-
ފިރުޢައުނުގެ ޢާއިލާގެ ތެރޭގައިވި މުއުމިނު ބޭކަލެއް
މޫސާގެފާނު ޤަތުލުކޮށްލުމަށް ފިރުޢައުނު ޤަޞްދުކުރި އެވެ. އެހިނދު އީމާންކަން ފޮރުވައިގެން ހުރި ފިރުޢައުނުގެ ޢާއިލާގެ ބޭކަލަކު ފިރުޢައުނާއި ދެކޮޅަށް ތެދުވިއެވެ. އޭނާ ބުންޏެވެ.
)أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّيَ اللَّـهُ وَقَدْ جَاءَكُم بِالْبَيِّنَاتِ مِن رَّبِّكُمْ( [1]
މާނަ: “ތިޔަބައިމީހުން މީހަކު (އެބަހީ: މޫސާގެފާނު) ތިޔަ ޤަތުލުކުރަން އުޅެނީ ތިމަންގެ ރައްބަކީ، اللَّه އޭ އެކަލޭގެފާނު ވިދާޅުވާތީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތީ، ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން ފާޅުވެގެންވާ ހެކިތަކާއިގެންނެވެ.”
އެ ބުއްދި ވެރި ބޭކަލަކު ފިރުޢައުނަށް ބުންޏެވެ.
)وَإِن يَكُ كَاذِبًا فَعَلَيْهِ كَذِبُهُ( [2]
މާނަ: “އަދި އެކަލޭގެފާނު ދޮގުވެރިޔެއް ކަމުގައިވާނަމަ، އެކަލޭގެފާނުގެ ދޮގުގެ ގެއްލުން ހުރީ ހަމައެކަލޭގެފާނަށެވެ.”
އަދި ކަލޭމެން ތިޔަ އުނދަގޫކޮށް އުޅެނީ ނަބިޔެއްކަމުގައި ވެއްޖެނަމަ، އެކަމުގެ ގެއްލުން އޮތީ ހަމަ ކަލޭމެންނަށެވެ.
(وَإِن يَكُ صَادِقًا يُصِبْكُم بَعْضُ الَّذِي يَعِدُكُمْ) [3]
މާނަ: “އަދި އެކަލޭގެފާނީ ތެދުވެރިޔެއްކަމުގައިވާނަމަ، އެކަލޭގެފާނު ތިޔަބައިމީހުންނަށް އެ ވަޢުދުކުރައްވާ ކަންތަކުން ބައެއް ތިޔަބައިމީހުންނަށް ޖެހޭނެއެވެ.”
(يَا قَوْمِ لَكُمُ الْمُلْكُ الْيَوْمَ ظَاهِرِينَ فِي الْأَرْضِ فَمَن يَنصُرُنَا مِن بَأْسِ اللَّـهِ إِن جَاءَنَا) [4]
މާނަ: “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިއަދު މިޞްރުގެ ބިމުގައި ވެރިކަމާއި، ބާރުލިބިފައިވަނީ ތިޔަބައިމީހުންނަށެވެ. ފަހެ، ﷲގެ ޢަޛާބު ތިމަންމެންނަށް އަތުވެއްޖެނަމަ، ތިމަންމެންނަށް އެހީވާނީ ކާކު ހެއްޔެވެ؟”
ފިރުޢައުނު ޖަވާބުގައި ބުންޏެވެ.
(مَا أُرِيكُمْ إِلَّا مَا أَرَىٰ وَمَا أَهْدِيكُمْ إِلَّا سَبِيلَ الرَّشَادِ) [5]
މާނަ: “ތިމަންނާއަށް ފެންނަ އެއްޗެއް މެނުވީ، ތިޔަބައިމީހުންނަކަށް ތިމަން ނުދައްކަމެވެ. އަދި ރަނގަޅު މަގަށް މެނުވީ، ތިޔަބައިމީހުންނަކަށް މަގެއް ނުދައްކަމެވެ.”
ﷲ އަށް އީމާންނުވެއްޖެނަމަ ނިމުން ހިތިވާނެކަމަށް، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އިންޒާރު ކުރިއެވެ. އަނިޔާވެރިންގެ ނިމުންވެސްމެއެވެ.
އަދިވެސް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ނަޞޭޙަތްތެރިވަމުން ބުންޏެވެ.
(يَا قَوْمِ إِنِّي أَخَافُ عَلَيْكُم مِّثْلَ يَوْمِ الْأَحْزَابِ)[6]
މާނަ: “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! (ކާފިރު) ޖަމާޢަތްތަކަށް ޢަޛާބު އައި ދުވަސްފަދަ ދުވަހެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް އަހުރެން ބިރުގަންނަމެވެ.”
(مِثْلَ دَأْبِ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَالَّذِينَ مِن بَعْدِهِمْ ۚ وَمَا اللَّـهُ يُرِيدُ ظُلْمًا لِّلْعِبَادِ)[7]
މާނަ: “ނޫޙުގެފާނުގެ ޤައުމުގެ މީހުންނާއި، ޢާދުބާގައިމީހުންނާއި، ޘަމޫދުބާގައި މީހުންނާއި، އެއުރެންގެ ފަހުން އުޅުނު މީހުންގެ އާދަފަދައިންނެވެ. އަދި ﷲ އެކަލާނގެ އަޅުންނަށް ބޭއިންސާފަކަށް އިރާދައެއް ނުކުރައްވައެވެ.”
އަދިވެސް ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ވާހަކައިން، އެބޭކަލަކު އެމީހުންނަށް އިންޛާރުދެއްވިއެވެ. ޤިޔާމަތް ދުވަހަކީ ކޮން ދުވަހެއްކަން ތިޔަ ކުދިންނަށް އެނގޭ ހެއްޔެވެ؟
(يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ) (وَأُمِّهِ وَأَبِيهِ) (وَصَاحِبَتِهِ وَبَنِيهِ)[8]
މާނަ: “(އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ.”
(لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ)
މާނަ: “އެއުރެން ކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ.”
(الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ) [9]
މާނަ: “އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމިނުން ކަމުގައެވެ. ތަޤްވާވެރިން މެނުވީއެވެ.”
(فَلَا أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَاءَلُونَ) [10]
މާނަ: “އުރެންގެ މެދުގައި އެދުވަހަކުން ނަސަބުގެ ގުޅުންތަކެއް ނޯންނާނެއެވެ. އަދި އެކަކު އަނެކެއްގެ ކިބައިން ކަންތަކަށް އެދި ސުވާލެއްވެސް ނުކުރާނެއެވެ.”
ޖައްބާރުވަންތަ އިލާހު އެ ދުވަހު ގޮވައިލައްވާނެއެވެ.
(لِّمَنِ الْمُلْكُ الْيَوْمَ ۖ لِلَّـهِ الْوَاحِدِ الْقَهَّارِ) [11]
މާނަ: “މިއަދު ވެރިކަން އޮތީ ކާކަށް ހެއްޔެވެ؟ ( އެކަލާނގެ ޖަވާބުދެއްވާނެތެވެ.) އެއްކައުވަންތަ، ބާރުވެރިވަންތަ ﷲ އަށެވެ.”
އެ ދުވަހަކީ ބިރުވެރިކަން ބޮޑު ދުވަހެކެވެ. އެއްބަޔަކު އަނެއް ބަޔަކުގެ ކިބައިން އެހީތެރިކަމަށް ގޮވާނެއެވެ. އެކަމަކު ކޮންމެ މީހެއްވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ޙާލައިގެންނެވެ. އެ މީހުންނަށް އެދުވަހާއި ކުރިމަތި ނުލައި ފުރަގަސްދީފައި ދެވޭނެ ހެއްޔެވެ؟ އެއްވެސް މީހަކަށް ﷲ މެނުވީ އެހީތެރިކަމެއް ދެއްވާނެ ފަރާތެއް އެދުވަހު ވޭ ހެއްޔެވެ؟
އެ ވިސްނުން ތޫނު ބޭކަލަކު ނަޞޭޙަތް ދެއްވަމުން ވިދާޅުވިއެވެ.
ތިޔަބައިމީހުންގެ ގާތަށް މީގެ ކުރިން ފޮނުއްވި ޔޫސުފުގެފާނަށްވެސް ޙައްޤު ގޮތުގައި އިޙްތިރާމެއް ނުކުރަމެވެ. އެކަލޭގެފާނު އަވަހާރަވުމުން އެއީ ނަބިއްޔެއްކަމަށް ތިޔަބައިމީހުން ބުނީމު ނޫން ހެއްޔެވެ. އަދި ޔޫސުފުގެފާނުފަދަ ރަނގަޅު ނަބިއްޔެއް އަދި ރަސްކަލެއްވެސް ނުދެކޭކަމަށް ތިޔަބައިމީހުން ނުބުނަން ހެއްޔެވެ؟ އަދި ތިޔަބައިމީހުން އެކަކު އަނެކަކު ކައިރީ ސުވާލުކުރަމުން ނުދަން ހެއްޔެވެ. ޔޫސުފުގެފާނަށް ފަހު ދެން ނަބީބޭކަލެއް ވަޑައިގަންނަވާނެ ހެއްޔެވެ؟ ކާކު އެކަލޭގެފާނާއި އެއްފަދަ ވެގެން ވަނީ ހެއްޔެވެ؟ ހަމަޔަޤީނުންވެސް އެކަލޭގެފާނާއި އެއްފަދަ ބޭކަލެއް ދެން އަންނާނެ ހެއްޔެވެ؟
(وَلَقَدْ جَاءَكُمْ يُوسُفُ مِن قَبْلُ بِالْبَيِّنَاتِ فَمَا زِلْتُمْ فِي شَكٍّ مِّمَّا جَاءَكُم بِهِ ۖ حَتَّىٰ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ اللَّـهُ مِن بَعْدِهِ رَسُولًا ۚ كَذَٰلِكَ يُضِلُّ اللَّـهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ) [12]
މާނަ: “ހަމަކަށަވަރުން، ތިޔަބައިމީހުން ގެގާތަށް ފާޅުވެގެންވާ ހެކިތަކާއެކު، މީގެކުރިން ޔޫސުފުގެފާނު ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު އެ އެއްޗަކާއިގެން ވަޑައިގަތް އެއްޗަކާމެދު ތިޔަބައިމީހުން ޝައްކަމެއްގައި ދެމި ތިބީމުއެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާންދެނެވެ. އެހިނދު ތިޔަބައިމީހުން ބުނީމުއެވެ. އެކަލޭގެފާނަށްފަހު ﷲ ރަސޫލަކު ނުފޮނުއްވާނެއެވެ. އިސްރާފުކޮށް، ޝައްކުކުރުން ގިނަކަމުގައިވާމީހާ، ﷲ މަގުފުރައްދަވަނީ އެފަދައިންނެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] غافر 28
[2] غافر 28
[3] غافر 28
[4] غافر 29
[5] غافر 29
[6] غافر 30
[7] غافر 31
[8] 34-37 عبس
[9] 67 الزخرف
[10] 101 المؤمنون
[11] غافر 16
[12] غافر 34