[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް) -2

ޒަމްޒަމް ފެންވަޅު ކޮނުން

ޙައްޖުވެރިންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުން ހާޝިމް ބިން ޢަބްދުމަނާފާއި ހަވާލުކުރެވުނެވެ. ދެން އެކަލޭގެފާނަށް ފަހުގައި އެކަމާއި ހަވާލުވެ ވަޑައިގެންނެވީ، އެކަލޭގެފާނުގެ އަޚެއްކަމުގައިވާ މުއްޠަލިބު ބިން ޢަބްދުމަނާފެވެ. މުއްޠަލިބަށްފަހުގައި ދެން އެކަމާއި ހަވާލުވެވަޑައިގެންނެވީ ހާޝިމް ބިން ޢަބްދުމަނާފްގެ ދަރިކަލުން ޢަބްދުލްމުއްޠަލިބެވެ. ދެންފަހެ، ޢަބްދުލްމުއްޠަލިބު އެމަޤާމާއި ހަވާލުވުމަށްފަހުގައި، އެކަލޭގެފާނުގެ ކާބަފައިން ޤައުމުގެ ކަންކަމާއިގެން އުޅުއްވި ފަދައިން، އެކަލޭގެފާނުވެސް ޤައުމުގެ މަޞްލަހަތުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތްޕުޅުކުރައްވަމުން ގެންދެވިއެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ މެދުގައި، މީގެކުރިން ކާބަފައިންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ލިބިފައިނުވާފަދަ ޝަރަފުވެރިކަމަކާއި ޤަދަރަކާއި ލޯތްބެއް އެކަލޭގެފާނަށް ލިބިގެން ދިޔައެވެ.

މިގޮތުގައި ކަންތައްތައް ހިނގަމުން ދަނިކޮށް، ޢަބްދުލްމުއްޠަލިބަށް ނިދީގައި ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. ހުވަފެނުގައި އެކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކޮންމެވެސް ފަރާތަކުން އެކަލޭގެފާނަށް ޒަމްޒަމް ފެންވަޅު ކޮންނެވުމަށް އަމުރުކުރައްވާތަނެވެ. އަދި އެވަޅު ހުރިތަންވެސް ކިޔައިދެވުނެވެ. އޭރު އެވަޅު ވަނީ އެތައް ޒަމާނެއް ކުރިން ބިމުގެ އަޑީގައި ވަޅުލެވި ފޮރުވިފައެވެ. ދެން އެކަލޭގެފާނު އެތަން ކޮންނެވުމުގެ މަސައްކަތް ފެއްޓެވިއެވެ. ކޮންނަމުން ދިޔައިރު، ޖުރުހުމު ޤަބީލާގެ މީހުން މައްކާ ދޫކޮށް ދިޔުމުގެ ކުރިން އެތަނުގައި ވަޅުލާފައިވާ ވަރަށް ގިނަތަކެތި އެތަނުން ފެނިވަޑައިގަތެވެ. އޭގެތެރޭގައި ކަނޑިތަކާއި، ދަގަނޑު ދަހަނާއާއި، ރަނުން ހަދާފައިވާ ތަފާތު ގަހަނާގެ ބާވަތްތައްވެސް ހިމެނެއެވެ. އަދި އެތަކެތި ބޭނުންކުރައްވައިގެން ކަޢުބާގެ ދޮރުކޮޅު ތައްޔާރުކުރެއްވެވިއެވެ. އެއަށްފަހުގައި ޙައްޖުވެރިންނަށް ފެން ފޯރުކޮށްދިނުމަށްޓަކައި ޒަމްޒަމް ފެންވަޅު ކޮންނެވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ދެން ކޮންނަމުން ދިޔުމުގެ ތެރޭގައި ޒަމްޒަމް ފެންވަޅު ފެންނަ ހިސާބަށް ކޮނެވުމާއި އެކު ބިމުން ފެންގަނޑު މައްޗަށް އަރައިގެން އައެވެ. އެހިނދު ޤުރައިޝުންގެ ބޮޑުން ޢަބްދުލްމުއްޠަލިބާއި ދެބަސްވެ ޖަދަލުކުރަން ފެށިއެވެ. އެމީހުން ބުންޏެވެ. ތިމަންނަމެންވެސް ޒަމްޒަމް ފެންވަޅުގައި ބައިވެރި ކުރާށެވެ. ޢަބްދުލްމުއްޠަލިބު ވިދާޅުވިއެވެ. ތިޔަކަމެއް ކުރާނެ މީހަކު ކަމުގައި ތިމަންނަ ނުވަމެވެ. މިއީ ތިމަންނައަށް ޚާއްސަކުރެވިފައިވާ ކަމެކެވެ. ނަމަވެސް އެމީހުން މިކަމުގައި އެކަލޭގެފާނަށް ދޫދޭކަށް ބޭނުމެއް ނުވިއެވެ. ދެން މިކަމުގައި ޙުކުމެއް ހޯދުމަށް އެމީހުން އެކަލޭގެފާނު ގޮވައިގެން ބަނީސަޢުދު ޤަބީލާގެ ކާހިނެއްގެ ގާތަށް ދިޔުމަށްޓަކައި ނުކުތެވެ. އަދި ދިޔަ މަގުމަތީގައި ވާރޭވެހެން ފަށައިފިއެވެ. ވާރޭވެހެނީ ހަމައެކަނި ޢަބްދުލްމުއްޠަލިބުގެ ގައިކޮޅަށެވެ. އަދި އެމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ގަޔަކަށް އެންމެ ވާރޭ ތިއްކެއްވެސް ނުޖަހައެވެ. ޢަބްދުލްމުއްޠަލިބުގެ ގަޔަށް ﷲ ތަޢާލާ ވާރޭވެއްސެވީއެވެ.  މިކަން މިހެން ހިނގައިގެން ދިޔުމުން ޒަމްޒަމް ފެންވަޅަކީ ޢަބްދުލްމުއްޠަލިބަށް ޚާއްސަކަމެއް ހިމެނޭ ވަޅެއްކަން އެނގި، އެމީހުން އެނބުރި ދިޔައީވެ. އެހިނދު ޢަބްދުލްމުއްޠަލިބު ނަދުރެއް ބުންޏެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނައަށް ﷲ ތަޢާލާ ދިހަ ދަރިން ދެއްވައިފިނަމަ، އޭގެތެރެއިން އެއްދަރިކަލަކު ކަޢުބާގެ ކައިރީގައި ﷲ ގެ ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން ޛަބަޙަ ކުރާނަމެވެ. ނުވަތަ ކަތިލާނަމެވެ.

ދުވަސްތައް މިގޮތުގައި ވޭތުވަމުންގޮސް، ﷲ ތަޢާލާ، ޢަބްދުލްމުއްޠަލިބަށް ދިހަ ދަރިކަލުން ދެއްވައިފިއެވެ. އަދި ނަދުރު ފުއްދުމުގެ ވަގުތު ޖެހިއްޖެކަން އެކަލޭގެފާނަށް އެނގިވަޑައިގެންފިއެވެ. އަދި ހުރިހާ ދަރިކަލުންނަށް، އެކަލޭގެފާނުގެ ނަދުރުގެ ވާހަކައިން ޚަބަރު ދެއްވުމުން، އެބޭފުޅުންވެސް އެކަމާއި ރުހުނެވެ.  ދެން ނަދުރުފުއްދުމުގެ ގޮތުން ކަޢުބާގެ ކައިރީގައި ކަތިލާނީ ކޮން ދަރިކަލެއްތޯ ބެއްލެވުމަށްޓަކައި ހުރިހާ ދަރިންގެ މެދުގައި ޤުރުއަތު ނެގުނެވެ. ޤުރުއަތުން ދީމާވީ ޢަބްދުﷲ އަށެވެ. ޢަބްދުﷲ އަކީ ޢަބްދުލްމުއްޠަލިބު އެންމެ ލޯބިފުޅުވާ ދަރިކަލުންނެވެ. ދެން ޢަބްދުﷲ ގޮވައިގެން، ކަނޑިއެއް ހިއްޕަވައިގެން ކަޢުބާކައިރިއަށް ގޮސް، ކަޢުބާއަށް ކުރިމަތިލުމަށްފަހު ކަތިލުމަށް ތައްޔާރުވިއެވެ. ނަމަވެސް ޤުރައިޝުން އެކަން މަނާކޮށް ހުއްޓުވިއެވެ. ޚާއްސަކޮށް ޢަބްދުﷲގެ ބޮޑުބޭބެއިންނާއި، އަދި އަޚް އަބޫޠާލިބެވެ.

ދެންފަހެ، ޢަބްދުލްމުއްޠަލިބު ވިދާޅުވިއެވެ. ތިމަންނާގެ ނަދުރާއިމެދު ދެން ތިމަންނާ ކަންތައްކުރަންވީ ކިހިނަކުން ހެއްޔެވެ؟ ދެން އެމީހުން އެކަލޭގެފާނަށް އިރުޝާދު ދިނީ ކާހިނެއްގެ ގާތަށްގޮސް ކަންކުރާނެ ގޮތަކާއިމެދު ގޮތެއް ނިންމުމަށެވެ. އެކަލޭގެފާނު ކާހިނު މީހާގެ ގާތަށް ދިޔުމުން އެމީހާ، އެކަލޭގެފާނަށް އެންގީ ޢަބްދުﷲ އާއި ދިހަ ޖަމަލާއި ދެމެދު ޤުރުއަތު ނެގުމަށެވެ. ޢަބްދުﷲ އަށް ޤުރުއަތުން ދިމާވެއްޖެ ނަމަ، ދިހަ ޖަމަލު އިތުރުކޮށް އަލުން ޤުރުއަތު ނެގުމަށެވެ. އަދި ޖަމަލުތަކަށް ދިމާވެއްޖެނަމަ ޖަމަލުތައް ކަތިލުމަށެވެ. އެކަލޭގެފާނު އެނބުރި އައިސް ޤުރުއަތުނެގުމުން ދިމާވީ ޢަބްދުﷲ އަށެވެ. ދެން ދިހަ ޖަމަލު އިތުރުކޮށް، ވިހި ޖަމަލު ހަމަކޮށް އަލުން ޤުރުއަތު ނެގުމުންވެސް ދިމާވީ ޢަބްދުﷲ އަށެވެ. ކޮންމެ ފަހަރަކުވެސް ޤުރުއަތުން ދިމާވަނީ ޢަބްދުﷲ އަށެވެ. މިހެން އިތުރުވަމުންގޮސް ސަތޭކަ ޖަމަލު ހަމަވެއްޖެއެވެ. ނަމަވެސް މިފަހަރު ޤުރުއަތުން ދިމާވީ ޖަމަލުތަކަށެވެ. ދެން އެކަލޭގެފާނު އެ ސަތޭކަ ޖަމަލު ކަތިލައިފިއެވެ. އަދި އޭގެ މަސް އެންމެހައި މީސްތަކުންނާއި ވަލުޖަނަވާރުތައް ކެއުމަށް ދޫކޮށްލެއްވިއެވެ.

އެދުވަސްވަރު ޤުރައިޝުންގެ މެދުގައި އަދި ޢަރަބިންގެ މެދުގައިވެސް މަރުގެދިޔައިގެ މިންވަރަކީ ދިހަ ޖަމަލެވެ. ނަމަވެސް މި ޙާދިސާއަށްފަހުގައި މި އަދަދު ސަތޭކަ ޖަމަލުގެ ގޮތުގައި ބެލެވެމުން ދިޔައެވެ. އަދި އިސްލާމްދީން އައުމަށްފަހުގައިވެސް އެކަން އެގޮތުގައި އޮތުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅުނެވެ.

 

-ނުނިމޭ-

މަޞްދަރު: “السيرة النبوية للأطفال والناشئة” لمسعد حسين محمد