އޯގާތެރި ބޮޑުބޭބޭފުޅުގެ ބެއްލެވުމުގެ ދަށުގައި
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވައްސަލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު އަވަހާރަވުމުން، އެކަލޭގެފާނު ބެލެހެއްޓެވުމާއި ހަވާލުވެވަޑައިގެންނެވީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުއެވެ. އެގޮތުން އަބޫޠާލިބު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީ އެކަލޭގެފާނަކީ އަމިއްލަ އުފަން ދަރިކަލެއްގެ ގޮތުގައި ދެކެވަޑައިގެންނެވެ. އަބޫޠާލިބުގެ އަމިއްލަ ދަރިދަރިކަލުންނަށްވުރެވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިސްކަންދެއްވައެވެ. އެކަލޭގެފާނަށް ފުރިހަމަ އިޙްތިރާމް ދެއްވަވައި އެކަލޭގެފާނުގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓަވަމުން ގެންދެވިއެވެ. އަދި އެންމެހައި ކަންކަމެއްގައިވެސް އެކަލޭގެފާނަށް އަބަދުވެސް އެއްބާރުލުންދެއްވައި، ޙިމާޔަތާއި ރައްކާތެރިކަން ދެއްވަމުން ގެންދެވިއެވެ. އަދި އެކަލޭގެފާނުގެ ދިފާޢުގައި މީސްތަކުންނާއި ޖަދަލުކުރައްވައެވެ. މިގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެގާތް އެކުވެރިއެއްގެ ގޮތުގައި އަބޫޠާލިބު ސާޅީހަށްވުރެ ގިނަ އަހަރު އެކަލޭގެފާނާއި އެކުގައި ހޭދަކުރެއްވިއެވެ.
ފުރަތަމަ ކުރެއްވެވި މަސައްކަތްޕުޅު
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ޒުވާން އުމުރުފުޅަށް އެޅެމުންދިޔަ ދުވަސްވަރު، ކުރައްވަމުންގެންދެވި ވަކި ޚާއްސަ މަސައްކަތްޕުޅެއް ނެތެވެ. ނަމަވެސް އެކަލޭގެފާނު ބަނީސަޢުދު ޤަބީލާގައި ބަކަރި ހުއިހެއްޕެވިއެވެ. އަދި މައްކާގެ އަހުލުވެރިންނަށް އަގަށް ބަކަރި ހުއިހައްޕައިދެއްވެވިއެވެ. ބެލެވޭގޮތުގައި އެކަލޭގެފާނު ވިޔަފާރީގެ މަސައްކަތަށް ބަދަލުވެ ވަޑައިގެންނެވީ، ފުރިހަމަ ޒުވާން އުމުރުފުޅުގައެވެ.
ފާދިރީ ބަހީރާގެ ވާހަކަ
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުމުރުފުޅުން ބާރަ އަހަރުފުޅު ފުރުމުން، އެކަލޭގެފާނު ގޮވައިގެން އަބޫޠާލިބު ވިޔަފާރި ދަތުރެއްގައި ޝާމްކަރައަށް ވަޑައިގެންނެވިއެވެ. އަދި މި ދަތުރުގައި ބުޞްރާއާއި ހަމައަށްދެވުމުން، އެރަށަށް ގާފިލާ މަޑުކުރިއެވެ. މިރަށުގައި ބަހީރާގެ ނަމުން މަޝްހޫރުވެފައިވާ ފާދިރީއަކު ނުވަތަ އަޅުވެރިއަކު އުޅުނެވެ. ބުނެވޭގޮތުގައި މިފާދިރީގެ އަސްލު ނަމަކީ ޖަރްޖީސް އެވެ. ދެން މިވިޔަފާރި ގާފިލާ އެހިސާބަށް މަޑުކުރުމުން، މިދެންނެވި ފާދިރީ އެބައިމީހުންނާއި ބައްދަލުކޮށްފިއެވެ. މީގެ ކުރިން މިބައިމީހުން، މިފަދައިން ވިޔަފާރި ދަތުރުތަކުގައި އައިސް، އެ ހިސާބަށް މަޑުކުރިނަމަވެސް، މިދެންނެވި ފާދިރީ، އެބައިމީހުންގެ ތެރެއަށް ނުކުމެއުޅޭކަމުގައެއް ނުވެއެވެ. ދެން ގާފިލާގެ ތެރޭގައި މީސްތަކުންނަށް ބަލަމުން، ހިނގަމުން ހިނގަމުން ގޮސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ހަމައަށް ދެވުމުން، އެކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕެވިއެވެ. އަދި ވިދާޅުވިއެވެ. މިއީ އެންމެހައި މީސްތަކުންގެ ސައްޔިދެވެ. ނުވަތަ ލީޑަރެވެ. މިއީ ޢާލަމްތަކުގެ ވެރި ރައްބުގެ ރަސޫލެވެ. ﷲ ތަޢާލާ މިކަލޭގެފާނު ޢަލާމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވާނެއެވެ. ދެން އަބޫޠާލިބު ދަންނަވައިފިއެވެ. ތިޔަކަން ތިޔަހެން ވާނެކަން ތިބާއަށް އެނގުނީ ކިހިނަކުން ހެއްޔެވެ. ފާދިރީ ދަންނަވައިފިއެވެ. ތިޔަބައިމީހުން “ޢަޤަބާ” އާއި ދިމާއިން އައިއިރު، އެކަލޭގެފާނަށްޓަކައި ސަޖިދަ ނުކުރާ ހިލައެއް އަދި ގަހެއްވެސް ނުވެއެވެ. ނަބީބޭކަލަކަށްޓަކައި މެނުވީ އެތަކެތި ސަޖިދަނުކުރާނެތެވެ. އަދި އާފަލެއްގެ ބައްޓަމަށް އެކަލޭގެފާނުގެ ދެކޮނޑުފުޅުގެ ތިރީގައިވާ ފާހަގަ ނުވަތަ ނަބީކަމުގެ ސިއްކަ ފެނިފައި އެއީ ނަބީބޭކަލެއްކަން ތިމަންނައަށް އެނގިއްޖެއެވެ. އެހެނީ ތިމަންމެންގެ ފޮތްތަކުން އެވާހަކަތައް ތިމަންނަމެން ކިޔައިއުޅެމެވެ.
ދެން އެގާފިލާގެ މީސްތަކުންނަށް ވަރަށް ފުރިހަމައަށް މެހެމާންދާރީ އަދާކުރައްވައި މާތްކޮށް ހިތްތެވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝާމްކަރައަށް ގެންދިޔުމުގެ ބަދަލުގައި، އެކަލޭގެފާނު އަނބުރާ މައްކާއަށް ފޮނުއްވައިލެއްވުމަށް އަބޫޠާލިބަށް ނަސޭހަތްތެރިވިއެވެ. އެއީ ޝާމްކަރައަށް އެކަލޭގެފާނު ގޮވައިގެން ވަޑައިގެންފިނަމަ، ޔަހޫދީންގެ ކިބައިން، އެކަލޭގެފާނަށް ނުރައްކަލެއް ކުރިމަތިވެދާނޭކަމުގެ ބިރުއޮތުމުންނެވެ. ދެންފަހެ، އަބޫޠާލިބު، މި ފާދިރީގެ ނަސޭހަތް ގަބޫލުކޮށް ބަޔަކުމީހުންގެ ބެލެހެއްޓެވުމާއި ހަވާލުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއަށް އަނބުރާ ފޮނުއްވައިލައްވައިފިއެވެ.
-ނުނިމޭ-
މަޞްދަރު: “السيرة النبوية للأطفال والناشئة” لمسعد حسين محمد