(12) ނަމާދުކުރާމީހާއަށް ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް އުނިކުރެވިއްޖެ ޙާލަތުގައި: އެ އުނިވި ރުކުނަކީ ހަރަމްބަން ތަކްބީރުކަމުގައިވާނަމަ([1]) އެމީހަކަށް ނަމާދެއް ނުވެއެވެ. އެ ތަކްބީރު ދޫކުރީ ގަސްތުގައިކަމުގައިވިޔަސް ނުވަތަ ހަނދާންނެތިގެން ދޫވިކަމުގައިވީނަމަވެސް ތަފާތެއްނެތެވެ. އެހެނީ، (އެ ތަކްބީރު ދޫވެއްޖަނަމަ) އެމީހަކު ނަމާދަކަށް އަދި ނުފަށައެވެ.
ހަރަމްބަން ތަކްބީރު ފިޔަވައި އެހެން ރުކުނެއް އުނިވެއްޖެ ޙާލަތުގައި: އެ ރުކުނެއް ދޫކޮށްލީ ގަސްތުގައިކަމަށްވާނަމަ، އެމީހާގެ ނަމާދު ބާޠިލުވާނެއެވެ.
(13) ނަމާދުކުރާމީހާއަށް ހަނދާންނެތިގެން ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް އުނިކުރެވިއްޖެނަމަ: އެ ގެއްލުނު ރުކުނަކާހަމައަށް ދެވަނަ ރަކުޢަތުގައި އާދެވިއްޖެނަމަ، ފުރަތަމަ ކުރި ރަކުޢަތަކީ ރަކުޢަތެއްކަމުގައެއް ނުބެލެވޭނެއެވެ. އަދި ދެވަނައަށް ކުރަމުން އަންނަ ރަކުޢަތް ބެލެވޭނީ ފުރަތަމަ ރަކުޢަތުގެ ގޮތުގައެވެ.
އަދި އެ ގެއްލުނު ރުކުނަކާހަމައަށް ދެވަނަ ރަކުޢަތުގައި ނާދެވޭނަމަ، އެމީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ އެ ގެއްލުނު ރުކުނެއް އަދާކޮށްގެން ނަމާދުކުރިއަށް ގެންދިޔުމެވެ. އެއީ؛ ނަމާދުކުރާގޮތުގެ ޞިފައާއި ތަރުތީބު ހިފެހެއްޓުމަށްޓަކައެވެ.
މި ބަޔާންކުރެވުނު ދެ ޙާލަތުގައިވެސް އެފަދަ މީހެއްގެ މައްޗަށް ކުށުސަޖިދަޖެހުން ވާޖިބުވެގެންވެއެވެ. ކުށުސަޖިދަޖަހާނީ ސަލާމްދިނުމަށްފަހުގައެވެ.
މީގެ މިސާލަކީ؛ ފުރަތަމަ ރަކުޢަތުގައި ދެވަނަ ސަޖިދަޖަހަން ހަނދާންނެތުނު މީހެކެވެ. ފަހެ، އެމީހަކަށް އެ ސަޖިދަ ނުކުރެވޭކަން ހަނދާންވީ، ދެވަނަ ރަކުޢަތުގެ ދެސަޖިދަ ދެމެދުގައި އިންދައެވެ. މި ޙާލަތުގައި ފުރަތަމަ ކުރި ރަކުޢަތަކީ ރަކުޢަތެއްކަމުގައި ނުބެލެވޭނެއެވެ. އަދި ދެވަނަ ރަކުޢަތް ވާނީ ފުރަތަމަ ރަކުޢަތުގެ މަޤާމުގައެވެ. އަދި އެމީހާގެ ދެވަނަ ރަކުޢަތް ބެލެވޭނީ ފުރަތަމަ ރަކުޢަތުގެ ގޮތުގައެވެ. ދެން އެމީހަކު، އޭނާގެ ނަމާދު ފުރިހަމަކުރުމަށްފަހު ސަލާމްދޭނީއެވެ. ދެން ކުށުސަޖިދަޖެހުމަށްފަހު ސަލާމްދޭނީއެވެ.
މީގެ އަނެއް މިސާލަކީ؛ ފުރުތަމަ ރަކުޢަތުގައި އެންމެ ސަޖިދައެއް ކުރެވި، ދެވަނަ ސަޖިދައާއި ދެސަޖިދަ ދެމެދުގައި އިންނަން ހަނދާންނެތުނު މީހެކެވެ. މި މީހާއަށް މިކަން ހަނދާންވީ ދެވަނަ ރަކުޢަތުގެ ރުކޫޢުން ތެދުވިފަހުންނެވެ. މި ޙާލަތުގައި އެމީހަކު ޖެހޭނީ ދެސަޖިދަ ދެމެދުގައި އިށީންނާށެވެ. އަދި ދެވަނަ ސަޖިދަ ކުރުމަށްފަހު، ދެން ނަމާދު ފުރިހަމަކުރާށެވެ. އަދި ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހާށެވެ. (އޭގެފަހުގައި ސަލާމްދޭށެވެ.)
(14) ނަމާދުކުރިމީހާއަށް، އޭނާގެ ނަމާދުގައި ރުކުނެއް ގެއްލުނުކަން ހަނދާންވީ ސަލާމްދިނުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައިކަމުގައިވާނަމަ:
ފަހެ، އެ ގެއްލުނު ރުކުނަކީ ފަހު ރަކުޢަތަގެ ރުކޫޢުފަދަ ފަހު ރަކުޢަތުގެ ރުކުނެއްކަމުގައިވާނަމަ؛ އެ ރުކުނެއް އަދާކޮށްފައި، އެ ރުކުނަކަށްފަހު ކުރަންޖެހޭ އެހެން ކަންކަން ފުރިހަމަކުރާނީއެވެ. ދެން ސަލާމްދިނުމަށްފަހު، ކުށުސަޖިދަޖަހާނީއެވެ.
އެ ގެއްލުނު ރުކުނަކީ ފަހު ރަކުޢަތުގެ ރުކުނަކަށް ނުވާނަމަ (މިސާލަކަށް؛ މެންދުރުނަމާދުގެ ތިންވަނަ ރަކުޢަތުގެ ސަޖިދައެއްކަމުގައިވާނަމަ)، އަލުން އާ ރަކުޢަތެއް ކުރުމަށްފަހު، ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހާނީއެވެ.
(15) ނަމާދުކުރިމީހާއަށް، އޭނާގެ ނަމާދުގައި ރުކުނެއް ގެއްލުނުކަން ހަނދާންވީ ސަލާމްދިނުމަށްފަހު ގިނަ ވަގުތުތަކެއް ފާއިތުވިފަހުންކަމުގައިވާނަމަ؛ ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އެމީހަކު ޖެހޭނީ އަލުން ނަމާދުކުރާށެވެ.
އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި؛ ކިތަންމެ ގިނައިރެއްވިޔަސް އެމީހަކު ޖެހޭނީ އެ ގެއްލުނު ރުކުނެއް، (މަތީގައި ބަޔާންކުރެވުނު ގޮތަށް) ކުރާށެވެ. މިގޮތަކީ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ.([2])
(16) މެދު އައްތަޙިއްޔާތުފަދަ ނަމާދުގެ ވާޖިބުތަކުންކުރެ ވާޖިބެއް ގަސްތުގައި ދޫކޮށްލައިފިނަމަ ނަމާދު ބާޠިލުވާނެއެވެ.
ހަނދާންނެތިގެން ވާޖިބެއް ދޫކޮށްލެވިއްޖެނަމަ:
* އެ ވާޖިބެއް އަދާކުރަންޖެހޭ ވަގުތު ފަހަނައަޅައިނުދަނީސް ހަނދާންވެއްޖެނަމަ، އެ ވާޖިބެއް އަދާކުރާނީއެވެ. އަދި މިފަދަ މީހަކު އިތުރު އެއްވެސްކަމެއް ކުރާކަށްނުޖެހޭނޭއެވެ. (އެބަހީ؛ އެ ރަކުޢަތް ކުރުމާއި، ކުށުސަޖިދަޖެހުންފަދަ ކަމެއް ކުރާކަށް ނުޖެހޭނެއެވެ.)
* އެ ވާޖިބެއް އަދާކުރަންޖެހޭ ވަގުތު ފަހަނައަޅައިދިޔަނަމަވެސް، ޖެހިގެން އޮތް ރުކުނަށް ވާޞިލުނުވެއުޅެނިކޮށް ހަނދާންވެއްޖެނަމަ، އެ ވާޖިބެއް އަދާކުރުމަށް ރުޖޫޢަވާނީއެވެ. ދެން ނަމާދު ފުރިހަމަކުރުމަށްފަހު، ސަލާމްދޭނީއެވެ. ދެން ކުށުސަޖިދަޖެހުމަށްފަހު ސަލާމްދޭނީއެވެ.
* އެ ވާޖިބެއް އަދާކުރަންޖެހޭ ވަގުތު ފަހަނައަޅައި، ޖެހިގެން އޮތް ރުކުނަށް ވާޞިލުވިފަހުން ހަނދާންވެއްޖެނަމަ، އެހިސާބުން ވާޖިބު ގެއްލުނީއެވެ. އަލުން އެވާޖިބު އަދާކުރަން ރުޖޫޢަވާކަށް ނުޖެހޭނެއެވެ. ފަހެ، މިފަދަ މީހަކު ޖެހޭނީ އެމީހާގެ ނަމާދު ކުރިއަށް ގެންދާށެވެ. އޭގެފަހުގައި ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖަހާށެވެ.
މީގެ މިސާލަކީ؛ ރުކޫޢުގައި “سُبْحَانَ رَبِّيَ العَظِيمِ” (ނުވަތަ މިނޫންވެސް ރުކޫޢުގައި ކިޔަން ވާރިދުވެފައިވާ ޛިކުރެއް) ކިޔަން ހަނދާންނެތުން މީހެކެވެ. ފަހެ، އެ ޛިކުރު ނުކިޔާ، އިޢުތިދާލަށް ނުތެދުވެވި އުޅެނިކޮށް ހަނދާންވެއްޖެނަމަ، އަލުން ރުކޫޢަށް ރުޖޫޢަވެ ޛިކުރުކިޔުން ލާޒިމުވާނެއެވެ. އަދި އިޢުތިދާލަށް ތެދުވެއްޖެނަމަ އަލުން ރުކޫޢަށް ރުޖޫޢަވާކަށް ނުޖެހޭނެއެވެ. (މި ދެ ޙާލަތުގައިވެސް) ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖަހަން ޖެހޭނެއެވެ.
(17) ބާރަށް ކިޔަވާނަމާދެއްގައިނަމަ ބާރަށް ކިޔެވުމާއި، އިސްތިފްތާޙުގެ ދުޢާފަދަ ނަމާދުގެ ސުންނަތްތަކުގެ ތެރެއިން ސުންނަތެއް ދޫވިކަމުގައިވީނަމަވެސް ކުށުސަޖިދަޖެހުން ވާޖިބެއް ނުވާނެއެވެ. އެހެނީ، ނަމާދުގެ ސުންނަތެއް ގަސްތުގައި ދޫކޮށްލިކަމުގައިވީނަމަވެސް ނަމާދު ބާޠިލެއްނުވާނެއެވެ. އެހެންނަމަވެސް، މި ޙާލަތުގައި ކުށުސަޖިދަޖެހުމަކީ ބައެއް ޢިލްމުވެރިންގެ އަރިހުގައި ސުންނަތެކެވެ. އެއީ؛ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މި ޙަދީޘްގެ ޢާއްމު މާނައިން ދަލީލުކުރާގޮތުންނެވެ. ((فَإِذَا نَسِيَ أَحَدُكُمْ فَلْيَسْجُدْ سَجْدَتَيْنِ))([3]) މާނައީ: “ފަހެ، ތިޔައިގެތެރެއިން މީހަކު (ނަމާދުގައި) ހަނދުމަނެތިއްޖެނަމަ، ފަހެ، އެމީހަކު ދެ ސަޖިދަކުރާހުށިކަމެވެ.”
(18) ރުކޫޢާއި ސަޖިދާގައި ކިޔަންޖެހޭ ޛިކުރުގެ އިތުރަށް ޤުރްއާން ކިޔެވުން، ނުވަތަ ރުކޫޢުގައި “سُبْحَانَ رَبِّيَ العَظِيمِ” އަށްފަހު “سُبْحَانَ رَبِّيَ الأَعْلَى” ކިޔުންފަދަ ކަމެއް، ނުވަތަ ފާތިޙާ ސޫރަތް ނުވަތަ ފަހު އައްތަޙިއްޔާތުގެ ޛިކުރުތައްފަދަ ރުކުންތަކުގެ ތެރޭގައި ހިމެނޭ ޛިކުރެއް އެއްފަހަރަށްވުރެ ގިނަފަހަރު ކިޔެވުންފަދަ ނަމާދުގައި ކިޔުން ޝަރުޢުވެގެންވާ ޛިކުރެއް، އެ ޛިކުރު ކިޔަންޖެހޭ ޙާލަތުގައި ފިޔަވައި އެހެން ޙާލަތެއްގައި ކިޔެވިއްޖެނަމަ، ކުށުސަޖިދަޖެހުން ވާޖިބެއް ނުވާނެއެވެ. އެހެނީ؛ އެ ޛިކުރަކީ ނަމާދުގެ ތެރޭގައި ކިޔުމަށް ޝަރުޢުވެގެންވާ ޛިކުރެކެވެ. އެހެންނަމަވެސް، މިފަދަ ޙާލަތްތަކުގައިވެސް ކުށުސަޖިދަޖެހުމަކީ އެދެވިގެންވާކަމެކެވެ. އެހެނީ، އެފަދަ މީހަކު އެ ޛިކުރުތައް ކިޔާފައި އެވަނީ އެ ޛިކުރުތަކުގެ ޙާލަތްތަކަކު ނޫނެވެ.
(19) ތަކްބީރުކިޔާއިރު “اللهُ أَكْبَرُ كَبِيراً” ނުވަތަ އާމީން ކިޔާއިރު “آمِين يَا رَبَّ العَالَمِينَ” ފަދަ ނަމާދުގައި ކިޔުން ޝަރުޢުވެގެންނުވާ ޛިކުރެއް ކިޔައިފިމީހެއްގެ މައްޗަށް ކުށުސަޖިދަޖެހުމެއް ނުވެއެވެ.
(20) (ނަމާދުގައި) ޝައްކުވުމަކީ: ދެކަމެއްގެ ތެރެއިން ކުރެވުނީ ކޮންކަމެއްކަން ނޭނގި، އެ ދެކަމުގެ ދެމެދުގައި ދެއަތަށް ކިރިކިރި ހުރުމެވެ. މިސާލަކަށް؛ ކުރެވުނީ ތިން ރަކުޢަތްތޯ ނުވަތަ ހަތަރު ރަކުޢަތްތޯއާމެދު ޝައްކުވުމެވެ.
ތިން ޙާލަތެއްގައި ޝައްކާމެދުގައި އަޅާލާކަށްނުޖެހޭނެއެވެ.
* ވަސްވާސްފަދަ ޙަޤީޤަތެއްނުވާ ޝައްކުގެ ޙާލަތުގައި،
* އަޅުކަންކަމެއް ޝައްކަކާނުލައި ނުކުރެވޭ ދަރަޖައަށް މީހަކަށް ޝައްކުގެ އުނދަގޫވާނަމަ،
* އަޅުކަން ނިންމިފަހުން ޝައްކުވާ ޙާލަތުގައެވެ. މިފަދަ މީހަކު، އެ ޝައްކު ޔަޤީންނުވާހާހިނދަކު އަޅާލާކަށްނުޖެހޭނެއެވެ. ފަހެ، އެމީހަކު ޢަމަލުކުރަންޖެހޭނީ އެމީހެއްގެ ޔަޤީނުގެ މައްޗަށެވެ. (ޝައްކުކުގެ މައްޗަކަށް ނޫނެވެ.)
(21) ނަމާދުގައި ޝައްކުވުން އަންނާނީ ދެ ޙާލަތަކަށެވެ.
ފުރަތަމަ ޙާލަތަކީ: ޝައްކުވާ ދެގޮތުންކުރެ ގޮތަކަށް ބޮޑަށް ބުރަވެވުމެވެ. މި ޙާލަތުގައި؛ ބޮޑަށް ބުރަވެވެނީ ކަމެއް އުނިވިކަމަށް، ނުވަތަ ގިނަވެއްޖެކަމަށްވާނަމަވެސް، ބޮޑަށް ބުރެވެވޭގޮތެއްގެ މައްޗަށް (ކުރިން ބަޔާންވެދިޔަ ގޮތްތަކުގެ މަތިން) ޢަމަލުކޮށް، ނަމާދު ފުރިހަމަކުރުމަށްފަހު ސަލާމްދޭނީއެވެ. ދެން ކުށުސަޖިދަޖެހުމަށްފަހު ސަލާމްދޭނީއެވެ.
މީގެ މިސާލަކީ؛ މެންދުރުނަމާދުގެ ރަކުޢަތްތަކުގެ ތެރެއިން ރަކުޢަތަކާމެދު ޝައްކުވި މީހެކެވެ. ދެވަނަ ރަކުޢަތްތޯ ނުވަތަ ތިންވަނަ ރަކުޢަތްތޯއާމެދު އެމީހާއަށް ޝައްކުވުމެވެ. މި ޙާލަތުގައި އެމީހާއަށް ބޮޑަށް ބުރެވެވެނީ ތިންވަނަ ރަކުޢަތްތަކަމުގައިވާނަމަ، އެއީ ތިންވަނަ ރަކުޢަތްކަމުގައި ބަލައި، އޭގެފަހުގައި އެއް ރަކުޢަތް (އެބަހީ؛ ހަތަރުވަނަ ރަކުޢަތް) ކޮށް ނަމާދު ފުރިހަމަކުރާނީއެވެ. ދެން އޭގެފަހުގައި، ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހާނީއެވެ. އަދި މި ޙާލަތުގައި އެމީހާއަށް ބޮޑަށް ބުރެވެވެނީ ދެވަނަ ރަކުޢަތްތަކަމުގައިވާނަމަ، އެއީ ދެވަނަ ރަކުޢަތްކަމުގައި ބަލައި، ނަމާދު ފުރިހަމަކުރާނީއެވެ. ދެން ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހާނީއެވެ.
އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްގައިވާ ގޮތުގެ މަތިންނެވެ. ((وَإِذَا شَكَّ أَحَدُكُمْ فِي صَلاَتِهِ، فَلْيَتَحَرَّ الصَّوَابَ فَلْيُتِمَّ عَلَيْهِ، ثُمَّ لِيُسَلِّمْ، ثُمَّ يَسْجُدُ سَجْدَتَيْنِ))([4]) މާނައީ: “ތިޔައިގެތެރެއިން މީހަކު ނަމާދުގައި ޝައްކުވެއްޖެނަމަ، ފަހެ، އެންމެ ބޮޑަށް ޔަޤީންވާގޮތެއް ހޯދުމަށް މަސައްކަތްކޮށް، އެގޮތުގެ މައްޗަށް ބުރަވެ ނަމާދު ފުރިހަމަކުރާހުށިކަމެވެ. ދެން އެމީހަކު ސަލާމްދޭހުށިކަމެވެ. ދެން (ކުށުސަޖިދައިގެ ގޮތުގައި) ދެ ސަޖިދަކުރާނީއެވެ.”
ދެވަނަ ޙާލަތަކީ: ޝައްކުވާ ދެގޮތުންކުރެ ގޮތަކަށް ބުރަ ނުވެވުމެވެ. މި ޙާލަތުގައި ޔަޤީންވާ ގޮތުގެ މައްޗަށް ޢަމަލުކުރާނީއެވެ. ޔަޤީންވާނީ އެންމެ މަދު ޢަދަދެކެވެ. މިގޮތުގެ މައްޗަށް ބުރަވެ ނަމާދު ފުރިހަމަކުރާނީއެވެ. އަދި ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖަހާނީއެވެ. ދެން ސަލާމްދޭނީއެވެ.
މީގެ މިސާލަކީ؛ މެންދުރުނަމާދުގެ ރަކުޢަތްތަކުގެ ތެރެއިން ރަކުޢަތަކާމެދު ޝައްކުވި މީހެކެވެ. ދެވަނަ ރަކުޢަތްތޯ ނުވަތަ ތިންވަނަ ރަކުޢަތްތޯއާމެދު އެމީހާއަށް ޝައްކުވުމެވެ. މި ޙާލަތުގައި އެމީހާއަށް ބޮޑަށް ބުރެވެވޭ ގޮތެއް ނެތިއްޖެނަމަ، ދެވަނަ ރަކުޢަތްކަމުގައި ބަލާނީއެވެ. މިގޮތުގެ މައްޗަށް ބުރަވެ ނަމާދު ފުރިހަމަކުރާނީއެވެ. ދެން ސަލާމްދިނުމުގެކުރިން ކުށުސަޖިދަޖަހާނީއެވެ.
އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްގައިވާ ގޮތުގެ މަތިންނެވެ. ((إِذَا شَكَّ أَحَدُكُمْ فِي صَلَاتِهِ، فَلَمْ يَدْرِ كَمْ صَلَّى ثَلَاثًا أَمْ أَرْبَعًا، فَلْيَطْرَحِ الشَّكَّ وَلْيَبْنِ عَلَى مَا اسْتَيْقَنَ، ثُمَّ يَسْجُدُ سَجْدَتَيْنِ قَبْلَ أَنْ يُسَلِّمَ، فَإِنْ كَانَ صَلَّى خَمْسًا شَفَعْنَ لَهُ صَلَاتَهُ، وَإِنْ كَانَ صَلَّى إِتْمَامًا لِأَرْبَعٍ كَانَتَا تَرْغِيمًا لِلشَّيْطَانِ))([5]) މާނައީ: “ތިޔަބައިމީހުންކުރެ މީހަކަށް އޭނާގެ ނަމާދުގައި ޝައްކުވެ، ކުރެވުނީ ތިން ރަކުޢަތްކަން ނުވަތަ ހަތަރު ރަކުޢަތްކަން ނޭނގިއްޖެނަމަ، ފަހެ ޝައްކު ފިލުވައިލާހުށިކަމެވެ. އަދި ޔަޤީންވާ ޢަދަދެއްގެ މައްޗަށް ބިނާކުރާހުށިކަމެވެ. ދެން ސަލާމްދިނުމުގެ ކުރިން ދެ ސަޖިދަކުރާހުށިކަމެވެ. ފަހެ، އޭނާއަށް ފަސް ރަކުޢަތްކުރެވުނު ކަމުގައިވާނަމަ، އޭނާގެ އެ ދެ ސަޖިދަ ރަކުޢަތެއް ފަދައިންވެ، އޭނާއަށް އިތުރަށް އެކުރެވުނު ރަކުޢަތާއެކު، ދެ ރަކުޢަތް ނަމާދަކަށް ހަދައިދޭނެއެވެ. އަދި އޭނާ ހަތަރު ރަކުޢަތް ފުރިހަމައަށް ކުރިކަމުގައިވާނަމަ، އެ ދެ ސަޖިދަވާނީ ޝައިޠާނާ ނިކަމެތިކޮށްލާ އެއްޗަކަށެވެ.”
____________________________
([1]) ޙަރަމްބަން ތަކްބީރަކީ؛ އެންމެ ފުރަތަމަ ހަށަންބަނުމަށްޓަކައި ކިޔާ ތަކްބީރެވެ. މިއީ ނަމާދުގެ އަޅުކަމުގެ ތެރެއަށް ވަންނަ ތަކްބީރެވެ. (މުތަރުޖިމް)
([2]) ينظر: مجموع الفتاوى (23/43).
([3]) رواه البخاري (401)، ومسلم (572) واللَّفظ له.