[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާ ރޯދަތަކުގެ ކުރިން ޝައްވާލު މަހުގެ ހަ ރޯދަ ހިފުން

الحمد لله، وصلى الله وسلم على رسول الله، وعلى آله وأصحابه ومن اهتدى بهداه. أما بعد:

މިމައްސަލައިގައި އަޅުގަނޑަށް ބުރަވެވެނީ ޤަޟާ ރޯދަތައް ހިފުމުގެ ކުރިން ސުންނަތް ރޯދަ ހިފުން ހުއްދަވެގެން ނުވާ ކަމަށެވެ. އެއީ ދެ ސަބަބަކާ ހުރެއެވެ.

 

ފުރަތަމައީ:

ރަސޫލާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.

«مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ» [1]

މާނައީ: “ރަމަޟާން މަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ.”

ރަމަޟާން މަހުން ރޯދަތަކެއް ޤަޟާކުރަން ޖެހިފައިވާމީހަކު އެރޯދަތައް ޤަޟާނުކޮށް ޝައްވާލު މަހުގެ ހަ ރޯދަ ހިފައިފިނަމަ، ރަމަޟާން މަހުގެ ރޯދަ ހިފުމަށް ފަހު ޝައްވާލު މަހު ހަ ރޯދަ ހިފިކަމަކަށް ނުވާނެއެވެ. އެއީ ރަމަޟާން މަހުގެ ބައެއް ރޯދަ ނުހިފި ހުރުމުންނެވެ. ރަމަޟާން މަހުން ޤަޟާ ކުރަންޖެހިފައިވާ ރޯދަތައް ޤަޟާކުރުމުން ނޫނީ ރަމަޟާން މަސް އެއްކޮށް ރޯދަ ހިފި ކަމަކަށް ނުވާނެއެވެ. އެއީ ދަތުރެއްގެ ސަބަބުން ނުވަތަ ބަލިވެގެން ރޯދަ ނުހިފުނު ކަމުގައިވިޔަސްމެއެވެ. ފަހެ، އޭނާ ފަށަންވާނީ ރަމަޟާން މަހުގެ ރޯދަތައް ޤަޟާކުރާށެވެ. ދެން އެއަށް ފަހު، އޭނާއަށް އެކަމަށް ކުޅަދާނަކަން ލިބިގެންވާނަމަ ޝައްވާލު މަހު ހަ ރޯދަ ހިފާނީއެވެ. ޙައިޟު ނުވަތަ ނިފާސްގެ ސަބަބުން ރޯދަތަކެއް ދޫވެފައިވާ އަންހެނާވެސް ކަންތައްކުރުން އޮތީ ހަމަ އެފަދައިންނެވެ. އެއީ ޝައްވާލު މަހުގައި އެރޯދަތައް ޤަޟާކުރުމަށް ފަހު، އޭނާއަށް ކުޅަދާނަކަން ލިބިގެންވާނަމަ، ޝައްވާލު މަސް ނިމުމުގެ ކުރިން އިތުރަށް ހަ ރޯދަ ހިފުމެވެ. ރޯދަތަކެއް ޤަޟާ ކުރަން ޖެހިފައިވާ މީހަކު، ފުރަތަމަ ޝައްވާލު މަހުގެ ހަ ރޯދައިން ނުފެށޭނެއެވެ.

 

ދެވަނައީ:

ހަމަކަށަވަރުން ﷲ އަށްޓަކައިވާ ދަރަންޏެއް އަދާކުރުން ޙައްޤުކަން ބޮޑެވެ. ހަމަ އެފަދައިން ސުންނަތަކަށް ވުރެ ފަރުޟަކުން ފެށުން މާ އައުލާވެގެންވެއެވެ. އަދި އެކަން އަދާކުރުން އަވަސްވެގަތުންވެސް ހުއްޓެވެ. ﷲ عز وجل ވަނީ ރަމަޟާން މަހުގެ ރޯދަ ހިފުން ވާޖިބުކުރައްވާފައެވެ. އެހެންކަމުން އަންހެނުންގެ މައްޗަށްވެސް އެއީ ވާޖިބެކެވެ. ފަހެ، ފަރުޟު އަދާނުކޮށް ސުންނަތަކުން ފެށުން އެދެވިގެން ނުވެއެވެ. އެހެންކަމުން ދަންނަން ޖެހޭކަމަކީ ފަރުޟު ރޯދަތައް ނުނިންމާ ހަ ރޯދަ ހިފުމަށް ފަތުވާދޭނެ ވަޖުހެއް ނެތްކަމެވެ. [2] އެހެންކަމުން، ފަށަން ޖެހޭނީ ރަމަޟާން މަހުން ޤަޟާ ކުރަންޖެހިފައިވާ ރޯދަތަކުންނެވެ. ފަހެ، އެއީ ފަރުޟު ރޯދަތަކެވެ. އަދި އެއަށް ފަހު، ޝައްވާލު މަހުގައި ހަ ރޯދަ ހިފާނެހާ ދުވަސް އޮވެ، ރޯދަ ހިފުމުގެ ކުޅަދާނަކަން ހުރިނަމަ ހަ ރޯދަ ހިފާނީއެވެ. ނޫންނަމަ އެ ހަ ރޯދަ ނުހިފާ ދޫކޮށްލާނީއެވެ. އެހެނީ އެއީ ސުންނަތެކެވެ. އެންމެހާ ޙަމްދެއް ވަނީ ﷲ އަށެވެ.

 

ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައިވާ ރޯދަތަކަކީ އޭނާގެ މައްޗަށްވާ ވާޖިބެކެވެ. އަދި ފަރުޟެކެވެ. އެހެންކަމުން އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ފަރުޟުން ފެށުމެވެ. އެއީ އިސްވެ ދެންނެވުނު ދެ ގޮތުގެ މަތިންނެވެ.

ފުރަތަމަ ކަމަކީ:

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ» [3]

މާނައީ: “ދެން އެއަށް ފަހު ޝައްވާލުމަހު ހަ ރޯދަ ހިފާށެވެ.”

ރަމަޟާން މަހުން ރޯދަތަކެއް ޤަޟާކުރަން ޖެހިފައިވާމީހަކު އެރޯދަތައް ޤަޟާނުކޮށް ޝައްވާލު މަހުގެ ހަ ރޯދަ ހިފައިފިނަމަ، ރަމަޟާން މަހުގެ ރޯދައަށް ފަހު ހަ ރޯދަ ހިފިކަމަކަށް ނުވާނެއެވެ. އެއީ އޭނާ ރަމަޟާން މަހުން ބައެއް ފުރިހަމަ ނުކޮށް އޮތުމުންނެވެ. އެއީ ރަމަޟާން މަހުގެ ރޯދަތަކުގެ ތެރޭގައި ޝައްވާލު މަހުގެ ރޯދަތައް ހިފުން ކަހަލަ ކަމެކެވެ. އޭރުން ރަމަޟާން މަހުގެ ރޯދަތައް ހިފާފައި ޝައްވާލު މަހުގެ ރޯދަ ހިފިކަމަކަށް ނުވާނެއެވެ.

 

ދެވަނަ ކަމަކީ:

ސުންނަތަށް ވުރެ ފަރުޟުން ފެށުން އައުލާވެގެންވެއެވެ. އަދި އެކަން ޙައްޤުކަން ބޮޑުވެގެންވެސް ވެއެވެ. ޞައްޙަ ޙަދީޘެއްގައިވެއެވެ.

«فَدَيْنُ اللهِ أَحَقُّ بِالْقَضَاءِ» [4]

މާނައީ: “ފަހެ، ﷲއަށްޓަކައިވާ ދަރަނި އަދާކުރުން މާ ޙައްޤުކަން ބޮޑެވެ.”

«اقْضُوا الله فَاللهُ أَحَقُّ بِالوَفَاءِ» [5]

މާނައީ: “ﷲ އަށްޓަކައި އަދާކުރާށެވެ. (އެބަހީ: ﷲ އަށްޓަކައިވާ ދަރަނި އަދާކުރާށެވެ.) ފަހެ، ﷲ އަށްޓަކައި އަދާކުރުން މާ ޙައްޤުކަން ބޮޑެވެ.”

 

ޢާއިޝާ رضي الله عنها ގެ ބަސްފުޅާމެދު ދަންނައެވެ. ފަހެ، އެކަމަނާ ރަމަޟާން މަހުން ޤަޟާކުރަން ޖެހޭ ރޯދަ ޝަޢުބާން މަހާ ހަމައަށް ލަސްކުރައްވައެވެ. އެކަމަނާ ވިދާޅުވިއެވެ.

“الشُّغْلُ مِنْ رَسُولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ” [6]

މާނައީ: “ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި މަޝްޣޫލުވުމުންނެވެ.”

ފަހެ، ރަސޫލުﷲ صلى الله عليه وسلم ގެ ކަންކަމުގައި ފަރުޟު ލަސްކުރައްވާނަމަ، އެކަލޭގެފާނުގެ ކަންކަމުގައި ސުންނަތް ލަސްކުރެއްވުން މާ އައުލާވެގެންވެއެވެ.

 

ފަހެ، ޢާއިޝާ رضي الله عنها ގެ ޢަމަލުފުޅަކީ ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައިވާ ރޯދައިގެ ކުރިން ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް އޮތް ޙުއްޖަތެއް ނޫނެވެ. އެހެނީ އެކަމަނާ ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައިވާ ރޯދަ ލަސްކުރެއްވީ ރަސޫލު ﷲ صلى الله عليه وسلم ގެ ކަންކަމުގައި މަޝްޣޫލުވުމުގެ ސަބަބުންނެވެ. އެހެންކަމުން ޝައްވާލު މަހުގެ ހަ ރޯދަ ލަސްކުރުން މާ އައުލާވެގެންވެއެވެ.

ޤަޟާ ރޯދައިގެ ކުރިން، އެކަމަނާ ޝައްވާލު މަހުގެ ހަ ރޯދަ ހިއްޕެވިކަމުގައިވިޔަސް ފަހެ، އެކަމަނާގެ އެޢަމަލުފުޅަކީ ނައްޞުތަކުން ފެންނަން އޮތް ކަމަކާ ދެކޮޅަށް ނެގޭނެ ޙުއްޖަތެއް ނޫނެވެ.

– الشيخ عبد العزيز بن عبد الله بن باز رحمه الله –

__________________________

ފަތުވާގެ އަޞްލު

 

[1]  رواه مسلم 204 – (1164).

[2] މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ފިޤުހީ ދެ ރައުޔެއް ވެއެވެ.

– ފުރަމަތަ ރައުޔު: ޝައްވާލު މަހުގެ ހަރޯދަ ހިފުމުގެ ޘަވާބު ލިބޭނީ ރަމަޟާން މަހުގެ ރޯދަތައް ފުރިހަމަކުރުމަށް ފަހު ޝައްވާލު މަހުގެ ހަރޯދަ ހިފުމުންނެވެ.

– ދެވަނަ ރައުޔު: ޝަރުޢީ ޢުޛުރަކާ ލައިގެން ރަމަޟާން މަހުގެ ރޯދަތަކެއް ދޫވެފައިވާނަމަ ރަމަޟާން މަހުގެ ރޯދަތައް ޤަޟާނުކޮށް ޝައްވާލު މަހުގެ ހަ ރޯދަ ހިފިޔަސް ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ ޘަވާބު ލިބޭނެއެވެ.

ދަލީލުތަކުގެ އަލީގައި އައްޝައިޚް އިބްނު ބާޒު رحمه الله މިލިޔުމުގައި ރާޖިހުކުރައްވާފައިވަނީ މިތަނުން ފުރަތަމަ ރައުޔެވެ.

[3]  رواه مسلم 204 – (1164).

[4]  رواه مسلم 154 – (1148).

[5]  رواه البخاري (1852).

[6]  رواه مسلم 151 – (1146).