[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެނދުނާއި ހަވީރުގެ ޛިކުރުތަކާގުޅޭ 31 ފައިދާ (5)

(28) ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރެއިން ޞައްޙަ ޛިކުރުތައް ބަޔާންކޮށްލަމެވެ. ހެނދުނާއި ހަވީރު ކިޔުމަށް އައިސްފައިވާ އެ ޛިކުރުތައް އެކުއެކީގައެވެ. އަދި އެ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމުގެ ގޮތުން، އެ ޛިކުރުތަކުގައިވާ މުހިއްމު ކަލިމަތަކާއި ޖުމްލަތަކުގެ މާނަވެސް ބަޔާންކޮށްލަމެވެ.([1])

  • ((أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلَّهِ، وَالْحَمْدُ لِلَّهِ، لاَ إِلَهَ إلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ. رَبِّ أَسْأَلُكَ خَيْرَ مَا فِي هَذَا الْيَوْمِ وَخَيرَ مَا بَعْدَهُ، وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَوْمِ وَشَرِّ مَا بَعْدَهُ. رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وَعَذَابٍ فِي الْقَبْرِ)).

ހަވީރު ޛިކުރުކުރާއިރު (މި ޛިކުރު ކިޔާނީ އަންނަނިވި ޢިބާރާތްތަކާގުޅޭ ބައިތައް އަންނަނިވި ގޮތަށް ބަދަލުކޮށްގެންނެވެ.) ((أَمْسَيْنَا وَأَمْسَى الْمُلْكُ لِلَّهِ … رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ وَخَيرَ مَا بَعْدَهَا، وَأَعُوذُ بِكَ مِنْ شَرِّ مَا هَذِهِ اللَّيْلَةِ وَشَرِّ مَا بَعْدَهَا …)).

((أَمْسَيْنَا وَأَمْسَى الْمُلْكُ لِلَّهِ)): މި ޢިބާރާތުގައި މިވަނީ މި ޛިކުރުކުރާމީހާގެ ޙާލު ބަޔާންކޮށްދީފައެވެ. އެބަހީ؛ އެންމެހާ ވެރިކަމަކާއި ޙަމްދެއް ވަނީ ﷲއަށް ކަމުގައި އަޅަމެން ދަންނަމެވެ. އެކަލާނގެ ނޫން އެހެން ފަރާތަކަށް އެކަންކަން ލިބިގެނެއް ނުވެއެވެ. އަޅަމެން އެކަލާނގެއަށް ބަރޯސާވެ، އެކަލާނގެ ޙަޟްރަތުން ވާތްގަށް އެދެމެވެ. އަދި އެކަލާނގެއަށް އަޅަމެން އަޅުކަންތައް ޚާލިޞްކޮށް، އެކަލާނގެއަށް ޘަނާ ދަންނަވައި، ޝުކުރުކުރަމެވެ.

((سُوءِ الْكِبَرِ)): މުސްކުޅިވުމުގެ ސަބަބުން ކުރިމަތިވާ ދަތި އުނދަގޫތަކުން ސަލާމަތްކޮށްދެއްވުމަށް ﷲއަށް ދަންނަވަމެވެ. ވިސްނުން ފިލައިދިޔުމުގެ ސަބަބުން ބުއްދި ހަމަނުޖެހި، ކިޔޭނުކިޔޭ ނޭނގުންފަދަ މީހާގެ ޙާލަތު ގޯސްކޮށްލާފަދަ ކަންކަން މުސްކުޅި ޢުމުރުގައި ކުރިމަތިވެއެވެ. މީސްތަކުންގެ ކުރިމަތީގައި މީހާ ނިކަމެތިވެ، ޙަރަކާތްތެރިވުމަށް ނުކުޅެދުންފަދަ ކަންކަން ކުރިމަތިވެއެވެ.

  • ((اللَّهُمَّ بِكَ أَصْبَحْنَا، وَبِكَ أَمْسَيْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ)).

ހަވީރު ޛިކުރުކުރާއިރު މި ޛިކުރު ކިޔާނީ އަންނަނިވި ޢިބާރާތުންނެވެ. ((اللَّهُمَّ بِكَ أَمْسَيْنَا، وَبِكَ أَصْبَحْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ وَإِلَيْكَ الـمَصِيرُ)).

((النُّشُورُ)): އަކީ މަރުވުމަށްފަހު އަލުން އެއްކުރެއްވުމާއި، އަލުން ދިރުއްވުމެވެ.

((إِلَيْكَ الـمَصِيرُ)): އަޅަމެން ރުޖޫޢަވުން ވަނީ އިބަރަސްކަލާނގެ ޙަޟްރަތަށެވެ.

ބަޔާންވެދިޔަ ކަލިމަތަކުގެ މާނަ އެވަނީ އެއް މާނައަކަށް ގުޅިފައެވެ. އެއީ؛ މަރުވުމަށްފަހު ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވުމުގެ މާނައަށެވެ.

  • ((أَصْبَحْنا عَلَى فِطْرَةِ الْإِسْلاَمِ، وَعَلَى كَلِمَةِ الْإِخْلاَصِ، وَعَلَى دِينِ نَبِيِّنَا مُحَمَّدٍ – صَلَّى اللهُ عَلَيْهِ وَسَلَّمَ -، وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ، حَنِيفاً مُسْلِماً وَمَا كَانَ مِنَ الْمُشرِكِينَ)).

ހަވީރު ޛިކުރުކުރާއިރު މި ޛިކުރު ކިޔާނީ އަންނަނިވި ޢިބާރާތުންނެވެ. ((أَمْسَيْنَا عَلَى فِطْرَةِ الْإِسْلاَمِ، وَعَلَى كَلِمَةِ الْإِخْلاَصِ …)).

((حَنِيفاً)): އެބަހީ؛ ސީދާވެގެންވާ ތެދުމަގުގައިވާ ޙާލުގައެވެ. ހުރިހާ ބާޠިލު ދީނަކުން ދުރުހެލިވެ، ސީދާވެގެންވާ ޙައްޤުދީންކަމުގައިވާ އިސްލާމްދީނަށް ކުރިމަތިލާ ޙާލުގައެވެ.

  • ﴿اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ﴾ (البقرة: 255)

﴿اللَّـهُ لَا إِلَـٰهَ إِلَّا هُوَ﴾: އެބަހީ؛ އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ.

﴿الْقَيُّومُ﴾: އެކަލާނގެއީ އެކަލާނގެ ޛާތުފުޅާގެން ޤާއިމުވެވޮޑިގެންވާ، އަދި އެހެން ފަރާތްތަކުގެ ކަންކަން ކުރެއްވުމުގައި ޤާއިމުވެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެއީ، އެކަލާނގެ ޛާތުފުޅާގެން ޤާއިމުވެވޮޑިގެންވާ، އެހެން ފަރާތަކަށް ބޭނުންޖެހިވޮޑިގެންނުވާ ހުސްޠާހިރުވަންތަ ކަލާނގެއެވެ. އަދި އެހެން ފަރާތްތަކުގެ ކަންކަން ކުރެއްވުމުގައި ޤާއިމުވެވޮޑިގެންވާ، އެހެން ފަރާތްތައް އެކަލާނގެއަށް ބޭނުންޖެހިގެންވާ ކަލާނގެއެވެ. އުޑުތަކާއި، ބިމާއި، އެ ދެ ތަނުގައިވާ އެންމެހާ ފަރާތްތަކެއްގެ ކަންކަން ކުރެއްވުމުގައި އެކަލާނގެ ޤާއިމުވެވޮޑިގެންވެއެވެ. އެންމެހާ ކަމެއް ކުރެއްވުމުގައި ޤާއިމުވެވޮޑިގެންވާ ކަލާނގެއެވެ.

﴿لَا تَأْخُذُهُ سِنَةٌ﴾: އެބަހީ؛ ތާއްޔާޖެހުމެއް ނުވެއެވެ. ތާއްޔާޖެހުމަކީ ނިދުމުގެ ފެށުމެވެ. ﴿وَلَا نَوْمٌ﴾: އަދި އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އެހެނީ؛ މި ޞިފައަކީ ﷲ ތަޢާލާއާ އެކަށީގެންނުވާ އުނި ޞިފައެކެވެ. ﷲ ތަޢާލާ ވަނީ މި ޞިފައިން ހުސްދުރުވެވޮޑިގެންނެވެ. އެކަލާނގެ އަވަހާރަފުޅު ލެއްޕެވުމަކީ މުސްތަޙީލުކަމެކެވެ. އެހެނީ؛ ނިދިފައިވާ މީހަކީ އޭނާގެ ކައިރީގައި ހިނގާކަންކަންވެސް ނޭނގޭނެ މީހެކެވެ. ﷲއަށް ފޮރުވިގެންވާ އެއްވެސްކަމެއް ނުވެއެވެ. ނިދުމަކީ ކަންކަމާމެދު ޣާފިލުވާ ކަމެކެވެ. އެއްވެސް ކަމަކާމެދު މާތް ﷲ ޣާފިލުވެވޮޑިގެންނުވެއެވެ. އެކަމުން އެކަލާނގެ ހުސްދުރުވެވޮޑިގެންވެއެވެ. އަދި ނިންޖަކީ ވަރުބަލިކަން ދުރުކޮށްދީ އަރާމު ގެނެސްދޭކަމެކެވެ. ﷲ ތަޢާލާ އަކީ ވަރުބަލިވެވޮޑިގަތުމުން ހުސްދުރުވެވޮޑިގެންވާ ފަރާތެކެވެ. އެކަލާނގެއަށް އެއްވެސްކަހަލަ ލޮޑުކަމެއް އަދި ވަރުބަލިކަމެއް ލިބިވޮޑިގެނެއް ނުވެއެވެ.

﴿مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ﴾: އެކަލާނގެ އިޒުނަފުޅާއި، އަމުރުފުޅާއި، އިރާދަކުރެއްވުމުން މެނުވީ އެއްވެސްމީހަކަށް އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިއެއް ނުވެވޭނެއެވެ. ޝަފާޢަތްތެރިވާމީހާއަށް ޝަފާޢަތްތެރިވުމުގެ އިޒުނަ ލިބެންޖެހޭނެއެވެ. އަދި ޝަފާޢަތްތެރިވެވޭ ކަމަކާމެދު، ޝަފާޢަތްތެރިވެވޭ މީހާއަށް ﷲ ތަޢާލާގެ ރުއްސެވުން އޮންނަންޖެހޭނެއެވެ.

﴿يَعْلَمُ مَا بَيْنَ أَيْدِيهِمْ﴾: އެބަހީ؛ އެބައިމީހުންގެ ކުރިމަތީގައިވާ، އެބައިމީހުންނަށް ފެންނަކަންކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި މުސްތަޤްބަލުގައިވާ ކަންކަންވެސް މެއެވެ. ﴿وَمَا خَلْفَهُمْ﴾: އެބަހީ؛ މާޒީގައި އިސްވެގޮސްފައިވާ ކަންކަމުގެ ޢިލްމުވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެހެންކަމުން، ހުސްޠާހިރުވަންތަ ރަސްކަލާނގެއީ މާޒީގައާއި، މިހާރާއި، މުސްތަޤްބަލުގެ އެންމެހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

﴿وَلَا يَئُودُهُ حِفْظُهُمَا﴾: އެބަހީ؛ އުޑުތަކާއި، ބިމާއި، އެ ދެ ތަނުގައިވާ ތަކެއްޗާއި، އެ ދެމެދުގައިވާ ތަކެތި ރައްކާތެރިކުރެއްވުމަކީ އެކަލާނގެއަށް އުނދަގޫ ބުރަކަމެއް ނޫނެވެ.

  • الـمُعَوِّذَاتُ (އެބަހީ؛ އިޚްލާޞް، ފަލަޤް، ނާސް މި 3 ސޫރަތް) ތިން ފަހަރު ކިޔެވުމެވެ.

އިޚްލާޞް ސޫރަތް: ﴿قُلْ هُوَ اللَّـهُ أَحَدٌ * اللَّـهُ الصَّمَدُ * لَمْ يَلِدْ وَلَمْ يُولَدْ * وَلَمْ يَكُن لَّهُ كُفُوًا أَحَدٌ *﴾ (الإخلاص: 1-4)

﴿اللَّـهُ الصَّمَدُ﴾: (މާނައީ: ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.) އެކަލާނގެއީ އެންމެހާ ކަމެއްގައި އެކަލާނގެއަށް ދެންނެވޭ ކަލާނގެއެވެ. އަދި އެންމެހާ މަޚްލޫޤާތްތަކެއް އެންމެހާ ޙާޖަތްތަކަށާއި، އެންމެހާ ކަންކަމެއްގައާއި، އެންމެހާ ޙާލަތެއްގައާއި، އެންމެހާ ޟަރޫރީކަންކަމެއްގައި، ނިކަމެތިކަމާއި ބޭނުންޖެހިގެންވާ ޙާލު، ފަޤީރުކަމާއެކު އެކަލާނގެއަށް ބޭނުންތެރިވެގެންވާ ކަލާނގެއެވެ. ފަހެ، ކޮންމެ އެއްޗަކާއި ކޮންމެ މީހަކު ވަނީ އެކަލާނގެ ޙަޟްރަތުގައި ނިކަމެތިކަމާއެކު، އެކަލާނގެއަށް ބޭނުންތެރިވެފައެވެ. ހުސްޠާހިރުވަންތަ އެކަލާނގެއީ މީސްތަކުންގެ ކިބައިން ފުދިވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެއީ ޢިލްމުފުޅާއި، ޙިކުމަތްފުޅާއި، ޙިލްމުވެރިކަމާއި، ކުޅަދުންވަންތަކަމާއި، މަތިވެރިވަންތަކަމާއި، ރަޙްމަތްވަންތަކަމާއި، އަދި މިނޫންވެސް އެންމެހާ އެކަލާނގެ ޞިފަފުޅުތަކެއްގައި އެންމެ ފުރިހަމަކަން ލިބިވޮޑިގެންވާ ކަލާނގެއެވެ.

ފަހެ، ﴿الصَّمَدُ﴾ އަކީ ޞިފަފުޅުތައް އެންމެ ފުރިހަމައަށް ލިބިވޮޑިގެންވާ ކަލާނގެއެވެ. އެންމެހާ މަޚްލޫޤާތްތަކެއް، އެބައިމީހުންގެ އެންމެހާ ޙާޖަތްތަކެއްގައި އެކަލާނގެއަކަށް ޤަޞްދުކޮށްގެން ދަންނަވާ ކަލާނގެއެވެ.

﴿وَلَمْ يَكُن لَّهُ كُفُوًا أَحَدٌ﴾: އެކަލާނގެއާ އެއްވައްތަރު އަދި އެއްފަދަ އެއްވެސް ފަރާތެއްނުވެއެވެ. އަދި އެކަލާނގެއާ ވައްތަރުވެގެންވާ އެއްވެސް ފަރާތެއް ނުވެއެވެ. އެކަލާނގެއަށް ބައްޕައެއް، އަދި ދަރިއެއް، އަދި އަންބެއް ލިބިވޮޑިގެންނުވެއެވެ.

ފަލަޤު ސޫރަތް: ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ * مِن شَرِّ مَا خَلَقَ * وَمِن شَرِّ غَاسِقٍ إِذَا وَقَبَ * وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ * وَمِن شَرِّ حَاسِدٍ إِذَا حَسَدَ *﴾ (الفلق: 1-5)

﴿أَعُوذُ﴾: މި އަޅާ ބަރޯސާވެ، ސަލާމަތްކަމަށް، ޙިމާޔަތަށް، ރައްކާތެރިކަމަށް އެދެމެވެ.

﴿الْفَلَق﴾: ފަތިސްވަގުތެވެ.

﴿مِن شَرِّ مَا خَلَقَ﴾: އެބަހީ؛ ނުބައިކަން އެކުލެވިގެންވާ ކޮންމެ އެއްޗެއްގެ ނުބައިކަމުންނެވެ. އެއީ އިންސިއެއް، ނުވަތަ ޖިންނިއެއް، ނުވަތަ ހަޔަވާނެއް ނުވަތަ އެނޫން އެއްޗެއްގެ ކިބައިގައިވާ ނުބައިކަމެއް ވިޔަސްމެއެވެ.

﴿وَمِن شَرِّ غَاسِقٍ إِذَا وَقَبَ﴾: ރޭގަނޑުގެ ނުބައިކަމުންނެވެ. ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، ނުވަތަ ހަނދު ކޭތަހިފައިފިހިނދު އެ ރޭގަނޑުގައިވާ ނުބައިކަމުންނެވެ. އަދި ((الغَسَقُ)) އަކީ އަނދިރިކަމެވެ. ((الوُقُوبُ)) އަކީ ވަނުމެވެ. (އެބަހީ؛ އަނދިރިކަން ވަދެގެންފިހިނދުގައެވެ.)

﴿وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ﴾: ސިޙުރުވެރިންގެ ނުބައިކަމުންނެވެ. އެބައިމީހުން (ކިޔެވެލިތައް ކިޔެވުމަށްފަހުގައި) ސިޙުރުތަކުގައި ޖަހާ ގޮށްތަކަށް ފުމޭހިނދުގައެވެ.

ނާސި ސޫރަތް: ﴿قُلْ أَعُوذُ بِرَبِّ النَّاسِ * مَلِكِ النَّاسِ * إِلَـٰهِ النَّاسِ * مِن شَرِّ الْوَسْوَاسِ الْخَنَّاسِ * الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ * مِنَ الْجِنَّةِ وَالنَّاسِ *﴾ (الناس: 1-6)

﴿الْوَسْوَاسِ الْخَنَّاسِ﴾: ﷲ މަތިން ހަނދުކުރުމުން ފިލައިގެންދާ ޝައިޠާނާގެ ކިބައިންނެވެ. ފަހެ، އިންސާނާ ﷲ މަތިން ޣާފިލުވެއްޖެނަމަ ވަސްވާސްދިނުމަށްޓަކައި އާދެއެވެ.

﴿مِنَ الْجِنَّةِ وَالنَّاسِ﴾: އެބަހީ؛ އިންސީންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިންނެވެ. ފަހެ، އެބައިމީހުން މީސްތަކުންގެ ހިތްތަކަށް ވަސްވާސްދެއެވެ. ނުވަތަ އެ ޝައިޠާނާ ޖިންނީންނާއި އިންސީންގެ ހިތްތަކަށް ވަސްވާސް ވައްދައެވެ.

  • ((اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلاَّ أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ لِي؛ فَإِنَّهُ لاَ يَغْفِرُ الذُّنوبَ إِلاَّ أَنْتَ)).

((وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ)): ފަހެ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކަންކަމެއް އަމުރުކުރެއްވުމާއި، ކަންކަމެއް ނަހީކުރެއްވުންތަކެއް ހިމަނުއްވައިގެން އެކަލާނގެ އަޅުތަކުންނާއެކު އަޙުދެއް ހިއްޕަވާފައެވެ. އަދި އެ ޢަހުދުތަކަށް ވަފާތެރިވާމީހަކަށް މަތިވެރިވެގެންވާ ޘަވާބު ދެއްވާނެކަމަށް އެކަލާނގެ ވަނީ ވަޢުދުވެވޮޑިގެންފައެވެ.

((مَا اسْتَطَعْتُ)): އެބަހީ؛ މި އަޅާއަށް ކުޅަދާނަވީ މިންވަރަކުން އެ ޢަހުދަށް ވަފާތެރިވުމުގައި މި އަޅާ ދެމިހުންނަމެވެ. މި އަޅާއަށް ކުޅަދާނަވެގެންވާ މިންވަރަކީ އިބަރަސްކަލާނގެއަށް އެކަށީގެންވާ މިންވަރަށްވުރެ ކުޑަ މިންވަރެކެވެ. އަދި މި އަޅާގެ މައްޗަށް އަދާކުރުން ޙައްޤުވެގެންވާ މިންވަރަށްވުރެވެސް ކުޑަ މިންވަރެކެވެ.

((أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي)): އިބަރަސްކަލާނގެ މި އަޅާއަށް ދެއްވާފައިވާ ނިޢުމަތްތަކަށް މި އަޅާ އިޢުތިރާފުވަމެވެ. މި އަޅާއީ ފާފަވެރިއެއްކަމުގައިވެސް އިޢުތިރާފުވަމެވެ. ފަހެ، އިބަރަސްކަލާނގެ ޙަޟްރަތުން ވަނީ އިޙްސާންތެރިކަމެވެ. މި އަޅާގެ ފުށުން ވަނީ އުރެދުމެވެ. ފަހެ، އިބަރަސްކަލާނގެ ނިޢުމަތްތަކަށް މި އަޅާ އިބަރަސްކަލާނގެއަށް ޙަމްދުކުރަމެވެ. އިބަރަސްކަލާނގެއީ ޙަމްދުކުރުން ޙައްޤުވެގެންވާ ފަރާތެކެވެ. އަދި މި އަޅާގެ ފާފަތަކަށް ފުއްސެވުން ދެއްވުމަށް އިބަރަސްކަލާނގެ ޙަޟްރަތުގައި އެދެމެވެ.

ފަހެ، އަޅާ ވަނީ އަބަދުވެސް ﷲގެ ނިޢުމަތްތަކުގެ ތެރޭގައެވެ. އެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް އެ އަޅަކަށް ބޭނުންޖެހިގެންވެއެވެ. އަދި އޭނާގެ ކިބައިގައިވާ ފާފަތަކަށް ފުއްސެވުމަށް ބޭނުންޖެހިގެންވެއެވެ. އޭނާ ވަނީ ﷲގެ ނިޢުމަތްތަކާއި އެހީތެރިކަމުގައި (އެއް ނިޢުމަތުން އަނެއް ނިޢުމަތަށް، އެއް އެހީތެރިކަމުން އަނެއް އެހީތެރިކަމަށް) އަބަދުވެސް ބަދަލުވެ ބަދަލުވެއެވެ. އެހެންކަމުން، އޭނާ އަބަދުވެސް ތައުބާއަށާއި ފާފަފުއްސެވުމަށް ބޭނުންޖެހިގެންވެއެވެ.

  • ((اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي، وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي، وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَينِ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِينِي، وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي)).

((أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ)): ދުނިޔޭގައި ކުރިމަތިވާ ބަލިމަޑުކަމުންނާއި، މުޞީބާތްތަކުންނާއި، ނުބައިކަންކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އާޚިރަތުގެ ނުބައިކަމުންވެސްމެއެވެ.

((أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي، وَمَالِي)): ފާފަތަކުންނާއި، ފާފައިގެ އަހުލުންނާއި، ފާފަކުރެވޭ ތަންތަނުން ދުރުކޮށްދެއްވައި މި އަޅާގެ ދީން ރައްކާތެރިކޮށްދެއްވާނދޭވެ! އަދި ދީން ފުރިހަމަވުމަށް ހުރިކަންކަމަށް މި އަޅާއަށް ފަހިކަން ދެއްވައި، އެ ދީންވެރިކަން އުނިވާފަދަ ކަންކަމުން ސަލާމަތްކޮށްދެއްވާނދޭވެ! އަދި މި އަޅާގެ ދުނިޔަވީ ދިރިއުޅުން އާފާތްތަކުންނާއި، މުޞީބާތްތަކުންނާއި، އުނިކަންކަމުން ސަލާމަތްކޮށްދެއްވާނދޭވެ! އަދި ނަފްސާއި އަހުލުންނާއި މުދަލުންނާއި ދަރިންގެ ފުށުން ކުރިމަތިވާ ތަފާތު ވައްތަރުގެ މުޞީބާތްތަކުން މި އަޅާ ސަލާމަތްކޮށްދެއްވާނދޭވެ!

((اللَّهُمَّ اسْتُرْ عَوْرَاتِي)): އެބަހީ؛ މި އަޅާގެ ޢައިބުތަކާއި، ކުށްތަކާއި، އުނިކަންކަމާއި، އެކަމެއް ފާޅުވެއްޖެނަމަ މި އަޅާއަށް ބަދުބަހެއް ލިބިދާނެ ކޮންމެ ކަމެއް ސިއްރުކޮށްދެއްވާނދޭވެ! އަދި ދުނިޔެއާއި އާޚިރަތުގައިވެސް މި އަޅާ ފަޟީޙަތްނުކުރައްވާނދޭވެ!

((وَآمِنْ رَوْعَاتِي)): މި އަޅާއަށް ކުރިމަތިވާ ބިރުވެރި، ހިތާމަވެރި، ކަންބޮޑުވާ، މޮޅިވެރިކަން ގެނުވާކަންކަމުންވެސް ސަލާމަތްކޮށްދެއްވާނދޭވެ! އެބަހީ؛ ކޮންމެ ބިރުވެރިކަމަކުން ޢާފިޔަތު ދެއްވާނދޭވެ!

((وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي)): ކުއްލިއަކަށް ކޯފާއަކުން ހަލާކުކުރެއްވުމާއި، މި އަޅާ ބިމަށް ގަންބަވައިގަތުމުން ރައްކާތެރިކޮށްދެއްވުމަށް އެދެމެވެ.

  • ((اللَّهُمَّ فَاطِرَ السَّمَوَاتِ وَالْأَرْضِ، عَالِمَ الغَيْبِ وَالشَّهَادَةِ، لاَ إِلَهَ إِلاَّ أَنْتَ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَعُوذُ بِكَ مِنْ شَرِّ نَفْسِي، وَمِنْ شَرِّ الشَّيْطانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءاً، أَوْ أَجُرَّهُ إِلَى مُسْلِمٍ)).

((فَاطِرَ السَّمَوَاتِ وَالْأَرْضِ)): އެކަލާނގެއީ އިސްވެދިޔަ މިސާލަކާނުލައި އުޑުތަކާއި ބިން ޚަލްޤުކުރައްވައި، އުފެއްދެވި ކަލާނގެއެވެ.

((رَبَّ كُلِّ شَيْءٍ وَمَلِيكَهُ)): އެކަލާނގެއީ ހުރިހާ އެއްޗެއް ޚަލްޤުކުރެއްވި، އެތަކެތީގެ މިލްކުވެރި، އެތަކެތީގެ އެންމެހާކަމެއް ރާވައި ހިންގަވާ ކަލާނގެއެވެ. އެކަލާނގެ ރައްބުވަންތަކަމުގެ ތެރެއިން ނިކުމެވޭނެ ހަމަ އެކައްޗެއްވެސް ނުވެއެވެ.

((وَمِنْ شَرِّ الشَّيْطانِ وَشِرْكِهِ)): ޝައިޠާނާގެ ވަސްވާހުންނާއި، އޭނާގެ މަގުއޮޅުވާލުމާއި، މަގުފުރެއްދުމާއި، ﷲއާ ޝަރީކުކުރުމަށް އޭނާ ގޮވާލާ ގޮވާލުންތަކުން ސަލާމަތްކޮށްދެއްވުމަށް އެދެމެވެ. އަދި ((وَشَرَكِهِ)) މި ގޮތަށް އަބަފިލިޖެހިގެންވެސް އައިސްފައިވެއެވެ. އެބަހީ؛ މީސްތަކުން ފިތުނަވެރިކޮށް، ޝިރުކާއި ކުފުރާއި ފާފަތަކަށް އެރުވުމަށްޓަކައި ޝައިޠާނާ ބޭނުންކުރާ ވާތަކުންނާއި، މަކަރުތަކުންނާއި، ޒީނަތްތެރިކޮށްދިނުންތަކުން ސަލާމަތްކޮށްދެއްވުމަށް އެދެމެވެ.

((وَأَنْ أَقْتَرِفَ عَلَى  نَفْسِي سُوءاً، أَوْ أَجُرَّهُ إِلَى مُسْلِمٍ)): ނުބައިކަންކަން ކުރުމުންނާއި، ނުބައިކަންކަމަށް އަރައިގަތުމުން ސަލާމަތްކޮށްދެއްވުމަށް އެދި ﷲއަށް ދަންނަވަމެވެ. ނުވަތަ މުސްލިމަކު އެފަދަ ނުބައިކަމަކަށް އެރުވުމުންނާއި، މުސްލިމެއްގެ މައްޗަށް ނުބައިކަމާއި ގެއްލުން ކުރިމަތިކުރުވުމުން ރައްކާތެރިކޮށްދެއްވުމަށްވެސް އެކަލާނގެއަށް އެދި ދަންނަވަމެވެ.

  • ((بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ)) 3 ފަހަރު ކިޔުން.

((بِسْمِ اللَّهِ)): ﷲގެ އިސްމުފުޅުގެ ބަރަކާތުން ރައްކާތެރިކަމަށް އެދެމެވެ. އެބަހީ؛ އެންމެހާ ކަމަކަށް ކުޅަދުންވަންތަ ﷲގެ ޙަޟްރަތަށް މި އަޅާ ބަރޯސާވެ، ރައްކާތެރިކަމަށާއި، ހިމާޔަތަށް އެދެމެވެ. ނުބައި ފަރާތްތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދިނުމުގެ އާރާއިބާރު، ހުސްޠާހިރުވަންތަ ކަލާނގެއަށް މެނުވީ ލިބިގެންނުވެއެވެ.

ފަހެ، ﷲގެ އިސްމުފުޅުން ރައްކާތެރިކަން ހޯދައިފިމީހަކު ދަންނާށެވެ! ބިމާވީ ފަރާތަކުންވެސް އަދި އުޑާވީ ފަރާތަކުންވެސް އަންނަ މުޞީބާތެއްގެ ނުބައިކަމެއް އެމީހަކަށް ނުޖެހޭނެތެވެ.

  • ((أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ)) 1 ފަހަރު ކިޔުން.([2])

((كَلِمَاتِ اللَّهِ التَّامَّاتِ)): އެބަހީ؛ އުނިކަމެއް އަދި ޢައިބުކަމެއްނުވާ ﷲގެ ކަލިމަފުޅުތަކެވެ. އަދި އެއީ؛ ކަނޑައެޅިގެން މަންފާކުރަނިވި ކަލިމަފުޅުތައް ކަމުގައި ބުނެވިފައިވެއެވެ. އަދި މިތަނުގައި އެ ކަލިމަފުޅުތަކުގެ މުރާދަކީ ޤުރްއާންކަމުގައިވެސް ބުނެވިފައިވެއެވެ.

((مِنْ شَرِّ مَا خَلَقَ)): އެބަހީ؛ ކޮންމެ ނުބައި ކަމަކުންނެވެ. އަދި ނުބައިކަން އެކުލެވިގެންވާ ކޮންމެ މަޚްލޫޤެއްގެ ކިބައިންނެވެ. އެއީ ޖަނަވާރެއްވިޔަސް ނުވަތަ އެނޫން އެއްޗެއްވިޔަސްމެއެވެ. އަދި އިންސިއެއްވިޔަސް ނުވަތަ ޖިންނިއެއްވިޔަސްމެއެވެ. އެއީ ވައި، ހޮނުފަދަ ފުރާނަ ނެތް އެއްޗެއްކަމުގައި ވިޔަސްމެއެވެ.

ފަހެ، މި ޛިކުރުކިޔާއިރު އެ އަޅަކު ސަލާމަތްތެރިކަމަށާއި، ރައްކާތެރިކަމަށާއި، ބަރޯސާވަނީ އެންމެހާ އެއްޗެއް މިލްކުވެވޮޑިގެންވާ ކުޅަދުންވަންތަ ކަލާނގެއަށެވެ. ނުބައި ފަރާތްތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދިނުމުގެ އާރާއިބާރު، ހުސްޠާހިރުވަންތަ ކަލާނގެއަށް މެނުވީ ލިބިގެންނުވެއެވެ.

  • ((يَا حَيُّ يَا قَيُّومُ، بِرَحْمَتِكَ أَسْتَغيثُ، أَصْلِحْ لِي شَأْنِيَ كُلَّهُ، وَلاَ تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ)).
  • ((اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لاَ إِلَهَ إِلاَّ أَنْتَ)) 3 ފަހަރު ކިޔުން.

((اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لَا إِلَهَ إِلَّا أَنْتَ)) 3 ފަހަރު ކިޔުން.

  • ((لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)) 1 ފަހަރު، ނުވަތަ 10 ފަހަރު ކިޔުން.
  • ((سُبْحَانَ اللَّهِ وَبِحَمْدِهِ)) 100 ފަހަރު ކިޔުން.

((سُبْحَانَ اللَّهِ وَبِحَمْدِهِ)): ކޮންމެ އުނި ސިފައަކުންނާއި ޢައިބަކުން މި އަޅާ ﷲ ހުސްޠާހިރުކުރަމެވެ. އަދި އެންމެހާ ފުރިހަމަ ސިފަތަކެއް އެކަލާނގެއަށް ސާބިތުކުރަމެވެ. ފަހެ، މި ޛިކުރުގައި މިވަނީ ތަސްބީޙައާއި ޙަމްދުކުރުން ޖަމާކުރެވިފައެވެ. އެބަހީ؛ ﷲ ތަޢާލާއަށް ޙަމްދުކުރާޙާލު މި އަޅާ އެކަލާނގެއަށް ތަސްބީޙަކިޔަމެވެ. ނުވަތަ؛ މި އަޅާ ﷲ ތަޢާލާއަށް ތަސްބީޙަކިޔައި، އެކަލާނގެއަށް ޙަމްދުކުރުމެވެ. އެހެންކަމުން، މި ޛިކުރަކީ އެންމެ މަތިވެރި ޛިކުރުތަކުގެ ތެރޭގައި ހިމެނޭ ޛިކުރެކެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ކަލިމަފުޅުތަކުގެ ތެރޭގައި ހިމެނޭ ކަލިމަފުޅެކެވެ.

_________________________

([1])  ދިގުވެދާނެކަމަށްޓަކައި މި ދުޢާތަކުގެ ފުރިހަމަ ދިވެހި މާނަ ނުގެނެސް ދޫކޮށްލަމެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ދިވެހިތަރުޖަމާގެ އެކިއެކި ފޮތްތަކުންނާއި، ދުޢާ ފޮތްތަކުންނާއި، ފޯނު އެޕްލިކޭޝަންތަކުން މި ދުޢާތަކުގެ ފުރިހަމަ މާނަތައް ލިބިވަޑައިގަންނަވާނެއެވެ. (މުތަރުޖިމް)

([2]) މި ޛިކުރު 3 ފަހަރު ކިޔުމަށްވެސް ބައެއް ރިވާޔަތްތަކުގައި އައިސްފައިވެއެވެ. ބައްލަވާ: أحمد، 2/ 290، برقم 7898، والنسائي في عمل اليوم والليلة، برقم 590، وابن السني، برقم 68، وانظر: صحيح الترمذي، 3/187، وصحيح ابن ماجه، 2/266، وتحفة الأخيار لابن باز، ص45. (منقول من حصن المسلم) (މުތަރުޖިމް)