[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް މުޙައްމަދު ޟިޔާއުއް ރަޙްމާން އަލްއަޢުޡަމީ – رحمه الله

ފުރިހަމަ ނަން: މުޙައްމަދު ޟިޔާއުއް ރަޙްމާން އަލްއަޢުޡަމީ
އުފަންވީ: ހިޖުރައިން 1362 ވަނަ އަހަރު، އިންޑިއާގައި
އަވަހާރަވީ: 09 ޛުލްޙިއްޖާ 1441 – 30 ޖުލައި 2020 ވީ ބުރާސްފަތި ދުވަހު، މަދީނަތުއް ނަބަވިއްޔާގައި

ޝައިޚް އުފަންވީ ހިންދޫ ޢާއިލާއަކަށެވެ. ޝައިޚްގެ ބައްޕައަކީ ހިންދޫންގެ ބޮޑުންގެ ތެރެއިން މީހެކެވެ. އަދި ޢާއިލާގެ އެހެން މީހުންނާ އެއްފަދައިން ޝައިޚަކީވެސް އެދީނުގެ ކަންކަމުގައި ވަރަށް ފަރުވާތެރިވި މީހެކެވެ.

ޝައިޚަށް އިސްލާމްދީން ތަޢާރަފުވީ ރައްޓެއްސަކު ދިން “ޙައްޤު ދީން” ކިޔާ ކުޑަކުޑަ ފޮތަކުންނެވެ. އެފޮތް ކިޔުމަށް ފަހު ހިތުގައި އުފެދުނު ޝައްކުތައް ފިލުވުމަށްޓަކައި، ހިންދޫންގެ ބޮޑެތި ޢިލްމުވެރިންގެ ގާތަށް ގޮސް ތަފާތު ސުވާލުތައްކޮށް ބަހުސްކޮށް ހެއްދެވިއެވެ. ނަމަވެސް އެމީހުންގެ ފަރާތުން ހިތްހަމަޖެހޭފަދަ ޖަވާބުތަކެއް ނުލިބުމުން، އިސްލާމްދީނުގެ މަޢުލޫމާތު އިތުރަށް ހޯއްދެވުމަށް ޝައުޤުވެރިވިއެވެ. އަދި ޤުރުއާނުގެ ތަފްސީރު ދަރުސްތަކެއް އަޑުއެއްސެވުމަށް ކޮންމެ ދުވަހަކު ދަރުސްތަކަށް ޙާޟިރުވާން ފެއްޓެވިއެވެ. މިދަރުސްތައް ވެގެންދިޔައީ ޝައިޚްގެ ހިތް އިސްލާމްދީނަށް ހުޅުވާލަދިން ދަރުސްތަކަކަށެވެ. ނަމަވެސް ގޭތެރޭގައި ހިންދޫންގެ ޢަޤީދާ ވަރަށް ބޮޑަށް އޮތުމުންނާއި ބައްޕަގެ ހަރުކަށިކަމުން އިސްލާމްވުމަށް ޖެހިލުންވިއެވެ.

ޝައިޚް އިސްލާމްވީ، އަންކަބޫތު ސޫރަތުގެ 41 ވަނަ އާޔަތް ތަފްސީރުކޮށްދިން ދަރުސްއަށް ފަހުގައެވެ.

އިސްލާމްވުމުން ޢާއިލާއިން ޝައިޚަށް ޚަރަދުކުރުން ހުއްޓާލާ، ކިޔެވުންވެސް ހުއްޓުވިއެވެ. އެމީހުންގެ ފަރާތުން ކުރިމަތިވަމުން އައި އުނދަގޫތައް ބޮޑުވަމުން ގޮސް، އެންމެ ފަހުން ޤަތުލު ކުރަން މަސައްކަތް ކުރާ ހިސާބަށް ކަންތައްތައް ދިއުމުން އެރަށުން ނުކުންނެވިއެވެ. އަދި ބަންކީލާލުން އިމާމުއްދީނަށް ނަން ބަދަލު ކުރެއްވިއެވެ. އެއަށް ފަހު، މުޙައްމަދު ޟިޔާއުއް ރަޙްމާން އަލްއަޢުޡަމީގެ ނަމަށް ނަން ބަދަލުކުރެއްވިއެވެ.

ޢާއިލާއަށް ފިލުމަށް ރަށުން ނުކުމެ، ދެން ވަޑައިގެންނެވީ އިންޑިއާގެ ދެކުނުގައިވާ ޢުމަރުއާބާދަށެވެ. އެތަނުގައި، ޖާމިޢާ ދާރުއްސަލާމުގައި ޢަރަބިބަހާއި ޝަރުޢީ ޢިލްމު އުގެނިވަޑައިގެންނެވިއެވެ. އެޖާމިޢާއިން ކުއްލިއްޔާ ނިންމެވީ އެއްވަނަ ދަރަޖައިގައިއެވެ.

ދެން އެއަށް ފަހު، ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވިއެވެ. އަދި އަލްޖާމިޢާ އަލްއިސްލާމިއްޔާގައި ކިޔަވާ ވިދާޅުވިއެވެ. އެއަށް ފަހު، ޙަދީޘްގެ ރޮނގުން މާސްޓާސް ޙާޞިލުކުރެއްވީ ޖާމިޢަތުލް މަލިކު ޢަބްދުލް ޢަޒީޒުންނެވެ. އަދި ޑޮކްޓަރޭޓް ފުރިހަމަކުރެއްވީ ޖާމިޢަތުލް އަޒްހަރުންނެވެ.

އިސްލާމްވުމުގެ ކުރިން ދީންތަކާ ބެހޭގޮތުން މަޢުލޫމާތު ހޯޢްދެވުމަށް ޝައިޚު ކުރެއްވި މަސައްކަތުގެ ނަތީޖާއަކަށްވީ ނަޞާރާ ދީނާއި ޔަހޫދީ ދީނާ އަދި ހިންދޫ ދީނާ ބެހޭގޮތުން ބޮޑު ފޮތެއް ލިޔުއްވުމެވެ.

ކިޔަވާވިދާޅުވުމަށް ފަހު، رابطة العالم الإسلامي ގައި الشيخ محمد علي الحركان ގެ އޮފީހުގައި މަސައްކަތް ކުރެއްވިއެވެ. އަދި ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ޝައިޚަށް އެޤައުމުގެ ރަށްވެހިކަން ދެއްވިއެވެ. އެއަށް ފަހު، އަލްޖާމިޢާ އަލްއިސްލާމިއްޔާގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. އަދި އެޖާމިޢާގެ ކުއްލިޔަތުލް ޙަދީޘްގެ ޑީންކަންވެސް ކުރެއްވިއެވެ.

ވަޒީފާއިން ވަކިވެވަޑައިގެންނެވުމަށް ފަހު، ދެން ޝައިޚުގެ ވަގުތުތައް ހުސްކުރެއްވީ ފޮތް ލިޔުއްވުމަށާއި މަސްޖިދުއް ނަބަވީގައި ދަރުސް ދެއްވުމަށެވެ. އެގޮތުން ޝައިޚުވަނީ މަސްޖިދުއް ނަބަވީގައި كتب السنة ގެ ވަރަށް ގިނަ ފޮތްތައް ކިޔަވައިދެއްވާ ނިންމަވާފައެވެ.

ޝައިޚަކީ ވަރަޢަވެރި ބޭފުޅެކެވެ. އަދި ހެޔޮ ކަންކަމަށާއި ޢިލްމަށް ވަރަށް ލޯބިކުރެއްވި ބޭފުޅެއްވެސް މެއެވެ.

ޝައިޚު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި:

– أقضية رسول الله صلى الله عليه و سلم لابن الطلاع القرطبي؛ تحقيق و تعليق واستدراك

– دراسات في الجرح و التعديل

– المدخل الى السنن الكبرى للحافظ ابي بكر البيهقي؛ دراسة وتحقيق

– دراسات في اليهودية و المسيحية و أديان الهند

– المنّة الكبرى شرح السنن الصغرى

– أبو هريرة رضي الله عنه في ضوء مروياته : دراسة مقارنة في مائة حديث من مروياته

– معجم مصطلحات الحديث ولطائف الأسانيد

– الرازي وتفسيره

– الجامع الكامل في الحديث الصحيح الشامل

– معجم التفسير الموضوعي للقرآن الكريم

– دعوة القرآن لغير المسلمتن

ޝައިޚް އަވަހާރަވީ  1441 ވަނަ އަހަރުގެ ޢަރަފާތް ދުވަހުގެ މެންދުރު، މަދީނަތުއް ނަބަވިއްޔާގައެވެ. އަވަހާރަވީ އުމުރުފުޅުން 77 އަހަރުގައެވެ. އަދި ޖަނާޒާ އޮތީ އެދުވަހުގެ މަޣްރިބު ނަމާދުގެ ފަހުގައެވެ. އަދި ފަސްދާނުލެވުނީ މަދީނާގެ ބަޤީޢުގައެވެ.

اللهم اغفر له واعف عنه وأكرم نزله وتقبل منه.


މަޞްދަރު: ترجمة موجزة عن حياة وخدمات الشيخ العلامة الدكتور ضياء الرحمن الأعظمي العمري المدني حفظه الله ليم سهيل معظم يم محمد إسماعيل العمري.