އެތުގެ އަހުލުވެރިން ގެފުޅު ތަޅާލަން އައި ހާދިސާ
ޔަމަނުގެ ރަސްގެފާނު އައްނަޖާޝީގެ ނައިބެއްގެ ގޮތުގައި އެދުވަސްވަރު ހުރީ އަބްރަހާ ބިން އައްޞައްބާޙް އޭ ކިޔުނު މީހެކެވެ. އަދި ކަޢުބާއަކީީ ޢަރަބިންގެ ގާތުގައި މާތް އަދި މުޤައްދަސް ތަނެއްކަށްވެފައި، ޢަރަބިން ކަޢުބާއަށް ޙައްޖުވެ އުޅޭކަން އަބްރަހާ އަށް އެނގުނެވެ. މިއީ އަބްރަހާ އަށް ބަލައިގަނެވޭވަރު ކަމަކަށްނުވިއެވެ. އަދި މިކަމާ އަބްރަހާ ވަރަށް ނުރުހުންތެރިވެ ރުޅިއައެވެ. މި ސަބަބަށްޓަކައި، ޔަމަނުގެ ޞަންޢާއު އޭކިޔުނު ރަށުގައިި ބޮޑު ކަނީސާއެއް ނުވަތަ ފައްޅިއެއް ބިނާކޮށް، ޢަރަބިން ޙައްޖުވާން އަންނަ ތަނެއްކަމުގައި އެތަން ހެދުމަށް އަބްރަހާ ބޭނުންވިއެވެ. އަބްރަހާ މިކަން މިގޮތަށް ކުރަން އުޅޭ ޚަބަރު ޢަރަބިންގެ ޤަބީލާއެއްކަމުގައިވާ، ކިނާނާދަރިކޮޅުގެ މީހަކަށް ލިބިގެން، ރޭގަނޑުގެ ވަގުތެއްގައި ކަނީސާއަށް ވަދެ، އެތަނަށް ކުނިއަޅައި ހަޑިކުރިއެވެ. މިކަން އަބްރަހާއަށް އެނގުމާއި އެކުު، އަބްރަހާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަދި ކަނީސާއަށް ދިން ގެއްލުމުގެ ބަދަލުހިފުމުގެ ގޮތުން ކަޢުބާ ތަޅާލުމަށް އަބްރަހާ ހުވާކުރިއެވެ.
އަދި މިކަމަށްޓަކައި، ފަސްދޮޅަސް ހާސް ހަނގުރަމާވެރިންގެ ބޮޑު ލަޝްކަރެއް ތައްޔާރުކޮށްފިއެވެ. އަދި މިލަޝްކަރު ގޮވައިގެން ކަޢުބާ ފުނޑުފުނޑު ކޮށްލުމަށް އަބްރަހާ އިސްވެހުރެ ދަތުރުފެށިއެވެ. އެ ލަޝްކަރުގައި ތޭރަ އެތް ހިމެނެއެވެ. އޭގެތެރެއިން އެންމެ ބޮޑު އެތުގެ މައްޗަށް ސަވާރުވެހުރީ އަބްރަހާއެވެ. އަދި މިގޮތުގައި މައްކާގެ ކައިރީގައިވާ ސަރަހައްދަކަށް ދެވެންދެން އެބައިމީހުން ދަތުރުކުރަމުން ދިޔައެވެ. ދެން އެސަރަހައްދުގައި މަޑުކުރުމަށްފަހު، ހަނގުރާމައަށް ލަޝްކަރާއި އެތްތައް ތައްޔާރުކޮށް ތަރުތީބުކުރުމަށްފަހު މައްކާއަށް ވަނުމުގެ ތައްޔާރީތައް ވެއްޖެއެވެ.
ދެން ލަޝްކަރު މައްކާއަށް ވަދެގެން ގޮސް، ކަޢުބާއާއި ކައިރި ހިސާބެއްގައިވާ ވާދީއަކާއި ހަމައަށް ދެވުމާއި އެކު ހުރިހާ އެތްތައް ބިންމަތީގައި އެށީންދެއްޖެއެވެ. އަދި ކަޢުބާ ފުނޑުފުނޑު ކޮށްލުމަށް ކަޢުބާގެ ކައިރިއަށް ދިޔުމަށްޓަކައި އެއްވެސް އެތެއް އެބައިމީހުންނަކަށް ކިޔަމަނެއް ނުވިއެވެ. އެތްތައް އިށީންދެގެން ތިބިގޮތަށް ތިބީއެވެ. ނަމަވެސް، ކަޢުބާ ނޫން އެހެން ދިމާއަކަށް ކުރިމަތިކޮށްފި ނަމަ އެތަކެތި ތެދުވެ ހިނގައިގަނެއެވެ. އަދި ކަޢުބާއާ ދިމާއަށް ދިޔުމަށް ކުރިމަތިކޮށްފިނަމަ، ބަނޑުޖަހައި އިށީންދެއެވެ. އެޙާލަތުގައި އެމީހުން ވަނިކޮށް ﷲ ތަޢާލާ އެމީހުންގެ މައްޗަށް އަބާބީލް އޭ ކިޔުނު ދޫނިތަކެއް ފޮނުއްވިއެވެ. އަދި އެ ދޫނިތައް އެމީހުންގެ ގަޔަށް މަށީގެ ހިލަތަކެއް އުކަމުން ދިޔައެވެ. އެ ހިލަތަކުން ޖެހުމުގެ ސަބަބުން އެމީހުން މަރުވެ، ޖަނަވާރު ކައިފައިވާ ހުއިތަކެއް ފަދައިން ވެގެންދިޔައެވެ.
ﷲ ތަޢާލާ އަލްފީލް ސޫރަތުގައި ވަނީ މި ހާދިޘާގެ ވާހަކަ ބަޔާންކުރައްވާފައެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ ﴿١﴾
އެތުގެ އެކުވެރިންނާމެދު (އެބަހީ: ފީލްބާގައިމީހުންނާމެދު) ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަންތައް ކުރެއްވިިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟
أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ ﴿٢﴾
އެކަލާނގެ އެއުރެންގެ މަކަރާއި ޙީލަތް، ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴿٣﴾
އަދި އެކަލާނގެ އެއުރެންގެ މައްޗަށް އަބާބީލް އޭކިޔުނު ދޫނިތަކެއް ފޮނުއްވިއެވެ.
تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ﴿٤﴾
ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ.
فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ ﴿٥﴾
ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވިއެވެ.
އަބާބީލް ދޫނިތަކުގެ ތެރެއިން ކޮންމެދޫންޏަކާއި އެކު ތިން ހިލަގަނޑުވިއެވެ. އެއް ހިލަގަނޑު ދޫނީގެ ތުނބުގައެވެ. އަނެއް ދެ ހިލަގަނޑު ދެފައިގައެވެ. މި ދޫނިތައް އެއްލާ ހިލަތަކުން ޖެހިއްޖެ ކޮންމެ މީހެއްގެ ގުނަވަންތައް ވަކިވަކިވެގެންގޮސް މަރުވަނީއެވެ. ލަޝްކަރުގެ އެންމެންގެ ގަޔަކު ހިލަތަކަކުން ނުޖެހެއެވެ. އެ ހިލަތަކުން ނުޖެހޭ މީހުން، އެކަކުއަނެކެއްގެ ފަހަތަށް ވަދެ ރައްކާތެރިކަން ހޯދުމަށްޓަކައި މަސައްކަތްކުރިއެވެ. އަދި އެކި ދިމަދިމާއަށް ފިލަންދުވިއެވެ. ކޮންމެ ދިމާއަކަށް ފިލަން ދިޔަކަމުގައިވިޔަސް، ވާދީތަކަށް ވެއްޓިގެންނާއި އެކިގޮތްގޮތަށް އެމީހުންތައް މަރުވެގެން ވެއްޓެނީއެވެ.
ލަޝްކަރުގައި އިސްކޮށްހުރި، އަބްރަހާއަށް ﷲ ތަޢާލާ ބައްޔެއް ޖެއްސެވިއެވެ. އޭގެ ސަބަބުން އަބްރަހާގެ އިނގިލިތައް ހަލާކުވެ އިނގިއްޔަކަށްފަހު އިނގިއްޔެއް ހަށިގަނޑުން ވަކިވެ ފައިބަމުން ދިޔައެވެ. އަދި އަބްރަހާ، ޞަންޢާއުއާއި ހަމައަށް ފޯރީ ކުޑަކުޑަ ފިޔޮކެއް ފަދައިން ނިކަމެތި ޙާލުގައެވެ. އަދި އަބްރަހާގެ މޭ ދެފަޅިއަށް ފަޅިވެ، ބޭރަށް ހިތް ނުކުމެގެން މަރުވެގެން ދިޔައީއެވެ.
އޭރު ޤުރައިޝުން ތިބީ އަބްރަހާގެ ލަޝްކަރު އަންނަ ޚަބަރު ލިބިގެން ލަޝްކަރާއި ކުރިމަތިލާން ޖެހިދާނެކަމަށް ބިރުން ފިލުމަށްޓަކައި، ފަރުބަދަތަކުގެ މަތީގައާއި އެކިވާދީ ތަކުގައެވެ. ދެން އަބްރަހާގެ ލަޝްކަރާއިމެދު ކަންތައްވިގޮތަކަށް ވެގެން ދިއުމައްފަހުގައި، ޤުރައިޝުން އަމާން ކަމާއެކީ އެމީހުންގެ ގެތަކަށް އެނބުރި ހިނގައްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ އުފަންވެ ވަޑައިގަތުމުގެ ކުރިން، އެއަހަރުގެ މުޙައްރަމު މަހުގައެވެ. ﷲ ތަޢާލާ މިކަން މިގޮތަށް މިންވަރު ކުރެއްވީ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އަދި ޙުރުމަތްތެރިވެގެންވާ ގެކޮޅުގެ ހައްޤުގައެވެ. އެއީ ޙުރުމަތްތެރި ވެގެންވާ ގެކޮޅަކީ މަތިވެރި މަޤާމެއް ލިބިގެންވާ ތަނެއްގެ ގޮތުގައި މައްކާގެ މުޝްރިކުންނަށް ދެއްކެވުމަށްޓަކައާއި އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އަކީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާންގެ ކަން ދެއްކެވުމަށްޓަކައެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ނަބީކަމައިގެން ފޮނުއްވުމުގެ ތައްޔާރީއެއްގެ ގޮތުންނެވެ.
-ނުނިމޭ-
މަޞްދަރު: “السيرة النبوية للأطفال والناشئة” لمسعد حسين محمد