[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ޙަޔާތުން އުފާވެރިކަން ޙާޞިލުކުރައްވާ – 3

އަހަރުމެން ހުނަރުތައް ހޯދަނީ ކީއްވެ؟

 

އެއްދުވަހަކު އަހަރެން ފަޤީރު އަވަށަކަށް ދަރުހެއް ދިނުމަށްޓަކައި ދިޔައީމެވެ. އެތާގެ އާ ޓީޗަރެއް އަހަރެންގެ ގާތަށް އައެވެ. އަދި ބުންޏެވެ. “ތިބާއަށް އަހުރެންގެ ދަރިވަރުން ކޮޅަކަށް ފައިސާގެ އެހީއެއް ފޯރުކޮށްދެވިއްޖެއްޔާ އަހަރެމެން އުފަލާއެކީ އެކަން ބަލައިގަންނާނަމެވެ. އަހަރެން ސުވާލުކުރީމެވެ. “އެހެންތޯއެވެ”؟ ނަމަވެސް ސަރުކާރުން ހިންގާ މަދަރުސާތަކުގައި ކިޔަވައިދެނީ ހިލޭ ނޫން ހެއްޔެވެ؟”

އޭނާ ބުންޏެވެ. “ތިޔައީ ތެދެކެވެ. ނަމަވެސް، އެ ދަރިވަރުން ޖާމިޔާގައި ކިޔެވުމަށް ޚަރަދު ކުރަނީ އަހުރެމެންނެވެ.”

އަހަރެން ބުނީމެވެ. “ޖާމިޔާތައްވެސް ހިންގަނީ ސަރުކާރުން ނޫންތޯއެވެ؟ އެމީހުންގެ ދަރިވަރުންނަށް ސްކޯލަރޝިޕްތައް ވެސް ފޯރުކޮށްދޭ ނޫން ހެއްޔެވެ؟

އޭނާ ބުންޏެވެ. “އަހުރެން މިކަން ތިބާއަށް ސާފުކޮށްދޭން ބޭނުމެވެ.

އަހަރެން ބުނީމެވެ. “ކުރިއަށްދާށެވެ.”

އޭނާ ބުންޏެވެ. “މަތީ ސާނަވީ އިން ދަސްވެނިވާ އަހަރެމެންގެ ދަރިވަރުންނަކީ 99 އިންސައްތަ ގެންނަ ދަރިވަރުންނެވެ. އެމީހުންނަށް ލިބިފައިވާ ޢިލްމާއި ޙިކްމަތުން މުޅި އުއްމަތަކަށްވެސް ފުދޭނެއެވެ. ދަސްވެނިވުމަށް ފަހު ބޭރު ޤައުމުތަކަށް ޑޮކްޓަރީކަމައީ އިންޖީނިއަރިންގ، ޝަރީޢާ، ކޮމްޕިއުޓަރ ނުވަތަ އެނޫންވެސް ދާއިރާތަކުން ކިޔެވުމަށް ދާންއުޅުމުން އެކުދިންގެ ބައްޕައިން އެކުދިން ހުއްޓުވާ ބުނެއެވެ. މިހާރު ވާވަރަށް ކިޔެވިއްޖެއެވެ. ދެން، އަހަރެންގެ ގާތުގައި ބަކަރި ހުއިހައްޕަން މަޑުކުރާށެވެ.

އަހަރެންނަށް ބޭއިޚްތިޔާރުގައި ތަންކޮޅެއް ބާރަށް ބުނެވުނެވެ. “ބަކަރި ހުއިހައްޕާ މީހަކަށް ވާށޭ ހެއްޔެވެ”؟

އޭނާ ބުންޏެވެ. “އާނއެކެވެ. ބަކަރި ހުއިހައްޕާ މީހަކަށް ވާށެވެ! ދެން އެ ފަކީރުމެން ޖެހެނީ އެމީހުންގެ ބައްޕަމެން ކައިރީގައި ބަކަރި ހުއިހައްޕަން ތިބޭށެވެ. އޭގެ ސަބަބުން އެމީހުންގެ ހުނަރުތަކާއި ޤާބިލުކަން ގެއްލިގެންދެއެވެ. އެ މީހުން އެ މަސައްކަތުގައި އަހަރުތައް ވޭތުކުރަމުންދާއިރު ފަހަރެއްގައި މީހުންނާ އިނދެ، ދަރިން ލިބިދެއެވެ. އެހެން ވެއްޖެނަމަ އެމީހުންވެސް ޢަމަލުކުރާނީ އެމީހުންގެ ބައްޕަމެން ޢަމަލުކުރި ގޮތަށެވެ. އެމީހުންވެސް އެމީހުންގެ ދަރިން ބައިތިއްބާނީ ބަކަރި ހުއިހައްޕާށެވެ”.

އަހަރެން އެހީމެވެ. ދެން މި މައްސަލަޔަށް އޮތް ޙައްލަކީ ކޮބައި ހެއްޔެވެ؟

އޭނާ އޮޅުން ފިލުވައިދިނެވެ. ޙައްލަކީ އެ ބަކަރިތައް ބެލެހެއްޓުމަށް މުސާރަދީފައި މީހަކު ބެހެއްޓުމަށް ބައްޕައަށް ވިސްނައި ދިނުމެވެ. ދެތިން ސަތޭކަ ރިޔާލަށް އެކަން ކުރެވިދާނެއެވެ. އެ ފައިސާ އެ ބައްޕައާއި ޙަވާލުކޮށްދޭނީ އަހަރުމެންނެވެ. އޭރުން އޭނާގެ ދަރިފުޅަށް އެކުއްޖާގެ ހުނަރާއި ޤާބިލުކަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ބޭނުން ކުރެވޭނެއެވެ. އަދި އެ ކުއްޖަކު ކިޔަވާ ނިމެންދެން އެކުއްޖެއްގެ ހުރިހާ ޚަރަދެއް ބެލެހެއްޓުމަކީވެސް އަހަރުމެންގެ ޒިންމާ އެކެވެ.

މި މުދައްރިސް އިސްޖަހާލުމަށް ފަހު ބުނެލިއެވެ. ‘މި ނިޢުމަތްތަކާއި ހުނަރުތަކުގެ ވެރިން ހިތާމަކޮށްކޮށް ތިއްބާ އެމީހުންގެ ހިތްތަކުގައި އެވާ ޤާބިލިއްޔަތުކަމުގެ މައްޗަށް ފަސްއެޅި ވަޅުލެވިގެން ދިޔުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވިދާނެ ކަމެއް ނޫނެވެ.’

އޭނާގެ ބަސްތަކާއި މެދު ފުންކޮށް ވިސްނާލުމުން އެންމެ އުހަށް ވާޞިލްވުމަށް ބޭނުންވާނަމަ މިނޫން ގޮތެއް ނެތްކަން އަހަރެންނަށްވެސް ޤަބޫލުކުރެވުނެވެ.

ކިހާބޮޑު ތެދުފުޅެއް ހެއްޔެވެ. ތިބާ ސައިންސް، ދަޢުވާ (ދީނަށް ގޮވައިލުން)، އުނގަންނައި ދިނުން، ވިޔަފާރި، ބޭސްވެރިކަން، މީހުންގެ ލޯބި ހޯދުން ނުވަތަ ޢާއިލީ ދަރަޖާގައި ވިޔަސް ކާމިޔާބު މީހެއް ހޯދާ ބަލާށެވެ. ޢާއިލީ ދަރަޖާގައި ކާމިޔާބު މީހުންގެ ތެރޭގައި އޭނާގެ ކުދިންގެ މެދުގައި ކާމިޔާބު ބައްޕައެއް ނުވަތަ އޭނާގެ ޒަވާޖީ ޙަޔާތުގައި ކާމިޔާބު އަންހެނެއް ހިމެނިދާނެއެވެ. މުޖްތަމަޢުގެ ތެރޭގައި އަވަށްޓެރިންނާއި ކިލާސް މީހުންނާއި ކާމިޔާބު ކަމާއެކީ ރަނގަޅު ގުޅުމެއް ދަމަހައްޓާ މީހެއް ހޯދާބަލާށެވެ.

އަހަރެން މިތަނުގައި ‘ކާމިޔާބު’ މާނަ މިކުރަނީ ޙަޤީޤީ ކާމިޔާބު ހޯދާމީހުންނެވެ. އެހެންމީހުންގެ ބޯމަތީގައި ފިޔަވަޅުތައް އަޅަމުން ކާމިޔާބު ހޯދާ މީހުންނެއް ނޫނެވެ. މި މީހުންގެ ތެރެއިން އެއްވެސް މީހެއް މިހާރު ހުރި ހިސާބަށް ވަކި ޙާއްސަ ހުނަރުތަކެއް އަށަގަންނަވައިގެން މެނުވީ ވާޞިލެއް ނުވެވޭނެއެވެ. އެއީ އެމީހަކަށް އެނގިގެން ނުވަތަ ނޭނގިކަމުގައި ވިޔަސްމެއެވެ. ބައެއް މީހުންނަކީ އެމީހުންގެ ނަފްސުތަކުގައި ނުހުންނަ ހުނަރުތައް އަށަގަންނުވަން މަސައްކަތްކުރާ މީހުންނެވެ. އަދި އަނެއްބައި މީހުން ފިޠުރަތުގައި އެމީހުންގެ ނަފްސުތަކުގައި އަށަގަނެފައި ހުރި ހުނަރުތައް ތަރައްޤީ ކޮށްގެން ކާމިޔާބީ އާއި ހަމަޔަށް ވާޞިލުވެއެވެ.

މި ފޮތުގައި އަހަރެމެން ބަލާލާނީ މިފަދަ ބޭފުޅުންގެ ކާމިޔާބީގެ ވާހަކަތަކަށެވެ. އެއީ އެ ބޭފުޅުންގެ ސިޔަރަތު ބަލާ، އުޅުން ދިރާސާ ކުރުމަށެވެ. އެބޭފުޅުން ކާމިޔާބު ބަޔަކަށް ވުމަށްޓަކައި ބޭނުންކުރި އުކުޅުތައް އަހަރެމެންވެސް ބޭނުން ކުރުމަށްޓަކައެވެ.

ތަންކޮޅެއް ކުރިން ދުނިޔޭގެ އެންމެ މުއްސަނދި ބޭފުޅުންގެ ތެރެއިން ބޭފުޅެއްކަމުގައިވާ ޝައިޚް ސުލައިމާން އަލް ރަޖީޙީގެ ބަސްދީގަތުމެއްގެ އަހަރެން އަޑު އެހީމެވެ. އެބޭފުޅާއަކީ އެ ބޭފުޅާގެ ވިސްނުންފުޅާއި އަޚުލާޤާއި އަދަބުގައި އަރާ ހުންނެވި ބޭފުޅެއްކަން އަހަންނަށް ފާހަގަ ކުރެވުނެވެ.

އެއީ އެތައް ލައްކަ ޑޮލަރުތަކާއި އެތައް ހާސް ބިންތަކެއްގެ މިލްކުވެރިއެކެވެ. އެއީ އެތައް ސަތޭކަ މިސްކިތްތަކެއް ބިނާ ކުރައްވާ، އެތައް ހާސް މިސްކީނުންނަށް ފައިސާގެ އެހީ ވެދެއްވާފައިވާ ބޭފުޅެކެވެ. އެއީ ކާމިޔާބުގެ ފުރިހަމަ މިސާލެކެވެ.

 އޭނާގެ ނިޔަނެތި ފެށުމުގެ ވާހަކަ އޭނާ ކިޔައިދިނެވެ. އެއީ މީގެ ފަންސާސް ވަރަކަށް އަހަރުކުރިއެވެ. އޭނާއަކީ ހަމަ އާދައިގެ މީހެކެވެ. އޭނާގެ އަތުގައި އޭނާގެ ދުވަހުގެ ކޮއްތު ނޫން އެހެން އެއްވެސް އެއްޗެއް ނެތެވެ. ބައެއް ފަހަރު އެހާވަރު ވެސް އޭނާގެ އަތުގައެއް ނުހުރެއެވެ. އޭނާ ބުނެދިން ގޮތުގައި އޭނާ ފައިސާ ހޯދުމަށްޓަކައި މީހުންގެ ގެތައް ފޮޅާ، ސާފުކޮށްދިނެވެ. އަދި ދުވަހުގެ ބާކީ ބައި ފިހާރައެއްގައި ވަޒީފާ އަދާ ކުރެއެވެ. އޭނާ ބޮޑު ފަރުބަދައެއްގެ އެންމެ ބުޑުގައި ހުރުމަށްފަހު އެ ފަރުބަދަޔަށް އަރަން މަސައްކަތްކޮށް، އޭގެ އެންމެ އުހާއި ހަމަޔަށް ވާޞިލްވިގޮތް އޭނާ ކިޔައިދިނެވެ.

އަހަރެން އޭނާގެ ހުރި ހުނަރުތަކާއި ޤާބިލުކަމާ މެދު ވިސްނާލުމުން އަހަރެންނަށް އެނގުނީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އޭނާ ކަހަލަ މީހަކަށް ވެވިދާނެކަމެވެ. އިންޝާ ﷲ. އަހަރެމެން ކުރަންޖެހޭހާ ވެސް ކަމަކީ ވަކި ހުނަރުތަކެއް ދަސްކޮށް، އެ ބޭނުންކޮށް ދޫނުދީ، ހިތްވަރާއެކު މަސައްކަތްކުރުމަށް ތަމްރީނު ދިނުމެވެ.

ހުނަރުތައް ހޯދަން މަސައްކަތްކުރަން ޖެހޭ އަނެއް ސަބަބަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ކިބައިގައި އުފެއްދުންތެރި ޤާބިލުކަން ހުރެފައިވެސް އެކަން ނޭނގުމެވެ. ފަހަރެއްގައި އެއީ މީހަކު އަހަރެމެންނަށް އެ ހުނަރު ދެނެގަންނަން ނުވަތަ ތަރައްޤީކުރަން އެހީ ވެދީފައި ނުވާތީ ކަމަށްވެސް ވެދާނެއެވެ. މި ހުނަރުތަކުގެ ތެރޭގައި ވާހަކަދެއްކުންތެރިކަމުގެ ހުނަރާއި ވިޔަފާރިއަށް ކުޅަދާނަ ސިކުނޑިއަކާ ނުވަތަ ހަމަ ހުރިހާ ކަމަކަށް ވެސް ޤާބިލު ވުމެވެ.

އަހަރެމެންނަށް މި ހުނަރުތައް އަމިއްލައަށްވެސް އިޚްލާސްތެރި މުދައްރިސެއްގެ ފަރާތުން، ވަޒީފާ ދޭ މީހެއްގެ ފަރާތުން ނުވަތަ ބޭބެއެއްގެ ފަރާތުން ވެސް އެނގިދާނެއެވެ. މިފަދަ މީހުންނަކީ ވަރަށްވެސް މަދު ބަޔެކެވެ. މި ހުނަރުތައް މީހެއްގެ ކިބައިގައި ޤައިދުވެފައިވެސް ހުރެދާނެއެވެ. އޭރުން އެމީހާގެ ކިބައިގައިވާ ހުނަރުތަކާއި ޤާބިލިއްޔަތުކަން މަރުވެ ދިޔުމުން ވާނީ މީހުންގެ ތެރޭގައި ހަމަ އާދައިގެ މީހަކަށެވެ.

އޭރުން އަހަރެމެންނަށް ގެއްލިގެން އެދިޔައީ ވެރިއެކެވެ. ދީނީ ޢިލްމުވެރިއެކެވެ. މޮޅު ވާހަކަދެއްކުންތެރިއެކެވެ. ނުވަތަ ކާމިޔާބު އަންބެކެވެ. ނުވަތަ ފިރިއެކެވެ. އެހެންނޫނީ އެއީ އިޚްލާޞްތެރި ބެލެނިވެރިއަކަށްވެސް ވެދާނެއެވެ.

މިފޮތުގައި އަހަރެން ފާހަގަކޮށްލެވޭ ފަދަ މޮޅު ހުނަރުތައް ހިމަނާނަމެވެ. ތިބާގެ ކިބައިގައި އެ ހުނަރުތައް ހުރި ނަމަ އެ ބޭނުންކުރުމަށް ހަނދާންކޮށްދީ އަދި ނެތްނަމަ އެ ހުނަރުތައް ތަރައްޤީކުރާނެ ގޮތުގެ ތަމްރީނު ދިނުމަށެވެ.

 

ޚިޔާލެއް:

ތިބާ ފަރުބަދައިގެ އެންމެ ކޮޅަށް ވާޞިލުވުމަށް މަސައްކަތްކުރާ އިރު، ތިބާގެ ވަށައިގެންވާ ގޮންޖެހުންތަކަށް ނުބަލާށެވެ. އެހެނެއްކަމަކު، ތިބާ ވާޞިލުވާން ބޭނުންވާ ތަނަށް (ފަރުބަދައިގެ އެންމެ ކޮޅަށް) ތިބާގެ ނަޒަރު ބަހައްޓާށެވެ. ޔަޤީންކަމާއި އެކީ ކުރިއަށް ފިޔަވަޅު އަޅާށެވެ. އަދި މާ ބާރަށް، އެއްފަހަރާ މާ ބޮޑު ތަނެއް ގިރާ ކުރުމަށް މަސައްކަތް ނުކުރާށެވެ. އެހެން ނޫނީ ތިބާގެ ފައި އަރިއަޅާލުމަކީވެސް އެކަށީގެންވާ ކަމެކެވެ.

 

______________________________

ތަރުޖަމާކުރީ:

އީނާޝް އިބްރާހީމް

ބިންތު އަޙްމަދު

އުންމު މުޙްސިނު

 

މިއީ ޑރ. މުޙައްމަދު ޢަބްދުލް ރަޙްމާން އަލް ޢަރީފީ ލިޔުއްވާފައިވާ استمتع بحياتك ގެ ތަރުޖަމާއެވެ.

 

މިލިޔުމުގެ އެހެންބައިތައް