ތަޖުވީދު ޢިލްމުގެ މާނަ
ތަޖުވީދުގެ ލުޣަވީ މާނައަކީ: އެއްޗެއް ރަނގަޅުކުރުން ނުވަތަ ކަމެއް ރަނގަޅަށް ކުރުމެވެ.
ތަޖުވީދުގެ އިޞްޠިލާޙީ މާނައަކީ: ކޮންމެ އަކުރަކަށްވެސް ޙައްޤުވެގެންވާ މަޚުރަޖާއި ޞިފައާއި ފިލި އެކުރަކަށް ދިނުމެވެ.
އެކަމުގައި ދެކަމެއް ހިމެނިގެންވެއެވެ. އެއީ:
ފުރަތަމައީ: އަކުރުގައި ހިމެނިގެންވާ ލާޒިމު ޞިފަތައް ދިނުން
ދެވަނައީ: އެކި އަކުރުތައް ގުޅުވައިގެން ކިޔަވާއިރު އުފެދޭ ޢާރިޟު ޞިފަތައް ދިނުން [1]
ތަޖުވީދު ޢިލްމުގެ ޙުކުމް
ތަޖުވީދު ޢިލްމުގެ ތަފްޞީލުތައް އުނގެނުމަކީ ކިފާޔަތުގެ ފަރުޟެކެވެ.
ތަޖުވީދުގެ ހަމަތަކުގެ މަތިން ޤުރުއާން ކިޔެވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ފަރުޟު ޢައިނެކެވެ. [2]
ލަޙުނު
ލަޙުނަކީ ކިޔަވާއިރު ކިޔޭ ކުށްތަކެވެ. [3]
ލަޙުނު ދެ ބަޔަކަށް ބެހިގެންވެއެވެ.
އެއީ:
1- ލަޙުނު ޖަލީ (ފާޅުވެފައިވާ ކުށް)
2- ލަޙުނު ޚަފީ (ފޮރުވިފައިވާ ކުށް)
ލަޙުނު ޖަލީ
އެއީ ޤުރުއާން ލަފްޒުތައް ކިޔަވާއިރު ކިޔޭ ބޮޑެތި ކުށްތަކެވެ. އެކުށްތަކަކީ ތަޖުވީދު ޢިލްމުވެރިންނަށާއި ޢާންމުންނަށްވެސް އެނގޭފަދަ ކުށްތަކެވެ. [4]
ލަޙުނު ޖަލީގެ ސަބަބުން ބައެއް ފަހަރު މާނަ ބަދަލުވެދާނެއެވެ. އަދި އަނެއްގައި ފަހަރު މާނަ ބަދަލު ނުވެދާނެއެވެ. [5]
މިސާލު: އަކުރެއްގެ ބަދަލުގައި އެހެން އަކުރެއް ކިޔުން ނުވަތަ ފިއްޔެއްގެ ބަދަލުގައި އެހެން ފިއްޔެއް ކިޔުން
* ﴿وَقُومُوا لِلَّـهِ قَانِتِينَ﴾ [سورة البقرة ٢٣٨]
ގެ ބަދަލުގައި
(وَقُومُوا لِلَّـهِ قَانِطِينَ)
ކިޔުން.
* ﴿ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ﴾ [سورة الأنعام ٩٦]
ގެ ބަދަލުގައި
(ذَٰلِكَ تَقْدِيرُ الْعَزِيزُ الْعَلِيمِ)
ކިޔުން
ލަޙުނު ޖަލީ ކިޔުމުގެ ޙުކުމް: މިފަދަ ކުށްތައް ޤަޞްދުގައި ކިޔުމާ އަދި މިފަދަ ކުށެއް ކިޔެވުމުން ރަނގަޅު ނުކުރުމަކީ ޙަރާމްކަމެކެވެ. [6]
ލަޙުނު ޚަފީ
އެއީ ޤުރުއާން ލަފްޒުތައް ކިޔަވާއިރު ކިޔޭ ފޮރުވިފައިވާ ކުށްތަކެވެ. އެކުށްތަކަކީ ތަޖުވީދު ޢިލްމުވެރިންނަށް އެނގޭފަދަ ކުށްތަކެވެ. [7]
ލަޙުނު ޚަފީއަކީ ތަޖުވީދުގައި ކިޔޭ ކުށްތަކެވެ. އަދި ޢަރަބި ބަހުގެ ޤަވާޢިދާއި މާނައަށް އޭގެ ސަބަބުން ބަދަލެއް ނާންނާނެއެވެ. [8]
މިސާލު: އިޡުހާރުކުރަން ޖެހޭ ތަނެއް އިޡުހާރުނުކޮށް ކިޔުން ނުވަތަ ބަރުކުރަން ޖެހޭ އަކުރެއް ލުއިކުރުން
* ﴿وُجُوهٌ يَوْمَئِذٍ خَاشِعَةٌ﴾ [سورة الغاشية ٢]
މިއާޔަތުގައިވާ يَوْمَئِذٍ ކިޔާއިރު އިޡުހާރު ނުކޮށް ކިޔުން
* ﴿يَا مَرْيَمُ﴾ [سورة آل عمران ٤٣]
މިއާޔަތުގައިވާ مَرْيَمُ ކިޔާއިރު ر ބަރުކުރުމުގެ ބަދަލުގައި ލުއިކުރުން
ލަޙުނު ޚަފީ ކިޔުމުގެ ޙުކުމް: ފަރުވާކުޑަކަމާއެކު ޤަޞްދުގައި ލަޙުނު ޚަފީ ކިޔުމަކީ ޙަރާމްކަމެކެވެ. އެހެނަސް އެކުށްތައް ރަނގަޅު ކުރުމުގެ ކުޅަދާނަކަން ލިބިފައި ނުވާނަމަ އެކަމުގައި މައްސަލައެއް ނެތެވެ. އެކަމުގެ ކުޅަދާނަކަން ލިބިފައި ނުވުމަކީ މަސައްކަތްކޮށްގެން ރަނގަޅަށް ނުކިޔުމެވެ. ނުވަތަ އޭނާއަށް އެކުށްތައް ރަނގަޅުކޮށްދޭނޭ މީހެއް ނެތުމެވެ.
އަދި އެފަދަ މީހެއްގެ މައްޗަށް އެކަމުގެ ފާފައެއް ނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ، وَهُوَ عَلَيْهِ شَاقٌّ، لَهُ أَجْرَانِ»
މާނައީ: “ކީރިތި ޤުރުއާނު (ހިތުދަސްކޮށް) ރިވެތިކޮށް ރަނގަޅަށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާ އެކުގައެވެ. އަދި ދަތި އުނދަގުލާ އެކު އަޅައަޅައިގަންނަ ޙާލު (ޤުރުއާނަށް ފަރުވާތެރިވެ) އެކަމަށް މަސައްކަތްކުރާ މީހާއަށް ދެ ދަރުމަ ވެއެވެ.” [9]
[1] قواعد الإتقان لإيمان بنت محمد علي الزين (ص: 8) وشرح تحفة الأطفال للشيخ محمد مصطفى بلال (ص: 7).
[2] شرح تحفة الأطفال للشيخ محمد مصطفى بلال (ص: 7) وقواعد الإتقان لإيمان بنت محمد علي الزين (ص: 7).
[3] قواعد الإتقان لإيمان بنت محمد علي الزين (ص: 9).
[4] غاية المريد لعطية قابل نصر (ص: 41).
[5] قواعد الإتقان لإيمان بنت محمد علي الزين (ص: 9).
[6] قواعد الإتقان لإيمان بنت محمد علي الزين (ص: 9).
[7] قواعد الإتقان لإيمان بنت محمد علي الزين (ص: 9).
[8] شرح تحفة الأطفال للشيخ محمد مصطفى بلال (ص: 11)
[9] ބައްލަވާ: شرح النووي على صحيح مسلم (6/84) ومرقاة المفاتيح للملا علي القاري (4/1455)