- ޢިލްމުގެ ޢަހުލުވެރިން ވިދާޅުވާގޮތުގައި ލޫޠު عليه السلام ޤައުމުގެ މީހުންނަށް ފަހު ކައިރި މުއްދަތެއްގެ ފަހުން ޝުޢައިބު عليه السلام ފޮނުއްވުނެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ وَلَا تَنقُصُوا الْمِكْيَالَ وَالْمِيزَانَ ۚ إِنِّي أَرَاكُم بِخَيْرٍ وَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُّحِيطٍ ﴿٨٤﴾ [هود 84]
މާނަ: “އަދި މަދްޔަނުގެމީހުންގެ ގާތަށް ތިމަންއިލާހު، އެއުރެންގެ އަޚް، ޝުޢައިބުގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އެއިލާހު ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި މިނުމުގައްޔާއި، ކިރުމުގައި، ތިޔަބައިމީހުން އުނިނުކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންވަނީ (ފުދި) ހެޔޮ ޙާލުގައި ކަމަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަނެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ވަށާލައިފައިވާ ދުވަހެއްގެ ޢަޛާބަށް، ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނު ބިރުފުޅު ގަނެއެވެ.”
އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
“މަދްޔަނުގެ މީހުންނަކީ ޢަރަބި ބަޔެކެވެ. އެމީހުން ދިރިއުޅުން ރަށަށް ކިޔަނީ މަދްޔަނެވެ. އެއީ މުޢާންއޭ ކިޔުނު ޤައުމުގެ އަވަށެކެވެ. އަދި އެއީ ޝާމުގެ ކައިރިފަށެވެ. ވިދިގެންވަނީ ޙިޖާޒުގެ ނިމޭ ހިސާބެވެ. އަދި އެއްކައިރީގައިވަނީ ލޫޠުގެފާނުގެ ޤައުމުގެ މީހުން ދިރިއުޅުން ބަޙީރާއެވެ. މަދްޔަނުގެ މީހުން ދިރިއުޅެފައިވަނީ ލޫޠުގެފާނަށްފަހު ދުވަސްކޮޅެއް ފަހުންނެވެ.”
- އިބްރާހީމް عليه السلام އަށް ފަހު ދެން ވަޑައިގެންނެވީ އެކަލޭގެފާނުގެ ދެ ދަރިކަލުން އިސްމާޢީލް عليه السلام އާއި އިސްޙާޤް عليه السلام އެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
فَلَمَّا اعْتَزَلَهُمْ وَمَا يَعْبُدُونَ مِن دُونِ اللَّـهِ وَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۖ وَكُلًّا جَعَلْنَا نَبِيًّا ﴿٤٩﴾ وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا ﴿٥٠﴾ [مريم 49-50]
މާނަ: “ފަހެ، އެކަލޭގެފާނު، އެއުރެންނާއި، ﷲ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެވަޑައިގަތްހިނދު، ތިމަންއިލާހު އެކަލޭގެފާނަށް، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކީ ނަބިއްޔަކު ކަމުގައި ލެއްވީމެވެ. އަދި އެބޭކަލުންނަށް، ތިމަންއިލާހުގެ ރަޙުމަތުގެ ތެރެއިން ދެއްވީމެވެ. އަދި ތިމަންއިލާހު އެބޭކަލުންނަށް (އަންނަނިވި ޖީލުތަކުގެ ދޫމަތީގައި) މަތިވެރިވެގެންވާ ރިވެތި ނަން ލެއްވީމެވެ.”
=ނުނިމޭ=
____________________________