މަރުވެފައިވާ އެއްގަމު ޖަނަވާރުގެ މަސް
ކަތިލުމެއްނެތި މަރުވާ އެއްގަމު ޖަނަވާރުގެމަސް ވަނީ ޙަރާމްކުރެވިފައެވެ. އެކަން އަންގަވައި الله تعالى، المائدة ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީކުރައްވަނީ { حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنْزِيرِ …} މާނައީ: “(އެއްގަމު މަހުގެ ތެރެއިން) މަރުވެފައިވާތަކެއްޗާއި އޮހޮރިގެންއަންނަ ލެޔާއި އޫރުމަސް ތިޔަބައިމީހުނަށް ޙަރާމްވެގެންވެއެވެ.”
މަރުވެފައިވާ މަސްމަހާއިމެހި
عن أبي هريرة رضي الله عنه قال : قَالَ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِيْ البَحْرِ : ((هُوَ الطَّهُوْرُ مَاؤُهُ, الحِلُّ مَيْتَتُهُ)). (أخرجه الأربعة وابن أبي شيبة – واللفظ له – وصححه ابن خزيمة والترمذي)
މާތް الله ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. الله ގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ކަނޑާއި ބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. އެތަނުގެ ފެނަކީ ސާފުތާހިރު އެއްޗެކެވެ. (އެހެނީ ވުޟޫކުރުމާއި ހިނެއުންފަދަ ކަންކަމަށް އެކަނޑުގެ ފެން ބޭނުންކުރެވޭނެ އެވެ). އަދި އެކަނޑުގައި މަރުވެފައިވާ (އެންމެހައި މަސްމަހާމެއްސާއި، އަދި އެތަނުގައި ދިރިޅޭ އެހެނިހެން ބާވަތުގެ) އެއްޗެތި ހުއްދަވެގެންވެއެވެ.
މިޙަދީޘްރިވާކުރެއްވީ ސުނަންގެ ބޭކަލުންނާއި އިބްނު އަބީ ޝައިބާއެވެ. އަދި އިބްނު ޚުޒައިމާ އާއި ތިރްމިޒީ މިޙަދީޘް ޞައްޙަކުރައްވައެވެ.
މި ޙަދީޘުން ލިބޭ ބައެއް ފައިދާތައް:
- ކަނޑުގެ ލޮނުގަނޑަކީ ޠާހިރުއެއްޗެއްކަމާއި ޢިބާދާތުގެ ކަންކަމުގަޔާއި ކެއްކުންފަދަ ކަންކަމުގައި ބޭނުންކުރެވޭނެކަން.
- ކަނޑުގައި މަރުވެފައިވާ މަހާއި، ކަނޑުގައި ދިރިއުޅޭ އެހެނިހެންތަކެތި ކެއުން ހުއްދަވާނެކަން.
- ކަނޑުގައި ދިރުއުޅޭ މަސްމަހާމެއްސާއި އަދިވެސް އެހެނިހެން ބާވަތްތައް ކަތިލުން ނުވާކަން.