[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަރުތީބު 2

ދެވަނައީ:

އެބޭކަލުން ފޮނުއްވުނު ދުވަސްވަރުގެ ތަރުތީބަށް ބަލާލައިއިރު ޢިލްމުގެ އަހުލުވެރިން ތަރުތީބުކުރައްވަނީ މިފަދައިންނެވެ.

 

  • އެބޭކަލުންގެ ތެރެއިން އެންމެ ފުރަތަމަ ބޭކަލަކީ އާދަމް عليه السلام އެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

إِنَّ اللَّـهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى الْعَالَمِينَ ﴿٣٣﴾ [آل عمران 33]

މާނަ: “ހަމަކަށަވަރުން ﷲ، އާދަމުގެފާނާއި، ނޫޙުގެފާނާއި، އިބްރާހީމްގެފާނުގެ އާލުންނާއި، ޢިމްރާންގެ އާލުން (އެދުވަސްވަރުގެ) ޢާލަމުތަކުގެ މައްޗަށް ޚިޔާރުކުރެއްވިއެވެ.”

އަބޫ އުމާމާ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި މީހަކު ސުވާލު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އާދަމްގެފާނަކީ ނަބިއްޔެއް ހެއްޔެވެ؟

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އާއެކެވެ. ﷲ އުނގަންނަވައިދެއްވި އަދި ބަސްވަޙީކުރެއްވި ބޭކަލެކެވެ.

އެމީހަކު ދެންނެވިއެވެ : އެކަލޭގެފާނާއި ނޫޙުގެފާނާއި ދެމެދު ކިހައި މުއްދަތެއް ހެއްޔެވެ؟

ރަސޫލާ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ : ދިހަ ޤަރުނެވެ.

އެމީހަކު ދެންނެވިއެވެ :  ނޫޙުގެފާނާއި އިބްރާހީމްގެފާނާއި ދެމެދު ކިހައި މުއްދަތެއް ހެއްޔެވެ؟

ރަސޫލާ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ : ދިހަ ޤަރުނެވެ.

އަޞްޙާބުބޭކަލުން ދެންނެވިއެވެ : އޭ ﷲގެ ރަސޫލާއެވެ. ކިތައް ރަސޫލުބޭކަލުން ވޭ ހެއްޔެވެ؟

ރަސޫލާ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ : 315 ބޭކަލުންނެވެ …

[رواه الحاكم في “المستدرك” (2 / 262) ووافقه الذهبي، وصححه الألباني في “السلسة الصحيحة” (7 / 582)]

  • ޢިލްމުގެ އަހުލުވެރިން ވިދާޅުވާގޮތުގައި އާދަމްގެފާނަށް ފަހު ދެން ނަބީކަން ކުރެއްވީ އެކަލޭގެފާނުގެ ދަރިކަލުން ޝީޘްއެވެ.

އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” އާދަމް عليه السلام އަވަހާރަވުމަށް ފަހު (ނަބީކަމުގެ) މަސްއޫލިއްޔަތު އުފުއްލެވީ އެކަލޭގެފާނުގެ ދަރިކަލުން ޝީޘް عليه السلام އެވެ. އެކަލޭގެފާނަކީ ނަބިއްޔެއްކަން އިބްނު ޙިއްބާން އެކަލޭގެފާނުގެ ޞަޙީޙްގައި ބަޔާންކުރައްވާފައިވާ ޙަދީޘްގެ ނައްޞުން ސާބިތުވެއެވެ. އަބޫޛައްރުގެ ކިބައިން މަރުފޫޢުކޮށް އައިސްފައިވެއެވެ: “ޝީޘް عليه السلامއަށް 50 ޞަޙީފާ ބާވާލެއްވުނެވެ.[البداية والنهاية” (1 / 232)]

އަބޫޛައްރުގެ ޙަދީޘް ޝައިޚް އަލްބާނީ ރަޙިމަހުﷲ ، التعليقات الحسان” (1 / 387) ގައި ޟަޢީފް ކުރައްވައިފައިވެއެވެ.

 

  • އިދްރީސް عليه السلام :

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَاذْكُرْ فِي الْكِتَابِ إِدْرِيسَ ۚ إِنَّهُ كَانَ صِدِّيقًا نَّبِيًّا ﴿٥٦﴾ وَرَفَعْنَاهُ مَكَانًا عَلِيًّا ﴿٥٧﴾ [مريم 56-57]

މާނަ: “ކަލޭގެފާނު މިފޮތުން އިދްރީސްގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ. އަދި ތިމަންއިލާހު، އެކަލޭގެފާނު މަތިވެރިވެގެންވާ މަޤާމަކަށް އުފުއްލެވީމެވެ.”

އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ . ” އާދަމް އަދި ޝީޘް عليهما السلام އަށް ފަހު އެންމެ ފުރަތަމަ ނަބީކަން ދެއްވެވި ބޭކަލަކީ އިދްރީސް عليه السلامއެވެ.” [البداية والنهاية” (1 / 234)]

އެެހެނަސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ ނޫޙުގެފާނު އުޅުއްވީ އިދްރީސްގެފާނަށް ވުރެ ކުރިންނެވެ. [1]

=ނުނިމޭ=

____________________________

[1]   * އެންމެ ފުރަތަމަ ރަސޫލަކީ ނޫޙުގެފާނުކަމަށް ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވެއެވެ. (ބައްލަވާ: النساء : 163، صحيح البخاري (4476))

* އިދްރީސްގެފާނު ފޮނުއްވުނީ ނޫޙުގެފާނުގެ ކުރިންތޯ ނުވަތަ ފަހުންތޯ ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ. ބައެއް ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އެކަލޭގެފާނަކީ ބަނޫ އިސްރާއީލުންގެ ގާތަށް ފޮނުއްވުނު ބޭކަލެއްކަމުގައެވެ. ނޫޙުގެފާނުގެ ކުރިން އެކަލޭގެފާނު ފޮނުއްވުނުކަމަށް ވިދާޅުވާ ޢިލްމުވެރިންގެ އަރިހުގައި އެކަލޭގެފާނަކީ ނަބީބޭކަލެކެވެ. (فتح الباري لابن حجر (6/373))

 

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް