ޖުމްލަކޮށް އަވަށްޓެރިން މާނަކުރާ ގޮތް:
ޝައްކެއްވެސް ނެތް ގޮތުގައި އަވަށްޓެރިންނަކީ ގޭ ކައިރީގައި އުޅޭ މީހުންނެވެ. އެކަމަކު އަވަށްޓެރިން ހަމައެކަނި ގޭކައިރި ހިސާބުގައި އުޅޭމީހުންނާ ހަމައިން ނިމެނީއެއް ނޫނެވެ. މިއަށްވުރެން އަވަށްޓެރިން މާނަ ފުޅާވެގެންވެއެވެ. އެގޮތުން ވިޔަފާރިކުރުމާއި ބާޒާރާއި ދަނޑުތަކާއި އޮފީސްތަކާއި ސްކޫލުތަކާއި އަދި މިނޫންވެސް ތަންތާނގައި ތިމާއާ އެކުގައިއުޅޭ މީހުންނަކީވެސް އަވަށްޓެރިންނެވެ.
އަދި އަވަށްޓެރިންގެ މަފްހޫމްގެ ތެރޭގައި ދަތުރުކުރާ އެކުވެރިޔާ ހިމެނެއެވެ. އެއީ އޭނައާއެކުގައި އެއްތާކުގައި ވާތީއެވެ. އޭގެތެރެއިން އެކަކު އަނެކާއަށް އަވަށްޓެރިކަމުގެ ޙައްޤު އަދާކުރަންޖެހޭނެއެވެ.
އޭނަގެ އަނބިމީހާ އަކީވެސް އަވަށްޓެރިއެކެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ. ﴿وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ﴾ މާނައީ: “ކައިރިއަވަށްޓެރިޔާއަށާއި، ދުރުއަވަށްޓެރިޔާއަށާއި، ކައިރިއެކުވެރިޔާއަށެވެ.” އޭނާއާ އެންމެ ކައިރީގައިވާނީ އޭނަގެ އަނބިމީހާއެވެ. ވުމާއެކު ޢަރަބިން އަނބިމީހާއަކީ އަވަށްޓެރިއެކޭ ބުނެއެވެ.
ކުއްޔައް އުޅޭމީހަކީ ވެސް އަވަށްޓެރިއެކެވެ. އެއީ އެއްގެއެއްގައި އުޅުނުކަމުގައި ވީނަމަވެސްމެއެވެ. ހަމަ މިގޮތަށް ކައިރި ޤައުމުތަކަށް އަވަށްޓެރި ޤައުމުތަކޭ ކިޔައެވެ. އޭގެއިން ކޮންމެ ޤައުމެއް، އެއް ޤައުމަކުން އަނެއް ޤައުމަށްވާ ޙައްޤުތަކެއްވެއެވެ.
އިސްލާމްދީނުގައި އަވަށްޓެރިނަށް ކަމޭހިތުމަށް ވަޞިއްޔަތްކޮށްފައިވުން:
މާތްﷲ ރުއްސުންލެއްވި عَائِشَةُގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((مَا زَالَ جِبْرِيْلُ يُوْصِيْنِيْ بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ)) މާނައީ: “އަވަށްޓެރިޔާ އަކީ ވާރުތަވެރިޔަކަށް ވެދާނެ ކަމަށް ތިމަންކަލޭގެފާނަށް ހީފުޅުވާ ވަރަށް، ޖިބްރީލް ޢަލައިހިއްސަލާމް އެމީހުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނަށް ވަޞިއްޔަތް ކުރެއްވިއެވެ.”([1]) މި ޙަދީޘްބަސްފުޅުން އަވަށްޓެރިޔާއަށް ކަމޭހިތުމުގެ ބޮޑުކަން ހާމަވެގެންދެއެވެ. އެހެނީ އަވަށްޓެރިޔާއަށް ކަމޭހިތުމަކީ އޭނައަށް އުދަނގޫވާފަދަ ކަންކަމުން ދުރުހެލިވެ، މަދަދުވެރިވެ، އެހީތެރިވެދިނުމެވެ. އަދި ((ظَنَنْتُ أَنَّهُ سَيُوَرِّثُهُ)) މިހެން ޙަދީޘްކުރެއްވުމުން ދޭހަވަނީ އަވަށްޓެރިންނަށް ކަމޭހިތުމުގެ މުހިންމުކަމާއި ބޮޑުކަމެވެ.([2]) މިހެންވެ، އަވަށްޓެރިންނަށް ހެޔޮކޮށްހިތުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދީނަށް ގޮވައިލެއްވުމުގައި އެންމެ އިސްކަމެއްދެއްވި އެއްކަމެވެ.
މާތްﷲ ރުއްސުންލެއްވި أَبُوْ ذَرُّގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((يَا أَبَا ذَرٍّ إِذَا طَبَخْتَ مَرَقَةً، فَأَكْثِرْ مَاءَهَا، وَتَعَاهَدْ جِيرَانَكَ)) މާނައީ: ”އޭ އަބޫ ޛައްރެވެ! ކަލޭގެފާނު ރިހަ ކައްކާނަމަ އެއަށް ފެންފޮދެއް އިތުރު ކޮށްލަށްވާށެވެ. އަދި ތިބާގެ އަވަށްޓެރިޔާއަށް އެއިން ހިއްސާކުރާށެވެ. (އެބަހީ: ހަދިޔާ ކުރާށެވެ).“([3])
އެހެން ރިވާޔަތެއްގައި މާތްﷲ ރުއްސުންލެއްވި أَبُوْ ذَرُّގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނަގެ މިތުރު ޞައްލަﷲ ޢަލައިހިވަސައްލަމަ ތިމަންނައަށް ވަޞިއްޔަތް ކުރެއްވިއެވެ. ((إِذَا طَبَخْتَ مَرَقاً، فَأَكْثِرْ مَاءَهُ، ثُمَّ انْظُرْ أَهْلَ بَيْتٍ مِنْ جِيرانِكَ، فَأَصِبْهُمْ مِنْهَا بِمعْرُوفٍ)) މާނައީ: ”ކަލޭގެފާނު ރިހަ ކައްކާނަމަ އެއަށް ފެންފޮދެއް އިތުރު ކޮށްލަށްވާށެވެ. ދެން ކަލޭގެފާނުގެ އަވަށްޓެރިންގެ ހާލު ބެއްލެވުމަށްފަހު އެމީހުންނަށް ދެވުނު މިންވަރަކުން ދެއްވާށެވެ.“([4])
މި ދެ ޙަދީޘްގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ބާރުއަޅުއްވާފައި ވަނީ އަވަށްޓެރިންނަށް އޯގާތެރިވުމާއި އެމީހުންނަށް ޞަދަގާތްކުރުމާއެކު، ދުރާއި ގާތުން އެމީހުންގެ ޙާލު އަހުވާލުބެލުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެހެނީ، އެ މީހުންގެ ޙާޖަތްތައް ފުއްދައިދީ އެމީހުންނަށް ހެޔޮފޯރުކޮށްދިނުމަކީ އެކުވެރިކަމުގެ ގުޅުންބަދަހިވެގެން ދާނެކަމެކެވެ. އަދި ޞަދަގާތްދީ، ހަދިޔާ ބަދަލުކުރުމަކީ އަޚުވަންތަކަމުގެ ލޯބި އިތުރުވާނެ ކަމެކެވެ.
________________________
[1] رواه البخاري(5669) ومسلم (6854).
[2] انظر الهداية الاسلامية للشيخ محمد الخضر حسين ص 78.
[3] رواه مسلم (2625).
[4] رواه مسلم (2625).