[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 26

  • އެބޭކަލެއްގެ ނަސޭހަތް

އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ނަސޭހަތް ދިނެވެ. އޯގާތެރިކަމާއެކު އެކަލޭގެފާނު ނަސޭހަތް ދެއްވިއެވެ.

(وَقَالَ الَّذِي آمَنَ يَا قَوْمِ اتَّبِعُونِ أَهْدِكُمْ سَبِيلَ الرَّشَادِ) [1]

މާނަ: “އަދި އީމާންވި ބޭކަލަކު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން އަހުރެންނަށް ތަބާވާށެވެ! އޭރުން ތިޔަބައިމީހުންނަށް ރަނގަޅު މަގަށް އަހުރެން މަގު ދައްކާހުށީމެވެ.”

ޤައުމުގެ މީހުން ވަނީ ދުނިޔޭގެ ޙަޔާތުގެ މަޖަލާއި ޣާފިލުކަމުގެ ތެރޭގައެވެ. ފިރުޢައުނު ވަނީ އޭނާއަށް ﷲ ދެއްވި ވެރިކަމަށް ބޮޑާވެ، ޣާފިލުވި މީހެއް ކަމުގައެވެ. އެކަމަކު ދުނިޔޭގެ ޙަޔާތަކީ ނިދީގައި އޮންނަ މީހާއަށް ފެންނަ ހުވަފެނެއް ފަދަ އެއްޗެކެވެ.

މޫސާގެފާނުގެ ދަޢުވަތަށް އީމާންވުމަށް އޮތް ހުރަހަކީ އެ މީހުން ޣާފިލުވެގެންވުމެވެ. ޣާފިލުވެގެންވާ މީހާ ހެޔޮ ނަސޭހަތެއްގެ އަޑު އަހާނެ ހެއްޔެވެ؟ އަދި އޭނާއަށް މި އުޅެވޭ ގޮތެއް އިޙްސާސް ކުރެވޭނެ ހެއްޔެވެ؟ އެހެންވެ މޫސާގެފާނުގެ ހެޔޮ ނަސޭހަތް އަޑު އަހާ ބަޔަކުކަމުގައި އެމީހުންނެއް ނުވެއެވެ. އެހެންކަމުން އެ މީހާ ބޭނުންވީ އެ މީހުންގެ ޣާފިލުކަމާމެދު ވިސްނުމަށް ގޮވައިލުމަށެވެ.

(يَا قَوْمِ إِنَّمَا هَـٰذِهِ الْحَيَاةُ الدُّنْيَا مَتَاعٌ وَإِنَّ الْآخِرَةَ هِيَ دَارُ الْقَرَارِ) [2]

މާނަ: “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ، ވަގުތީ އަރާމެއް ކަމުގައެވެ. އަދި ހަމަކަށަވަރުން، އާޚިރަތަކީ ޤަރާރުވެ ދެމިހުންނަނިވި ގޮވައްޗެވެ.”

ޤައުމުގައި ތިބި ޖާހިލުން ގޮވާލަމުން ދިޔައީ ކުފުރަށެވެ. އަދި ﷲ އަށް ޝިރުކު ކުރުމަށެވެ. އެމީހުން ގޮވާލަމުން ދިޔައީ އެމީހުންގެ ކާބަފައިންގެ ދީނަށެވެ. އެމީހުންގެ ގާތުގައި، ﷲ ގެ މަގަށް އަންނާށޭ ބުނެ މީހަކު ގޮވާލައިފިނަމަ އެ މީހުން އެމީހަކަށް ބުނެއެވެ. ކާބަފައިންގެ ދީނަށް ކަލޭ އެނބުރި ރުޖޫޢަވާށެވެ. އެ މީހުންނަށް ދަޢުވަތު ދެއްވަމުން އެކަލޭގެފާނު ވިދާޅުވިއެވެ.

(يَا قَوْمِ مَا لِي أَدْعُوكُمْ إِلَى النَّجَاةِ وَتَدْعُونَنِي إِلَى النَّارِ) [3]

މާނަ: “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ނަޖާވުމަށް އަހުރެން ގޮަވާއިރު، ތިޔަބައިމީހުން އަހުރެންނަށް ނަރަކަޔަށް ދިޔުމަށް ތިޔަގޮވަނީ ކީއްވެގެން ހެއްޔެވެ؟”

(تَدْعُونَنِي لِأَكْفُرَ بِاللَّـهِ وَأُشْرِكَ بِهِ مَا لَيْسَ لِي بِهِ عِلْمٌ وَأَنَا أَدْعُوكُمْ إِلَى الْعَزِيزِ الْغَفَّارِ) [4]

މާނަ: “ތިޔަބައިމީހުން އަހުރެންނަށް ގޮވަނީ، ﷲ އަށް ކާފިރުވުމަށާއި، އަހުރެންނަށް އެނގިގެންނުވާ އެއްޗެތި އެކަލާނގެއަށް ޝަރީކު ކުރުމަށެވެ. އަހުރެން ތިޔަބައިމީހުންނަށް ގޮވަނީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ އިލާހުގެ ޙަޟްރަތަށެވެ.”

އެބޭކަލަކު އެމީހުންނަށް އެބައިމީހުންގެ ކަލާނގެ ތަކާ ބެހޭގޮތުން ވިދާޅުވިއެވެ.

(إِنْ هِيَ إِلَّا أَسْمَاءٌ سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّـهُ بِهَا مِن سُلْطَانٍ) [5]

މާނަ: “އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެން އުޅޭ ހުސް ނަންތަކެއް ކަމުގައި ނޫނީ ނުވެެއެވެ.”

ހުރިހާ ރަސޫލުން ގޮވައިލެއްވީ ﷲ އަށް އީމާންވުމަށެވެ. އެއީ އިބްރާހީމްގެފާނާއި، ޔޫސުފުގެފާނާ އަދި މޫސާގެފާނުގެ ވެސް ދަޢުވަތެވެ. އެއީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމަށެވެ. އަދި އެއިލާހަށް އަޅުކަން ކުރުމުގައި އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. ކޮންމެ ޤައުމަކަށް ވެސް ﷲ ރަސޫލެއް ފޮނުއްވިއެވެ.

(لَا جَرَمَ أَنَّمَا تَدْعُونَنِي إِلَيْهِ لَيْسَ لَهُ دَعْوَةٌ فِي الدُّنْيَا وَلَا فِي الْآخِرَةِ) [6]

މާނަ :”ޝައްކެއް ނެތެވެ! ތިޔަބައިމީހުން އަހުރެން އަޅުކަންކުރުމަށް ތިޔަގޮވަނީ ދުނިޔޭގައިވެސް، އަދި އާޚިރަތުގައިވެސް އެއަށް ގޮވުން ޙައްޤުވެގެންވާ އެއްޗަކަށް ނޫނެވެ.”

(فَسَتَذْكُرُونَ مَا أَقُولُ لَكُمْ ۚ وَأُفَوِّضُ أَمْرِي إِلَى اللَّـهِ ۚ إِنَّ اللَّـهَ بَصِيرٌ بِالْعِبَادِ) [7]

މާނަ: ފަހެ، އަހުރެން ތިޔަބައިމީހުންނަށް މިބުނާ އެއްޗެއް ނިކަންހުރެ ތިޔަބައިމީހުން ހަނދާންކުރާނެއެވެ. އަދި އަހުރެންގެ ހުރިހާ ކަމެއް اللَّه އަށް އަހުރެން ވަކީލުކުރަމެވެ. ހަމަކަށަވަރުން،  ﷲ އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”

އެ މީހުންނަށް ހެޔޮ ނަސޭހަތް ދިން އެ ބޭކަލަކު ދެކެ އެމީހުން ވަރަށް ރުޅިއައެވެ. ފިރުޢަވްނުގެ އާލުން ބޭނުންވީ އެބޭކަލަކު ޤަތުލުކުރުމަށެވެ. އެހެނެއް ކަމަކު ﷲ އެ ބޭކަލަކު، އެމީހުންގެ ކިބައިން ސަލާމަތް ކުރެއްވިއެވެ.

(فَوَقَاهُ اللَّـهُ سَيِّئَاتِ مَا مَكَرُوا ۖ وَحَاقَ بِآلِ فِرْعَوْنَ سُوءُ الْعَذَابِ) [8]

މާނަ: “ފަހެ، އެއުރެންގެ ނުބައި މަކަރުވެރި ރޭވުންތަކުން اللَّه އޭނާ ސަލާމަތްކުރެއްވިއެވެ. އަދި އެންމެނުބައިވެގެންވާ ޢަޛާބު، ފިރުޢައުނުގެ އާލުން ވަށައިލިއެވެ.”

___________________

މަޞްދަރު: قصص النبيين للأطفال

މިލިޔުމުގެ އެހެންބައިތައް

[1]    غافر        38

[2]       غافر        39

[3] غافر       41

[4] غافر       42

[5]       23    النجم

[6]        غافر       43

[7]      44     غافر

[8]       45     غافر