[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތުއްތުކުދީންގެ ހިތްތަކުގައި މާތް ﷲ އާމެދު ލޯބި އުފައްދާނީ ކިހިނެއް؟ (2)

ތުއްތުކުދިންގެ ހިތްތަކުގައި މާތްﷲ އާ މެދު ލޯބިޖެއްސުމަށްޓަކައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ ޢިލްމުފުޅު އަޅުގަނޑުމެންނާއެކު އަބަދުވެސް ވާކަން ކުދިންނަށް ކިޔައިދެވިދާނެއެވެ. އެގޮތުން ކުދިން ކުރާ ހުރިހާ ކަމެއް އެކަލާނގެ ބައްލަވާ ވޮޑިގެންވާކަން، ކުދިން ދައްކާހާ ވާހަކައެއް އެކަލާނގެ އައްސަވާވޮޑިގެންވާކަން އަދި ކުދިން ހިތަށް އަރާހާ އެއްޗެއްވެސް އެކަލާނގެ ދެނެވޮޑިގެންވާކަން އެކުދިންނަށް ގިނަގިނައިން ހަނދާންކޮށްދިނުމަކީ މުހިއްމުކަމެކެވެ. މިފަދައިން ކުދިންނާ ވާހަކަދައްކައި ކުދިންގެ ސުވާލުތަކަށް ޖަވާބުދީ ހެދުމުން، ﷲ އާ މެދު ކުދިންގެ ތަޞައްވަރު އިތުރަށް ސާފުވެ އެކުދިންގެ ސިކުނޑި މިކަމަށް ހުޅުވިގެންދާނެއެވެ.

އަދި، މި މޭރުމުން ކުދިންނަށް ކިޔައިދޭއިރު ވީހާވެސް ގިނައިން އެކަލާނގެއަށް ލިބިވޮޑިގެންވާ ރިވެތި އިސްމުފުޅުތަކުން މިސާލު ޖެހުމަށް އިސްކަމެއް ދޭންވާނެއެވެ. މިސާލަކަށް؛ ﷲ އެއީ الخَالِقُ އެވެ. އެންމެން ހެއްދެވި ފަރާތެވެ. ﷲ އެއީ البَصِيرُ އެވެ. ހުރިހާ ތަނެއް ބައްލަވާ ވޮޑިގެންވާ ފަރާތެވެ. ﷲ އެއީ السَّمِيعُ އެވެ.  ހުރިހާ އެއްޗެއް އައްސަވާވޮޑިގެންވާ ފަރާތެވެ.

މީގެއިތުރަށްވެސް، އެކުދިން ދެކެ އެންމެ ލޯބިވާ ފަރާތަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާކަން ބުނެދިނުމަކީ ކުދިންގެ ޅަސިކުނޑިތަކާއި ހިތްތަކުގައި ﷲ އާ މެދު އޮންނަ ލޯބި އިތުރުވާނެކަމެކެވެ. ކުދިންގެ މަންމަ، ބައްޕަ އަދި މާމަމެން، ކާފަމެންނަށްވުރެންވެސް ބޮޑަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެކުދިންދެކެ ލޯބިވާކަން ބުނެދިނުމަކީ އެކުދިންގެ ހިތްތަކުގައި އެކަލާނގެއާމެދު ޚާލިޞް ލޯތްބެއް އުފެދުމަށް ކުރެވޭނެ އެންމެ މުހިއްމު ކަންތަކެވެ. މިކަމުގައި ވެސް އަޅުގަނޑުމެން ބެލެނިވެރިން ވިސްނަންވީ އެންމެ މުހިއްމު ކަމަކީ، ތައުހީދުގެ ބިންގާ އެޅުމަށް އެންމެ މުހިއްމު އަދި އެންމެ ފަސޭހަ ދުވަސްވަރަކީ އެކުދިންގެ ސިކުނޑިތަކާއި ހިތްތައް ފިޠުރަތުގެ ސާފުކަންމަތީ ހެދިބޮޑުވަމުންދާ ދުވަސްތައް ކަމެވެ. އަދި އެވަގުތަކީ ފަހަނައަޅައި ދިއުމަށްފަހު އަލުން އިޢާދަ ނުކުރެވޭނެ ދުވަސްތަކެއް ކަމެވެ.

އެ ލޯބީގެ ހެއްކެއްގެ ގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ ކުދިންނަށް ރީތިކަމުން ފުރިގެންވާ ސުވަރުގެއެއް ތައްޔާރުކޮށްފައިވާ ވާހަކައަކީ ކުދިންނަށް ކޮންމެ ދުވަހަކުހެން ކިޔައިދެވޭނެ ވާހަކައެކެވެ. އަދި އެ ސުވަރުގޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކުދިން ބޭނުންވާނެހާ އެއްޗެއް ލައްވާފައިވާކަން ބުނެދެވިދާނެއެވެ. އަދި އެ ސުވަރުގެއިން ﷲގެ ދީދާރުފުޅު ފެނުމުގެ ނަސީބު އެކުދިންނަށް ލިބޭނެކަން ބުނެދިނުމަކީ ވެސް ސުވަރުގެއާ މެދު އެކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމަށްޓަކައި ކުރެވިދާނެ މުހިއްމު ކަމެކެވެ.

ބަޔާންވެދިޔަ ވާހަކަތަކަކީ ކުދިންނަށް އެންމެ ދުވަހަކުން ނުވަތަ އެންމެ ހަފުތާއަކުން ކިޔައިދެވޭނޭ ވާހަކަތަކެއް ނޫނެވެ. ކުދިން އެންމެ ތުއްތުއިރުން ފެށިގެން، އެކި ޙާލަތްތަކާ ގުޅުވައިގެން މިވާހަކަތައް ކުދިންނާ ހިއްސާކުރެވޭނެއެވެ. އަދި މަޖާ މާޙައުލަކުން ކުދިން ޝައުޤުވެރިވާނޭހެން މިވާހަކަތައް ކިޔައިދިނުމަށްޓަކައި ކުދިންނާއެކު ކުދިން ޝައުޤުވެރިވާނޭފަދަ ފަސޭހަ ހަރަކާތްތަކެއްވެސް ގެންދެވިދާނެއެވެ. އެގޮތުން ގެންދެވިދާނެ ބައެއް ހަރަކާތްތައް ޚުލާސާކޮށްލެވޭތޯ އަދި މަސައްކަތްކޮށްލާނަމެވެ. إن شاء الله.