[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުށުސަޖިދައާގުޅޭ 35 ފައިދާ (1)

بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ

الحمد لله، والصلاة والسلام على رسول الله، أما بعد:

ފަހެ، މިއީ ކުށުސަޖިދައާގުޅޭ ޚުލާޞާ ފޮތެކެވެ. އަޅުގަނޑު ﷲގެ ޙަޟްރަތުގައި އެދި ދަންނަވަނީ މި ފައިދާތަކުގެ މަންފާ ކިޔުންތެރިންނަށް ކޮށްދެއްވުމެވެ. އަދި މި ފޮތް ތައްޔާރުކުރުމާއި ފެތުރުމުގައި ބައިވެރިވެ، އަދި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާދެއްވުމެވެ!

(1) ﷲ ތަޢާލާ، އެކަލާނގެ އަޅުތަކުންނަށް ލައްވަވާފައިވާ ރަޙްމަތުގެ ތެރެއިން އެއް ރަޙްމަތަކީ، އަދި އަޅުގަނޑުމެންގެ ފުރިހަމަވެގެންވާ ދީނުގައިވާ ދީލަތިކަމުގެ ތެރޭގައި ހިމެނޭ އެއްކަމަކީ: އަޅުތަކުން އަޅުކަންކުރާއިރު ކުރިމަތިވާ އުނިކަންކަމާއި، އޮޅުންތައް ފޫބައްދާނެގޮތް، ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ޝަރުޢުކޮށްދެއްވުމެވެ. އެފަދަ ކަންކަމަކީ އެބައިމީހުންނަށް އެކަންކަމުން އެއްކޮށް ދުރުވެ ނުގަނެވޭފަދަ އުނިކަންކަމާއި އޮޅުންތަކެކެވެ. އެފަދަ އުނިކަންކަމާއި އޮޅުންތައް ޙައްލުކުރުމަށްޓަކައި ވަނީ ސުންނަތް އަޅުކަންތަކާއި، އިސްތިޣުފާރުކުރުމާއި، ކައްފާރާދިނުންފަދަ ކަންކަން ޝަރުޢުކުރައްވާފައެވެ.

(2) އިންސާނާގެ ޠަބީޢަތުގައިވާ ކަންކަމުގެ ތެރޭގައި: ޣާފިލުވުމާއި، ހަނދާންނެތުން ވެއެވެ. ނަމާދަކީ އަޅާ އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުކުރެވޭ އެންމެ މަތިވެރި މަޤާމެވެ. އެހެންވެ، މި މަތިވެރި މަޤާމު ފަސާދަކޮށްލުމަށްޓަކައި ޝައިޠާނާ އަވަސްވެގަނެއެވެ. އެއީ؛ ދުނިޔަވީކަމެއްގެ ފިކުރުތައްގެނެސްދީގެން، ނުވަތަ ކަމެއް އިތުރުކުރުވައިގެން، ނުވަތަ ކަމެއް އުނިކުރުވައިގެން، ނުވަތަ ޝައްކުވައްދުވައިގެން، ނުވަތަ ވަސްވާސްދީގެންފަދަ ގޮތަކުންނެވެ. ފަހެ، ﷲ ތަޢާލާ ވަނީ އެކަލާނގެ އަޅުތަކުންނަށް ނަމާދުގައި ކުރިމަތިވާ މިފަދަ އުނިކަންތައްތައް ފޫބެއްދުމުގެގޮތުން ކުށުސަޖިދަ ޝަރުޢުކުރައްވާފައެވެ. އެ ސަޖިދައަކީ ވަކިޚާއްޞަ ކަމެއްގައި އަދި ވަކިޚާއްޞަ ޙާލަތްތަކެއްގައި ޖެހުމަށް އައިސްފައިވާ ސަޖިދައެކެވެ. ކޮންމެ ހަނދާންނެތުމަކީ އަދި ކުށުސަޖިދައިން ފޫބެދޭނެ ކަމެއް ނޫނެވެ. ނުވަތަ ކޮންމެ ޙާލަތަކެއްގައި ކުށުސަޖިދަ ޖެހުން ޝަރުޢުވެގެންވެސް ނުވެއެވެ. އެ ސަޖިދަ ޖަހަނީ ޝައިޠާނާ ނިކަމެތިކޮށްލުމުގެ ގޮތުންނާއި، އުނިކަން ފޫބެއްދުމުގެ ގޮތުންނާއި، ރަޙްމާންވަންތަ އިލާހުގެ ރުއްސަވާވޮޑިގަތުން ޙާޞިލުކުރުމުގެ ގޮތުންނެވެ.

(3) ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް، އެކަލޭގެފާނުގެ ނަމާދުގައި ހަނދުމަފުޅުނެތުމަކީ: އެކަލޭގެފާނުގެ އުއްމަތަށް ދެއްވަވާފައިވާ ނިޢުމަތްތައް ﷲ ތަޢާލާ ފުރިހަމަކޮށްދެއްވުމުގެ ތެރެއިންވާ ކަމެކެވެ. އަދި އެބައިމީހުންނަށް އެބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވުމުގެ ތެރެއިންވާ ކަމެކެވެ. އެއީ؛ އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމަ، ހަނދާންނެތޭ ޙާލަތްތަކުގައި އެބައިމީހުންނަށް ބަޔާންކޮށްދެއްވިގޮތަށް އެބައިމީހުން އެކަލޭގެފާނަށް ތަބާވުމަށްޓަކައެވެ. ފަހެ، އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމަ (ނަމާދުގައި) ހަނދުމަފުޅުނެތޭކަމުގައިވާނަމަ، ޤިޔާމަތާ ޖެހެންދެން، އެކަމުގެ މައްޗަށް ޢަމަލުކުރާނެ ޝަރުޢީ ޙުކުމްތަކެއް ބަޔާންވެގެން އަންނާނެއެވެ.([1])

ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((إِنَّمَا أَنَا بَشَرٌ مِثْلُكُمْ، أَنْسَى كَمَا تَنْسَوْنَ، فَإِذَا نَسِيَ أَحَدُكُمْ فَلْيَسْجُدْ سَجْدَتَيْنِ))([2]) މާނައީ: “ތިމަންކަލޭގެފާނު ވާކަން ކަށަވަރީ ތިޔަބައިމީހުންފަދަ އިންސާނެއްކަމުގައެވެ. ތިޔަބައިމީހުން ހަނދާންނެތޭ ފަދައިން ތިމަންކަލޭގެފާނުވެސް (ނަމާދުގައި) ހަނދުމަފުޅުނެތެވެ. ފަހެ، ތިޔައިގެތެރެއިން މީހަކު (ނަމާދުގައި) ހަނދުމަނެތިއްޖެނަމަ، ފަހެ، އެމީހަކު ދެ ސަޖިދަކުރާހުށިކަމެވެ.”

(4) ކުށުސަޖިދައަކީ: ނަމާދުކުރާމީހާއަށް ނަމާދުގައި ކުރެވޭ އުނިކަމެއް ފޫބެއްދުމަށްޓަކައި، ވަކިޚާއްޞަކަމެއްގައި އަދި ވަކިޚާއްޞަ ޙާލަތްތަކެއްގައި، ސަލާމްދިނުމުގެ ކުރިން ނުވަތަ ސަލާމްދިނުމަށްފަހު ޖަހާ ދެ ސަޖިދައެކެވެ.

(5) ނަމާދުކުރާމީހާ ހަނދާންނެތިގެން ނުވަތަ އޭނާއަށް އޮޅިގެންކުރެވޭ ކަންކަމަށް ޚާއްޞަޙާލަތްތަކެއްގައި ކުށުސަޖިދަޖެހުން ޝަރުޢުވެގެންވެއެވެ. އަދި އޭނާ ގަސްތުގައިކުރާކަމަކަށް ކުށުސަޖިދަޖެހުން ޝަރުޢުވެގެންނުވެއެވެ.

(6) ރާޖިޙުގޮތަކީ([3]) ނަމާދަށް އިތުރުކަމެއް ނުވަތަ އުނިކަމެއް އައުމުގެ ސަބަބުން ނަމާދު ބާޠިލުވާނެކަމަށް ބެލެވޭ ޙާލަތްތަކުގައި ކުށުސަޖިދަޖެހުން ވާޖިބުވާނެއެވެ. މިސާލަކަށް؛ ރަކުޢަތެއް ހަނދާންނެތުން، ނުވަތަ ފުރަތަމަ އައްތަޙިއްޔާތުފަދަ ނަމާދުގެ ވާޖިބެއް ދޫވުން، ނުވަތަ ރަކުޢަތެއް، ރުކޫޢެއް، ސަޖިދައެއް އިތުރުވުންފަދަ ޙާލަތްތަކެވެ.

(7) ކުށުސަޖިދަޖެހުމުގެ ސަބަބުތައް ތިނެކެވެ. އެއީ؛ ނަމާދަށް ކަމެއް އިތުރުވުން، ނުވަތަ ނަމާދުން ކަމެއް އުނިވުން، ނުވަތަ ނަމާދަށް ކަމެއް އިތުރިވިތޯ ނުވަތަ އުނިވިތޯއާމެދު ޝައްކުވުމެވެ.

(8) ނަމާދަށް ގަސްތުގައި ޤިޔާމެއް، ނުވަތަ އިށީނުމެއް، ނުވަތަ ރުކޫޢެއް، ނުވަތަ ސަޖިދައެއް އިތުރުކޮށްފިނަމަ، ނަމާދު ބާޠިލުވާނެއެވެ.

(9) ހަނދާންނެތިގެން ނަމާދަށް ކަމެއް އިތުރުކުރެވިއްޖެމީހާ ކަންތައް ކުރާނީ އަންނަނިވި ގޮތަށެވެ.

* ނަމާދު ނިމެން ކައިރިވެފައިވަނިކޮށް ނަމާދަށް އިތުރުކުރެވުނުކަން ހަނދާންވުން: (މި ޙާލަތުގައި) އެމީހެއްގެ މައްޗަށް އޮތީ ހަމައެކަނި ކުށުސަޖިދަ ޖެހުމެވެ. އަދި އެމީހާގެ ނަމާދު ޞައްޙަވާނެއެވެ.

މީގެ މިސާލަކީ؛ މެންދުރު ނަމާދުގައި ފަސްވަނަ ރަކުޢަތެއް ކުރެވިފައި، ރަކުޢަތް އިތުރުކުރެވުނުކަން އައްތަޙިއްޔާތުގައި އިންދައި ހަނދާވެއްޖެމީހާއެވެ. ފަހެ، މިފަދަ މީހަކު އައްތަޙިއްޔާތު ފުރިހަމަކުރުމަށްފަހު، ސަލާމްދީފައި ކުށުސަޖިދަ ޖަހާނީއެވެ.

ހަމަމިގޮތަށް؛ ސަޖިދައަކުން ތެދުވިފަހުން މިކުރެވުނީ ތިންވަނަ ސަޖިދައެއްކަން ހަނދާންވެއްޖެމީހާއެވެ. ފަހެ، މިފަދަ މީހަކު ނަމާދު ފުރިހަމަކުރުމަށްފަހު، ސަލާމްދީފައި ކުށުސަޖިދަ ޖަހާނީއެވެ.

* އިތުރުކުރެވޭ ކަމުގެ މެދުތެރެއިން ހަނދާންވުން: (މި ޙާލަތުގައި) އެކަމަކުން އަވަހަށް ރުޖޫޢަވުން ވާޖިބުވާނެއެވެ. އަދި ކުށުސަޖިދަޖެހުން ވާޖިބުވާނެއެވެ. އަދި އެމީހާގެ ނަމާދު ޞައްޙަވާނެއެވެ.

މީގެ މިސާލަކީ؛ ފަސްވަނަ ރަކުޢަތަށް ތެދުވެ، އެ ރަކުޢަތުގެ ތެރެއިން އެއީ ފަސްވަނަ ރަކުޢަތްކަން ހަނދާންވުމެވެ. މި ޙާލަތުގައި ޖެހޭނީ (ރަކުޢަތް އިތުރަށް ކުރިއަށް ނުގެންގޮސް) އަވަހަށް އެ ރަކުޢަތުން ރުޖޫޢަވެ، އައްތަޙިއްޔާތަށް އިށީންނާށެވެ. ދެން އައްތަޙިއްޔާތަށްފަހު ސަލާމްދޭނީއެވެ. ދެން ސަލާމްދިނުމަށްފަހު ކުށުސަޖިދަ ޖަހާނީއެވެ.

* ނަމާދުކޮށް ނިމުނުފަހުން، ނަމާދަށް ކަމެއް އިތުރުކުރެވުނުކަން ހަނދާންވުން: (މި ޙާލަތުގައި) ނަމާދުކޮށް ނިމުނުތާ މާގިނައިރުތަކެއް ނުވަނީސް ހަނދާންވެއްޖެނަމަ ކުށުސަޖިދަޖަހާނީއެވެ. އަދި ނަމާދުކޮށް ނިމުނުތާ ގިނައިރުތަކެއް ފާއިތުވިފަހުން ހަނދާންވެއްޖެނަމަ، އެމީހާ އެއްވެސްކަމެއް ކުރާކަށްނުޖެހޭނެއެވެ. (އެބަހީ؛ ނަމާދު އަލުން ކުރާކަށްވެސް، އަދި ކުށުސަޖިދަ ޖަހާކަށްވެސް ނުޖެހޭނެއެވެ.) އަދި އެމީހާގެ ނަމާދު ޞައްޙަވާނެއެވެ.

މީގެ މިސާލަކީ؛ މެންދުރު ނަމާދުގައި ފަސް ރަކުޢަތްކުރެވުމަށްފަހު، ނަމާދުކޮށް ނިމުނުފަހުން އެކަން ހަނދާންވުމެވެ.

(10) ނަމާދު ފުރިހަމަވުމުގެ ކުރިން، ގަސްތުގައި ސަލާމްދީފިމީހާގެ ނަމާދު ބާޠިލުވާނެއެވެ.

ހަނދާންނެތިގެން ސަލާމްދެވިއްޖެމީހާ، އެމީހާއަށް އެކަން ހަނދާންވީ ގިނައިރުތަކެއް ފާއިތުވީފަހުންކަމުގައިވާނަމަ، އެމީހާ ޖެހޭނީ އަލުން ނަމާދުކުރާށެވެ.

އަދި ހަނދާންނެތިގެން ސަލާމްދެވުނުކަން ހަނދާންވީ ނަމާދުކޮށްނިމުނުތާ މާގިނައިރުތަކެއް ނުވަނީސްކަމުގައިވާނަމަ (މިސާލަކަށް؛ ދެ މިނިޓް ނުވަތަ ތިން މިނިޓްވަރު ފަހުންކަމުގައިވާނަމަ)، ފަހެ އެމީހަކުޖެހޭނީ ނަމާދު ފުރިހަމަކުރުމަށްފަހު ސާލަމްދޭށެވެ. ދެން އޭގެފަހުގައި ކުށުސަޖިދަ ޖެހުމަށްފަހު ސަލާމްދޭނީއެވެ.

(11) ނަމާދު ފުރިހަމަވުމުގެ ކުރިން އިމާމާއަށް ސަލާމްދެވިއްޖެނަމަ، ނަމާދުން ބައެއް ގެއްލިފައިވާ މައުމޫމުންޖެހޭނީ (ސަލާމްނުދީ) އެބައިމީހުންނަށް ގެއްލުނުބައި ފުރިހަމަކުރުމަށް ތެދުވާށެވެ. އަދި އިމާމާއަށް ކުށެއްކުރެވުނުކަން ހަނދާންކޮށްދޭށެވެ.([4]) އަދި އިމާމާވެސް ނަމާދުފުރިހަމަކުރުމަށްޓަކައި ތެދުވާނީއެވެ. (މި ޙާލަތުގައި) މައުމޫމުންނަށް ދެ ގޮތެއް ޚިޔާރުކުރެވިދާނެއެވެ. އެއީ؛ (އަމިއްލައަށް) ގެއްލުނުބައި ފުރިހަމަކުރުން ކުރިއަށްގެންދިޔުމަށްފަހު ކުށުސަޖިދަޖެހުމެވެ. ނުވަތަ އިމާމާއެކު ތަބާވެގެން ގެއްލުނުބައި ފުރިހަމަކުރުމެވެ. ނަމާދު ފުރިހަމަ ނުވަނީސް އިމާމާ ސަލާމްދީފިނަމަ، މި ބުނެވިދިޔަގޮތުގެ މަތިން ގެއްލުނުބައި ފުރިހަމަކުރުމަށްފަހު، ސަލާމްދީ ނިމުމަށްފަހު ކުށުސަޖިދަ ޖަހާނީއެވެ. މިގޮތަށް ކަންތައްކުރުން މިއީ އެންމެ އައުލާވެގެންވާ، އެންމެ ރައްކާތެރިގޮތެވެ.

_____________________________

([1]) زاد المعاد لابن القيّم (1/277)، باختصار وتصرف.

([2]) رواه البخاري (401)، ومسلم (572) واللَّفظ له.

([3]) ރާޖީހުގޮތޭ ބުނެވެނީ: ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ މައްސަލައެއްގައި، ދަލީލުތަކުގެ މައްޗަށް ބުރަވާއިރު އެންމެ ބޮޑަށް އިތުބާރުކުރެވޭ ގޮތަށެވެ. މިސާލަކަށް މި މަސްއަލާގައި؛ ކުށުސަޖިދަޖެހުމަކީ ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯއާމެދު ޢިލްމުވެރިންގެ މެދުގައި ބަސްފުޅުތައް ތަފާތުވެފައިވެއެވެ. (މުތަރުޖިމް)

([4]) ފިރިހެނެއްކަމުގައިވާނަމަ އިމާމާއަށް ހަނދާންކޮށްދޭނީ އިމާމާއަށް އަޑުއިވޭވަރަށް سُبْحَانَ اللهِ ކިޔައިގެންނެވެ. އަންހެނެއްކަމުގައިވާނަމަ، އެއްއަތުގެ ބަނޑުފުށުން އަނެއް އަތުގެ ބަނޑުފުށުގައި ޖަހާލައިގެންނެވެ. (މުތަރުޖިމް)