[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 27

  • ފިރުޢައުނުގެ އަނބިކަނބަލުން

 

 ފިރުޢަވްނުގެ ގަނޑުވަރުގެ ތެރެއަށް އީމާންކަން ވަނެވެ. ފިރުޢައުނުގެ އަނބިކަނބަލުން ﷲ އަށް އީމާންވިއެވެ. އަދި ފިރުޢައުނަށް ކާފަރުވިއެވެ. މޫސާގެފާނުގެ ދަޢުވަތަށް އެކަމަނާ އީމާންވިއެވެ.

އަސްލަކީ އަނބިމީހާއަށް ވަނީ އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިވުމެވެ. އެކަމަކު ޚާލިޤަށް (ﷲއަށް) އުރެދޭ ކަމެއްގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތެވެ. ދަރިންނަށް ވެސް ވަނީ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ކިޔަމަންތެރި ބަސްއަހާ ރަނގަޅު ދަރިއަކަށް ވުމެވެ. އެކަމަކު ﷲ އަށް ޝަރީކުކުރަށް އެމީހުން އަމުރުކޮށްފިނަމަ، އެކަމަށް ކިޔަމަންތެރިވުމެއް އަހަރުމެންގެ މައްޗަށް ނުވެއެވެ.

 ﷲ ތަޢާލާ ވާޙީކުރެއްވިއެވެ.

(وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ) [1]

މާނަ: “އަދި ތިމަން އިލާހާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކުކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަން ނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަން އިލާހަށް ކިޔަމަންވެ، ރުޖޫޢަވީ މީހުންގެ މަގަށް ތަބާވާށެވެ! ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަވުން ވަނީ ތިމަންއިލާހުގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޚަބަރު ތިމަންއިލަހު ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ.”

ފިރުޢައުނުގެ އަނބިކަނބަލުން އީމާންކަމުގައި ޘާބިތުވެވަޑައިގެން ހުންނެވިއެވެ. އެކަމަނާ ﷲ އަށް އަޅުކަން ކުރައްވަނީ ﷲ ގެ ޢަދުއްވުގެ ގަނޑުވަރުގައެވެ. އެކަމަނާ ﷲ އަށް ބިރުވެތި ވަޑައިގަންނަވައެވެ. އަދި ފިރުޢައުނުގެ ޢަމަލުތަކުން އެކަމަނާ ބަރީޢަވެވަޑަގެންނެވިއެވެ. ﷲ ތަޢާލާ އެކަމަނާ އާއި މެދު ރުހިވޮޑިގެންނެވިއެވެ. ފިރުޢައުނާ އަދި އޭނާގެ ނުބައި ޢަމަލުތަކުން އެ ކަމަނާ ސަލާމަތް ކުރެއްވިއެވެ. މުއުމިނުންނަށް ހުރި މިސާލެއްގެ ކަމުގައި، ﷲ ތަޢާލާ އެ ކަމަނާ ލެއްވިއެވެ. އެއީ އެކަމަނާގެ އީމާންތެރިކަމާ އަދި ހިތްވަރުގަދަ ކަމުންނެވެ.

(وَضَرَبَ اللَّـهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ) [2]

މާނަ: “އަދި ފިރުޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ، މިސާލެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ރައްބެވެ! ތިމަންއަޅާޔަށް އިބައިލާހުގެ ޙަޟްރަތުގައި ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުޢައުނާއި، އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!”

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1]    15         لقمان

[2]    11    التحريم