[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 60 –

ހުވާއާއި ނަދުރު

 

﴿وَلَا تَجْعَلُوا اللَّـهَ عُرْضَةً لِّأَيْمَانِكُمْ أَن تَبَرُّوا وَتَتَّقُوا وَتُصْلِحُوا بَيْنَ النَّاسِ ۗ وَاللَّـهُ سَمِيعٌ عَلِيمٌ [٢٢٤] لَّا يُؤَاخِذُكُمُ اللَّـهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَاللَّـهُ غَفُورٌ حَلِيمٌ [٢٢٥]﴾ [سورة البقرة 224 – 225]

މާނައީ: “ތިޔަބައިމީހުންގެ ހުވާތަކުން ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، ތަޤުވާވެރިވުމަށާއި، މީސްތަކުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުޅައުމަށް އެޅޭ ހުރަހެއްކަމުގައި، ﷲ ގެ ނަންފުޅު ތިޔަބައިމީހުން ނުލާށެވެ! ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [224] ތިޔަބައިމީހުންގެ ހުވާތަކުގައި، ޤަޞްދަކާ ނުލައި ބުނާ ބަސްތަކަކުން ﷲ ތިޔަބައިމީހުންނަށް ޢުޤުބާތެއް ނުދެއްވާނެއެވެ. އެހެނެއްކަމަކު ތިޔަބައިމީހުން ހިތުގެ ޤަޞްދާއެކު ކުރާ ހުވަޔަށް (އެ ހުވަޔާ ޚިލާފުވެއްޖެނަމަ) އެއިލާހު ތިޔަބައިމީހުންނަށް ޢުޤޫބާތް ދެއްވާނެއެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ޙަލީމުވަންތަ އިލާހެވެ. [225]”

﴿لَا يُؤَاخِذُكُمُ اللَّـهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ الْأَيْمَانَ ۖ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ ۚ ذَٰلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ ۚ وَاحْفَظُوا أَيْمَانَكُمْ ۚ كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ﴾ [سورة المائدة 89]

މާނައީ: ” ޤަޞްދަކާނުލައި ބުނާ ބަސްތަކަކުން ﷲ، ތިޔަބައިމީހުންނަށް ޢުޤޫބާތެއް ނުދެއްވާނެއެވެ. (އެބަހީ: އާދައިގައި ވާހަކަދައްކާ އުޅޭއިރު، ހުވާކުރުމުގެ ޤަޞްދެއްނެތި، ހުވާގެ ގޮތުގައި ބުނެވޭ ބަހެއް ބޭނުންކުރުމަކީ ކުށެއް ނޫނެވެ.) އެހެނެއްކަމަކު، ޤަޞްދުކޮށްގެންކުރާ ހުވާތަކާމެދު، އެއިލާހު ތިޔަބައިމީހުންނަށް ޖަޒާ ދެއްވާނެއެވެ. ފަހެ، ހުވާގެ ކައްފާރާއަކީ، ތިޔަބައިމީހުންގެ އަނބިދަރިންނަށް ކާންދީ އުޅޭ މެދުމިނުން، ދިހަ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ އެބައިމީހުންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ. ފަހެ، (އެއިންކަމެއް ކުރުމުގެ ކުޅަދާނަކަން) ނުލިބުނުމީހާ، ތިންދުވަހު ރޯދަޔަށް ހުރުމެވެ. އެއީ ތިޔަބައިމީހުން ހުވާކޮށްފި ހިނދެއްގައި (އެބަހީ: ހުވާކޮށް، އެ ހުވަޔާ ޚިލާފުވެއްޖެ ހިނދެއްގައި) ތިޔަބައިމީހުންގެ ހުވާގެ ކައްފާރާއެވެ. އަދި ތިޔަބައިމީހުންގެ ހުވާތަކަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން ޝުކުރުކުރުމަށްޓަކައި، ﷲ، އެއިލާހުގެ އާޔަތްތައް ތިޔަބައިމީހުންނަށް އެފަދައިން ބަޔާން ކޮށްދެއްވައެވެ.”

އަދި ޝާއްޛު ޤިރާއަތެއްގައިވެއެވެ.

﴿ أَوْ كاسوتهُمْ ﴾

މާނައީ: “ނުވަތަ އެފަދަ މީހަކަށް ފުދޭނެވަރުގެ ކެއުމެކެވެ.”

އަދި ޝާއްޛު އެހެން ޤިރާއަތެއްގައިވެއެވެ.

﴿ثَلَاثَةِ أَيَّامٍ متتابعات﴾

މާނައީ: “ތިންދުވަހު ޖެހިޖެހިގެން”

﴿فَقَاتِلُوا أَئِمَّةَ الْكُفْرِ ۙ إِنَّهُمْ لَا أَيْمَانَ لَهُمْ﴾ [سورة التوبة 12]

މާނައީ: “ތިޔަބައިމީހުން ކާފިރުކަމުގެ ބޮޑުންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، ހުވަޔަކީ، އެބައިމީހުންނަށް އެއްވެސް އެއްޗެއް ނޫނެވެ.”

އަދި އެހެން ޤިރާއަތެއްގައިވެއެވެ.

﴿ لَا إيْمَانَ لَهُمْ ﴾

މާނައީ: “އެބައިމީހުންގެ ކިބައިގައި އީމާންކަމެއް ނުވެއެވެ.”

﴿وَلَا تَنقُضُوا الْأَيْمَانَ بَعْدَ تَوْكِيدِهَا﴾ [سورة النحل 91]

މާނައީ: “އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ!”

﴿وَلْيُوفُوا نُذُورَهُمْ﴾ [سورة الحج 29]

މާނައީ: “އަދި އެބައިމީހުންގެ ނަދުރުތައް ފުއްދާހުށިކަމެވެ!”

﴿وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ﴾ [سورة الأحزاب 5]

މާނައީ: “އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް ޤަޞްދުކުޅަ ކަމަކާ މެދުގައެވެ.”

﴿قَدْ فَرَضَ اللَّـهُ لَكُمْ تَحِلَّةَ أَيْمَانِكُمْ﴾ [سورة التحريم 2]

މާނައީ: “ތިޔަބައިމީހުންގެ ހުވާތަކުން ބަރީއަވާނޭ ގޮތް، ހަމަކަށަވަރުން، ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވައިފިއެވެ.”

﴿يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا﴾ [سورة الإنسان 7]

މާނައީ: “އެއުރެން ނަދުރު ފުއްދައެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: ޤިޔާމަތް ދުވަހަށް) އެބައިމީހުން ބިރުވެތިވެއެވެ.”

_______________________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ