[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެނދުނާއި ހަވީރުގެ ޛިކުރުތަކާގުޅޭ 31 ފައިދާ (1)

މި ފޮތަކީ މުޙައްމަދު ބުން ޞާލިޙުލް މުނައްޖިދު حفظه الله ޝާއިޢުކުރައްވާފައިވާ “31 فائدة في أذكار الصباح والمساء” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.

بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ

الحمد لله، والصلاة والسلام على رسول الله، أما بعد:

ފަހެ، މިއީ ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ފައިދާތަކާގުޅޭ ޚުލާޞާ ފޮތެކެވެ. މިއީ މި މައުޟޫގައި އައްޝައިޚު މުޙައްމަދު ޞާލިޙު އަލްމުނައްޖިދު ޙަފިޡަހުﷲ “މަޖުމޫޢަތުއް ޒާދު” ގައި ދެއްވަވާފައިވާ ފިލާވަޅުތަކެއް ޖަމާކުރައްވައިގެން އެ މަޖުމޫޢާގެ ޢިލްމީގޮފިން ތައްޔާރުކޮށްފައިވާ ފޮތެކެވެ. އަޅުގަނޑުމެން ﷲގެ ޙަޟްރަތުގައި އެދި ދަންނަވަނީ މި މަޢުލޫމާތުތަކާއި މި ސިލްސިލާގެ މަޢުލޫމާތުތަކުގެ މަންފާ ކިޔުންތެރިންނަށް ކޮށްދެއްވުމެވެ. އަދި މި ފޮތް ތައްޔާރުކުރުމާއި ފެތުރުމުގައި ބައިވެރިވެ، އަދި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާދެއްވުމެވެ!

(1) ﷲ ތަޢާލާގެ މަތިން ޛިކުރުކުރުމަކީ ހިތްތަކަށްވާ ދިރުމެކެވެ. ލޯތަކަށްވާ ފިނިކަމެކެވެ. ނަފުސުތައް ޠާހިރުކޮށްދޭ ކަމެކެވެ. ހިތްތަކުގެ ބަލިތަކަށްވާ ޝިފާއެކެވެ. ފުރާނަތަކަށް ދިރުންގެނެސްދީ، އެ ފުރާތަނަކަށް އުފާވެރިކަން ގެނެސްދޭނެ އެންމެ މަތިވެރި ސަބަބެވެ. ޛިކުރުކުރުމަށް ހިތްތައް ބޭނުންވެގެންވަނީ މަހަށް ފެން ބޭނުންވެގެންވާ ފަދައިންނެއެވެ. ފެނާ އެކަހެރިކޮށްލައިފިނަމަ މަހުގެ ޙާލަކީ ކޮބައިތޯ؟

(2) ﷲ މަތިން ޛިކުރުކުރުމާނުލައެއް މުއުމިނެއްގެ ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެއެވެ. ޛިކުރުކުރުމާމެދު ޣާފިލުވެފައިވާ ހިތަކީ މަރުވެފައިވާ ހިތެކެވެ. އަދި އެ ގެއެއްގައި ﷲއަށް ޛިކުރުނުކުރެވޭ ގެއަކީ ޚަރާބުވެފައިވާ ގެއެކެވެ.

ހިތްތަކަށް ދިރުމާއި، ގެތަކަށް އާރޯކަން ލިބޭނީ ﷲއަށް ޛިކުރުކުރުމުންނެވެ. އަދި ހިތްތައް މަރުވުމާއި، ގެތައް ޚަރާބުވުން ގުޅިފައިވަނީ ﷲ މަތިން ޛިކުރުކުރުމުން ޣާފިލުވުމާއެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ((مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالـمَيِّتِ))([1]) މާނައީ: “އެމީހާގެ ވެރިރަސްކަލާނގެ މަތިން ހަނދުމަކުރާމީހަކާއި އެކަލާނގެ މަތިން ހަނދުމަނުކުރާމީހެއްގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ.”

އަދި އެހެން ރިވާޔަތެއްގައިވެއެވެ. ((مَثَلُ الْبَيْتِ الَّذِي يُذْكَرُ اللهُ فِيهِ، وَالْبَيْتِ الَّذِي لَا يُذْكَرُ اللهُ فِيهِ، مَثَلُ الْحَيِّ وَالْمَيِّتِ))([2]) މާނައީ: “އެ ގެއެއްގައި ﷲ މަތިން ހަނދުމަކުރެވޭ ގެއަކާއި، އެ ގެއެއްގައި ﷲ މަތިން ހަނދުމަނުކުރެވޭ ގެއެއްގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ.”

(3) ޛިކުރުކުރުމަކީ ހިތަށް ހަމަޖެހުމާއި ހިތް ޠާހިރުކޮށްދޭނެ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ﴾ (الرعد: 28) މާނައީ: “އެބައިމީހުންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެބައިމީހުންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟”

ޙަދީޘްގައި އައިސްފައިވެއެވެ. ((لَا يَقْعُدُ قَوْمٌ يَذْكُرُونَ اللهَ عَزَّ وَجَلَّ إِلَّا حَفَّتْهُمُ الْمَلَائِكَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَنَزَلَتْ عَلَيْهِمِ السَّكِينَةُ، وَذَكَرَهُمُ اللهُ فِيمَنْ عِنْدَهُ))([3]) މާނައީ: “އެއްވެސް ބަޔަކު ﷲ عزّ وجلّ މަތިން ހަނދުމަކުރުމަށްޓަކައި އިށީނދެއްޖެކަމުގައިވާނަމަ، މަލާއިކަތުން އެބަޔަކު ވަށާލައްވައި، އަދި ރަޙުމަތް އެބަޔަކު ފޮރުވާލައި، އަދި އެބައެއްގެ މައްޗަށް ހިތްހަމަޖެހުން ފައިބައި، އަދި ﷲ އެކަލާނގެ ޙަޟްރަތުގައިވާ މަލާއިކަތުންގެ އަރިހުގައި އެބައެއްގެ މަތިން ހަނދުމަނުކުރައްވާ ނުދެއެވެ.”

(4) ޛިކުރުކުރާމީހުންގެ މަތިން ﷲ ހަނދުމަކުރެއްވުމަކީ އެބައެއްގެ މަތިވެރިކަމަށް ފުދިގެންވާކަމެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ﴾ (البقرة: 152) މާނައީ: “ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރުނުވާށެވެ!” އަދި އިލާހުވަންތަ ފަރާތުން އައިސްފައިވާ ޙަދީޘެއްގައިވެއެވެ. ((فَإِنْ ذَكَرَنِي فِي نَفْسِهِ ذَكَرْتُهُ فِي نَفْسِي، وَإِنْ ذَكَرَنِي فِي مَلَإٍ ذَكَرْتُهُ فِي مَلَإٍ خَيْرٍ مِنْهُمْ))([4]) މާނައީ: “ފަހެ އޭނާގެ އަމިއްލަ ނަފުސަށް އޭނާ ތިމަން ﷲ ހަނދުމަކޮށްފިނަމަ ތިމަންﷲވެސް އޭނާ ހަނދުމަކުރައްވާހުށީމެވެ. އަދި އޭނާ ޖަމާޢަތެއްގެ ތެރޭގައި ތިމަންﷲ ހަނދުމަކޮށްފިނަމަ އެޖަމާޢަތަށްވުރެ ހެޔޮ ޖަމާޢަތެއްގައި އޭނާ ހަނދުމަކުރައްވާހުށީމެވެ.”

ތިބާގެ މަތިން ޢާލަމުތަކުގެ ވެރިރަސްކަލާނގެ ހަނދުމަކުރެއްވުމަށްވުރެ މަތިވެރި ޝަރަފަކީ އަދި މަތިވެރި ފަޚްރަކީ ފަހެ ކޮބައިހެއްޔެވެ؟

މި ސަބަބާހުރެ، އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް ރިވާވެފައިވެއެވެ. “ޛިކުރުކުރާމީހުން ހުރިހާ ހެޔޮކަމަކައިގެން ކުރިއަރައިހިނގައްޖެއެވެ.”([5])

(5) ޛިކުރުކުރުމުގެ މާތްކަމުގެ ތެރޭގައި([6]): އެކަމަކީ ޝައިޠާނާ ދުރުކޮށްދޭނެކަމެކެވެ. ރަޙްމާންވަންތަ އިލާހުގެ ރުއްސަވާވޮޑިގަތުން ލިބޭނެކަމެކެވެ. ހާސްކަމާއި ހިތްދަތިކަން ހިތުން ފިލައިގެންދާނެކަމެކެވެ. ދުނިޔެމަތީގައި ހައިބަތާއި، އުފާވެރިކަމާއި، އުޖާލާކަމުގެ ފޭރާމުން ފޭރާންލައްވާނެތެވެ. އަދި އާޚިރަތުގައި ނޫރުލައްވާނެތެވެ. އިޙްސާންކަމުގެ([7]) ދޮރުންވަނުމަށްޓަކައި ނަފުސުގެ ކަންކަން ބެލެހެއްޓުމުގެ ކުޅަދާނަކަން އެ އަޅަކަށް ލިބިގެންދާނެތެވެ.

އަދި ޛިކުރުކުރުމަކީ ނިޢުމަތްތައް އިތުރުވެ، އަދި ނުރުހޭކަންކަން ވަރަށްބޮޑަށް ދުރުކޮށްދޭނެކަމެކެވެ. ފަހެ، ޛިކުރުކުރުމަށްވުރެ؛ ﷲ عزّ وجلّ ގެ ނިޢުމަތްތައް ލިބި، ހިތްނުތަނަވަސްވުންތައް ދުރުކޮށްދޭނެ އިތުރު ކަމެއް ނުވެއެވެ.

(6) ހިތުންނާއި ދުލުންވެސް ޛިކުރުކުރެވިދާނެއެވެ. އެންމެ ފުރިހަމަ ޛިކުރުކުރުމަކީ، އަދި އެންމެ މަތިވެރިވެފައި، މަންފާބޮޑުވެފައި، ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ: ހިތާއި ދޫ އެކުވެގެންކުރާ ޛިކުރެވެ. ފަހެ، އެމީހެއްގެ ދުލުން ޛިކުރުކުރަމުންދާއިރު، އެމީހާގެ ހިތުން އެ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމެވެ. އަދި އެ ޛިކުރުތަކުގެ މާނަތަކާއި، މަޤްޞަދުތަކާމެދު ހެކިވަމުން ޛިކުރުކުރުމެވެ.

ދެން، އެންމެ މަތިވެރިވެގެން ވަނީ ހަމައެކަނި ހިތުން ޛިކުރުކުރުމެވެ. އެއީ؛ މާތް ﷲގެ މަތިވެރިވަންތަކަމާއި، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއި، އެކަލާނގެ މިލްކުވަންތަވެރިކަމާމެދު ހިތުން ފިކުރުކޮށް، ވިސްނުމެވެ. އަމުރަކާމެދު ހަނދުމަކޮށްފިކަމުގައިވާނަމަ އެކަމެއް ކުރުމެވެ. އަދި ނަހީވެގެންވާ ކަމަކާމެދު ހަނދުމަކޮށްފިނަމަ އެކަމަކުން ދުރުހެލިވުމެވެ. މިގޮތަށް ކަންކުރާކަމުގައިވާނަމަ؛ ކަންކަން އެނގުން އިތުރުކޮށްދޭނެއެވެ. އަދި ލޯތްބާއި، ބިރުވެތިކަމާއި، ފަރާތްފަރާތަށް ނަފުސު ދިޔަކަނުދީ ބެލެހެއްޓުމާއި، ފާފަތަކުން ދުރުކުރުމުގެ ޤާބިލުކަން އަށަގަންނުވައިދޭނެއެވެ.

ދެން ހަމައެކަނި ދުލުން ޛިކުރުކުރުމެވެ.([8])

“ޛިކުރުކުރުމުގެ މުރާދަކީ: ހިތް ޙާޟިރުކުރުމެވެ. ޛިކުރުކުރާމީހާގެ މަޤްޞަދެއްކަމުގައި ވާންވާނީ މިކަމެވެ. އަދި މިކަން ޙާޞިލުކުރުމަށްޓަކައި ގަދައަޅައިމަސައްކަތްކުރަންޖެހޭނެއެވެ. އަދި އެމީހާ އެކުރާ ޛިކުރަކާމެދު ވިސްނާ ފިކުރުކުރަންޖެހޭނެއެވެ. އަދި އެ ޛިކުރުތަކުގެ މާނައާމެދު ވިސްނަންޖެހޭނެއެވެ.

ފަހެ، އެއްޗެއް ކިޔާއިރު ވިސްނާ ފިކުރުކުރަމަކީ އެދެވިގެންވާކަމަކަށްވާއިރު ޛިކުރުކުރާއިރުވެސް އެ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމަކީ އެދެވިގެންވާކަމެކެވެ. އެހެނީ، ޙާޞިލުކުރަން ބޭނުންވާ މަޤްޞަދަށް ބަލާއިރު، ކިޔުމާއި ޛިކުރުކުރުމުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދަކީ އެއްމާނައެއްގެ ތެރޭގައި ހިމެނޭ މަޤްޞަދެކެވެ.”([9])

______________________

([1]) رواه البخاري (6407).

([2]) رواه مسلم (779).

([3]) رواه مسلم (2700).

([4]) رواه البخاري (7405)، ومسلم (2675).

([5]) رواه الإمام أحمد (15614).

([6]) ينظر: الوابل الصيّب لابن القيِّم (ص 92، 94 – 199).

([7]) އިޙްސާންކަމަކީ އިސްލާމްދީނުގައިވާ 3 ހަރުފަތްކަމުގައިވާ އިސްލާމްކަމާއި، އީމާންކަމާއި، އިޙްސާންކަމުގެ ތެރެއިން އެންމެ މަތީ ހަރުފަތެވެ. އެއީ؛  ﷲ ތަޢާލާއަށް ތިބާ އަޅުކަން ކުރާއިރު އެއިލާހު ދެކެދެކެ ހުރެ އަޅުކަން ކުރާ ފަދައިން އަޅުކަން ކުރުމެވެ. މިހެނީ ތިބާއަށް އެއިލާހު ނުފެނުނަސް، އެއިލާހު ތިބާ ދެކެވޮޑިގެންވާނެއެވެ. (މުތަރުޖިމް)

([8]) ينظر: الأذكار للنووي (ص 9)، وشرحه على صحيح مسلم (17/15)، ومجموع الفتاوى (10/566، 15/35)، والوابل الصيِّب (ص 221)، ومدارج السالكين (2/403)، وروضة المحبِّين (ص 430)، والفوائد (ص 192).

([9]) الأذكار للنووي (ص 12).