[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް) -1

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅު

ﷲގެ ރަސޫލާ އިބްރާހީމް ޢަލައިހިއްސަލާމް ޢިރާޤުން ފަލަސްޠީނަށް ހިޖުރަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ބިމަކީ އެކަލޭގެފާނު، ﷲގެ މަގަށް ގޮވާލައްވައި ދީނުގެ ދަޢުވަތު ފެތުރުއްވުމުގެ އަސާސީ ބިންކަމުގައި ހެއްދެވިއެވެ. ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށް މީސްތަކުންނަށް ގޮވައިލުމަށްޓަކައި ފަލަސްޠީނާއި އަދިވެސް އެހެނިހެން ރަށްތަކުގެ އެކި ހިސާބުތަކަށް އެކަލޭގެފާނު ގިނަ ދަތުރުތަކެއް ކުރެއްވިއެވެ. މިފަދަ ދަތުރުތަކުގެ ތެރެއިން ދަތުރެއްގައި އެކަލޭގެފާނު، ނުލަފާ އަނިޔާވެރި ޖައްބާރު ރަސްގެފާނެއްގެ ކައިރިއަށް ވަޑައިގަތެވެ. މި ދަތުރުފުޅުގައި އެކަލޭގެފާނާއި އެކުގައި އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާވެސް ވަޑައިގެންނެވިއެވެ. އެކަމަނާއަކީ އަޚްލާޤު ރަނގަޅު އަދި އެންމެ ހެޔޮ އަންހެންކަނބަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ކަނބަލެކެވެ. މި ޖައްބާރު އަނިޔާވެރި ރަސްގެފާނަށް ސާރާ ފެނިގެން، އެކަމަނާއަށް ގެއްލުންދީ އުނދަގޫ ކުރުމަށް ގަޞްދުކުރިއެވެ. ނަމަވެސް އޭނާގެ ކިބައިން ސަލާމަތްކޮށްދެއްވުމަށް އެދި އެކަމަނާ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. ދެން ﷲ ތަޢާލާ އެކަމަނާގެ ދުޢާ އިޖާބަކޮށްދެއްވައި އޭނާގެ ކިބައިން އެކަމަނާ ސަލާމަތް ކޮށްދެއްވެވިއެވެ. އަދި ސާރާ އަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތީ ދަރަޖައެއްގެވެރި ޞާލިޙު ކަނބަލެއްކަން، މި އަނިޔާވެރި ރަސްގެފާނަށް އެނގުނެވެ. އަދި ސާރާގެ މާތްކަމަށް އިޢުތިރާފުވުމުގެ ގޮތުން ނުވަތަ ﷲ ތަޢާލާގެ އަޒާބަށް ބިރުން މި ރަސްގެފާނު، އެކަމަނާއަށް ޚިދުމަތްކުރުމަށްޓަކައި ޚާދިމެއްގެ ގޮތުގައި ހާޖަރު ދިނެވެ. އަދި ފަހުން، އިބްރާހީމް ޢަލައިހިއްސަލާމް ހާޖަރުއާއި ކައިވެނިބައްލައިގެންނެވިއެވެ.

މި ދަތުރުފުޅަށްފަހުގައި އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަޢުވަތުގެ އަސާސީ ރަށްކަމުގައިވާ ފަލަސްޠީނަށް އެނބުރި ވަޑައިގެންވިއެވެ. އަދި ﷲ ތަޢާލާ ހާޖަރު ޢަލައިހައްސަލާމްގެ ކިބައިން އިބްރާހީމް ޢަލައިހިއްސަލާމަށް ފިރިހެން ދަރިކަލެއް ރިޒްޤުކޮށްދެއްވެވިއެވެ. އެއީ އިސްމާޢީލު ޢަލައިހިއްސަލާމް އެވެ. މިކަމުގެ ސަބަބުން ސާރާ، ހާޖަރާއި މެދު ޣީރަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ހަމަ އެއާއި އެކު، ހާޖަރާއި، ކިރުތުނބުންނުވީއްލޭ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް، ސާރާގެ ކިބައިން ދުރަށް ގެންދިޔުމަށް އިބްރާހީމް ޢަލައިހިއްސަލާމަށް މަޖުބޫރުވެވަޑައިގެންނެވިއެވެ. މި ހުރިހާ ކަމެއްވެސް އެކަލޭގެފާނު ކުރައްވަމުން ގެންދެވީ ﷲ ތަޢާލާ އެކަލޭގެފާނަށް ކުރައްވަވާ އަމުރުފުޅުތައް ތަންފީޒުކުރެއްވުމުގެ ގޮތުންނެވެ. ދެން އެދެމައިން ގޮވައިގެން އިބްރާހީމް ޢަލައިހިއްސަލާމް ޙިޖާޒުކަރައަށް ވަޑައިގެން، ﷲ ތަޢާލާގެ ޙުރުމަތްތެރިކުރެއްވިގެންވާ ގެކޮޅު ނުވަތަ ކަޢުބާގެ ކައިރީގައި، އެއްވެސްކަހަލަ ގަހެއްރުކެއް އަދި ދިރުމެއްވެސް ނެތް ހުސް ވާދީއެއްގައި އެދެމައިން ވަޒަންވެރި ކުރުވިއެވެ. އެދުވަސްވަރު އެ ގެކޮޅަކީ ހަމައެކަނި އުފުލިފައިވާ ބިންކޮޅެއް ކަމުގައި ނޫނީ ނުވެއެވެ. ދުރުން އަންނަ ފެނުގެ ސައިލުތައް އުފުލިފައިވާ އެބިންކޮޅުގެ ދެފަރާތުން ދެމެމުން ދެއެވެ. އިބްރާހީމް ޢަލައިހިއްސަލާމް އެދެމައިން ބޭތިއްބެވިތަނަކީ އެ ބިންކޮޅުގެ ނުވަތަ މިސްކިއްކޮޅުގެ އެންމެ އުސް ހިސާބުގައެވެ. އެއީ ޒަމްޒަމް ފެންއާރު ހުރި ހިސާބުވެސް މެއެވެ. އެދުވަސްވަރު މައްކާގައި އެއްވެސް މީހަކު ނޫޅެއެވެ. އަދި ފެނެއްވެސް ލިބޭކަށް ނުހުރެއެވެ. ދެން ކަދުރު އަޅާފައިވާ (ހަމުން ހަދާފައިހުންނަ) ކޮތަޅަކާއި އަދި ފެންހަމެއް އެދެމައިންގެ ގާތުގައި ބެހެއްޓެވުމަށްފަހުގައި، އިބްރާހީމް ޢަލައިހިއްސަލާމް ފަލަސްޠީނަށް އެނބުރި ވަޑައިގެންނެވިއެވެ.

މާގިނަ ދުވަހެއް ނުވަނީސް އެދެމައިންގެ އަތުގައިހުރި ފެނާއި ކަދުރު ހުސްވެއްޖެއެވެ. ނަމަވެސް ﷲ ގެ ފަޟްލުވަންތަވެރިކަމުން، އެދެމައިން ތިބިތަނުން ބިންގަނޑު ފަޅުއްވައި ޒަމްޒަމް ފެން އާރެއް ﷲ ތަޢާލާ ނެރުއްވައި ދެއްވިއެވެ. އަދި އެދެމައިން އެފެން އާރުން ފެންބޮއި ކަރުހިއްކުން ފިލުއްވިއެވެ.

އެއަށްފަހުގައި، އިސްމާޢީލް ޢަލައިހިއްސަލާމްގެ މަންމާފުޅު، ހާޖަރުގެ ހުއްދަލިބިގެން ޔަމަނުގެ ޤަބީލާއެއްކަމުގައިވާ ޖުރުހުމްގެ އަހުލުވެރިން މައްކާއަށް އައިސް މައްކާގައި ވަޒަންވެރިވިއެވެ.

ބުނެވޭގޮތުގައި އޭގެކުރިން އެމީހުން ވަޒަންވެރިވެގެން އުޅުނީ މައްކާގެ ވަށައިގެންވާ އެކި ހިސާބުތަކުގެ ވާދީތަކުގައެވެ. ދެން އިސްމާޢީލު ޢަލައިހިއްސަލާމް މައްކާގައި ވަޒަންވެރިވިފަހުން، ޖުރުހުމްގެ ޤަބީލާގެ އަހުލުވެރިން މައްކާއަށް އައިސް މައްކާގައި ވަޒަންވެރިވީއެވެ. އޭގެ ކުރިން އެމީހުން، މައްކާގެ ކައިރިން ދަތުރުކޮށް އުޅުނުކަމުގައި ވެއެވެ.

ދެން އިސްމާޢީލް ޢަލައިހިއްސަލާމް ބޮޑުފުޅުވެ ޒުވާން އުމުރުފުޅަށް އެރުމުން، ޖުރުހުމްގެ އަހުލުވެރިންގެ ގާތުން ޢަރަބިބަސް އުނގެނިވަޑައިގެންނެވިއެވެ. އަދި އެމީހުންގެ ތެރެއިން އަންހެން ކަނބަލަކާއި ކައިވެނި ބައްލަވައިގެން، އެކަލޭގެފާނަށް ބާރަ ފިރިހެން ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެބޭފުޅުންނަކީ: نابت ނުވަތަ نبايوط އަދި قيدار އަދި أدبائيل އަދި مبشام އަދި مشماع  އަދި  دوما އަދި ميشا އަދި حدد އަދި  تيما އަދި يطور އަދި  نفيس އަދި قيدمان  އެވެ.

އަދި މިބޭފުޅުންގެ ކިބައިން ބާރަ ޤަބީލާ އުފެދި އެކި ހިސާބުތަކަށް ފެތުރިގެން ދިޔައެވެ. މި އެންމެންވެސް ޒަމާންތަކެއް ވަންދެން ވަޒަންވެރިވެގެން އުޅުނީ މައްކާގައެވެ. އެދުވަސްވަރުގައި މިބައިމީހުން ދިރިއުޅުމަށް ކޮށްއުޅުނު މައިގަނޑު މަސައްކަތަކީ ޔަމަނާއި ޝާމްކަރައާއި މިޞްރާއި އެކު ވިޔަފާރިކުރުމެވެ. އަދި އެއަށްފަހުގައި މި ޤަބީލާތައް މުޅި ޢަރަބި ޖަޒީރާއާއި އަދި ޢަރަބި ޖަޒީރާއިން ބޭރުގެ އެކި ހިސާބުތަކަށް ފެތުރިގެން ދިޔައެވެ.

ދެން ޒަމާންތައް ދައުރުވަމުންގޮސް، ނާބިތާއި ޤައިދާރުގެ ދަރިފަސްކޮޅު ފިޔަވައި ގިނަ ޤަބީލާތަކުގެ ނަސްލު ދެމިގެން ދިޔުން މެދުކެނޑިގެން ދިޔައެވެ.

ޤައިދާރު ބިން އިސްމާޢީލް ޢަލައިހިއްސަލާމްގެ ދަރިން އޭރުވެސް އުޅެމުން ދިޔައީ މައްކާގައެވެ. އަދި ޢަދްނާނު އާއި ޢަދްނާނުގެ ދަރިކަލުން މަޢައްދުއާއި ހަމައަށްވެސް އެބައިމީހުންގެ ނަސްލު ނުވަތަ ދަރިފަސްކޮޅު ދެމެމުން ދިޔައީ މައްކާގައެވެ. އަދި ޢަދްނާން އާއި ހަމައިން ޢަރަބީން އެމީހުންގެ ނަސަބަށް ރައްކާތެރިވަމުން ދިޔައެވެ. ޢަދުނާނަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުގެ ސިލްސިލާގެ ވިހިވަނަ ކާފާފުޅެވެ.

ޝަރަފުވެރި ނަބަވީ ނަސަބުފުޅުން އަހަރެމެންނާއި ހަމައަށް ފޯރާފައިވާ މިންވަރު

އެކަލޭގެފާނަކީ ޢަދްނާނުގެ ދަރިކަލުން މަޢައްދުގެ ދަރިކަލުން ނިޒާރުގެ ދަރިކަލުން މުޟަރުގެ ދަރިކަލުން އިލްޔާސްގެ ދަރިކަލުން މުދްރިކާގެ ދަރިކަލުން ޚުޒައިމާގެ ދަރިކަލުން ކިނާނާގެ ދަރިކަލުން ނަޟްރުގެ ދަރިކަލުން މާލިކުގެ ދަރިކަލުން ފިހުރުގެ ދަރިކަލުން ޣާލިބުގެ ދަރިކަލުން ލުއައްޔުގެ ދަރިކަލުން ކަޢުބުގެ ދަރިކަލުން މުއްރާގެ ދަރިކަލުން ކިލާބުގެ ދަރިކަލުން ޤުޞައްޔުގެ ދަރިކަލުން ޢަބްދުމަނާފުގެ ދަރިކަލުން ހާޝިމްގެ ދަރިކަލުން ޢަބްދުލްމުއްޠަލިބުގެ ދަރިކަލުން ޢަބްދުﷲގެ ދަރިކަލުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

-ނުނިމޭ-

މަޞްދަރު: “السيرة النبوية للأطفال والناشئة” لمسعد حسين محمد