެ އެކި ގޮތްތައް އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ފެންނަން އެބައޮތެވެ. އެގޮތުން ސުންނަތުން ޘާބިތުވާ، ވިތުރި ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި، މިނަމާދު ކުރެވިދާނެ ގޮތަކަށް ބަލާއިރު މައިގަނޑު ހަތަރު ގޮތެއް ފާހަގަވެއެވެ. އެއީ:
-
އެއް ރަކުޢަތުން ވިތުރި ކުރުން:
ވިތުރި ނަމާދުގެ އެންމެ މަދު މިންވަރަކީ އެއްރަކުޢަތެވެ. އެކަމަށް ދަލީލުކޮށްދެނީ ރަސޫލުﷲ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްފުޅެވެ.
عَنْ أَبِي مِجْلَزٍ، قَالَ سَأَلْتُ ابْنَ عَبَّاسٍ عَنِ الْوِتْرِ، فَقَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” رَكْعَةٌ مِنْ آخِرِ اللَّيْلِ ” . وَسَأَلْتُ ابْنَ عُمَرَ فَقَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” رَكْعَةٌ مِنْ آخِرِ اللَّيْلِ ” . (رواه مسلم (752))
މާނަ: އަބޫ މިޖްލަޒްގެ އަރިހުން ރިވާވެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެން އިބްނު ޢައްބާސް رضي الله عنهما އާ ވިތުރިއާ ބެހޭގޮތުން ސުވާލު ކުރީމެވެ. އެކަލޭގެވާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم މިފަދައިން ޙަދީޘް ކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ: “ވިތުރިއަކީ ރޭގަނޑުގެ ފަހުބައިގައި ކުރާ އެއް ރަކުޢަތެވެ.” އަދި އަހަރެން އިބްނު ޢުމަރު رضي الله عنهما ގާތުގައިވެސް އެފަދައިން ސުވާލު ކުރީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم މިފަދައިން ޙަދީޘް ކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ: “(އެއީ) ރޭގަނޑުގެ ފަހުބައިގައި ކުރާ އެއް ރަކުޢަތެވެ.” (ޙަދީޘް ރިވާކުރެއްވީ: އިމާމް މުސްލިމް (752))
އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ.
عَنْ اِبْنِ عُمَرَ -رَضِيَ اَللَّهُ عَنْهُمَا- قَالَ : قَالَ رَسُولُ اَللَّهِ - صلى الله عليه وسلم - “صَلَاةُ اَللَّيْلِ مَثْنَى مَثْنَى , فَإِذَا خَشِيَ أَحَدُكُمْ اَلصُّبْحِ صَلَّى رَكْعَةً وَاحِدَةً , تُوتِرُ لَهُ مَا قَدْ صَلَّى” (رواه البخاري ( 990 ) ، ومسلم ( 749 ))
މާނަ: އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ރޭގަނޑުގެ ނަމާދުވަނީ ދެރަކުޢަތުން ދެރަކުޢަތުންނެވެ. ފަހެ ފަތިސްވެދާނެކަމަށް ތިޔަބައިމީހުން ބިރުގަނެއްޖެނަމަ، އެއްރަކުޢަތް ކުރާށެވެ. އޭރުން ކުރެވުނު ނަމާދު (ގެ ރަކުޢަތްތަކުގެ ޢަދަދު) އޮނަހިރި ޢަދަދެއްކަމުގައި ވާނެއެވެ.” (ޙަދީޘް ރިވާކުރެއްވީ: އިމާމް ބުޚާރީ، (990) މުސްލިމް (749))
ކުރިންވެސް ބުނެވުނުފަދައިން މިއީ ވިތުރީގެ އެންމެ މަދު މިންވަރެވެ. މީގެ އިތުރަށް ތިން ރަކުޢަތުން އަދި ފަސްރަކުޢަތުން އަދި ހަތް ރަކުޢަތުން އަދި ނުވަ ރަކުޢަތުންވެސް ވިތުރި ނަމާދު ކުރެވިދާނެއެވެ.
-
ތިން ރަކުޢަތުން ވިތުރި ނަމާދު ކުރުން:
ތިން ރަކުޢަތުން ވިތުރި ނަމާދު ކުރެވިދާނެ ދެ ގޮތެއް ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވެއެވެ.
- ތިން ރަކުޢަތުން ވިތުރި ނަމާދު ކުރެވޭ ފުރަތަމަ ގޮތް: ހަމައެކަނި ފަހު ރަކުޢަތުގައި އައްތަޙިއްޔާތަށް އިންނަ ގޮތަށް މެދުކެނޑުމެއް ނެތި ތިން ރަކުޢަތް އެއްކޮށް ކުރުން. މިގޮތަށް ވިތުރި ކުރެވިދާނެ ކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.
عَنْ سَعْدِ بْنِ هِشَامٍ، أَنَّ عَائِشَةَ، حَدَّثَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ لاَ يُسَلِّمُ فِي رَكْعَتَىِ الْوَتْرِ. وفي لفظ ” كان يوتر بثلاث لا يقعد إلا في آخرهن “ (رواه النسائي (3/234) والبيهقي (3/31) قال النووي في المجموع (4/7) رواه النسائي بإسناد حسن ، والبيهقي بإسناد صحيح .)
މާނަ: ސަޢުދު އިބްނު ހިޝާމްގެ އަރިހުން ރިވާވެފައިވެއެވެ. ޢާއިޝާ رضي الله عنها އެކަލޭގެފާނު ގާތު ވިދާޅުވިއެވެ. “ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ވިތުރި ނަމާދުގައި ދެރަކުޢަތް ކުރެއްވުމަށްފަހު ސަލާމް ނުދެއްވައެވެ.” އަދިވެސް އެހެން ރިވާޔަތެއްގައި ވެއެވެ. މާނަ: (ރަސޫލުﷲ صلى الله عليه وسلم) ތިން ރަކުޢަތުން ވިތުރި ކުރައްވައެވެ. އެންމެ ފަހު ރަކުޢަތުގައި މެނުވީ އެކަލޭގެފާނު (އައްތަޙިއްޔާތަކަށް) އިށީނދެވަޑައި ނުގަންނަވައެވެ.” (ޙަދީޘް ރިވާކުރެއްވީ: އައްނަސާއީ (3/234)، އަލްބައިހަޤީ (3/31)، އިމާމް އައްނަވަވީ އަލް މަޖްމޫޢުގައި (4/7) ވިދާޅުވެފައިވެއެވެ. “އައްނަސާއީ މިޙަދީޘް ރިވާކުރައްވާފައި ވަނީ ޙަސަން ދަރަޖައިގެ ސަނަދަކުންނެވެ. އަދި އަލްބައިޙަޤީ މިޙަދީޘް ރިވާ ކުރައްވާފައި ވަނީ ޞައްޙަ ސަނަދަކުންނެވެ.”)
- ތިން ރަކުޢަތުން ވިތުރި ނަމާދު ކުރެވޭ ދެވަނަ ގޮތް: ދެރަކުޢަތް ކޮށް، ސަލާމް ދިނުމަށްފަހު ވަކިން އެއްރަކުޢަތް ކޮށްގެން ވިތުރި ކުރުމެވެ. މިގޮތަށް ވިތުރި ކުރެވިދާނެ ކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.
عن ابن عمر رضي الله عنهما : أنه كان يفصل بين شفعه ووتره بتسليمة ، وأخبر أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ كان يفعل ذلك . (رواه ابن حبان (2435) وقال ابن حجر في الفتح (2/482) إسناده قوي .)
މާނަ: އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިތުރިކުރައްވާހިނދު، (ފުރަތަމަ) ދެރަކުޢަތާއި (ވަކިން ކުރާ) އެއްރަކުޢަތް، ސަލާމަކުން ވަކި ކުރައްވަތެވެ. އަދި ރަސޫލުﷲ صلى الله عليه وسلم އެފަދައިން ކަންތައްކުރައްވާކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. (ޙަދީޘް ރިވާކުރެއްވީ: އިބްނު ޙިއްބާން (2435)، އިމާމް އިބްނު ޙަޖަރު ފަތްޙުލް ބާރީގައި (2/482) ވިދާޅުވެފައިވެއެވެ. “(މިޙަދީޘުގެ) ސަނަދު ވަރުގަދައެވެ.”)
-
ފަސް ރަކުޢަތުން ނުވަތަ ހަތް ރަކުޢަތުން ވިތުރި ކުރުން:
ފަސް ރަކުޢަތުން ނުވަތަ ހަތް ރަކުޢަތުން ވިތުރި ކުރާއިރު ވިތުރި ކުރާނީ ތިން ރަކުޢަތުން ވިތުރި ކުރެވޭ ފުރަތަމަ ގޮތުގައި ބުނެވިދިޔަ ފަދައިން ފަހު ރަކުޢަތުގައި އައްތަޙިއްޔާތަށް އިންނަ ގޮތަށް މެދުކެނޑުމެއް ނެތި ފަސް ރަކުޢަތް ނުވަތަ ހަތް ރަކުޢަތް ކޮށްގެންނެވެ. ފަހެ މިގޮތަށް ވިތުރި ކުރެވިދާނެކަމުގެ ދަލީލަކީ:
عَنْ عَائِشَةَ رضي الله عنها، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي مِنَ اللَّيْلِ ثَلاَثَ عَشْرَةَ رَكْعَةً يُوتِرُ مِنْ ذَلِكَ بِخَمْسٍ لاَ يَجْلِسُ فِي شَىْءٍ إِلاَّ فِي آخِرِهَا . (رواه مسلم (737))
މާނަ: ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެފައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ރޭގަނޑުގެ ނަމާދުގައި (ދަމު ނަމާދުގައި) ތޭރަ ރަކުޢަތް ކުރައްވާ ކަމުގައި ވެއެވެ. އަދި ފަސް ރަކުޢަތުން ވިތުރި ކުރައްވަތެވެ. (އެ ފަސް ރަކުޢަތް ކުރެއްވުމުގައި) އެންމެ ފަހު ރަކުޢަތުގައި މެނުވީ (އައްތަޙިއްޔާތަށް) އިށީނދެވަޑައި ނުގަންނަވައެވެ. (ޙަދީޘް ރިވާކުރެއްވީ: އިމާމް މުސްލިމް (737))
އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ.
عَنْ أُمِّ سَلَمَةَ رضي الله عنها، كان النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ يوتر بخمس وبسبع ولا يفصل بينهن بسلام ولا كلام . (رواه أحمد (6/290) النسائي (1714) وقال النووي : سنده جيد . الفتح الرباني (2/297) ، وصححه الألباني في صحيح النسائي)
މާނަ: އުންމު ސަލަމާ رضي الله عنها ގެ އަރިހުން ރިވާވެފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ފަސް ރަކުޢަތުންނާއި ހަތް ރަކުޢަތުން ވިތުރި ކުރައްވައެވެ. (އެފަދައިން ވިތުރި ކުރައްވާހިނދު) ސަލާމަކުން އަދި ވާހަކަދެއްކުމަކުން ވެސް އެރަކުޢަތްތައް މެދުކަނޑާނުލައްވައެވެ. (ޙަދީޘް ރިވާކުރެއްވީ: އިމާމް އަޙްމަދު (6/290) އައްނަސާއީ (1714)، އިމާމް އައްނަވަވީ އަލް ފަތުޙުލް ރައްބާނީގައި (2/297) ވިދާޅުވެފައިވެއެވެ. “މި ޙަދީޘުގެ ސަނަދު ރަނގަޅެވެ.” އަދި އަލްއަލްބާނީ ވަނީ ޞަޙީޙުއް ނަސާއީގައި މިއީ ޞައްޙަ ޙަދީޘެއްކަމުގައި ވިދާޅުވެފައެވެ.)
-
ނުވަ ރަކުޢަތުން ވިތުރި ކުރުން:
ނުވަ ރަކުޢަތުން ވިތުރި ކުރާއިރު، ފުރަތަމަ އަށް ރަކުޢަތް ކުރެވެންދެން ފަހު ރަކުޢަތުގައި އައްތަޙިއްޔާތަށް އިންނަ ގޮތަށް މެދުކެނޑުމެއް ނެތި އަށް ރަކުއަތް ކުރާނީއެވެ. އަށްވަނަ ރަކުޢަތުގައި އައްތަޙިއްޔާތަށް އިށީނދެ، ސަލާމް ދިނުމަކާނުލާ ތެދުވެ އެއް ރަކުޢަތް ކުރުމަށްފަހު އައްތަޙިއްޔާތަށް އިށީނދެ، ސަލާމްދޭނީއެވެ. މިފަދައިން ވިތުރި ކުރެވިދާނެކަމުގެ ދަލީލު: ވަރަށް ދިގު ޙަދީޘެއްގައި، ޢާއިޝާ رضي الله عنها ގާތުން ރަސޫލުﷲ صلى الله عليه وسلم ވިތުރި ކުރައްވާ ގޮތާ ބެހޭގޮތުން ސުވާލު ދެންނެވުމުން އެކަމަނާ ޖަވާބުގައި ވިދާޅުވިއެވެ.
وَيُصَلِّي تِسْعَ رَكَعَاتٍ لاَ يَجْلِسُ فِيهَا إِلاَّ فِي الثَّامِنَةِ فَيَذْكُرُ اللَّهَ وَيَحْمَدُهُ وَيَدْعُوهُ ثُمَّ يَنْهَضُ وَلاَ يُسَلِّمُ ثُمَّ يَقُومُ فَيُصَلِّي التَّاسِعَةَ ثُمَّ يَقْعُدُ فَيَذْكُرُ اللَّهَ وَيَحْمَدُهُ وَيَدْعُوهُ ثُمَّ يُسَلِّمُ تَسْلِيمًا يُسْمِعُنَا (رواه مسلم (746))
މާނަ: “އެކަލޭގެފާނު ނުވަ ރަކުޢަތް ކުރައްވައެވެ. (ނަމާދު ފައްޓަވައިގެން ކުރިއަށް ގެންދަވާއިރު) އަށްވަނަ ރަކުޢަތުގައި މެނުވީ (އައްތަޙިއްޔާތަށް) އިށީނދެވަޑައި ނުގަންނަވައެވެ. (އައްތަޙިއްޔާތަށް އިށީނދެވަޑައިގެން)، ﷲ އަށް ޛިކުރު ކުރައްވައި އެއިލާހަށް ޙަމްދުކޮށް، ދުޢާކުރައްވައެވެ. އެއަށްފަހު، ސަލާމް ދިނުމަކާ ނުލާ ތެދުވެވަޑައިގެން ނުވަވަނަ ރަކުޢަތް ކުރައްވައެވެ. އެއަށްފަހު (އައްތަޙިއްޔާތަށް) އިށީނދެވަޑައި ގަންނަވައެވެ. (އައްތަޙިއްޔާތަށް އިށީނދެވަޑައިގެން)، ﷲ އަށް ޛިކުރު ކުރައްވައި އެއިލާހަށް ޙަމްދުކޮށް، ދުޢާކުރައްވައެވެ. އެއަށްފަހު އަހަރެމެންނަށް އިވޭފަދައަކުން ސަލާމް ދެއްވައެވެ.” (ޙަދީޘް ރިވާކުރެއްވީ: އިމާމް މުސްލިމް (746))
ފަހެ މަތީގައި ބަޔާން ކުރެވިފައިވާ ގޮތްތަކަކީ މުޅިންވެސް ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތުން ވިތުރި ކުރުމަށް ޘާބިތުވާ ގޮތްތަކެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އަބަދު އެއްގޮތަކަށް ވިތުރި ކުރުމަކާނުލާ، އެކި ފަހަރު އެކި ގޮތްގޮތަށް ކުރުމެވެ. ސަބަބަކީ ރަސޫލުﷲ صلى الله عليه وسلم ވެސް ކަންތައްކުރައްވާފައި ވަނީ އެފަދައިން ކަމަށްވާތީއެވެ. އަދި އެފަދައިން ކަންތައްކުރުމުން އެކަލޭގެފާނުގެ ސުންނަތަށް ފުރިހަމައަށް ތަބާވެވޭތީއެވެ.
(މިއީ “الكيفيات-الواردة-لصلاة-الوتر/islamqa.info/ar/answers/46544 “އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.)