بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ
الحمد لله، والصلاة والسلام على رسول الله، أما بعد:
ފަހެ، މިއީ ނަމާދުގައި ޚުޝޫޢަތްތެރިވުމާގުޅޭ ޚުލާޞާއެކެވެ. މިއީ މި މައުޟޫގައި އައްޝައިޚު މުޙައްމަދު ޞާލިޙު އަލްމުނައްޖިދު ޙަފިޡަހުﷲ ދެއްވަވާފައިވާ ޚުޠުބާތަކާއި، ދަރުސްތަކާއި، ނަމާދުގައި ޚޫޝޫޢަތްތެރިވެވޭނެ ސަބަބުތައް ބަޔާންކޮށްފައިވާ ފޮތް “33 سَبَباً لِلْخُشُوْعِ فِي الصَّلَاةِ” މި ފޮތުގައިވާ މަޢުލޫމާތުތައް ޖަމާކުރައްވައިގެން “މަޖުމޫޢަތުއް ޒާދު” ގެ ޢިލްމީގޮފިން ތައްޔާރުކޮށްފައިވާ ފޮތެކެވެ. އަޅުގަނޑު ﷲގެ ޙަޟްރަތުގައި އެދި ދަންނަވަނީ މި މަޢުލޫމާތުތަކުގެ މަންފާ ކިޔުންތެރިންނަށް ކޮށްދެއްވުމެވެ. އަދި މި ފޮތް ތައްޔާރުކުރުމާއި ފެތުރުމުގައި ބައިވެރިވެ، އަދި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާދެއްވުމެވެ!
(1) ޢަރަބިބަހުގައި “الْخُشُوْعُ” އަކީ: ތިރިވުމާއި، ހުއްޓުމާއި، ހަމަޖެހުމާއި، ނިކަމެތިވުމާއި، މަޑުމައިތިރިވުމެވެ. އެހެންނަމަވެސް، ޢާއްމުގޮތެއްގައި މަޑުމައިތިރިކަން ގުޅިފައިވާނީ ހަށިގަނޑާއެވެ. ޚުޝޫޢަތްތެރިކަން ގުޅިފައިވާނީ ހިތާއި، ހަށިގަނޑާއި، އަޑާއި، ފެނުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿خَاشِعَةً أَبْصَارُهُمْ﴾ (القلم: 43) މާނައީ: “(ކާފަރުވިމީހުން ތިބޭހުށީ) އެބައިމީހުންގެ ލޯތައް ބިރުވެތިވެ ތިރިވެފައެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَخَشَعَتِ الْأَصْوَاتُ لِلرَّحْمَـٰنِ فَلَا تَسْمَعُ إِلَّا هَمْسًا﴾ (طه: 108) މާނައީ: “އަދި ރަޙްމާންވަންތަ ރަސްކަލާނގެއަށް (ބިރުވެތިވެ) އަޑުތައް ހިމޭންވާނެއެވެ. ފަހެ (ފިޔަވަޅުގެ އަޑުކަހަލަ) މަޑު އަޑެއް މެނުވީ ތިބާޔަކަށް ނީވޭނެތެވެ.” އެބަހީ: އަޑުތައް ކެނޑިގެންދާނެއެވެ.([1])
(2) ޝަރުޢުގައި “الْخُشُوْعُ” އަކީ: ރައްބުވަންތަ ރަސްކަލާނގެ ޙަޟްރަތުގައި މަޑުމޮޅިކަމާއި ނިކަމެތިކަމާއެކު ހިތް ބެހެއްޓުމެވެ. އަދި އެއީ: ޣައިބުގައިވާ ކަންކަން މޮޅަށް ދެނެވޮޑިގެންވާ އިލާހަށް ހިތްތައް ނިކަމެތިކުރުން ކަމުގައިވެސް ބުނެވިފައިވެއެވެ.
މީގެ މާނައަކީ: މަތިވެރިކަން ހިތަށް ޖަމާވުމާއި، ލޯބިވުމާއި، ނިކަމެތިވުމާއި، ހިތް ކުދިކުދިވުމެވެ.([2]) މިކަން މިގޮތަށް ވަނީ: ﷲދެކެއާއި އެކަލާނގެ ބެލެހެއްޓެވުމާމެދު ބިރުވެތިވުމުންނެވެ.([3])
ޚުލާޞާކޮށް ބުނަނީނަމަ “الْخُشُوْعُ” އަކީ: އެ ޙާލަތުގެ ސަބަބުން ގުނަވަންތަކުން މަޑުމައިތިރިކަމާއި، މަޑުމޮޅިކަން ފެންނަ ނަފްސުގެ ޙާލަތެކެވެ.([4])
(3) ޚުޝޫޢަތްތެރިކަމަކީ ނަމާދުގައާއި ނަމާދުން ބޭރުގައި ހުންނަންޖެހޭނެ ކަމެކެވެ. އެހެންނަމަވެސް، މިކަން ނަމާދާ ވަކިންބޮޑަށް ގުޅި ލާމެހިފައިވެއެވެ. އެއީ އެއަޅުކަމުގެ ތެރޭގައި ﷲގެ ޙަޟްރަތުގައި ހުއްޓިހުރުމާއި، ޛިކުރުކުރުމާއި، ޤުރްއާން ކިޔެވުމާއި، ރުކޫޢުކުރުމާއި، ސަޖިދަކުރުން ހިމެނޭތީއެވެ.
(4) ޚުޝޫޢަތްތެރިވާ ތަނަކީ ހިތެވެ. އެކަމުގެ ފައިދާ ކުރާނީ ގުނަވަންތަކަށެވެ. އެ ގުނަވަންތަކުން އެކަމުގެ އަސަރުތައް ފެންނާނެއެވެ. ފަހެ، ހިތެއް ޚުޝޫޢަތްތެރިވެއްޖެނަމަ އެންމެހާ ގުނަވަންތަކާއި ހުޅުތަކެއް އެ ހިތަށް ތަބާވެ ޚުޝޫޢަތްތެރިވާނެއެވެ. އެހެނީ، ހިތަކީ އެ ގުނަވަންތަކާއި ހުޅުތަކުގެ ރަސްގެފާނެއެވެ. އެ ގުނަވަންތަކާއި ހުޅުތައް އެ ރަސްގެފާނަށް ތަބާވާނެއެވެ.
ފަހެ، މިއީ ޙަމްދާއި ތަޢުރީފު ލިބިގެންވާ ވައްތަރުގެ ޚުޝޫޢަތްތެރިކަމެވެ. އެހެނީ، ހިތަށް ބިރުވެރިކަން ވަދެއްޖެކަމުގައިވާނަމަ ބޭރުފުށް ޚުޝޫޢަތްތެރިވުމަށް ވާޖިބުކުރާނެއެވެ. އެ ހިތުގެ ވެރިމީހަކަށް މިގޮތަށް މިކަންހިނގުން ނުހުއްޓުވޭނެއެވެ.([5])
(5) މަލާމާތް ލިބިގެންވާ ޚުޝޫޢަތްތެރިކަމަކީ: މަތިވެރިކަން ފާޅުކުރުމުގެގޮތުން، ހިތުގައިވާ ޙަޤީޤަތާ ޚިލާފަށް، ބޭރުފުށުން ގަދަކަމުން ޚުޝޫޢަތްތެރިވެ، މީސްތަކުންގެ ކުރިމަތީގައި އިސްދަށަށްޖަހައިގެން ހުރުމެވެ.
މި ސަބަބާހުރެ ޙުޛައިފާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ނިފާޤުކަމުގެ ޚުޝޫޢުން ތިޔަބައިމީހުން ރައްކާތެރިވާށެވެ!” އެހިނދު ދެންނެވުނެވެ. “ނިފާޤުކަމުގެ ޚުޝޫޢަތަކީ ކޮބައިތޯއެވެ؟” ވިދާޅުވިއެވެ. “އެއީ؛ ހަށިގަނޑުން ޚުޝޫޢަތްތެރިވުން ފެންނައިރު ހިތް ޚުޝޫޢަތްތެރި ނުވުމެވެ.” އަދި ނަމާދުގައި މީހެއްގެ ކޮނޑު އެލިގެން ދާތަން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުއަށް ފެނިވަޑައިގެން ވިދާޅުވިއެވެ. “އޭ ކޮނޑުގެ ވެރިޔާއެވެ! ތިބާގެ ކޮނޑު އުފުލާށެވެ! ޚުޝޫޢަތްތެރިވަނީ ކޮނޑުތަކަކުން ނޫނެވެ. އެހެނެއްކަމަކު، ޚުޝޫޢަތްތެރިވަނީ ހިތްތަކުންނެވެ.”([6])
(6) “އީމާންކަމުގެ ޚުޝޫޢު” އާއި “ނިފާޤުކަމުގެ ޚުޝޫޢު” ތަފާތުކުރާނެ ގޮތަކީ: “އީމާންކަމުގެ ޚުޝޫޢަކީ ﷲއަށްޓަކައި ހިތް ޚުޝޫޢަތްތެރިކުރުމެވެ. އެއީ؛ އެކަލާނގެ މަތިވެރިކޮށްގެންނާއި، ޤަދަރުވެރިކޮށްގެންނާއި، އެކަލާނގެއަށް މަޑުމޮޅިވެގެންނާއި، އެކަލާނގެ ހައިބަތު ބޮޑުކޮށްގެންނާއި، އެކަލާނގެއަށް ލަދުވެތިވެގެންނެވެ. ފަހެ، ﷲއަށް ބިރުވެތިވެ، މަޑުމައިތިރިވެ، އެކަލާނގެދެކެ ލޯބިވެ، އެކަލާނގެއަށް ލަދުވެތިވެ، ﷲގެ ނިޢުމަތްތައް ފެނި، އެކަލާނގެއަށް އުރެދެވޭ އުރެދެވުމުގެ ސަބަބުން ހިތް ކުދިކުދިވެގެން ދިޔުމެވެ. ފަހެ، މިކަންކަމުގެ ސަބަބުން ހިތް ޚުޝޫޢަތްތެރިވާނެއެވެ. މިއާއެކު، އެމީހާގެ ގުނަވަންތައްވެސް ޚުޝޫޢަތްތެރިވާނެއެވެ.
އަދި ނިފާޤުކަމުގެ ޚުޝޫޢު ދަންނައެވެ. މި ވައްތަރުގެ ޚުޝޫޢު އަންނާނީ އަމިއްލައަށް ހަދައިގެން، އުނދަގުލާއެކު، ހިތް ޚުޝޫޢަތްތެރިނުވެ ހަމައެކަނި ގުނަވަންތަކުންނެވެ.”([7])
(7) ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މާނައަކީ: ﷲ ތަޢާލާއަށް ކުއްތަންވުމަށް އެދިގެން އެކަލާނގެ ޙަޟްރަތަށް މީހާގެ ހިތް ހާޒިރުކުރުމެވެ. ފަހެ، މިކަމުގެ ސަބަބުން އެމީހާގެ ހިތް މަޑުމަތިރިވެ، ނަފްސު ހަމަޖެހި، ޙަރަކާތްތައް ހުއްޓިގެން ދާނެއެވެ. ނިކަމެތިކަމާއި، ދެރަކަމާއި، އެކަލާނގެއަށް އީމާންވެ، އެކަލާނގެއާ ބައްދަލު ކުރަންޖެހޭނެކަމަށްޓަކައި އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހިތް ކުދިކުދިވެގެން ދާނެއެވެ. އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އަދަބުވެރިވުމުގެގޮތުން ފަރާތްފަރާތަށް އެނބުރުން މަދުވެގެންދާނެއެވެ. ނަމާދުގައި އެމީހާ ކިޔާ ތަކެއްޗާއި ކުރާ ޢަމަލުތައް ކުރާނީ ހިތް ހާޒިރުކޮށްގެންވާ ޙާލުގައެވެ. ނަމާދު ފެށުނީއްސުރެ ނަމާދު ނިމިއްޖެއުމަށްދާންދެން މިކަން އޮންނާނީ މިގޮތަށެވެ. މީގެ ސަބަބުން ވަސްވާސްތަކާއި، ބޭކާރު ފިކުރުތަކުން ދުރުކޮށްދޭނެއެވެ.
ޚުޝޫޢަތްތެރިކަމަކީ ނަމާދުގެ ރޫޙެވެ. އަދި ނަމާދުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދެވެ. އެކަމެއްގެ މައްޗަށް އަޅާއަށް ޘަވާބު ލިޔުއްވޭ ކަމެވެ. ފަހެ، ޚުޝޫޢަތްތެރިކަމެއް ނެތް، ހިތް ހާޒިރުކުރުމެއްނެތް ނަމާދަކީ؛ އެ ނަމާދު ކުރީތީ ޖަޒާދެވި ޘަވާބުދެވުނު ނަމަވެސް، ޙަޤީޤަތުގައި ޘަވާބު ލިބުން ގުޅިފައިވާނީ އެ ނަމާދަކާ ހިތް ގުޅިފައިވާ ނިސްބަތަކަށެވެ.([8])
ﷲ ތަޢާލާގެ ވަޙީބަސްފުޅު ﴿الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ﴾ (المؤمنون: 2) މާނައީ: “މުއުމިނުންނީ، އެބައިމީހުންގެ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނެވެ.” މި އާޔަތާބެހޭގޮތުން އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. “އެއީ ކިޔަމަންތެރިވެ، ނިކަމެތިވާ މީހުންނެވެ.” އަދި އަލްޙަސަންއާއި ޤަތާދާ ވިދާޅުވެފައިވެއެވެ. “އެއީ ބިރުވެތިވާމީހުންނެވެ.” އަދި މުޤާތިލު ވިދާޅުވިއެވެ. “އެއީ ހިތް މަޑިމޮޅިވާ މީހުންނެވެ.” އަދި މުޖާހިދު ވިދާޅުވިއެވެ. “އެއީ ބެލުންތައް ތިރިކުރުމާއި، އަޑު މަޑުކުރުމެވެ.”([9])
(8) ނަމާދުގެ ޚުޝޫޢަތްތެރިވުމުގައި މަޑުމައިތިރިކަމާއި، ދެރަ ނިކަމެތިކަން ހިމެނިގެންވާނެއެވެ. ފަހެ، ކާޅު ބޯތިރިކޮށްލާފަދައިން ބޯތިރިކޮށްލާމީހާ އޭނާގެ ސަޖިދާގައި ޚުޝޫޢަތްތެރިވި މީހަކަށް ނުވާނެއެވެ. އަދި ރުކޫޢުން އެމީހާގެ ބޯ ރަނގަޅަށް ތެދުނުކޮށް ސަޖިދައަށް ދާ މީހުންވެސް ހަމަމިފަދައެވެ. އެހެނީ، މަޑުމައިތިރިވުމަކީ އޭގެ ޒާތުގައި މަޑުވެލުމެވެ. ފަހެ، މަޑުވެނުލާމީހެއްގެ މަޑުމައިތިރިކަމެއް ނުހުންނާނެއެވެ. އަދި މަޑުމައިތިރިނުވާމީހާ އެމީހާގެ ރުކޫޢުގައާއި ސަޖިދާގައި ޚުޝޫޢަތްތެރިއެއް ނުވާނެއެވެ. އަދި ޚުޝޫޢަތްތެރިނުވާމީހަކު ވާނީ ފާފަވެރި، ނުކިޔަމަންތެރިމީހަކަށެވެ.([10])
__________________________
([1]) ينظر: لسان العرب (8/71)، ومدارج السالكين لابن القيِّم (1/516).
([2]) ينظر: مدارج السالكين لابن القيِّم (1/516، 517، 518).
([3]) ينظر: تفسير ابن كثير (6/418).
([5]) ينظر: تفسير القرطبي (1/375، 12/103)، ومدارج السالكين لابن القيِّم (1/517)، وكتاب الذُّلّ والانكسار للعزيز الجبّار لابن رجب (ص 32).
([6]) ينظر: تفسير القرطبي (1/375، 12/103)، ومدارج السالكين لابن القيِّم (1/517).
([7]) كتاب الرُّوح لابن القيِّم (ص 232).
([8]) ينظر: تفسير السعدي (ص 51، 547).
([9]) ينظر: تفسير البغوي (5/408).
([10]) ينظر: مجموع الفتاوى (22/554، 558)، وكتاب الإيمان (ص 26).