(16) ބައެއް ޢިލްމުވެރިންގެ އަރިހުގައި ރުކޫޢުއާއި ސަޖިދަ ދިގުކުރުމަށްވުރެ، އަދި ރަކުޢަތްތައް ގިނަކުރުމަށްވުރެ، ޤިޔާމު ދިގުކުރުން މަތިވެރިވެގެންވެއެވެ. ޙަދީޘްގައިވެއެވެ. ((أَفْضَلُ الصَّلَاةِ: طُولُ الْقُنُوتِ))([1]) މާނައީ: “އެންމެ މަތިވެރި (ރޭއަޅުކަމުގެ) ނަމާދަކީ: ޤުނޫތު ދިގު ނަމާދެކެވެ.” މި ޙަދީޘްގައިވާ ޤުނޫޠުގެ މާނައަކީ ޤިޔާމުގެ މާނައެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ރޭއަޅުކަމުގެ ޤިޔާމާއި، ރުކޫޢުއާއި، ސަޖިދަ ދިގުކުރުން، ޤިޔާމާއި ރުކޫޢުއާއި ސަޖިދަ ގިނަކުރުމަށްވުރެ މަތިވެރިވެގެންވެއެވެ. (އެބަހީ؛ ގިނަ ރަކުޢަތްތަކެއް ކުރުމަށްވުރެ މަތިވެރިވެގެންވެއެވެ.) ދިގު ޤިޔާމަކަށްވުރެ އެ ދިގުމިނުގެ ސަޖިދަ މޮޅުއިތުރުވެގެންވާކަމުގައި އައިސްފައިވެއެވެ.”([2])
މި މަސްއަލާގައި ރާޖިޙުގޮތެއްގެ ގޮތުގައި ބެލެވެނީ: މިކަމުގައި އެކިމީހުން އެކަކުއަނެކަކާ ތަފާތުވާނެކަމުގައެވެ. ފަހެ، މުސްލިމަކު، އޭނާގެ ހިއްމަތާއި، ހީވާގިކަމަކާއި، އޭނާއަށް އެންމެ ޚުޝޫޢަތްތެރިވެވޭ ވަރަކުންނާއި، ރޭއަޅުކަމުން އޭނާއަށް ފޮނުމީރުކަން ލިބޭ މިންވަރެއްގެ މައްޗަށް އޭނާ ރޭއަޅުކަންކުރާނީއެވެ. ކަންނެތްކަމެއްނެތި ކުރުމަށް މާތް ﷲ އޭނާއަށް މަގުފަހިކޮށްދެއްވި ގޮތަކަށް ކުރާނީއެވެ. ޤިޔާމު ދިގުކޮށްފިކަމުގައިވާނަމަ ރުކޫޢު އަދި ސަޖިދަވެސް ދިގުކުރާނީއެވެ. އަދި ޤިޔާމު ކުރުކޮށްފިނަމަ ރުކޫޢު އަދި ސަޖިދަވެސް ކުރުކުރާނީއެވެ. ބައެއްފަހަރު، ދިގުކޮށް އަދި އަނެއްބައިފަހަރު ކުރުކޮށްކުރުމަކީވެސް ހަމަ ރަނގަޅު ގޮތެކެވެ.
(17) ރޭއަޅުކަމުގައި ޤުރްއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި: ޤުރްއާން ތަރުތީލުކޮށް ކިޔެވުމާއި، ކިޔަވާއިރު މަޑުމައިތިރިކަމާއެކު ލަސްލަހުން ކިޔެވުންވެއެވެ. އެއީ؛ ޤުރްއާނާމެދު ފިކުރުކޮށް ވިސްނުމަށާއި ރަނގަޅަށް ދެނެގަތުމަށް މަގުފަހިކުރުވުމުގެ ގޮތުންނެވެ. އަދި ތަޖްވީދުގެ ޙުކުމްތަކަށް ފަރުވާތެރިވުމާއި، ކިޔަވަމުންދާއިރު ހުއްޓުމުގައްޔާއި ފެށުމުގައި ފަރުވާތެރިވުމާއެކު ޤުރްއާން ކިޔަވާއިރު އަޑު ރީތިކުރުމެވެ. އަދި ކިޔެވުން ބާރުކުރުމާއި ސިއްރުކުރުމަށް ބަލާއިރު މެދުމިންވަރެއްގައި ކިޔެވުމެވެ.
އަދި އާޔަތްތަކުގެ މާނަތައް ހިތަށް ގެނައުމާއި، ކިޔަވާއިރު ބިރުވެތިވުމާއި، ގައިން ހީބިހިނެގުމާއި، އެ ޤުރްއާނުގެ އަސަރުން ލޮލުން ކަރުނައެޅުމެވެ.
ވިސްނައި ފިކުރުކުރުމަށްޓަކައި އާޔަތްތަކަށް ހުއްޓުމާއި، މާތް ﷲގެ ހުސްޠާހިރުވަންތަކަން އެކުލެވޭ އާޔަތެއް ކިޔައިފިނަމަ ތަސްބީހަ (އެބަހީ: سُبْحَانَ اللهِ) ކިޔުމެވެ. އަދި ރަޙްމަތުގެވާހަކަ އެކުލެވޭ އާޔަތެއް ކިޔައިފިނަމަ، އެ ތަނަކަށް ހުއްޓުމަށްފަހު، ﷲގެ ފަޟްލަވަންތަކަމަށްއެދި އެކަލާނގެ ޙަޟްރަތަށް ދެންނެވުމެވެ. ސަލާމަތްކަމަށް އެދޭފަދަ އާޔަތެއް ނުވަތަ ޢަޛާބުގެ އާޔަތެއް ކިޔައިފިނަމަ، ރައްކާތެރިކަމަށް އެދި ދެންނެވުމެވެ. ނިޢުމަތްތަކުގެ އާޔަތްތައް ކިޔައިފިނަމަ ސުވަރުގެ ދެއްވުން އެދި ﷲ ތަޢާލާއަށް ދެންނެވުމެވެ. ޢަޛާބާއި ނަރަކައިގެ ވާހަކަތަކުގެ އާޔަތްތައް ކިޔައިފިނަމަ ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދި ދެންނެވުމެވެ.
އަދި ޤުރްއާން ހިތުން ނޭނގޭމީހަކު މުޞްޙަފަށް ބަލައިގެން ކިޔެވުމަކީ މައްސަލައެއް ނޫނެވެ.
(18) ރޭއަޅުކަންކުރުމަށް ހޭލާމީހަކު، އޭނާގެ އަނިބިމީހާ ރޭއަޅުކަމަށް ހޭލެއްވުމާއި، އަނބިމީހާ ފިރިމީހާ ރޭއަޅުކަމަށް ހޭލެއްވުމަކީ އެދެވިގެންވާ މުސްތަޙައްބުކަމެކެވެ. ރޭއަޅުކަމަށް ހޭނުލައްވާކަމުގައިވާނަމަ ވިތުރިކުރުމަށްޓަކައި ހޭލެއްވުމެވެ.
ޙަދީޘްގައި އައިސްފައިވެއެވެ. ((رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ، فَصَلَّى، ثُمَّ أَيْقَظَ امْرَأَتَهُ، فَصَلَّتْ، فَإِنْ أَبَتْ نَضَحَ فِي وَجْهِهَا الْمَاءَ. وَرَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ، فَصَلَّتْ، ثُمَّ أَيْقَظَتْ زَوْجَهَا، فَصَلَّى، فَإِنْ أَبَى نَضَحَتْ فِي وَجْهِهِ الْمَاءَ))([3]) މާނައީ: “ރޭގަނޑު ހޭލައި، ރޭއަޅުކަންކޮށް، ދެން އޭނާގެ އަނބިމީހާ ހޭލައްވައި، އެކަނބުލޭގެ ނަމާދުކޮށްފިނަމަ، އަދި އެކަނބުލޭގެ ހޭލުމަށް ދެކޮޅުހަދައިފިނަމަ، އެކަނބުލޭގެ މޫނަށް ފެން ވިހުރުވާލާ ފިރިހެނަކަށް މާތް ﷲ ރަޙްމަތް ލައްވާނެތެވެ. އަދި ރޭގަނޑު ހޭލައި، ރޭއަޅުކަންކޮށް، ދެން އޭނާގެ ފިރިމީހާ ހޭލައްވައި، ފިރިމީހާ ނަމާދުކޮށްފިނަމަ، އަދި ފިރިމީހާ ހޭލުމަށް ދެކޮޅުހަދައިފިނަމަ، އޭނާގެ މޫނަށް ފެން ވިހުރުވާލާ އަންހެނަކަށް މާތް ﷲ ރަޙްމަތް ލައްވާނެތެވެ.”
އަދިވެސް ޙަދީޘްގައި އައިސްފައިވެއެވެ. ((إِذَا أَيْقَظَ الرَّجُلُ أَهْلَهُ مِنَ اللَّيْلِ فَصَلَّيَا، أَوْ صَلَّى رَكْعَتَيْنِ جَمِيعًا، كُتِبَا فِي الذَّاكِرِينَ وَالذَّاكِرَاتِ))([4]) މާނައީ: “ފިރިހެނަކު އޭނާގެ އަނބިމީހާ ރޭގަނޑު ހޭލައްވައި، އެ ދެމީހުން ނަމާދުކޮށްފިނަމަ، ނުވަތަ ދެމީހުން އެކީގައި ދެ ރަކުޢަތްކޮށްފިނަމަ، މާތް ﷲ މަތިންހަނދުމަކުރާ ފިރިހެނުންނާއި މާތް ﷲ މަތިންހަނދުމަކުރާ އަންހެނުންގެ ތެރޭގައި އެ ދެމީހުން ލިޔުއްވޭނެއެވެ.”
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ރޭގަނޑުގައި ނަމާދުކުރައްވައެވެ. ފަހެ، އެކަލޭގެފާނު ވިތުރިނަމާދު ކުރެއްވުމަށްފަހު ޙަދީޘްކުރައްވައެވެ. “އޭ ޢާއިޝާއެވެ! ކަމަނާ ތެދުވެވަޑައިގެން ވިތުރިކުރައްވާށެވެ!”([5])
(19) ރަމަޟާންމަސް ފިޔަވައި އެހެން ދުވަސްތަކުގައިވެސް ބައެއްފަހަރަށް ޖަމާޢަތުގައި ރޭއަޅުކަންކުރުމަކީ މައްސަލައެއް ނޫނެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެއްފަހަރެއްގައި އިބްނު ޢައްބާސާއެކު، އަދި އެހެންފަހަރަކު އިބްނު މަސްޢޫދާއެކު، އަދި އެހެންފަހަރަކު ޙުޛައިފަތުގެފާނާއެކު ޖަމާޢަތުގައި ރޭއަޅުކަން ކުރެއްވިއެވެ. އެހެންނަމަވެސް، މިއީ ޢާއްމުކޮށް އެކަލޭގެފާނު ކުރައްވާފއިވާ ގޮތެއް ނޫނެވެ. އަދި މިސްކިތުގައިވެސް ޢާއްމުކޮށް ކުރައްވާފައެއް ނުވެއެވެ.([6])
(20) ރޭއަޅުކަމަށް ހުއްޓައި ތާއްޔާޖެހެން ފަށާއިފިނަމަ، ނަމާދު ދޫކޮށްލުމަށްފަހު، ނިދި ފިލައްޖެއުމަށް ދާންދެން ނިދާނީއެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((إِذَا نَعَسَ أَحَدُكُمْ وَهُوَ يُصَلِّي فَلْيَرْقُدْ، حَتَّى يَذْهَبَ عَنْهُ النَّوْمُ، فَإِنَّ أَحَدَكُمْ إِذَا صَلَّى وَهُوَ نَاعِسٌ، لاَ يَدْرِي لَعَلَّهُ يَسْتَغْفِرُ فَيَسُبُّ نَفْسَهُ))([7]) މާނައީ: “ތިޔައިގެތެރެއިން މީހަކު ނަމާދަށްހުއްޓައި ތާއްޔާޖެހެންފަށައިފިނަމަ، ފަހެ، އެމީހެއްގެ ކިބައިން ނިދި ފިލައްޖެއުމަށް ދާންދެން އެމީހަކު އޮށޯންނަހުށިކަމެވެ. ފަހެ، ހަމަކަށަވަރުން ތިޔައިގެ ތެރެއިން މީހަކު ތާއްޔާޖެހޭހާލު ނަމާދުކޮށްފިނަމަ، ފާފަފުއްސެވުމަށް އެދޭކަމަށް ހީކޮށް އެމީހާގެ އަމިއްލަނަފްސަށް އެއްޗެހިކިޔޭއިރުވެސް ނޭނގޭނެއެވެ.”
އަދިވެސް ޙަދީޘްގައި އައިސްފައިވެއެވެ. ((إِذَا قَامَ أَحَدُكُمْ مِنَ اللَّيْلِ، فَاسْتَعْجَمَ الْقُرْآنُ عَلَى لِسَانِهِ، فَلَمْ يَدْرِ مَا يَقُولُ، فَلْيَضْطَجِعْ))([8]) މާނައީ: “ތިޔައިގެތެރެއިން މީހަކު ރޭގަނޑު ރޭއަޅުކަމަށް ހޭލުމަށްފަހު، (ނިދިއައުމުގެ ސަބަބުން) އެމީހެއްގެ ދޫމައްޗަށް ޤުރްއާން އޮޅި، ކިޔޭ ނުކިޔޭއެއް ނޭނގޭނަމަ، ފަހެ، އެމީހަކު އޮށޯންނަހުށިކަމެވެ.”
އަދިވެސް ޙަދީޘްގައި އައިސްފައިވެއެވެ. ((لِيُصَلِّ أَحَدُكُمْ نَشَاطَهُ، فَإِذَا فَتَرَ فَلْيَقْعُدْ))([9]) މާނައީ: “ތިޔައިގެތެރެއިން މީހަކު (ނަމާދުކުރާނަމަ) މުރާލިކަމާއެކު ނަމާދުކުރާހުށިކަމެވެ! ފަހެ، ވަރުބަލިވެއްޖެނަމަ އޮށޯންނަހުށިކަމެވެ!”
(21) ރޭގަނޑުގެ އެންމެހާ ވަގުތެއްގައި ދުޢާކުރުން ގިނަކުރުމާއި، ފާފަފުއްސެވުންއެދި ދުޢާކުރުން ގިނަކުރުމަކީ އެދެވިގެންވާ މުސްތަޙައްބުކަމެކެވެ. އަދި އެއިގެ ތެރެއިންމެ އެންމެ ސުންނަތްކަން ގަދަވެގެންވަނީ ފަހު ތިންބައިކުޅަ އެއްބައިގައެވެ. އަދި އެންމެ މަތިވެރިވެގެންވަނީ ހާރުދަމުވަގުތުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَالْمُسْتَغْفِرِينَ بِالْأَسْحَارِ﴾ (آل عمران: 17) މާނައީ: “އަދި (އެބައިމީހުންނަކީ)، ހާރުދަމުގައި ފާފަފުއްސެވުންއެދި ދުޢާކުރާ މީހުންނެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ * وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾ (الذاريات: 17-18) މާނައީ: “އެބައިމީހުން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެބައިމީހުން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާކުރެތެވެ.” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((إِنَّ فِي اللَّيْلِ لَسَاعَةً لَا يُوَافِقُهَا رَجُلٌ مُسْلِمٌ، يَسْأَلُ اللهَ خَيْرًا مِنْ أَمْرِ الدُّنْيَا وَالْآخِرَةِ، إِلَّا أَعْطَاهُ إِيَّاهُ، وَذَلِكَ كُلَّ لَيْلَةٍ))([10]) މާނައީ: “ހަމަކަށަވަރުން ރޭގަނޑުގައި ވަގުތުކޮޅެއްވެއެވެ. މުސްލިމަކަށް އެވަގުތުކޮޅާ ދިމާވެ، ދުނިޔެއާއި އާޚިރަތުގެ ކަމަކަށް އެދި ދަންނަވައިފިނަމަ، އެ އެދުނު ކަމެއް ނުދެއްވާ ނުދެއެވެ. މިގޮތަށް ކޮންމެ ރެއަކުވެސް މި ވަގުތުކޮޅު ވާނެއެވެ.”
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي، فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ))([11]) މާނައީ: ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބަޔަށް އެޅުމުން އަޅަމެންގެ މަތިވެރިވަންތަ ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބާވޮޑިގެން ވަޙީކުރައްވައެވެ. “ތިމަންރަސްކަލާނގެއަށް ދުޢާކުރަނީ ކާކު ހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް އިޖާބަދެއްވާނަމެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުން (އެއްޗަކަށް) އެދި ދަންނަވަނީ ކާކުހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ދެއްވާނަމެވެ. ފާފަ ފުއްސެވުމަށްއެދި ތިމަންރަސްކަލާނގެއަށް އިސްތިޣްފާރުކުރަނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކަށް ތިމަންރަސްކަލާނގެ ފާފަ ފުއްސަވައިދެއްވާނަމެވެ.”
(22) ރޭއަޅުކަންކުރާމީހެއްގެ މައްޗަށް އަންނަނިވި ކަންކަން ކުރުމަކީ ކުރުން އެދިވިގެންވާ މުސްތަޙައްބުކަންކަމެކެވެ. އެއީ: ދޫނުކޮށްލާ، ރޭއަޅުކަން ކުރުމުގައި ދާއިމުވެހުރުމާއި، އެމީހެއްގެ ޙާލަތަށް ރިޢާޔަތްކޮށް ޢާއްމުގޮތެއްގައި އެ މިންވަރެއްގެ މަތީގައި ދާއިމުވެހުރެވޭފަދަ މިންވަރެއްގެ މަތީގައި ހުރުމާއި، ބޮޑުކަމެއް ޖެހިގެންނޫނީ އެ މިންވަރަށްވުރެ މަދުނުކުރުމާއި، މުރާލި ވަގުތުތަކުގައި އެ މިންވަރަށްވުރެ އިތުރަށް ކުރުމާއި، އުނދަގޫ ޙާލަތްތަކުގައި ލުއިކޮށް ރޭއަޅުކަންކުރުމާއި، ރޭއަޅުކަން ފާއިތުވެއްޖެނަމަ ޤަޟާކުރުމެވެ.
ޙަދީޘްގައި އައިސްފައިވެއެވެ. ((خُذُوا مِنَ الأَعْمَالِ مَا تُطِيقُونَ، فَإِنَّ اللَّهَ لاَ يَمَلُّ حَتَّى تَمَلُّوا، وَإِنَّ أَحَبَّ الأَعْمَالِ إِلَى اللَّهِ مَا دَامَ وَإِنْ قَلَّ))([12]) މާނައީ: “ޢަމަލުތަކުން ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކަށް ޢަމަލުތައް ކުރާށެވެ! ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ވަރުބަލިވެއްޖެއުމަށްދާންދެން ތިޔަބައިމީހުންގެ ޢަމަލުތަކަށް ޘަވާބާއި ދަރުމަ ދެއްވުމުގައި ﷲ ދެމިވޮޑިގެންވާނެއެވެ. އަދި ހަމަކަށަވަރުން ޢަމަލުތަކުގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ މަދު ޢަމަލެއްވިޔަސް ދާއިމީގޮތެއްގައި ކުރެވޭ ޢަމަލެވެ.” އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަމަލެއްކުރައްވާކަމުގައިވާނަމަ އެކަމެއް ކުރެއްވުމުގައި ސާބިތުވެވަޑައިގަންނަވައެވެ. އެކަލޭގެފާނު ރޭގަނޑުގައި އަވަހާރަފުޅު ލައްޕަވައިފިނަމަ، ނުވަތަ އާލާސްކަންފުޅެއް ޖެހިވަޑައިގެންފިނަމަ؛ ދުވާލުގެ ވަގުތުގައި ބާރަ ރަކުޢަތް ކުރައްވައެވެ.”([13])
އަދިވެސް ޙަދީޘްގައިވެއެވެ. ((مَنْ نَامَ عَنْ حِزْبِهِ، أَوْ عَنْ شَيْءٍ مِنْهُ، فَقَرَأَهُ فِيمَا بَيْنَ صَلَاةِ الْفَجْرِ، وَصَلَاةِ الظُّهْرِ، كُتِبَ لَهُ كَأَنَّمَا قَرَأَهُ مِنَ اللَّيْلِ))([14]) މާނައީ: “އެމީހަކު ކިޔަވަންކަނޑައަޅާފައިވާ މިންވަރު ނުކިޔާ ނިދިއްޖެނަމަ، ނުވަތަ އެއިގެން ބައެއް ނުކިޔާ ނިދިއްޖެނަމަ، ފަހެ، އެމީހަކު ފަތިސްނަމާދާއި މެންދުރުނަމާދާ ދެމެދުގައި ކިޔަވައިފިނަމަ، ރޭގަނޑު އެމީހާ ކިޔެވިފަދައިން ލިޔުއްވޭނެއެވެ.”
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަބްދުﷲ ބުން ޢަމްރު ރަޟިޔަﷲ ޢަންހުމާއަށް ވިދާޅުވިއެވެ. ((يَا عَبْدَ اللَّهِ، لاَ تَكُنْ مِثْلَ فُلاَنٍ كَانَ يَقُومُ اللَّيْلَ، فَتَرَكَ قِيَامَ اللَّيْلِ))([15]) މާނައީ: “އޭ ޢަބްދުﷲ އެވެ! މިވެނި މީހަކު ފަދައިން ތިބާ ނުވާށެވެ! އޭނާ ރޭގަނޑު (ރޭއަޅުކަމަށް) ތެދުވާކަމުގައިވިއެވެ. ދެން ރޭއަޅުކަން ނުކޮށް ދޫކޮށްލިއެވެ.”
(23) ރޭއަޅުކަންކުރުމަށް އެހީތެރިވެދޭ ސަބަބުތަކުގެ ތެރޭގައި: ތެދުވެރި ނިޔަތެއްގަތުމާއި ތެދުވެރި ޢަޒުމެއްކުރުމާއި، އިރާކޮޅު ނިދުމާއި، ނިދުމުގެ ކުރިން ގިނައިން ކެއުމުން ދުރުވުމާއި، ފައިދާއެއްނެތް ހަށިގަނޑަށް އުނދަގޫ މަސައްކަތް ދުވާލު ކޮށްގެން ހަށިގަނޑު ވަރުބަލިނުކުރުމާއި، މެންދުރެއްހާއިރު ކުޑަކޮށް ނިދާލުން ހިމެނެއެވެ. އަދި ޠަހާރުކަންކަމަތީގައި ނިދުމާއި، ނިދުމުގެ ޛިކުރުތަކަށް ފަރުވާތެރިވުންފަދަ ނިދުމުގެ އަދަބުތަކުގައި ދެމިހުންނަންޖެހެއެވެ. އަދި ރޭއަޅުކަމުގެ މަތިވެރިކަމާއި، ﷲގެ ޙަޟްރަތުގައި ރޭއަޅުކަމުގެ އަހުލުވެރިންގެ މަތިވެރި ދަރަޖަ ހިތްމައްޗަށް ގެނައުމާއި، އިންސާނާއާމެދު ޝައިޠާނުންގެ ޢަދާވާތްތެރިކަމުގެ ސަބަބުން މި މަތިވެރިކަމުން އިންސާނާ ދުރުކޮށްލުމަށްޓަކައި އޭނާ މަސައްކަތްކުރާނެކަން ދަންނަންޖެހެއެވެ. އަދި ސަލަފުންގެ ބޭކަލުންނާއި، ޞާލިޙު ބޭބޭކަލުންގެ ސިޔަރަތުތައް ކިޔައި، އެ ބޭބޭކަލުން ރޭއަޅުކަންކުރެއްވުމުގައި ކަންތައްތައް ކުރައްވާފައިވާގޮތް ހަނދާންކުރުންވެއެވެ.
(ނުނިމޭ)
_________________________________
([2]) ينظر: مجموع الفتاوى (23/69، 71).
([3]) رواه أبو داود (1308)، والنسائي (1610)، وابن ماجه (1336)، وصحّحه الألبانيّ.
([4]) رواه أبو داود (1451)، وابن ماجه (1335)، وصحّحه الألبانيّ.
([5]) رواه البخاري (512)، ومسلم (744) واللَّفظ له.
([6]) ينظر: الشرح الممتع لابن عثيمين (4/60).
([7]) رواه البخاري (212)، ومسلم (786).
([9]) رواه البخاري (1150)، ومسلم (784).
([11]) رواه البخاري (1145)، ومسلم (758).