(41) މުސްލިމު ނޫން ޤައުމެއްގައި ދިރިއުޅެމުންދާ މުސްލިމުންނަށް ކުރިމަތިވާ އެންމެބޮޑު އުނދަގޫކަމަކީ: ޞައްޙަ އިސްލާމީ ތަރުބިއްޔަތަކުން ދަރިންނަށް ތަރުބިއްޔަތު ދިނުމެވެ. އަދި މިފަދަ ޤައުމުތަކުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. އެއީ؛ ޢަޤީދާގެގޮތުން، ނުވަތަ އަޚްލާޤީގޮތުން، ނުވަތަ އިޖްތިމާޢީގޮތުން، ނުވަތަ ތަޢުލީމީގޮތުންފަދަ ގޮތަކުން ކުރިމަތިވާ ގޮންޖެހުންތައްކަމުގައިވީނަމަވެސްމެއެވެ.
(42) (ޚާއްޞަގޮތެއްގައި) މުސްލިމު ނޫން ޤައުމެއްގައި ދިރިއުޅޭ މުސްލިމެއްގެ މައްޗަށް ވަނީ: ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމެވެ. އެއީ؛ ޝުބުހަތަކުންނާއި،([1]) ޝަހުވަތްތަކުން ރައްކާތެރިކޮށްދިނުމުގެ މައިގަނޑު އަޞްލެވެ.
(43) (ޚާއްޞަގޮތެއްގައި) މުސްލިމު ނޫން ޤައުމެއްގައި ދިރިއުޅޭ މުސްލިމެއްގެ މައްޗަށް ވަނީ: ޖަމާޢަތުގައި ނަމާދުކުރުމަށާއި، ގިނަގިނައިން ޒިކުރުތައް ކުރުމަށާއި، އެންމެހާ ކަމެއްގައި ﷲގެ ޙަޟްރަތުން ވާތްގަށް އެދުމަށް ދަރިން ތަރުބިއްޔަތުކުރުމެވެ. އަދި ދަރިފުޅުގެ ކަންކަމާމެދުގައި ސުވާލުކުރުމާއި، ދީނީ ފަރުޟުތައް އަދާކުރާގޮތް ބަލަހައްޓަންޖެހެއެވެ.
(44) (ޚާއްޞަގޮތެއްގައި) މުސްލިމު ނޫން ޤައުމެއްގައި ދިރިއުޅޭ މުސްލިމެއްގެ މައްޗަށް ވަނީ: އެ ޤައުމުތަކުގައިވާ މިސްކިތްކާއި އިސްލާމީ މަރުކަޒުތަކާ ދަރިން ގުޅުވުމެވެ. އަދި އެކަމުގައި އެދަރިންނަށްވާ ރިވެތި ނަމޫނާއެއްކަމުގައި ވުމެވެ.
(45) (ޚާއްޞަގޮތެއްގައި) މުސްލިމު ނޫން ޤައުމެއްގައި ދިރިއުޅޭ މުސްލިމެއްގެ މައްޗަށް ވަނީ: ވަރަށް މަތީ ދަރަޖައަކަށް ޢަރަބިބަހަށް އަހައްމިއްޔަތުކަން ދިނުމެވެ. ޢަރަބިބަހަކީ އިސްލާމްދީނާއި ޤުރްއާނުގެ ބަހެވެ. ގޭތެރޭގައި އުޅޭއިރު އަބަދުވެސް ޢަރަބިބަހުން ވާހަކަދެއްކުމަށް ސަމާލުކަން ދިނުމެވެ. ޢަރަބިބަހުން ވާހަކަދެއްކުމުގެ ބައްދަލުވުންތައް ބާއްވައި، އެފަދަ ބައްދަލުވުންތަކުގައި ﷲ ތަޢާލާގެ ފޮތާމެދު ޚިޔާލުބަދަލުކޮށް، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްތައް ކިޔަވައި ހެދުމެވެ.
އެފަދަ މުޖުތަމަޢުއެއްގައި އުޅޭއިރު، އެކުދިންގެ އީމާންކަމުގެ މުސްތަޤުބަލު ވަނީ ނުރައްކާތެރިކަމެއްގެ ތެރޭގައިކަން ވިސްނަންޖެހޭނެއެވެ. މިފަދަ ޙާލަތްތަކުގައި އެވަނީ ޢަރަބިބަސް ހަނދާންނެތުމުގެ ކޮޅުމައްޗެއްގައިކަން ދަންނަންވާނެއެވެ. ފަހެ، ޢަރަބި ޤައުމުތަކުން އެފަދަ ޤައުމުތަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ، ޢަރަބިބަހުން ވާހަކަދައްކަމުންދާ ފަރާތްތަކަށްފަހު، ތިރީސް ނުވަތަ ސާޅީސް އަހަރުފަހުން، މިހާރުގެ ޖީލުތައް ނެތިގެން ދިޔުމަށްފަހު، އެބައިމީހުންގެ ތެރޭގައި ޢަރަބިބަސް ޙިމާޔަތްކުރާނީ ކާކު ހެއްޔެވެ؟ ފަހެ، އެފަދަ ޤައުމުތަކުގައި އުފަންވެގެން އަންނަ ޖީލުތަކުގެ ކުދިން ވާނީ އެ ޤައުމެއްގެ ބަޔަކު ވާހަކަދައްކާ ބަހުރުވައިން ވާހަކަދައްކާ ބަޔަކަށެވެ. އަދި ޢަރަބިބަހުގެ އަސަރު މަޑުމަޑުން ފަނޑުވެ ނެތިގެން ދާނެއެވެ.([2]) إِنَّا لِلَّةِ وَإِنَّا إِلَيْهِ رَاجِعُونَ.
(46) މުހިއްމުވެގެންވާ ކަންކަމުގެ ތެރޭގައި: (ޚާއްޞަގޮތެއްގައި) މުސްލިމު ނޫން ޤައުމެއްގައި އުޅޭއިރު، ދަރިން އެކުވެރިވެ އުޅެނީ ކޮންބަޔަކާތޯ ބަލަންޖެހެއެވެ. އެ އެކުވެރިންނާބެހޭގޮތުން ސުވާލުކޮށް، އެ އެކުވެރިންގެ އަޚްލާޤާއި އެ އެކުވެރިން ލެނބިގެންދާ ކަންކަމަކީ ކޮބައިކަން ދެނެގަންނަންޖެހެއެވެ. އަދި ދެޖިންސުގެ ދެމެދުގައި ގާތްގުޅުންތައް ބޭއްވުމަކީ މުޅިން މަނާކުރަންޖެހޭނެ ކަމެކެވެ. މިފަދަ ގުޅުންތަކަކީ ޙަރާމް ގުޅުންތަކެކެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން ދަރިންނަށާއި ގެއަށްވެސް އެކަމުގެ މުޞީބާތާއި ފިތުނަވެރިކަން ކުރިމަތިވާ ހުއްޓެވެ.
(47) (ޚާއްޞަގޮތެއްގައި) މުސްލިމު ނޫން ޤައުމެއްގައި ދިރިއުޅޭ މުސްލިމެއްގެ މައްޗަށް މުހިއްމުވެގެންވާ ކަންކަމުގެ ތެރޭގައި: ދެޖިންސު މަސްހުނިނުވާފަދަ އިސްލާމީ މަދަރުސާތަކުގައި ކިޔަވައިދިނުމަށް ސަމާލުކަން ދޭންވާނެއެވެ. އެފަދަ މަގެއް ތަނަވަސްވެފައިނުވާނަމަ، އެފަދަ ދުރުންދޭ ތަޢުލީމީ ކިޔެވުމެއްގައި ކުއްޖާ ބައިވެރިކުރާނީއެވެ.
(48) (ޚާއްޞަގޮތެއްގައި) މުސްލިމު ނޫން ޤައުމެއްގައި ދިރިއުޅޭ މުސްލިމެއްގެ މައްޗަށް މުހިއްމުވެގެންވާ ކަންކަމުގެ ތެރޭގައި: ކޮންމެ ދުވަހަކު ދަރިންގެ ކަންކަން ގާތުން ބެލުންވެއެވެ. ޚާއްޞަގޮތެއްގައި ފުރާވަރަށް އަރައިގެން އަންނަ ދުވަސްވަރުގައެވެ. މައިންބަފައިންގެ ލޯތައް އަބަދުވެސް ހުންނަންޖެހޭނީ އެބައިމީހުންގެ ފިރިހެން ދަރިންނާއި އަންހެން ދަރިންނަށް ހުޅުވާލެވިފައެވެ. އެކުދިން ބޮޑުވެ، މަސްއޫލިއްޔަތުތައް އަމިއްލައަށް ނަގަންޖެހޭ ޢުމުރުފުރައަށް އަރަންދެނެވެ. އެހެނީ؛ ހުޅަނގުގެ ޤައުމުތަކުގައި އުޅޭ މުސްލިމުކުދިން އުޅެމުން އެގެންދަނީ، ހަލާކުކުރުވަނިވި ކަންކަމާއި، ހެއްލުންތެރި ކުރުވަނިވި ކަންކަމާއި، ފިތުނަތަކާއި، ނަފްސާނީ އަދި އިޖްތިމާޢީ މަގު ފުރެދުންތަކުން ފުރިފައިވާ މުޖުތަމަޢުތަކެއްގެ ތެރޭގައެވެ.
ﷲ ތަޢާލާއަށް އަޅަމެން އެދި ދަންނަވަނީ؛ އެކަލާނގެ ލޯބިވެވޮޑިގެންވާ އަދި އެކަލާނގެ ރުއްސަވާވޮޑިގެންވާ ކަންކަމަށް އަޅަމެންނަށް ތައުފީޤު ދެއްވުމަށެވެ. އަދި އަޅަމެންގެ ދަރިފަސްކޮޅުގައި ބަރަކާތް ލެއްވުމަށެވެ. ﴿رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ މާނައީ: “އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ޙަޔާތުގެ ބައިވެރިންގެ (އެބަހީ؛ އަނބިންނާއި ފިރިންގެ) ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!”
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ.
_____________________
([1]) ޝުބްހަތަކަކީ: ގެންނަ ކުށްހީތަކެވެ. މުސްލިމް ނޫން ޤައުމެއްގައި އުޅުމަކީ އެކަމުގެ ސަބަބުން އިސްލާމްދީނާމެދު ހުންނަ ކުށްހީތަކަށާއި، އިސްލާމްދީނާމެދު ޝައްކު އުފެއްދުމުގެ ތެރެއަށް ކުދިން ވަރަށް ފަސޭހައިން ހުށަހެޅޭނެކަމެކެވެ. (މުތަރުޖިމް)
([2]) ކަންހިނގާނެ މަގަކީ މިއީއެވެ. ވަރަށް ވިސްނުންތެރިވެ، ހޭލާހުރެއްޖެއްނަމަ ނޫނީ އެފަދަ ޤައުމެއްގައި އުޅޭއިރު، އަމިއްލަ ޤައުމުގައިވާ ރަނގަޅު އާދަތަކާއި، ރިވެތި އަޚްލާޤާއި، އިސްލާމްދީނުގެ އަސަރުތައް ފަސޭހަކަމާއެކު ފިލައިގެން ދިޔުމަކީ ދާދިގާތުގައިވާ ކަމެކެވެ. އަދި ދީނުގައި ނަހީކުރައްވާފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަނެވުމަކީވެސް ފަސޭހަކަމެކެވެ. ޚާއްޞަގޮތެއްގައި މުސްލިމުން މަދު ޤައުމުތަކުގައި އުޅޭނަމަ މިކަމުގެ ބިރުވެރިކަން ބޮޑުވެގެންވެއެވެ. (މުތަރުޖިމް)