[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الورقات 2

ޢިލްމު ބެހޭ ބައިތައް

 

ޢިލްމަށްވުރެ “ފިޤްހު” ޚާއްސަވެގެންވެއެވެ. [1]

 

ޢިލްމުގެ ތަޢުރީފު

ޢިލްމަކީ އެއްޗެއް، އެ އޮންނަގޮތަށް ދެނެގަތުމެވެ. [2]

 

ޖަހުލުގެ ތަޢުރީފު

ޖަހުލަކީ އެއްޗެއް އެ އޮންނަގޮތާ ޚިލާފަށް ތަޞައްވަރުކުރުމެވެ. [3]

 

ޟަރޫރީ ޢިލްމުގެ ތަޢުރީފު

ޟަރޫރީ ޢިލްމަކީ އިސްތިދުލާލު ކުރުމާއި ނަޒަރު ހިންގަން ނުޖެހޭ އިލްމެވެ. މިސާލަކަށް ފަސް ހިއްސުން ކުރެ ޙިއްސަކުން ލިބޭ އިލްމެވެ. އެއީ އަޑުއިވުމާއި، ފެނުމާއި، ވަސްބެލުމާއި، ރަހަބެލުމާއި، ބީހުމުގެ ޙިއްސެވެ. އަދި މުތަވާތިރުކޮށް ލިބޭ ޢިލްމެވެ. [4]

 

މުކްތަސަބު ޢިލްމުގެ ތަޢުރީފު

މުކްތަސަބު ޢިލްމަކީ  އިސްތިދުލާލް ކުރުމާއި ނަޒަރު ހިންގައިގެން ލިބޭ އިލްމެވެ. [5]

 

އައްނަޡަރުގެ ތަޢުރީފު

އައްނަޡަރު ނުވަތަ ނަޒަރު ހިންގުމަކީ ހޯދައިބަލަން ބޭނުންވާ ކަންތަކާއި މެދު ވިސްނާ ފިކުރު ކުރުމެވެ.

 

އިސްތިދުލާލުގެ ތަޢުރީފު

އިސްތިދުލާލުކުރުމަކީ އެއްޗަކައް ދަލީލު ހޯދުމެވެ. [6]

 

ދަލީލުގެ ތަޢުރީފު

ދަލީލަކީ ބޭނުންވާ ކަންތަކަށް މަގުދައްކާދޭ އެއްޗެވެ. [7]

 

ޡަންނުގެ ތަޢުރީފު

ޡަންނަކީ ދެކަން ވުން އެކަށީގެންވެފައި އެތަަނުން އެއްކަންތައް އަނެއް ކަންތަކަށްވުރެ ވުން ފާޅުކަން ބޮޑުވެ ގާތްވުމެވެ. [8]

 

ޝައްކުގެ ތަޢުރީފު

ޝައްކަކީ ދެކަން ވުން އެކަށީގެންވެފައި އޭގެ ތެރެއިން އެއްކަންތައް އަނެއް ކަންތަކުގެ މައްޗަށް އިސް ނުވުމެވެ. [9]

 


[1]  މިތަނުގައި ޢިލްމަށް ވުރެ ފިޤްހު ޚާއްޞަވުމޭ މިބުނެވެނީ އިޞްޠިލާޙީ ގޮތުންނެވެ. އެހެނީ ފިޤުހު ޚާއްޞަ ވަނީ އަޅުތަކުންގެ ޢަމަލުތަކާއި ގުޅިފައިވާ ޝަރުޢުގެ ފަރުޢީ ޙުކުމްތަކަށެވެ. ޢިލްމަކީ އެއަށް ވުރެ ޢާންމު ލަފްޒެކެވެ. ޢިލްމޭ ބުނެވުމުން އޭގައި ފިޤުހު ޢިލްމާއި ތަފްސީރު ޢިލްމާއި އަދި ޙިސާބާއި ފަލަކީ ޢިލްމުވެސް ހިމެނިގެންދާނެއެވެ. އަދި މިފަދަ ޢިލްމުތައް އެނގުމުން އެމީހަކަށް ފަޤީހެކޭ ނުކިޔޭނެއެވެ. ނަމަވެސް އެމީހަކީ ޢާލިމެކޭ ކިޔޭނެއެވެ.

[2]  ބައެއް ޢިލްމުވެރިން ޢިލްމުގެ ތަޢުރީފު ގެންނަވާއިރު އެއެއްޗެއް “ޔަޤީންކަމާ އެކު އެނގުން”  ލާޒިމު ކުރެއެވެ. ސަބަބަކީ ޝައްކުވުމާއި އެކު އެނގޭ އެނގުމަކަށް ޢިލްމެކޭ ނުކިޔޭތީއެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ޢިލްމަށް ތަޢުރީފެއް ބޭނުން ނުވެއެވެ. ސަބަބަކީ ޢިލްމަކީ ބަޔާންކުރަންޖެހޭ ވަރަށް ވުރެ މާ ބަޔާންވެގެންވާ އެއްޗެކެވެ. އެ ބަޔާންކުރާކަށް ނުޖެހޭނެއެވެ. ފޮތުގެ މުޞައްނިފު އެކަލޭގެފާނު ލިޔުއްވި އުޞޫލް ފިޤުހުގެ ފޮތެއްކަމަށްވާ البرهان ގައި ޢިލްމަކީ ސާފު ވާޟިޙު އެއްޗެއްކަމުން އެއަށް ތަޢުރީފެއް ބޭނުން ނުވާނެކަމަށް ވިދާޅުވެފައިވެއެވެ.

[3]  ޖަހުލަކީ ނުވަތަ ޖާހިލުކަމަކީ ޢިލްމުގެ އިދިކޮޅެވެ. ބައެއް ޢިލްމުވެރިން ޖަހުލު ދެބަޔަކަށް ބައްސަވައެވެ. އެއީ ޖަހުލު ބަސީޠާއި ޖަހުލު މުރައްކަބެވެ. ޖަހުލު ބަސީޠަކީ އެކަމުގެ ޢިލްމު އެއްވެސް ގޮތަކަށް ލިބިފައިނުވުމެވެ. މިސާލަކަށް މިއީ ކޮންފޮތެއްހޭ ބުނުމުން ޖަވާބުގައި ނޭނގެއޭ ބުނުމަކީ ޖަހުލު ބަސީޠެވެ. ޖަހުލު މުރައްކަބަކީ އެކަމުގެ ޢިލްމު ނުބައިކޮށް އެނގިފައި އޮތުމެވެ. ނުވަތަ އަޞްލު އޮތްގޮތާއި ޚިލާފަށް އެކަންތައް އޮތްކަމަށް ހީކުރުމެވެ. މިސާލަކަށް މިތަރުޖަމާ ކުރެވޭ ފޮތަކީ ކޮން ޢިލްމަކާއި ގުޅޭ ފޮތެއްހޭ ސުވާލުކުރުމުން ޖަވާބުގައި ތިޔައީ ޙަދީޘް ޢިލްމުގެ ފޮތެކޭ ބުނުމެވެ. ތަރުޖަމާ މިކުރެވެނީ އުޞޫލްފިޤުހުގެ ފޮތެކެވެ. މުޞައްނިފު މިތަނުގައި ބަޔާންކޮށްފައި މިވަނީ ޖަހުލު މުރައްކަބުގެ ތަޢުރީފެވެ.

[4]  އިންސާނާއަށް އެނގޭ ކޮންމެ އެއްޗެއްވެސް އޭނާއަށް އެނގެނީ ދެގޮތުން ކުރެ އެއް ގޮތަކުންނެވެ. އެއީ އެއްވެސް ވިސްނުމެއް ފިކުރު ކުރުމެއް ނެތި ޔަޤީންކަމާއި އެކު ޟަރޫރީކޮށް އެނގުމާއި، ހަމައެކަނި ވިސްނާ ފިކުރުކޮށް ނަޒަރު ހިންގައިގެން އެނގުމެވެ. ފަސް ހިއްސުން ދެނެގަނެވޭ ޢިލްމަކީ ޟަރޫރީ ޢިލްމެވެ. އެއިން އެމީހަކަށް ޔަޤީންކަން ލިއްބައިދެއެވެ. އަލިފާނަކީ ހޫނުއެއްޗެއްކަމާއި ގަނޑުފެނަކީ ފިނިއެއްޗެއްކަން އެނގުން ވަނީ ޟަރޫރީ ޢިލްމުގެ ތެރެއިންނެވެ. ސަބަބީ އަލިފާނަކީ ހޫނުއެއްޗެއްކަން ދެނެގަތުމަށް ވިސްނާ ފިކުރުކޮށް ހޯދާ ބަލާކަށް ނުޖެހެއެވެ. އެއީ ހޫނު އެއްޗެއްކަން އެންމެނަށްވެސް އެނގެއެވެ. ހަމަ އެފަދައިން މީރު އެއްޗެއްގެ ރަހަބެލުމުން އެއެއްޗަކީ މީރުއެއްޗެއްކަން އެނގެއެވެ. ވިސްނާ ފިކުރުކޮށް ހޯދާ ބަލާ ދިރާސާކުރާކަށް ނުޖެހެއެވެ. ޟަރޫރީ ޢިލްމަކީ މިއީއެވެ. ޟަރޫރީ ޢިލްމުން އެމީހަކަށް ޔަޤީންކަން ދޭހަކޮށްދެއެވެ. ދޮގު ހަދާފާނެކަމަށް ނުބެލެވޭ ގިނަ ޢަދަދެއްގެ ބަޔެއްގެ ކިބައިން އެއްޗެއް އެނގުން އެލިބޭ ޢިލްމަކީ ވެސް ޟަރޫރީ ޢިލްމެވެ. ސަބަބަކީ އެއިން އެމީހަކަށް ޔަޤީންކަން ލިއްބައިދޭތީއެވެ.

[5]  މުކްތަސަބު ޢިލްމަކީ ޟަރޫރީ ޢިލްމުގެ އިދިކޮޅެވެ. އަދި މި ޢިލްމަށް ނަޒަރީ ޢިލްމޭވެސް ކިޔައެވެ. އެހެނީ ބައެއް އެއްޗެއްސާއި ބެހޭ ޢިލްމަށް ހޯދާބަލާ ނަޒަރުހިންގައިގެން މެނުވީ ވާޞިލެއް ނުވެވޭނެއެވެ. ފިޤުހީ ގިނަ ޙުކުމްތައް ދެނެގަތުމަށްވެސް އިސްތިދުލާލުކޮށް ނަޒަރު ހިންގަން ޖެހެއެވެ. މުކްތަސަބު ޢިލްމޭ ކިޔެނީވެސް ހޯދާ ބަލާ ނަޒަރު ހިންގުމަށް ފަހު އިންސާނާގެ މަސައްކަތުން ހޯދައިގަންނަ ޢިލްމަކަށްވާތިއެވެ.

[6]  ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ނަޒަރު ހިންގުމާއި އިސްތިދުލާލަކީ އެކައްޗެކެވެ. އަދި އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި ނަޒަރު ހިންގުން އިސްތިދުލާލު ކުރުމަށް ވުރެ ޢާންމުވެގެންވެއެވެ. އެހެނީ އެއްޗެއް ތަޞައްވަރުކޮށް ތަސްދީޤު ކުރުމުގައިވެސް ނަޒަރު ހިންގުން ހިމެނެއެވެ. ނަމަވެސް އިސްތިދުލާލުކުރުން ވަނީ ހަމައެކަނި ތަޞްދީޤު ކުރުމުގައެވެ. ތަޞައްވަރު ކުރުމަކީ މުފްރަދު އެއްޗެއްގެ މާނަ ނަފީކުރުމާއި އިޘްބާތުކުރުމެއް ނެތި ދެނެގަތުމެވެ. މިސާލަކަށް އިންސާނެއް، ކާތިބެއް މި ދެލަފްޒު ވަކިން ދެނެގަތުމަކީ ތަޞައްވަރު ކުރުމެވެ. ތަޞްދީޤަކީ އެއްޗެއް އެހެން އެއްޗަކާއި ގުޅުވައިގެން ފިޢުލަކުން ޘާބިތުކުރުމެވެ. ނުވަތަ ނަފީ ކުރުމެވެ. މިސާލަކަށް ކާތިބުންނަކީ އިންސާނުންނޭ ބުނެ ޙުކުމްކޮށް ޘާބިތު ކުރުމެވެ. ނުވަތަ ނަފީކުރުމެވެ.

[7]  މިތަނުގައި މިވަނީ ދަލީލުގެ ލުޣަވީ މާނައެވެ. ދަލީލުގެ އިޞްޠިލާޙީ މާނައިގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ދަލީލަކީ ޙުކުމެއް ޘާބިތުކުރަން ނުވަތަ ނަފީކުރުމަށް ރަނގަޅަށް ވިސްނާ ބެލުމުން އެޙުކުމަކަށް ވާސިލްކޮށްދެވޭ އެއްޗެވެ. އެޙުކުމަކީ ޡަންނީ (ޔަޤީންކަން ލިއްބައި ނުދޭ ބޮޑަށް ބުރަވެވޭ) ނުވަތަ ޤަތުޢީ (ޔަޤީންކަން ލިއްބައިދޭ) ޙުކުމަކަށް ވީނަމަވެސް މެއެވެ. ނުވަތަ ދަލީލަކީ އެ އެނގުމުން  އެއިން އެހެންކަމެއްގެ ޢިލްމު ލާޒިމްކުރާ އެއްޗެވެ.

[8]  ޡައްނުގެ އިދިކޮޅަކީ ވަހުމެވެ. އުޞޫލް ޢިލްމުވެރިންގެ އަރިހުގައި ޘަންނަކީ ރާޖިޙުކޮޅެވެ. ނުވަތަ ބޮޑަށް ބުރަވެވޭ ކޮޅެވެ. ވަހުމަކީ ރާޖިޙު ނޫން ކޮޅެވެ. ނުވަތަ ބޮޑަށް ބުރަ ނުވެވޭ ކޮޅެވެ. ޝައްކަކީ ދެކަންތައް އެއްވަރު ވުމެވެ.

[9]  އުޞޫލް ޢިލްމުވެރިންނާއި ޚިލާފަށް ފިޤުހު ޢިލްމުވެރިންގެ އަރިހުގައި ޢިލްމު ދެބަޔަކަށް ބައްސަވައެވެ. އެއީ ޔަޤީނާއި ޝައްކެވެ. އަދި ޡަންނާއި ވަހުމު ބޭނުންކުރެވެނީ ޝައްކުގެ މާނައިގައެވެ. މިސާލަކަށް ވުޟޫ ކުރިކަމަށް ޔަޤީންވެފައި ޙަދަޘްވެރި ވިކަމަށް ޝައްކުވާނަމަ ބަލާނީ އެމީހާ ޙަދަޘްވެރި ނުވާކަމަށެވެ. އެއީ ޙަދަޘްވެރިވިކަމަށް ބޮޑަށް ހީވިޔަސް ނުވަތަ ކުޑަކޮށް ހީވިޔަސްމެއެވެ. ޔަޤީން ނުވާނަމަ ބަލާނީ އެއީ ޝައްކުކަމުގައެވެ.

 

މިލިޔުމުގެ އެހެންބައިތައް