އަވަށްޓެރިންގެ މިންގަނޑު:
އަވަށްޓެރިންގެ މިންގަނޑާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއްހުއްޓެވެ. އޭގެތެރެއިން ބައެއް ރައުޔުތަކަކީ([1]):
1) އޭނަގެ ގެއިން ފެށިގެން ކޮންމެ ދިމާލަކުން ސާޅީސްގޭގެ ދުރުމިނެވެ. މިގޮތަށް عَائِشَةُގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އަދި الزُهُرِي އާއި الأَوْزَاعِي ގެ ބަހަކީވެސްމިއެވެ.
اِبْن حَجَر ވިދާޅުވެފައިވެއެވެ. ”اِبْن وَهَبގެ އަރިހުން يُوْنُسގެ އަރިހުން اِبْن شِهَاب ރިވާކުރެއްވިއެވެ: ކަނާތްފަރާތުންނާއި، ވާތްފަރާތުންނާއި، ކުރިމަތިންނާއި، ފަހަތުން ސާޅީސްގެއެވެ.“([2])
2) އޭނަގެ ގެއިން ފެށިގެން ކޮންމެ ދިމާލަކުން ދިހަގޭގެ ދުރުމިނެވެ.
3) ބަންޤީގެ އަޑު އިވޭ ކޮންމެ މީހަކީ އަވަށްޓެރިއެކެވެ. މިގޮތަށް عَلِيގެފާނުގެ އަރިހުން ރިވާވެގެންވެއެވެ.
4) ގެއާ ޖެހިގެން ހުންނަ ގޭގޭ މީހުންނެވެ.
5) އެއް މިސްކިތަށް ނަމާދަށް އަރާ މީހުންނެވެ.
6) މިސްކިތުން (ތާޅަފިއްޔާނުލާ) ޤަމަތްދޭ އަޑު އިވޭ މީހުންނެވެ.
7) އޭނައާ އެއް އަވަށެއްގައި ނުވަތަ އެއް ސިޓީއެއްގައި އުޅޭ މީހުންނެވެ.
މިހުރިހާ ރައުޔުތަކެއްގެ މައްޗަށް ބުނާކޮށް، އެންމެ ޞައްޙަ ރައުޔެއްކަމަށް ޢިލްމުވެރިން ވިދާޅުވަނީ عُرُفُ([3]) ގައި އަވަށްޓެރިއެއް ކަމަށްބަލާ ކޮންމެ މީހަކީ އަވަށްޓެރިއެއް ކަމުގައެވެ. وَاللهُ أَعْلَم.
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿لَّئِن لَّمْ يَنتَهِ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِم مَّرَضٌ وَالْمُرْجِفُونَ فِي الْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَا إِلَّا قَلِيلً﴾([4]) މާނައީ: ”ހަމަކަށަވަރުން މުނާފިޤުންނާއި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް އުފެދިފައިވާ މީހުންނާއި، މުއުމިނުން ބިރުގެންނެވުމަށް މަދީނާގައި ދޮގު ވާހަކަތައް ފަތުރައި، ފިތުނައުފައްދާ މީހުން އެކަން ހުއްޓައިނުލިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ކަލޭގެފާނު ފާކުރައްވައި ފޮނުއްވައިފާހުށީމެވެ. ދެންފަހެ ކަލޭގެފާނުގެ އަވަށްޓެރިންގެ ގޮތުގައި ވަރަށް ކުރު މުއްދަތަކަށް މެނުވީ އެއުރެން އެރަށުގައި ނުތިބޭނެތެވެ.“
މަދީނާގައި ތިބި މުނާފިޤުންނަކީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަވަށްޓެރިންގެ ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މިވަނީ ވަޙީކުރައްވާފައެވެ.
އަވަށްޓެރިން އެކި ބައިބަޔަށް ބެހެއެވެ. އޭގެ ތެރެއިން އެންމެ ގާތް އަވަށްޓެރިއަކީ އެމީހާގެ އަނބިމީހާއެވެ.([5])
_______________________
[1] انظر جامع العلوم والحكم لابن رجب الحنبلي (1/437)، وفتح الباري لابن حجر (10/455 ،461).
[2] فتح الباري لابن حجر (10/441).
[3] عُرُف އަކީ އެއީ ބުއްދީގެ ގޮތުން ނަފްސުގައި ޤަރާރުވެފައިވާ އަދި ޠަބީޢަތް ސަލާމަތުން ތިބިމީހުން ބަލައިގަންނަ ކަންކަމެވެ. މިގޮތައް العرف والعادة في رأي الفقهاء: أحمد أبو سنة ގެ 8ވަނަ ޞަފްހާގައި ބަޔާންކޮށްފައިވެއެވެ. އެހެން އިބާރާތުން ބުނާނަމަ އެއީ އެބައެއްގެ ތެރޭގައި ޢާއްމުކޮށް ދެކޭ ގޮތެވެ.
[4] سورة الأحزاب:60.
[5] تفسير القرطبي (5/185).