[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (1)

ހުރިހާ ކުދިންނަކީވެސް އެކުދިން ތަރުބިއްޔަތުކުރާ މީހުން ވަރުބަލިކުރުވާނެ ކުދިންނެވެ.

ދަރިން ތަރުބިއްޔަތުކުރުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. އެކަމުގައި ކުރީގެ ޖީލުތަކާއި، މިޖީލުގެ ތަފާތެއް ނެތެވެ.

މިޖީލުގެ ކުދިންގެ ފުށުން މިކުރިމަތިވާފަދަ ކަންކަމާއި ކުރިމަތިލާކަށް އަހަރެންނަކަށް ނުޖެހުނެވެ. އަދި އަހަރެންގެ ކުދިންގެ ކިބައިން ޝައްކުވާފަދަ އެއްވެސް ބަދަލެއްވެސް އަހަރެންނަށް ފާހަގަކުރެވިފައެއް ނެތެވެ. އަހަރެންނަކީ ފަސް ފިރިހެންކުދިންގެ މަންމައެއް ކަމުގައި ވީހިނދުވެސް، އަހަރެންނަށް އެކުދިން ބެލެހެއްޓުމުގައި އުނދަގޫތަކެއް ކުރިމަތިނުވެއެވެ. (އޭގެ ތެރެއިން އެންމެ ދޮށީ ދަރިފުޅަށް 27 އަހަރު ފުރިއްޖެއެވެ. އަދި އެންމެ ހަގު ދަރިފުޅަށް 14 އަހަރުވަނީއެވެ.) ހަމަ މިދުވަސްވަރުގައި، އެހެން މައިން އެމީހުންގެ ދަރިން ބެލެހެއްޓުމުގައި ދަތިތަކާއި ކުރިމަތިވަމުން ދިޔަތަން އަހަރެން ދުށީމެވެ. އަދި މިޖީލުގެ ކުދިންގެ ތޫނުފިލިކަމާއި، އަދި އެކުދިން މައިންބަފައިންނާއި ދެކޮޅުވެރިވާ މިންވަރުގެ ބޮޑުކަމާއި، އަދި އެކުދިންނަށް މަގުދައްކައިދީ ހެދުމުގެ ހުރި އުނދަގޫތަކުގެ ޝަކުވާ، މައިން ކުރާ އަޑު އަހަރެން އެހީމެވެ.

ކޮންމެ ޒަމާނެއްގައިވެސް އަދި ކޮންމެ ތަނެއްގައިވެސް، އުޅޭ ކޮންމެ މަޔަކަށް ކުރިމަތިވާ އުނދަގޫތައް އަހަރެންނަށްވެސް ކުރިމަތިވިއެވެ. އެއީ ކުދިންގެ އަޑުގަދަކަމާއި، ހަލަނިކަމާއި، ގޭތެރޭގެ އެތަންމިތަނަށް އެއްޗެހި އުކާފައި ހުރުމާއި މިފަދަ ކަންކަމުންނެވެ. (އަހަރެން އުޅުނީ ޚާދިމަކާއި ނުލައެވެ.) އެންމެ އުނދަގޫ ކަމަކަށް އަހަރެންނަށް ކުރިމަތިވީ އެކުދިން އެކަކު އަނެކަކާއި ދެބަސްވާ ދެބަސްވުންތަކެވެ. އަދި އަހަރެންނަށް ފުރިހަމަ ނިދި ނުލިބުމާއި، އަހަރެން އަރާމުކޮށްލަން ލިބޭ ވަގުތަށް ބުރުއެރުމެވެ. އެކުދިންގެ އުޅުން އިސްލާހުކުރުމުގައާއި، އެކުދިންގެ އެކިކަންކަން ބެލެހެއްޓުމުގެ ސަބަބުން އަހަރެންނަށް ވަރުބަލިކަން އިހުސާސްވިއެވެ. ރިވެތި އުސޫލުތަކާއި، ރިވެތި އަދަބުތައް ކިޔައިދިނުމުގައި ވަރުބަލިވާ ވަރަށް އުޅުނީމެވެ. އެކުދިންގެ ޢަޤީދާ ސަލާމަތްކަން މަތީ ދެމެހެއްޓޭތޯ ބެލުމުގައްޔާއި، އެކުދިން އަޅުކަންތައް އަދާކުރަނީ ރަނގަޅަށްތޯ ބެލުމުގައި އަހަރެން ވަރުބަލިވާ ވަރަށް ވަގުތު ހޭދަކުރީމެވެ. އަހަރެން ވަރުބަލިކުރުވީ މިފަދަ ކަންކަމެވެ. ހަމަ މިއާއެކުވެސް، އެހެނިހެން މައިންނެކޭ އެއްފަދައިން އަހަރެން ގަދައަޅައި މަސައްކަތްކުރީމެވެ. ވަރުބަލިކަން އިހުސާސްވާ ވަރަށެވެ.

މިހާ ހިސާބުން އަހަރެންގެ ވާހަކަ ފަށައިގެން ކުރިއަށް ދާނަމެވެ.

އެންމެ ކުޑައިރުއްސުރެ، އަހަރެން ކުޑަކުދިން ދެކެ ވަރަށް ލޯބިވެއެވެ. އެހެންކަމުން، އެކުދިން ތަރުބިއްޔަތުކުރުމުގައާއި، އެކުދިންނާއި މުޢާމަލާތްކުރުމުގައި ވީ އެންމެ ފުރިހަމައަށް އެކަން ކުރެވޭތޯ އަހަރެން މަސައްކަތްކުރަމެވެ. ވަރަށް ރަނގަޅު ކުދި ބަޔަކު ބޮޑެތިކުރުމަށްޓަކައި، ރަގަޅު އިރުޝާދުތަކަށް އަހަރެންވެސް ބޭނުންވިއެވެ. އެހެންވެ އަހަރެންގެ ތިމާގެ މީހުންނާއި، ދަންނަ އެހެން މީހުން ދަރިން ތަރުބިއްޔަތު ކުރާގޮތް އަހަރެން ބެލީމެވެ. އަދި އެމީހުން ކުޑަކުދިންނާމެދު، ހަރުކަށިވާ ދަނޑިވަޅުތަކުގައާއި، އެކުދިންނާމެދު ފަރުވާކުޑަކުރާތީ އެކަމާ އެމީހުންނަށް ފާޑު ކީމެވެ.

އަހަރު ތަކަކަށްފަހު އަހަރެންވެސް މީހަކާ އިނީމެވެ. އަދި ދަރިން ލިބި، އެކުދިން ތަރުބިއްޔަތުކުރުމުގައި އަހަރެންގެ ހުރިހާ ވަގުތެއް ހޭދަކުރީމެވެ. އެހާ ހިސާބުން މިއީ ކިހާ ބޮޑު، އަދި ކިހާ ބުރަ މަސައްކަތެއްކަން އަހަރެންނަށް ވިސްނުނެވެ. އަދި ކުރިން ކަންތައް ކުރިހެން، މައިން އެމީހުންގެ ކުދިން ތަރުބިއްޔަތުކުރާ ގޮތަށް އަހަރެން ފާޑުނުކިޔަމެވެ. އަހަރެންނަށްވެސް މިކަން ތަޖުރިބާކުރެވި، މިއީ ދަތި އުނދަގުލާއި، އެތައް ބުރައެއް ހިމެނޭ ކަމެއްކަން އެނގުނީމައެވެ. ކުރިމަތިވާ މިފަދަ ގޮންޖެހުން ތަކުގެ ތެރޭގައި، އަބަދުވެސް އެންމެންގެ ތެރޭގައި އާއްމު ކަންކަމާއި، އަލަށް އުފެދިގެން އަންނަ ގޮންޖެހުންތައް ހިމެނެއެވެ.

އަހަރެންގެ ތަޖުރިބާއިން އިތުރު ކަމެއްވެސް އަހަރެންނަށް ދަސްވިއެވެ. އެއީ މައިންގެ ކިބައިން އެފެންނަ އުނި ކަންތައްތަކުގެ ސިއްރަކީ ކޮބައިކަމާއި، އަދި އަހަރެމެންގެ ނަޒަރު އެއުނި ސިފަތަކަށް ހުއްޓޭ ސަބަބެވެ. އެއީ، މައިން އެމީހުންގެ ދަރިން ތަރުބިއްޔަތު ކުރާތަން ދުރުން ބަލާމީހުން އެހީކުރަނީ ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް ފަސޭހަ ކަމެއްކަމަށެވެ. އެހެނަސް، މިކަން ކުރާ، އަދި ދަރިން ތަރުބިއްޔަތުކުރުމުގެ ބުރަ އުފުލާފައިވާ ކޮންމެ މީހަކު މިކަމާ ދެބަހެއްނުވާނެއެވެ.

ކުޑަކުދިންގެ ކަންކަމުގެ ޒިންމާ ނަގައި، އެކުދިންނަށް މަގު ދައްކައިދީ، އެކުދިން ރައްކާތެރިކޮށް، އަދި އެކުދިންގެ އުނދަގޫކުރުންތަކުގެ ރަހަ އަހަރެންނަށް ލިބެން ފެށުމުން، ކުރިން އަހަރެން ކުދިންދެކެ ވާ ލޯތްބާއިމެދު ވިސްނާލީމެވެ. އަދި ބާރަ ކުދިން ހޯދަން އަހަރެން ކުރިން ވިސްނި ވިސްނުން ދޫކޮށްލީމެވެ. އެއީ އަހަރެންގެ ކުދިންދެކެ ވަރަށް ބޮޑަށް ލޯބިވާ ޙާލުގައި ވިއަސްމެއެވެ. ދުނިޔޭގެ ހުރިހާ ކަމަކަށްވުރެވެސް އެކުދިން، އަހަރެން އިސްކުރީމެވެ. އަދި އެކުދިންނަށްޓަކައި، ވަޒީފާ ދޫކޮށް، އަދި ތަޢުލީމު ޙާސިލުކުރުމާއި، އިޖުތިމާޢީ ގުޅުންތައްވެސް މަޑުޖައްސައިލީމެވެ. އަދި އަހަރެންގެ ޤާބިލިއްޔަތު ހުރި އެންމެ މައްޗަކަށް، އެކުދިންނަށް، އަހަރެންގެ ނަފްސުންނާއި، ވަޤުތުންނާއި، މުދަލުން ހޭދަކުރީމެވެ. އެއީ ކިތަންމެ ވަރުބަލިކުރުވާ، އަދި އުނދަގޫ ކަމެއް ކަމުގައިވީ ނަމަވެސް އަހަރެން އެކަންކުރުމުގައި ކެތްތެރިވެ، ގަދަ އަޅައި މަސައްކަތްކޮށް، އެކުދިން ބަލައިބޮޑުކުރީމެވެ.

ދަރިންތަރުބިއްޔަތު ކުރުމުގެ މައިދާނުގައި ގަދައަޅައި މަސައްކަތްކުރަމުން ދިޔައިރު، އަހަރެންނަށް ވަރަށް އަޖައިބުކުރަނިވި ކަންކަން ފާހަގަކުރެވުނެވެ. އަދި ފައިދާ ހުރި ވަރަށް ގިނަ ތަޖުރިބާތައްވެސް ޙާސިލުކުރެވުނެވެ. އެކަމަކު އަހަރެން އެތަޖުރިބާތަކެއް ނުލިޔަމެވެ. ދުވަސްތައް މާޒީވެ ދިޔަވަރަކަށް، އަހަރެންވި ވަރުބައްޔާއި، ހަމަނިދި ނުލިބި ހޭދަކުރެވުނު ރޭތަކުގެ މަތިންނާއި، ކުރިމަތިލާންޖެހުނު އުނދަގޫތައް މަތިން ހަނދާންނެތުނެވެ. އަދި ﷲގެ ފަޟްލަވަންތަވެރިކަމުން އަހަރެންގެ ދަރިން، ކާމިޔާބު ޒުވާނުންތަކަށް ވެފައިވާ ތަން ފެނުމުން، އަހަރެންގެ އުފާވެރިކަން، އެހިތާމަތަކުގެ މައްޗަށް ކުރި ހޯދިއެވެ.

އެކަމަކު، މިއަދުގެ ޖީލުގެ ކުދިންނާމެދު، މައިންގެ ޝަކުވާތައް ގިނަވެ، އަޑުގަދަވެ، އަދި އެމައިންގެ ހިތުގައި ދަރިން ތަރުބިއްޔަތުކުރުމާބެހޭ ސުވާލުތައް ގިނަވެ، އަދި އެކަމުގައި ހިފަން އޮތް އެންމެ ރަނގަޅު މަގަކީ ކޮބައިތޯ ސުވާލުކޮށް ހަދަން ފެށުމުން، އެމައިންގެ ޢަމަލުތަކަށް ސަމާލުކަންދީ، ދިރާސާކުރަން ފެށީމެވެ. އަދި އަހަރެންނަށް ފާހަގަވީ، ގިނަ މީހުންނަށް މީގެ ސަބަބު ފޮރުވިފައިވާ ކަމެވެ. ނުވަތަ ނޭނގިވާ ކަމެވެ. ކުދިން ތަފާތު ޖީލަކަށް ނިސްބަތްވުމާއި، އެކުދިންގެ މައްޗަށް އަމުރުވެރިވުމަށް ދަތިވުމަކީ ކޮންމެ މައަކަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. އަދި ޒުވާނުންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމާއި، އަދި އެކުދިންނަށް އެންމެ ދުޅަހެޔޮ ގޮތުގައި ކަންކަމަށް މަގުދެއްކުމަކީ މުރައްބީން (ތަރުބިއްޔަތު ކުރާ މީހުން) އެންމެ ޖެހިލުންވާކަމެއްކަމުގައި ވަނީ ވެފައެވެ.

އެހެންކަމުން، ފަސްފިރިހެން ކުދިން ތަރުބިއްޔަތުކުރުމަށްފަހު، ތަރުބިއްޔަތުގެ މައިދާނުން، ސަލާމަތްކަމާއި، ކާމިޔާބާއެކު ނިކުމެވުމުން (ﷲއަށް ޙަމްދު ހުއްޓެވެ.) އަހަރެން ގަސްތުކުރީ މައިންނަށް އެހީތެރިވެދޭށެވެ.  އެގޮތުގެ މަތީން، މިޖީލުގެ ކުދިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންނަށް ކުރިމަތިވާ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމުގެ ޢަޒުމުގައި މިފޮތް ލިޔަން ގަސްތުކުރީމެވެ. އަދި މިޖީލުގެ ޙާލަތު ރަނގަޅަށް ދެނެގަނެ، އެއަށްފަހު އެކަމަށް އެންމެ ރަގަޅު ޙައްލާ ހަމައަށް ވާސިލުވުމުގެ ގޮތުންނާއި، އަދި ތަރުބިއްޔަތު ކުރުމަށް އޮތް އެންމެ ދުޅަހެޔޮ މަގު ބަޔާންކޮށް ފަސޭހަކޮށްދިނުމަށްޓަކައެވެ.

*****

އަހަރެން މިފޮތް ފަށާނީ އަހަރެންގެ ތަޖުރިބާ ހިއްސާކުރަމުންނެވެ. އަދި ތަރުބިއްޔަތުކުރުމުގައި ދިމާވި ދަތިއުނދަގޫތައް ބަޔާންކޮށްދޭނަމެވެ. އެއީ މީގެ ކުރިން މީހަކު މިހާ ސާފުކޮށް ބަޔާންނުކޮށްދޭ، އަދި މިފަދަ އުނދަގޫތަކާމެދު ޝަކުވާވެސް ކޮށްފައިނުވާނެ ފަދަ ކަންކަމެވެ. އެހެންކަމުން، އަހަރެންނަށް ކުރިމަތިވި ގޮންޖެހުންތަކާއި، ދަތިއުނދަގޫތައް ތިޔަ ކިޔުންތެރިޔާ ހައިރާންކުރުވާނެއެވެ. އެއީ މިކަންކަމަކީ ތިބާ ހީވެސް ނުކުރާހާ، އަދި އެކަމަކާއިމެދު ޝަކުވާވެސް ނުކުރާ ފަދަ ކަންކަމެވެ. އަދި މިޖީލު ފަސާދަވެފައިވާ ކަމަށް ބުނެ ތިޔަކުރާ ޝަކުވާތަކާ ނުބައްދަލުކަންކަމެވެ.

*****

____________________________

މިއީ عَابِدَةُ الـمُؤَيَّدُ الْعَظْمُ ލިޔުއްވާފައިވާ ((لِئَلَّا يَتَمَرَّدَ أَوْلَادُنَا)) މި ފޮތުގެ ތަރުޖަމާއެކެވެ.

____________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!