[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މާތް ﷲ އިންސާނާ މާތް ކުރައްވާފައިވާ މާތްކުރެއްވުން

މާތް ﷲ އިންސާނާ މާތް ކުރައްވާފައިވަނީ އިންސާނުންގެ އުފެއްދެވުމާ ހަމައިން ފެށިގެންނެވެ. މާތް ﷲ އިންސާނާ މާތް ކުރައްވާފައިވާކަން އަންނަނިވި ނުކުތާތަކުން ހާމަވެއެވެ.

(1) މާތް ﷲ އިންސާނުން އުފައްދަވާކަމުގެ ޚަބަރު މަލާއިކަތުންނަށް ކުރިން ދެއްވުން.

މިގޮތުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ)) (البقرة: 30) މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވިއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދއެކު ތަސްބީޙަ ކިޔައި، އިބަރަސްކަލާނގެއަށް ތަޤްދީސް ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.”

(2) މަލާއިކަތުންނަށް ޢިލްމު ލިބިގެންނުވާ ކަންކަން އުގަންނަވައި ދެއްވުން.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ فَقَالَ أَنبِئُونِي بِأَسْمَاءِ هَـٰؤُلَاءِ إِن كُنتُمْ صَادِقِينَ * قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ *)) (البقرة: 31-32) މާނައީ: “އަދި އާދަމްގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތްތަކެވެ.) ދެން، އެކަލާނގެ އެތަކެތި މަލާއިކަތުންނަށް ހުށަހަޅުއްވައި، ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ ދަޢުވާގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން ޚަބަރު ދީބަލާށެވެ! އެ މަލާއިކަތުން ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ.”

(3) މާތް ﷲގެ އަތްޕުޅުން އިންސާނާ ޚަލްޤުކުރެއްވުން.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ)) (ص: 75) މާނައީ: ” އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ އިބްލީސްއެވެ! ތިމަންރަސްކަލާނގެ ދެ އަތްޕުޅުން ހެއްދެވި މީހަކަށް ސަޖިދަކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟”

(4) އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް މާތް ﷲ އަމުރުކުރެއްވުން.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ)) (البقرة: 34) މާނައީ: “އަދި އާދަމްގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، އިބްލީސް ފިޔަވައި، އެ މަލާއިކަތުން ސަޖިދަ ކުރެއްވިއެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، ކިބުރުވެރިވީއެވެ. އަދި ކާފިރުންގެ ތެރެއިން އެކަލޭގެވިއެވެ.”

(5) އިންސާނުންނަށްޓަކައި ބިމުގައިވާ އެންމެހާ ތަކެތި ޚަލްޤުކުރެއްވުން.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا)) (البقرة: 29) މާނައީ: “އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ.”

(6) އެއްގަމާއި ކަނޑުގައި އިންސާނާ އުފުލެއްވުމާއި، ގިނަ މަޚްލޫޤުތަކެއްގެ މައްޗަށް މާތް ކުރެއްވުން.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا)) (الإسراء: 70) މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރިން މާތްކުރެއްވީމެވެ. އަދި އެބައިމީހުން އެއްގަމާއި ކަނޑުގައި އުފުއްލެވީމެވެ. އަދި އެބައިމީހުންނަށް ރަނގަޅު ތަކެތިން ރިޒްޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.”

(7) އިންސާނުންގެ ތެރެއިން އެބައިމީހުންނަށް ތެދުމަގު ދައްކަވާނެ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވުން.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ)) (النحل: 36) މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲއަށް އަޅުކަންކުރުމަށާއި، އެކަލާނގެ ފިޔަވައި އަޅުކަންވެވޭ އެންމެހާ ފަރާތްތަކަކުން ދުރުހެލިވުމަށް އެންގެވުމަށެވެ.”

(8) އިންސާނާގެ މުދަލާއި، ލެޔާއި، އަބުރު ރައްކާތެރިކޮށްދެއްވުން.

އިންސާނާ މާތް ކުރެއްވި މާތް ކުރެއްވުމުގެ ތެރޭގައި؛ އެ އިންސާނާގެ މުދަލާއި، ލެޔާއި، އަބުރަކީ މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ތަކެއްޗެވެ. އެއިން އެއްޗަކަށް މާތް ﷲ ހުއްދަކުރެއްވި ޙައްޤަކާނުލައި އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެއްކަމުގައި ވަނީ ލައްވާފައެވެ. އަދި އެކަންކަމުގެ މައްޗަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތައް ވަނީ ކަނޑައަޅުއްވާފައެވެ. އަދި މީގެން ކަމަކަށް އަރައިގަނެވިދާނެ އެންމެހާ ދޮރުތަކެއްވެސް ވަނީ ބަންދުކުރައްވާފައެވެ. މިގޮތަށް މާތް ﷲ ޙުކުމްކުރައްވާފައި ވަނީ އިންސާނާގެ ޙުރުމަތަށްޓަކައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((كُلُّ الـمُسْلِمِ عَلَى الـمُسْلِمِ حَرَامٌ، دَمُهُ، وَمَالُهُ، وَعِرْضُهُ)) (مسلم) މާނައީ: “ކޮންމެ މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމްމީހާގެ ލެޔާއި މުދަލާއި އަބުރު ޙަރާމްވެގެން ވެއެވެ.”

(9) އިންސާނާ ރައްކާތެރި ކުރައްވާނެ މަލާއިކަތުން ލެއްވުން.

މާތް ﷲ ވަނީ އިންސާނާ ރައްކާތެރިކުރައްވާނެ މަލާއިކަތުން ލައްވާފައެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّـهِ)) (الرعد: 11) މާނައީ: “އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ މަލާއިކަތުން ވެއެވެ. ﷲ ގެ އަމުރުފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ.”

 (10) އިންސާނާ މަރުވުމަށްފަހުގައިވެސް އޭނާއަށް އޯގާތެރިވުން ލައްވާފައިވުން.

މިގޮތުން އިންސާނާ ވަޅުލުމުގެ ގޮތުން ކުރެވޭ ކަށުކަމާކެމީގެ އެންމެހާ ކަމަކުންނާއި، އެ އެންމެހާ ކަމެއް ފަރުޟު ކިފާޔަތެއްގެ ގޮތުގައި ލައްވާފައިވުމުން ދޭހަކޮށްދެނީ މާތް ﷲ ގެ ޙަޟްރަތުގައި އިންސާނާގެ މާތްކަމެކެވެ. މިގޮތުން؛ ހިނެވުމާއި، ކަފުންކުރުމާއި، ކަފުންކުރުމުގައި ހުދު ފޮތިން ކަފުންކުރުމާއި، ކަފުންކުރާއިރު މީރުވަސްދޮވާ ތަކެތިލުމާއި، މައްޔިތާ ބިމުގައި ވަޅުލުމާއި، ޤަބުރުސްތާނުގެ ޙުރުމަތް ކުރެއްވުން ފަދަ އެންމެހާ ކަމެއް ހިމެނެއެވެ. އަދި މިއިން ކޮންމެ ކަމެއްގައި މައްޔިތާއަށް ގެއްލުމެއްވާފަދަ ކަމެއް ކުރުމަކީ ޙަރާމްކުރައްވާފައިވާ ކަމެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((كَسْرُ عَظْمِ الـمَيِّتِ كَكَسْرِهِ حَيًّا)) (أحمد وصححه الألباني) މާނައީ: “މައްޔިތެއްގެ ގުނަނެއް ހަލާކުކޮށްލުމަކީ އޭނާ ދިރިހުއްޓާ އެ ގުނަނެއް ހަލާކުކޮށްލުންފަދަ ކަމެކެވެ.” މި ޙަދީޘްގެ ޝަރަޙާގައި އައްޝައުކާނީ ވިދާޅުވެފައިވެއެވެ. “މި ޙަދީޘުން ދަލީލު ލިބޭ ގޮތުގައި؛ މައްޔިތާ ހިނެވުމާއި، ކަފުންކުރުމާއި، އުފުލުމާއި، އެނޫންވެސް ކަންކަމުގައި އޯގާތެރިވުމަކީ ވާޖިބުކަމެއްކަމަށް ދަލީލު ލިބެއެވެ.” (نيل الأوطار للشوكاني)